ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނަޝީދުގެ ކަންބޮޑުވުމަށް ރައީސްގެ ޖަވާބު

އެކި ބޭނުންތަކަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ފޮނުވުން ލަސްވަމުން ދާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވެވަޑައިގެން ދެއްކެވި ވާހަކަފުޅުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޖަވާބު ދެއްވައިފި އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއެކު މާލޭގެ މަގުމަތީގައި މީހުން ނޫޅެވޭ ގޮތަށް ލޮކްޑައުންކޮށް އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތަށް މުޅި ރާއްޖެ ލޮކްޑައުން ކުރި އެވެ. އޭގެ ސަބަބުން މާލެއަށް ބޭސްފަރުވާއަށާއި އެކި ބޭނުންތަކަށް އައިސް ތިބި ރަށްރަށުގެ ގިނަ ބަޔަކު މާލޭގައި ތާށިވި އެވެ.

އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ މަޖިލީހުގެ ދެ ޖަލްސާއެއްގައި ރައީސް ނަޝީދު ވަނީ ވާހަކަދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މާލެއަށް އެކި ބޭނުންތަކަށް އައިސް ރަށަށް ނުދެވި ތާށިވެފައި ތިބި ގިނަ މީހުން އުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށެވެ. އެ މީހުން ރަށަށް ފޮނުވުމުގެ ކަންކަމަކީ މުހިއްމު ކަމަށް ނުފެންނަ ސަބަބެއް ނުވިސްނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި މަޖިލީހުގެ މެންބަރުން ފާހަގަކުރައްވާ މައްސަލަތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ހައްލު ކުރަން އެއްވެސް މަސައްކަތް ނުކުރެވޭނަމަ އެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް ނިންމައި މަގާމުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހުގެ މެންބަރުންނަށް އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެއީ އެންމެ ބޭނުންވާ ގޮތް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެބަ ފެނޭ މަޖިލީހުގެ މެންބަރުންގެ ކެތްތެރިކަން މި ކަމުގައި ކޮޅުން ލައިގެން ދާ ތަން، އަޅުގަނޑުގެ ކެތްތެރިކަން ވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް، މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ބާރު އޮންނާނެ. މެންބަރުން ފާހަގަ ކުރައްވާ މައްސަލައަށް އަމަލު ނުކުރެވޭނަމަ އިތުބާރު ނެތް ކަމަށް ވެސް ނިންމޭނެ، އެހެންވިޔަސް އަޅުގަނޑުމެން ދާން ބޭނުންވާ އަމާޒެއް ނޫން އެއީއެއް،"

މިރޭ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހުވަނީ އެވާހަކަތަކަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ވިދާޅުވީ އެންމެ ދެތިން ދުވަހަށް މާލެ އައިސް ރަށައް ނުދެވި ތިބި އެތައް ބަޔަކު އެބަތިިބިކަން އެމަނިކުފާނަށްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ބޭސްފަރުވާއަށް ނުފުރި ތިބި މީހުންނާއި، ރިސޯޓްތަކުން ރަށްރަށައް ނުދެވި ތިބި އެތައް ބަޔަކުވެސް އެބަތިބި ކަމަށެވެ.

"އަޅުގަނޑަށް އެނގޭ، އެންމެ ދެ ތިން ދުވަހަށް މާލެ އައިސް، ނުވަތަ ތުއްތު ދަރިފުޅު ރަށުގައި ބަހައްޓާފައި ބޭހަށް މާލެ އައިސް، އެތައް ދުވަހެއް ވަންދެންވެސް މާލޭގައި މީހުން އެބަ ތިބިކަން. ރިޒޯޓު މުވައްޒަފުން ކަރަންޓީން ނިމި، އެނބުރި ރަށަށް ދިޔުމަށްޓަކައި މާލެއިން ފުރަން އުޅެނިކޮށް، އަނެއްކާ މާލޭގައި ބަންދުވި ކިތަންމެ ބަޔަކު އެބަތިބި. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ތިބި ކިތަންމެ ބަޔަކުވެސް ނުފުރިފައި އެބަތިބި. ހަމައެފަދައިން ރާއްޖެއިން ބޭރުގައި ތިބި ކިތަންމެ ދިވެހިންނެއް ރާއްޖެ ނާދެވިފައި އެބަތިބި." ރައީސް ވިދާޅުވިއެވެ.

މާލެއިން ރަށްރަށަށް ދާ މީހުން، ވަކި މުއްދަތަކަށް ކަރަންޓީނުގައި ބައިތިއްބަން ޖެހެނީ، ރަށްރަށުގައި މިބަލި ފެތުރުމުގެ ފުރުސަތު ހަނިކުރުމަށް ކަމަށާ މާލޭގައި މި ބަލި ފެތުރިފައިވާތީ، މާލެއިން ރަށްރަށަށްދާ މީހުން، އެމީހެއްގެ ރަށުގައި ކަރަންޓީނު ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ، އެ ރަށްރަށުންވެސް ބޭނުންވާ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ސަބަބުން ވިޔަސް، އެއްވެސް ރަށެއްގައި މި ބަލި ފެތުރެން ފަށައިފިނަމަ، އެ ރަށެއްގައި މި ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ. އެރަށެއްގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން، އެ ރަށެއްގެ ރައްޔިތުންނަށް، މާގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ސަބަބުން ވިޔަސް، އެއްވެސް ރަށެއްގައި މި ބަލި ފެތުރެން ފަށައިފިނަމަ، އެ ރަށެއްގައި މި ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ. އެރަށެއްގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން، އެ ރަށެއްގެ ރައްޔިތުންނަށް، މާގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ ފުރަބަންދުގެ ސަބަބުން މާލޭގައި ބަންދުވެފައި ތިބި މީހުންގެ ތެރެއިން، ކޮންމެހެން ރަށަށް ދާންޖެހޭ ކަމަށް ފާހަގަކުރެވެނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި ކަރަންޓީނަށް ފޮނުވިފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުން، މިމަހު 24ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ ކަމަށެވެ. އަދި އިއްޔެގެ ނިޔަލަށް 3016 މީހަކު މާލެ އައުމަށް ހުއްދަ ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޯވިޑް ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާމެދު، ހިތްހަމަނުޖެހޭ ބަޔަކުވެސް ތިބެދާނެ ކަމަށާ ނަމަވެސް އެ ފިޔަވަޅުތައް އަޅަން ޖެހުނީ، އެންމެންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް މި ބަލި އެތެރެވިތާ ކުރީކޮޅު އެފަދަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، މިހާރު އެ ގައުމުތައް އުފުލަމުންދާ އުނދަގޫތައް އެންމެނަށްވެސް ފެންނަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކޯވިޑް-19 އާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާ އޭގެތެރޭގައި މި ބައްޔާ ސީދާ ގުޅުން ނެތް ކިތަންމެ ކަމަކަށް، ސަރުކާރުން މިހާރުވަނީ ހާއްސަ ސަމާލުކަމެއް ދޭންޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން، ހާލުގައި ޖެހިފައިވާ ކިތަންމެ ބަޔަކަށް ސަރުކާރުން އެހީތެރިވަމުން ގެންދާ ކަމަށް ވިދާޅުވިއެވެ. އަދި ފޯރުންތެރިކަން ނެތް އާއިލާތަކާއި ދޮށީ އުމުރުގެ މީހުންގެ އިތުރުން، ހާލުގައި ޖެހިފައި ތިބި މީހުންނަށް، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.

"އެފަދަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީ، ކެއިންބުއިމުގެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސައިދީފައި. މި ހާލަތުގެ ސަބަބުން، އެކި ގޮތްގޮތުން އަސަރު ކޮށްފައިވާ މީހުންނަށް، ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން." ރައީސް ވިދާޅުވިއެވެ.