ދީން

ގެއްލޭ ރޯދަ ގަލޯ ކުރުމުގެ ހުކުމްތައް

ރޯދަ މަސް ނިމުމާއެކު އެންމެ އިސް ވާޖިބަކަށް ވާން ވާނީ، ދޫވެފިވާ ރޯދަތައް ގަލޯ ކުރުމެވެ. ހައިލު ނިފާސްވެރިންނާއި، ބަލި ހާލުގައިވާ މީހާ ރޯދަ ދޫކޮށްލުމަށް ފަހު އެހެން ދުވަސްތަކެއްގައި އެ ރޯދަތައް ހިފުމަށް މާތް ﷲ ވަނީ މި އުއްމަތަށް ލުއި ދެއްވާފަ އެވެ. އަނެއް އަހަރުގެ ރޯދަމަސް އައުމުގެ ކުރިން އެ ރޯދަތައް ހިފާ ފުރިހަމަ ކުރަން ޖެހޭނެ އެވެ.

ސުންނަތް އަޅުކަމުގެ ކުރިޔަށް އިސް ކުރުން ވާނީ ފަރުލު އަޅުކަމެވެ. އަޅުތަކުންގެ އަމަލުތަކުގެ ތެރެއިން މާތް ﷲ ގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ އެ އަޅުތަކުންގެ މައްޗަށް ފަރުލު ކުރައްވާފައިވާ އަޅުކަމެވެ. އެ އިލާހު އެންމެ ލޯބިވެ ވޮޑިގަންނަވަނީ ފަރުލު އަޅުކަން އަދާ ކުރުމަށް ކަމުގައި ހަދީސްފުޅުތަކުގައި ބަޔާން ކޮށްދެއްވާފައި ވެއެވެ.

ވީމާ، ރޯދަ ހިފުން ހަރާމް ވެގެންވާ ދުސްތައް ނޫން ކޮންމެ ދުވަހެއްގައި ވެސް ދޫފެވައިވާ ފަރުލު ރޯދަތައް ގަލޯ ކުރެވިދާނެ އެވެ.

މުސްލިމުންގެ މައްޗަށް ރޯދަ ހިފުން ހަރާމް ވެގެންވާ ދުވަސްތަކަކީ ދެ އީދު ދެ ދުވަހާ އައްޔާމުއްތަޝްރީގުގެ ތިން ދުވަހެވެ. އައްޔާމުއްތަޝްރީގުގެ ތިން ދުވަހަކީ ހައްޖު މަހުގެ އެގާރަ، ބާރަ އަދި ތޭރަވަނަ ދުވަހެވެ. އެނޫން ކޮންމެ ދުވަހަކީ ވެސް ގެއްލިފައިވާ ރޯދަތައް ހިފިދާނެ ދުވަސްތަކެވެ.

ރޯދަ މަސް ނިމުމާއެކު، ގެއްލިފާ ހުރި ރޯދަތައް ހިފާ ފުރިހަމަ ކޮށްލުމަކީ އެންމެ މޮޅު އިތުރު ގޮތެވެ. ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ ކުރިޔަށް ރޯދަ މަހުގެ ދޫވެފައިވާ ރޯދަތަ ހިފުން އިސް ކުރުންމަށް ވެސް އިލްމުވެރިން އިރުޝާދު ދެއްވަ އެވެ.

ރޯދަ މަސް ނިމުއެކު ވީއެންމެ އަވަހަކަށް އެމަހުގައި ދޫވި ރޯދަތައް ގަލޯ ކުރަން ޖެހޭނެތޯ ވަރަށް ގިނަ މީހުން ސުވާލު ކުރެ އެވެ. މި ކަމުގައި އިލްމުވެރިންގެ ރައުޔުތައް ތަފާތު ވެފައި ވެއެވެ.

އެގޮތުން، ޝާފިއީ މަޒުހަބުގެ އިލްމުވެރިން ދެކެލައްވާ ގޮތުގައި، ރޯދަ މަސް ނިމުމުން ވީ އެންމެ އަވަހަކަށް ދޫވި ރޯދަތައް ގަލޯ ކުރަން އަވަސްވެ ގަތުން ލާޒިމުވެގެން ނުވެއެވެ. ނަމަވެސް ގަލޯ ރޯދަތައް އަވަހަށް ހިފުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. އެބަހީ އަހަރުގެ ތެރޭގައި ތިމާއަށް ފަސޭހަވީ ދުވަސްތަކެއްގައި، ގަލޯ ކުރަން ޖެހިފައިވާ ރޯދަތައް ހިފާ ފުރިހަމަ ކުރުމުގެ އިހްތިޔާރު ލިބިގެން ވުމެވެ.

ހަނަފީން މަޒުހަބުގެ އިލްމުވެރިންގެ ބަސްފުޅަކީ ވެސް މިއީ އެވެ. އެ ބޭކަލުން ދެކެލައްވާ ގޮތުގައި، ރޯދަ މަހާ ވިދިގެން އަންނަ ހަ ރޯދައިގެ ސުންނަތް އަޅުކަން ފުރިހަމަ ކުރުމަށް ހުއްދަ ވެގެންވެ އެވެ.

ހަންބަލީ މަޒުހަބުގެ ދަންނަބޭކަލުންގެ ރައުޔަކީ ވެސް މިއީއެވެ. އަދި އެ ބޭކަލުން ގެންނަވާ ދަލީލަކީ، ސަހީހު ބުހާރީގައި އާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ ބަސްފުޅެވެ. އެކަމަނާ ވިދާޅުވިފައިވެއެވެ:

"ތިމަން ކަމަނާއަށް ނުހިފި ހުންނަ ރޯދަމަހުގެ ރޯދަ ހުރެ އެވެ. އެ ރޯދަތައް ތިމަން ކަމަނާއަށް ގަލޯ ކުރެވޭވަރު ވަނީ ޝައުބާން މަހު އެވެ."

ގަލޯ ރޯދަ ހިފުން އަވަސް ކުރުމުގެ މައްސަލައިގައި ލަސް ކުރުން ހުއްދަ ނުވާނޭ ކަމަށް ދެކެލައްވަނީ މާލިކީ މަޒުހަބުގެ ދަނަން ބޭކަލުނެވެ. އެބޭކަލުން ދެކެލައްވާ ގޮތުގައި، ރޯދަ މަސް ނިމުމާ ވިދިގެން ގަލޯ ރޯދަ ހިފުން ވާޖިބު ވެގެން ވެއެވެ. އަދި ގަލޯ ރޯދަ ހިފުން ލަސް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި ހަމަ އެ މަޒުހަބުގެ ބައެއް ބޭކަލުން ވެސް، ރޯދަ ގަލޯ ކުރުން ޝައުބާން މަހާ ހަމައަށް ލަސްކޮށްލެވިދާނެ ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.

މިތާނގައި އިލްމުވެރިންގެ ބަސްފުޅުތައް ބަޔާން ކޮށްލުމުގެ ބޭނުމަކީ ދީނީ މައުލޫމާތު އިތުރު ކުރުމާއި މިފަދަ ކަންކަމުގައި ދީނުގެ އިލްމުވެރިންގެ ރައުޔުތައް ތަނަވަސްކަން ހާމަ ކުރުމެވެ.

ފަރުލު އަޅުކަމެއް އަދާ ކުރުމަށް ފުރުސަތު ލިބި، ސިއްހަތު ތަންދޭނަމަ، އެ އަޅުކަން އަދާ ނުކޮށް ފަރުވާ ކުޑަކޮށްލުމަކީ ފަހުން ތިމާއަށް އެކަމުގެ ބުރަކަން އިހުސާސްވެ، އެ އަޅުކަން ނުކުރެވި ހިނގައިދާނޭކަމުގެ ބިރުވެރިކަން ގެނުވާ ކަމެކެވެ. ވީމާ، ރޯދަ މަސް ނިމުމާއެކު، ގަލޯ ރޯދައެއް ވާނަމަ ހިފާ ފުރިހަމަ ކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މުސާ ފިކުރީ