ވާހަކަ

ލޯބިން ބުނެލަން

(18 މެއި 2020 އާ ގުޅޭ)

"ވައި އެމް އައި އީވަން ހިއާ... ނަތިން އިޒް ލައިކް ބިފޯ" ގޭގެ ނަންބޯޑަށް ބަލާލާފައި ލައިތު އޭނާގެ މޫނުގައި ދެއަތުން ފިރުމާލިއެވެ. ރިނދަލި ގޭ ދޮށަށް އޭނާ އައީ ކޮން ބޭނުމެއްގައި ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެ ހަނދާންތަކާމެދު ވިސްނުން ހިންގިވަރަކަށް ލައިތުގެ ސިކުނޑިއަށް ބަރުވަމުންދިޔައެވެ. ނިތްކުރީގައި ރިހުން އުފެދެންފެށިއެވެ. ނިތްކުރީގެ ދެފަރާތުން ޖައްސާލި އަތްތިލައިގެ އިނގިލިތައް އިސްތަށިގަނޑަށް ލައިތު މަހާލިއެވެ. ގުދުވެލައި ކާރުގެ ހުންގާނުގައި ބޯޖެހުނު ވަގުތު މީހާ ސިއްސުވާލީ ބޮލުންޖެހި ބަރުގޮނު އެޅުނީމައެވެ. ތެޅިގަނެފައި އަވަހަށް ކާރު އިސްޓާޓުކުރިއެވެ. ފަހަތަށް ކާރު ޖަހާލުމާއެކު އިރުމައްޗަށް އޮތް މަގު ހުރިގޮތަށް ލައިތު ކާރު ދުއްވާލީ އެ ހިސާބާ ވީހާ ވެސް ދުރަށް ދާން ބޭނުންވެގެންނެވެ.

"އައި ވިޝް ދިޒް ވޯޒް ޖަސްޓް އަ ބޭޑް ޑްރީމް، ދެޓް އައި ކުޑް ޖަސްޓް ވޭކް އަޕް އެންޑް ތިންގްސް ވުޑް ގޯ ބެކް ޓު ދި ވޭ ދޭ ޔޫސްޑް ޓު ބީ" ދެބުމަގޮށްޖަހާލުމާއެކު ދަތްކުނޑިވިކާލައިގެން އިނދެ ލައިތު ބުނެލިއެވެ. ރުޅިވެރިކަމަށްވުރެ ލައިތުގެ ނަފްސަށް ބާރުފޯރުވަމުންދިޔައީ މޮޅިވެރިކަމުގެ ޖަޒުބާތެވެ.

* * * * *

ހަފްތާއެއް ފާއިތުވީއިރު ކެންޒާގެ ކަރުދޮށުގައި ލޭގަނޑުވެފައި ހުރިތަނުން ލޭކުލަ ކެނޑި ފަނޑުވެއްޖެއެވެ. ކަރުގައި ނިޝާނެއް ހުރިކަން މިހާރު އެނގޭނީ ވަރަށް ކައިރިން މީހަކު ބަލައިފިނަމައެވެ. ކޮލެޖުގެ ފާޚާނާގައި އެކަނި ހުރި ކެންޒާ ލޯގަނޑުން ބަލަން ހުރެފައި ކަރުދޮށުގައި ފިރުމާލީ ހިނިތުންވަމުންނެވެ. މަލަން އަޅައި ފޮރުވުމުގެ ބޭނުމެއްނެތުމުން ކެންޒާ ހިތްހަމަޖެހުނެވެ. ފާޚާނާއިން ނުކުތުމުގެ ކުރީން އޭނާ ފޯނު ބަލާލީއެވެ. ބްރޭކް ގަޑިއަށް ވެފައި ކެންޒާ ހުރީ ނަސީމު އޭނާ ބަލާ އަންނަކަން އެނގި އިންތިޒާރުގައެވެ. އެހެން ހުރިއިރު އޭނާގެ މެއިލްއާއި އެކައުންޓު ބަލާލީ އެހީއަށް އެދި ލާފައިވާ ސިޓީއަށް ޖަވާބެއް ލިބިއްޖެތޯ ބެލުމަށެވެ. ކެންޒާގެ އެކައުންޓަށް މުސާރަ ޖަމާވެފައި ހުރިތަން ފެނުމުން ތޫލި ހަޅޭކެއް ލަވައިގަނުވީ ބޭއިޚްތިޔާރުގައެވެ. ފުންމައިގަންނަން މީހާ އުޅެފައި ވެސް ބޮކްސިން ތަޅާ މީހަކު ފަދައިން އަތުގައި އޮތް ފޯނާއެކު ދެއަތް ތަޅުވައިގަތެވެ. އުފާވެރިކަމުގެ ބާރު ހުނުމަކުން އޭނާ ހޭންފެށިއެވެ. އޭނާގެ އެކައުންޓަށް އެންމެ ބޮޑު އަދަދަކަށް ޖަމާވީ ކިޔެވުމަށް ނެގި "ސްޓޫޑެންޓް" ލޯނުގެ ފައިސާއެވެ. އެފައިސާއިން ވަކިވަރެއް ކިޔެވުމުގެ ޚަރަދުތަކަށް ބަހައްޓާފައި އަނެއްބައި ބޭބެގެ ފަރުވާއަށް ދިނީއެވެ. އެ ލޯނަކީ ވެސް ކިޔެވުމަށްވުރެ ޢާއިލީ ޒަރޫރީއަށް ޓަކައި ކެންޒާ ނެގި ލޯނެވެ. އޭގެ ފަހުން ބޮޑު އަދަދެއްގެ ފައިސާ ކެންޒާގެ އެކައުންޓަށް ޖަމާވީ އަދިކިރިޔާއެވެ.

ވަގުތުން މަންމަގެ އެކައުންޓަށް ކެންޒާ ފައިސާ ޖަމާކޮށްލިއެވެ. މުސާރައަށް ލިބުނު އަދަދުން އޭނާގެ ބޭނުމަށް ފަސްހާސް ރުފިޔާ ބޭންދުމަށްފަހު ދެން ހުރި ހުރިހާ ރުފިޔާއެއް މަންމައަށް ދިނީއެވެ. އެއަށްފަހު އޭނާ ގަސްދުކުރީ ލައިރާއާއެކު ރަނގަޅު ތަނަކަށް ގޮސް ގަދައަށް ކާލާށެވެ. އެހެންޏާ މުޅިން ވެސް އެ ދެމީހުން ބޭރަށް ހިނގައްޖެނަމަ ބިލަށް ފައިސާ ދައްކާ މީހަކީ ލައިރާއެވެ. ކެންޒާގެ ޠަބީޢަތް ރަނގަޅުވެލިއެވެ. ފާޚާނާއިން ނުކުމެގެން އައިސް ބެންޗުތަކުން ބެންޗެއްގައި އޭނާ އިށީނެވެ. މޭޒުމައްޗަށް ދަބަސްލުމާއެކު އޭގެތެރެ އޭނާ ހޯދަންފެށިއެވެ.

"އެ ފޮތް ކޮބާ..." ކެންޒާ ހޯދާ ފޮތް ނުފެނުމުން ސުވާލުކޮށްލެވުނީ އަމިއްލަ ނަފްސާއެވެ. އޭނާ ހޯދާ ފޮތަކީ ކިޔެވުމުގެ ކަންކަމަށް އޭނާ ބޭނުންކުރާ ފޮތެއްނޫނެވެ. އެކަމަކު މީހުންނާ ޚިއްޞާ ނުކުރާ ތަފާތު ޚިޔާލުތައް އެ ފޮތުގައި ލިޔެފައި ކެންޒާ ހުންނާނެއެވެ. ރީތި މާ ހިއްކުމަށްފަހު ފޮތުގައި ހަރުކުރެއެވެ. ލަވައިގެ ތަންތަންކޮޅާއި ގަޔާވާ ފަދަ ބުނުންތައް އޭނާ އެ ފޮތުގައި ލިޔެއެވެ. ހާސީލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި އެނޫން ވެސް ކަންކަން ނޯޓުކުރެވިފައި އެފޮތުގައިވާނެއެވެ. އެ ހުރިހާ ކަމަކަށްވުރެ ވެސް ކެންޒާއަށް އެ ފޮތް މުހިންމީ، އޭނާގެ މާޒީގެ ތެރެއިން އެހަނދާންތަކެއް އަބަދުމެކުރާ ހަނދާންތައް ހުންނާނީ ހަމައެކަނި އެ ފޮތުގައި ކަމުގައިވީމައެވެ. އަދި އެ މާޒީއަކީ އޭނާގެ ސިކުނޑިން އުފެދުނު ޚިޔާލެއްނޫންކަން އަންގައިދޭ ހެކި ވެސް ހުރީ އެ ފޮތުގައިކަމަށްވީމައެވެ.

"ކޮންތާކަށްބާ ލެވުނީ... އޯ ޔެސް!... އެ ދުވަހު ލިފްޓުގެ ތެރެއަށް އެއްޗެއް ވެއްޓުނުހެން ހީވި... ޔަގީންނުވާތީ ބަލާނުލީ، އަޅޭ! ކިހާދެރަ!... ދެން ކިހިނެއް ހަދާނީ... އަނެއްކާ މީހަކު ނެގީތަ؟ ލައިތުތަ؟ އެކަމަކު އޭނާ އެކަހަލަ ވާހަކައެއް ނުދައްކާ... ވެދާނެ ގަސްދުގައި ނުދެއްކީކަމަށް" ކެންޒާ ހަނދާންކުރަން މަސައްކަތް ކުރި ނަމަވެސް ފޮތް ވެއްޓުނުކަމެއް އޭނާއަށް ޔަގީނެއްނުވެއެވެ. އެހެންވިޔަސް ލައިތުއާ ބައްދަލުވެއްޖެނަމަ އޭނާއާ ސުވާލުކުރަން ކެންޒާ ނިންމިއެވެ. އެ ފޮތުގައި އޭނާގެ އެންމެ އުފާވެރި ހަނދާންތައް ނުވާނަމަ އެ ފޮތް ހޯދާކަށް ކެންޒާގެ ޝައުގުވެރިކަމެއްނެތެވެ. އެފަދަ ދެވަނަ ފޮތެއް އޭނާއަށް ތައްޔާރުކުރެވިދާނެއެވެ. ނަސީމު ގުޅީ ކެންޒާ ފޮތުގެ ޚިޔާލުގައި އިންދައެވެ.

ކާރު ފައިބައިގެން އައިސް ގޭގެ ބިއްދޮށުން ވަން ކެންޒާގެ ފުރަތަމަ ކަމަކަށްވީ ޔުނީފޯމް ބަދަލުކުރުމެވެ. އޭނާ ހެނދުނު ލައިގެން އައި މަޑުފިޔާތޮށިކުލައިގެ ރޮނޑުދެމި ގަމީހާއި ޖީންސު ލިއެވެ. ބަދިގެއަށް ކެންޒާ އައީ ދެނެވެ. ދޮރުން ވަނުމާއެކު ބަދިގޭ އައިލޭންޑް ދޮށުގައި ދެއަތުގެ ތެރޭ މޫނު ފޮރުވާލައިގެން އިން ޒުވާނާ ކެންޒާއަށް ފެނުނެވެ. ފުރަގަހުން ފެނުމުން ވެސް އެއީ ލައިތުކަން ކެންޒާއަށް އެނގުނެވެ. އޭނާ ހައިރާންވީ މެންދުރުގެ އެވަގުތަކީ ލައިތު އެހެންޏާ ފެންނަ ވަގުތެއްނޫންވީމައެވެ. ގަޔަށްހިފާލާފައި ހުރި ހުދު ޓީޝާޓަކާއި ސްވެޓްޕޭންޓްސްގައި އޭނާ އިންއިރު ހީވަނީ އަދިވެސް އޭނާއަށް ހެނދުނު ނުވަނީހެންނެވެ. އޭނާއާއި ލައިތު ޚާދިމުންގެ ބައިގަ ހުރި ކެންޒާގެ ކޮޓަރިން ބައްދަލުވީ ފަހުން އަދި މި ފެނުނީއެވެ. ކުރިއަށް ކެންޒާ އައެވެ. ލައިތުގެ ކުރިމަތީ އެއްބައި ބޮއެފައި ހުރި ލުނބޯ ސައިތަށި ލޮލުގައި އަޅައިގަތެވެ.

ލައިތު ލޯ ހުޅުވާލުމާއެކު އޭނާއަށް ބަލަން ހުރި ކެންޒާ ސިހުނެވެ. އޭނާ ހީކުރީ ލައިތުއަށް ނިދިފައި އޮތީ ކަމަށެވެ. އަވަސްއަވަހަށް މެންދުރުގެ މެނޫ ލިސްޓު ކެންޒާ ނެގިއެވެ.

"ހާއި!..." ދެއަތްފައްތަރުކޮށްލައިގެން އަތްމަތީ އަރިއަކަށް ބޯ ބާއްވާލައިގެން ކެންޒާއަށް ބަލަން އިނދެ ލައިތު ބުނެލިއެވެ. ހަމައެފަދައިން އެކަމަކު ނޫންގޮތަކަށް ކެންޒާ ވެސް ބުނެލިއެވެ.

"ކަރު ކިހިނެއް؟" ލައިތު އަހާލިއެވެ. އޭނާގެ އަޑު ބަދަލުވެފައިވާހެން ކެންޒާއަށް ހީވީ ދެނެވެ. ހަމައެއާއެކު އޭނާ ލައިތުއަށް ޝުކުރުއަދާކުރަން ބޭނުންވިކަން ހަނދާންވިއެވެ.

"މިހާރު ފިލައިފި... ތެންކިއު" ކެންޒާ ބުންޏެވެ. ލައިތުގެ ނަޒަރު ހުރީ ކެންޒާގެ ކަރުދޮށަށް ހުއްޓިފައެވެ. އޭނާ އާދައިގެ މަތިން ޖަހާފައި ހުންނަ ބޮޑު ހުޅީގެ ސަބަބުން ކަންފަތްކައިރިން ކަރުދޮށާއި ކަނދުރާމަތި ފެނެއެވެ.

"ބަލީތަ؟" ކެންޒާ އަހާލިއެވެ.

"ރޯގާ ޖެހިގެން" ލައިތު ހަށިގަނޑު ތެދުކޮށްލިއެވެ. ކުރިމަތީ ހުރި ސައިތަށި ކައިރިކޮށްލިއެވެ.

"ކިހާ ދުވަހެއްވެއްޖެ ބިޓެއް ނަގައިގެން އުޅޭތާ؟" ލައިތު އަހާލިއެވެ. ކެންޒާއަށް ވަގުތުން އަނގަހުޅުވާލެވުނީ އެފަދަ ގުޅުމެއްނެތްކަން ހާމަކުރާށެވެ. ނަމަވެސް އޭނާއަށް ހުއްޓެވުނީއެވެ. އެފަދަ ގާތްކަމެއް އެކަކާއެކު ވެސް ނެތްކަން ކެންޒާ ހާމަކުރުމުން އޭނާގެ ކަރުން ފެނުން ނިޝާނާމެދު ލައިތު ސުވާލުކުރާނޭކަން ކެންޒާއަށް ވިސްނުނީއެވެ. އެކަން ހިނގިގޮތް ކިޔާދިނުމުގެ ވިސްނުމެއް ކެންޒާގެ ނެތެވެ. އޭނާގެ ކޮންމެ ހަރަކާތެއް ލައިތުގެ ތޫނު ނަޒަރު އައީ ދެނެގަންނަމުންކަމެއް ކެންޒާ ނުދެނަހުއްޓެވެ.

"ތީ މާ ޕާސަނަލް ސުވާލެއް" އާދައިގެ ގޮތަކަށް ކެންޒާ ބުނެލިއެވެ. އަދި އޭނާގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވާން ފެށިއެވެ. އެގޮތުން އެތަނުގައި ހުރި ބޮޑު އައިސްއަލަމާރި ކައިރިއަށް ޖެހިލައި ބޭނުންވާ އެއްޗެހި ނަގަންފެށިއެވެ.

"ބުނުމަކުން މައްސަލައެއްނެތެންނު" ލައިތު އިނީ ޒާތެއްގެ ހިންޏެއް އައިސްފައެވެ. އޭނާ ހެނދުނު އޮފީހުގައި އޮތް ބައްދަލުވުން ނިންމާލާފައި ގެއަށް އައީ ބޮލުގަ ރިއްސާވަރުންނެވެ. ކޮޓަރީގައި އަރާމުކުރަން ނޯވެ އޭނާ ބަދިގެއަށް އައީ ކެންޒާ ދުށުމުގެ ޚިޔާލު ސިކުނޑުން ނެރެނުލެވިގެންނެވެ.

"އެކަމަކު އަހަރެން ބުނާކަށް ބޭނުމެއްނޫނޭ" ކެންޒާ ބުންޏެވެ.

"ޑިޑް ޔޫ ހޭވް ސެކްސް" ލައިތު ކުރި ސުވާލައެކު ކެންޒާ ދެ ލޯ ބޮޑުކޮށްލިއެވެ.

"ވަޓް؟..." ކެންޒާ ބުނެލީ ލައިތު ކުރި ސުވާލާމެދު އަޖައިބުވެފައި ހުރެއެވެ.

"ދެޓް މާކް، ޔޫ ގާއިޒްވާ ޑުއިން އިޓް" ލައިތު ބުނެލި އެއްޗަކުން އިހުނަށްވުރެ ކެންޒާއަށް ލޯ ބޮޑުކޮށްލެވުމާއެކު އަނގަފުޅާކޮށްލެވުނެވެ.

"ޑިސްގަސްޓިން" ޤަބޫލުކުރަން ދަތިވެ ދެފަރާތަށް މަޑުމަޑުން ކެންޒާ ބޯހޫރާލިއެވެ.

"އިޓްސް ނޮޓް ޑިސްގަސްޓިން، ބޭނުންވީމަ ދެމީހުން ވެސް އޯކޭވިއްޔާ..." ލައިތުގެ ވާހަކަތައް ކެންޒާ ވަގުތުން ހުއްޓުވިއެވެ.

"ޒިޕް އިޓް!... ނޯ! ނޮޓް އަ ވޯޑް..." ކެންޒާ ބުނެލީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ލައިތު ފެށީ ހޭށެވެ. އޭނާ ހެމުންހެމުން ކެއްސައިގަތެވެ. މޭގައި ރޯގާހިފާފައި ހުރިކަން އޭނާ ކެއްސައިގޮތް އަޑުން އެނގޭހާވެއެވެ. މޭގައި އަތްއަޅާލުމާއެކު ކެއްސުންގަނޑު ހިނދެން ދެން ހުނުންގަނޑު ހިފަހައްޓާލިއެވެ.

"ޑަކްޓަރަށް ދައްކައިފިންތަ؟" ލައިތު ހަމަޖެހުމުން ކެންޒާ އަހާލިއެވެ.

"އަހަންނާއެކު ދާނަންތަ؟" ސައިތަށިން އަރުތެރެ ތެތްމާލަމުން ލައިތު ވާހަކަދެއްކިއެވެ.

"ކޮންތާކަށް؟" ކެންޒާއަށް ނަގައި ނުގަނެވުނީއެވެ.

"ޑަކްޓަރަށް" ލައިތު ބުންޏެވެ.

"އަހަންނެއްނޫނެއްނު ބަލީ" ކެންޒާ ބުންޏެވެ. ލައިތުގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވާނޭ ފުރުޞަތެއް އެ އަންހެންކުއްޖާ އޭނާއަށް ނުދޭ ކަހަލައެވެ. ކެންޒާގެ ވާހަކަދެއްކުން ހުރި ގޮތާމެދު ލައިތު ގަޔާވިއެވެ.

"ބަލިމީހާއަށް އެހީތެރިޔަކު ބޭނުންވާނެއެއްނު" ލައިތު ބުންޏެވެ.

"އަހަންނަކަށް ނޫފުލޭނެ... ތިހުރީ މީހާވާވަރު" ކެންޒާ ބުނަންވާއިރަށް ލައިތު ހީނލައިފިއެވެ.

"އަހަންނާއެކު ދާނަންތޯއޭ އެންނު އެހީ، ކައިރީގަ ހުރީމަ ފުދޭނެ..." މާނަވީ ގޮތަކަށް ލައިތު ބުނެލިއެވެ.

"ސޮރީ، އައި ކާންޓް" ކެންޒާ ވަގުތުން އިއްވާލިއެވެ. ކެންޒާ ނޫނެކޭ ބުނުންވީ ލައިތުގެ ހަށިގަނޑަށް އިތުރު ދިރުމެއް ވެރިކުރުވި ކަމަކަށެވެ. ހިތުގެ ހިނގުން އަވަސްވެލައިފިއެވެ.

"ބޯއިފްރެންޑް އޯކޭއެއްނުވާނެ ދޯ" ލައިތު އިނީ ބަދިގެއިން ނުކުމެގެން ދާކަހަލަ ވިސްނުމެއްގައެއްނޫނެވެ. ކެންޒާ މިފަހަރު ރައްދެއްނުދިނެވެ. އޭގެ ބަދަލުގައި އަވަސް ނަޒަރެއް ލައިތުއަށް ދެމުން ދެފަރާތަށް ބޯހޫރުވާލީއެވެ. އަދި އޭނާ އުނދުން ކައިރިއަށް ޖެހިލީ ލައިތުއަށް ފުރަގަސްދެމުންނެވެ.

"އައި ނޯ ޔޫ އާ އަ ޑާޓީ ގާލް" ލައިތު ބޭނުންވީ ދިމާކޮށްލާށެވެ.

"ނުދުވާނެ ނުބައިވަހެއް" ކެންޒާ ކުއްލިއަކަށް ބުނެލިއެވެ. ލައިތު މާނަކުރި ގޮތާއި ކެންޒާގެ ޖަވާބު އައިގޮތުން އޭނާގެ އަނގަހުޅުވި އެ ހުދު ދަތްތައް ފާޅުވެގެން ދިޔައެވެ.

"ރިއަލީ... ޔޫ އާ ފަނީ" ބާރަށް ހެމުންހެމުން ލައިތު ބުންޏެވެ. މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. ހެވުނުލެއް ބޮޑުކަމުން އޭނާގެ މޫނަށް މަޑު ރަތްކަމެއް ވެރިވެއްޖެއެވެ. ދެ ލޯ ފެންކަޅިވިއެވެ.

"އޭގަ މަޖާވާންވީ ކޮންކަމެއް، ފެންވަރައި ތާހިރުވުމަކީ ކޮންމެ މީހަކު ވެސް ކުރަންޖެހޭނެކަމެއް، ކްލީންކޮށް ހުންނަ މީހަކު ގައިން ނުބައިވަސް ދުވަންވީ ކީއްވެ؟ އަހަރެން ދާހިތްލިޔަސް ގައިން ނުބައިވަހެއްނުދުވާނެ އިނގޭ" ކެންޒާގެ އަޑުގައި ހުރީ ސީރިއަސްކަމެވެ. އޭނާއަށް ލައިތުގެ ބުނުން ދޭހަވީ ތަފާތުކޮށްކަމެއް ނުދެނަހުއްޓެވެ.

"ސޮރީ!..." ލައިތު އަދިވެސް ހެނީއެވެ. ވާހަކަ އެނބުރުނީ އޭނާ ހީކުރި ގޮތަކަށްނޫންވިއްޔާއެވެ. ކެންޒާ ތުންފިއްތާލިއެވެ. އަނެއްކާ ވެސް ލައިތު އޭނާއަށް މަލާމާތެއް ކުރަނީކަމުގައި ހީކުރެވުނީއެވެ. ލައިތުއަށް ފުރަގަސްދީގެން ކައްކަން ހުރެ އޭނާ ސިއްރުން އަތްދޮށުން ވަހެއްދުވާތޯ މޫނުކައިރިކޮށްލިއެވެ.

"ޓްރައިން ޓު ބީ ނައީވް، ބަޓް އައި ނޯ ޔޫ އާ ނޮޓް ދެޓް އިނޮސެންޓް" ކެންޒާއަށް ބަލަން އިން ލައިތުގެ ލާނެތް ހިތް ބުނެލިއެވެ.

ކެންޒާ ކައްކާ ނިމި އޭޕްރެން ނެގިއެވެ. ލައިތު ގޮނޑިން ފޭބީ އެވަގުތެވެ. އޭނާ އައިސް ކެންޒާގެ ކުރިމަތީ މަޑުކޮށްލިއެވެ. ހައިރާންކަން އެކުލެވިފައިވީ ގޮތަކަށް ސުވާލުކޮށްލާހެން ކެންޒާ ދެބުމަ ހިއްލާލިއެވެ.

"މޭ އައި" ލައިތު އިޝާރާތްކޮށްލީ ކެންޒާގެ ކަރަށެވެ.

"މިހާރު ރަނގަޅުވެއްޖެ" ކެންޒާ ބުނެލިއެވެ.

"ލެޓް މީ ސީ" ލައިތު ބުންޏެވެ. މާބޮޑު ވިސްނުމެއްނެތި ކެންޒާ ބޯއަރިކޮށްލައި ކަރުދޮށް ލައިތަށް ދައްކާލިއެވެ. އެ ދިގު އިނގިލިތަކުން ކެންޒާގެ ދަތްދޮޅިއާ ދިމާއިން ހިފަހައްޓާލުމާއެކު އަނެއްއަތްތިލައިގެ އިނގިލިތައް ކަރުގައި ބީހިލިއެވެ. ކެންޒާއަށް ހިންދިރުވާލެވުނެވެ. ލުނބޯގެ ވަސް ލައިތު މޫނު ކައިރިވެލުމުން ދުވިއެވެ. އެ އިނގިލިތައް ބީހޭ ކޮންމެ ދިމާއަކުން ހަންގަނޑު ތޮރުފާފަދަ އިޙްސާސެއް ކެންޒާއަށް ކުރެވެންވީ ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ. އަދި ލައިތުއަށް އޭނާގެ ހިތް އިތުބާރުކުރީ ކީއްވެކަމެއް ވެސް ނޭނގުނެވެ. ކެންޒާގެ ކަރުގައި ފަނޑުވެފައި ހުރި ނިޝާނުގެ މަތީ ލައިތު ފިރުމާލިއެވެ. އޭނާގެ ނަޒަރު ކެންޒާގެ ލޮލާ އަމާޒުކޮށްލިއެވެ. ކެންޒާ ލޯ މަރާލަން ބޭނުންވިއެވެ. ދަތްދޮޅީގައިވި ލައިތުގެ އަތްތިލަ ހަރަކާތްކުރަމުން އައިސް ކެންޒާގެ ތުންފަތުގައި އަތްލަން އުޅުނު ކަހަލައެވެ. ކިހިނެއްކަމެއް މިވަނީ ދެނެގަންނަން ނޭނގިފައި ހުރި ކެންޒާއަށް ލޯ މަރާލެވުނެވެ. އެހިނދު އޭނާގެ ކަންފަތްދޮށަށް އެޅުނު ލައިތުގެ ނޭވާއާއެކު އޭނާ ސިއްރުން ދެއްކި ވާހަކަ އިވުނެވެ. ދެ ލޯ ތަންމިނަށް ހުޅުވާލުމާއެކު ކެންޒާ ދެއަތުން ލައިތުގެ މޭގައި އަޅާ ދުރަށް ކޮށްޕާލިއެވެ.

"ނޯ އައި އޭމް ނޮޓް" ކެންޒާ ބުނެލީ ބާރަށޭވެ. ލައިތު ބުނި އެއްޗަކާ އޭނާ ދެކޮޅު ހެދީއެވެ.

"އެހެންވެދާނެއެއްނު... އައި ނޯ އައި އޭމް އެން އެޓްރެކްޓިވް މޭން..." ހިނިއައިސްފައި ހުރެ ދެއަތް ފުޅާކޮށްލައި ދެކޮނޑު އަރުވާލަމުން ލައިތު ބުންޏެވެ. ކެންޒާ ކަޅިއަޅާލީއެވެ. ހަލުވިކޮށް ބަދިގެއިން ނުކުންނަން އޭނާ ދިޔައެވެ. އޭނާގެ ފަހަތުން ލައިތު އައެވެ.

(ނުނިމޭ)