ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މައުމޫން އަބްދުލްގައްޔޫމް

އިނާޔަތް ކުޑަކޮށް ދޭން މައުމޫން އެދިވަޑައިގެންފި

May 21, 2020
4

ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތްތައް ރިވިއު ކުރުމަށް ތާއިީދު ކުރައްވާކަން ހާމަ ކުރައްވައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހުއްޓި، ދައުލަތުގެ ހަރަދުތައް ވަނީ ކުޑަ ކުރަން ޖެހިފަ އެވެ. އެގޮތުން ދައުލަތުގެ ވެރިންގެ މުސާރަތައް ވެސް ވަނީ ކުޑަކޮށްފަ އެވެ. އަދި، ސަރުކާރުން ވަނީ ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތައް ވެސް ރިވިއުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫން، މަޖިލީހުގެ ރައީސްއަށް ފޮނުއްވަވާފައިވާ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި، ކުރީގެ ރައީސުންނަށް ދެމުންގެންދާ އިނާޔަތްތައް ރިވިއު ކުރުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއްކަން ސިޓީފުޅުގައި ފާހަގަ ކުރެއްވި އެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން ކޮންމެ މަހަކު ހާއްސަ އިނާޔަތާއި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ސިއްހީ ހިދުމަތްތައް ދައުލަތުގެ ހަރަދުގައި ދިނުމުގެ އިތުރުން ދަތުރުފަތުރާއި ސެކިއުރިޓީ ފޯރުކޮށްދޭން ޖެހެ އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 50،000ރ. ދޭން ޖެހެ އެވެ. އެއް ދައުރަށް ވުރެ ގިނަ ދުވަސް ވަންދެން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 75،000ރ. ދޭން ޖެހެ އެވެ. އަދި ދިރިއުޅޭ ތަނުގެ ހަރަދަށް ކޮންމެ މަހަކު 50،000ރ. ދޭން ޖެހެ އެވެ. މުޖްތަމައުއަށް ފައިިދާ ހުރި މަސައްކަތެއް ކުރީގެ ރައީސަކު ކުރައްވާނަމަ އެ ކަމަށް އޮފީސް ހިންގުމުގެ ހަރަދަށް މަހަކު ގިނަވެގެން 175،000ރ. އާ ހަމައަށް ދޭން ޖެހެ އެވެ.

މިހެންވެ، އެންމެ ބޮޑު އިނާޔާތްތެއް ކުރީގެ ރައީސުންގެ ތެރެއިން ލިބިވަޑައިގަންނަވަނީ ރައީސް މައުމޫނަށެވެ. ދެން އިނާޔަތް ލިބިވަޑައިގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މުހައްމަދު ވަހީދަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނަވާތީ މިވަގުތު އިނާޔާތެއް ނުދެ އެވެ.