ވާހަކަ

ލޯބިން ބުނެލަން

(19 މެއި 2020 އާ ގުޅޭ)

"އެހެންވެދާނެއެއްނު... އައި ނޯ އައި އޭމް އެން އެޓްރެކްޓިވް މޭން..." ހިނިއައިސްފައި ހުރެ ދެއަތް ފުޅާކޮށްލައި ދެކޮނޑު އަރުވާލަމުން ލައިތު ބުންޏެވެ. ކެންޒާ ކަޅިއަޅާލީއެވެ. ހަލުވިކޮށް ބަދިގެއިން ނުކުންނަން އޭނާ ދިޔައެވެ. އޭނާގެ ފަހަތުން ލައިތު އައެވެ.

ލައިތުއަށްވުރެ ކުރިން އެލެވޭޓާއަށް އަރައި ދޮރުލައްޕާލުމުގައި ކެންޒާ ކުރި ހޯދިއެވެ. ކޮޓަރިއަށް އާދެވުމާއެކު އަވަސްއަވަހަށް އޭނާ ހެދުން ބަދަލުކޮށް ދަބަހުގެ ތެރެއަށް ހެދުން ކޮތަޅުކޮށްޕާލިއެވެ. ގައިން ނުބައިވަސް ދުވާފާނޭ ކަމުގެ ބިރު ހިތުގައި އޮތުމުން ފާޚާނާއަށް ވަދެ ގައިދޮވެލިއެވެ. ދެން ނުކުމެ އަނެއްކާ ވެސް އެނބުރި ކޮލަޖަށްދާން ތައްޔާރުވިއެވެ. އަލަމާރީގައި އަޅުވާފައި ހުރި ޔުނީފޯމް އޭނާ ލައިގެން ކޮޓަރިން ނުކުތެވެ. ފޮތުގެ ވާހަކަ ލައިތު ކައިރީ އަހަން ކެންޒާ ހަނދާނެއްނެތެވެ. އަދިވެސް އޭނާއަށް ވިސްނެނީ ކަންފަތްދޮށުގައި ލައިތު ދެއްކި ވާހަކައެވެ. ލަދުވެތި ވާހަކައަކަށްވާއިރު ލައިތުއަށް އެފަދަ އެއްޗެއް ކެންޒާއަށް ބުނަން ކެރުނީތީ ވެސް އޭނާ ހައިރާންވެއެވެ. އެ ދެމީހުންނަށް އެކަކުއަނެކަކު ރަނގަޅަށް ނުވެސް އެނގެއެވެ. ރުޅިއަންނަން ޖެހޭނެކަން އެނގުނެއްކަމަކު ރުޅިއަށްވުރެ ބޮޑަށް ކެންޒާ ލަދުގަތީއެވެ. ލައިތުގެ ބީހުމުގައި ތަފާތުކަމެއްވާންވީ ކީއްވެތޯ ކެންޒާއަށް ސުވާލުކުރެވުނެވެ. އެ ސުވާލަށް ޖަވާބުދޭން ހިތާއި ސިކުނޑި އަވަސްވެގަތެވެ. ނަމަވެސް ޖަވާބެއްގެ އަޑެއް ނީވުނެވެ.

ހުޅުވުނު އެލެވޭޓާއިން ކެންޒާ ނުކުމެ ގޭގެ ބިއްދޮށް ފަރާތުން ނުކުންނަން އައެވެ. ދޮރުކައިރިން މީހަކު ނޭފަތް ދަމާއަޑު އިވުނީ ދެނެވެ. ކެންޒާ ނިކުތްއިރު ލައިތު ހުރީ ދޮރުކައިރީ މަޑުކޮށްލައިގެންނެވެ.

"ދަނީތަ؟" ކެންޒާ ފެނުމާއެކު ލައިތު އަހާލިއެވެ. އަނގައިން ބުނުމުގެ ބަދަލުގައި ކެންޒާ ބޯޖަހާލީއެވެ. އޭނާއާ އެއްވަރަށް ގޭޓާ ހަމައަށް ލައިތު އައެވެ.

"ރޭގަނޑު އަންނަނީ ކިހާ އިރަކު؟" ލައިތު އަހާލިއެވެ.

"ސިކްސް" ކެންޒާ ބުންޏެވެ.

ގޭޓުން ކެންޒާ ނުކުތުމުގެ ކުރިން ލައިތު ކުރިއަށް ޖެހިލިއެވެ. ކެންޒާއާ ނަޒަރު ސީދާވިއެވެ. ލައިތުގެ ލޮލުން ހޯދަނީ ކޮންއެއްޗެއްކަމެއް ނޭނގެއެވެ. ކުރިއަށް ފިޔަވަޅެއް އަޅަން ނޭނގި ކެންޒާއަށް ވެސް ބަލަން ހުރެވުނީއެވެ. އެއްޗެކޭ ބުނަން އުޅޭހެން ލައިތު ހީވެއެވެ. ކެންޒާގެ ހިތް ކެތްތެރިކަންކުޑަވާންވީ ސަބަބެއް ނުވިސްނުނެވެ. އެހެންވިޔަސް ފުރަތަމަ ނަޒަރު ވަކިކޮށްލީ ކެންޒާއެވެ.

"signora, cosa mi stai facendo" މަޑުމަޑުން ލައިތު ބުނެލިއެވެ. އަލުން އިސްއުފުލާ ކެންޒާއަށް ބަލާލެވުނީ ލައިތު އެބުނި އެއްޗެއް ދޭހަނުވެގެންނެވެ. އޭނާ އެބުނި އެއްޗެއް ބުނީ އިނގިރޭސި ބަހުންނޫންކަން ކެންޒާއަށް އެނގެއެވެ. އެ ބުނީ ކީކޭތޯ އަހަން ކެންޒާ އަނގަހުޅުވާލި ވަގުތު ގޭޓު ކައިރިއަށް ނަސީމު އަތުވެއްޖެއެވެ. ލައިތު މަގުމައްޗަށް ނުކުންނަން ހިނގައިގަތް ގޮތުން އެތަނުގައި ކެންޒާ ހުރިކަން އޭނާއަށް ފާހަގަނުވާ ކަހަލައެވެ. އޭނާގެ އެ ހަރަކާތުން ކެންޒާގެ ނިތަށް ރޫގިނަވެ ދެބުމަ ކައިރިކޮށްލެވުނެވެ.

"އަހަރެން އިތުރު ދަތުރެއް ކުރަން މިއަދު އެބައޮތް، ލަސްވާތީ ޚަބަރު ބަލާލަން އައީ" ގޭޓުން ނުކުތް ކެންޒާއާ ނަސީމު ވާހަކަދެއްކިއެވެ.

އެ ދެމީހުން ގޮސް ކާރަށް އަރަން ދެން ލައިތު މަގުމަތީ ހުއްޓެވެ. ނިތްކުރިމަތިން ފަހަތަށް ވާހެން އިސްތަށިގަނޑުގައި ލައިތު އަތްފުނާ އަޅާލިއެވެ. ބޮލުގައި ހުރި މަޑު ރިހުން އެނބުރި އައިހެން ހީވިއެވެ. އޭނާ ކެންޒާއާއެކު ހޭދަކުރި ވަގުތުތަކުގައި ބަލިކަމުގެ އެއްވެސް އިޙްސާސެއް ނުކުރެވުނީތީ ހައިރާންވިއެވެ. އެކަމަކު މިހާރު ކުއްލިއަކަށް ހަށިގަނޑުގެ ވަރުދެރަވާހެން ހީވާން ފަށައިފިއެވެ. އެނބުރި ގޭތެރެއަށް ވަންނަން ލައިތު ހިނގައިގަތެވެ.

އެނދުގައި ހަށިގަނޑު ޖެހުމުގެ ކުރީން ޢާއިލީ ޑަކްޓަރު ދީފައި ހުރި ބޭސްތަކަށް ބަލާލިއެވެ. އާދައިގެ ހުންރޯގާއަކަށް ދީފައި ހުރި ބޭސްތަކެވެ. އަތުކުރީ އޮތް ގަޑިއަށް ލައިތު ބަލާލިއެވެ. ބޭސްކާ ވަގުތު ނުޖެހޭކަން އެނގުމުން ތަންމަތީގައި ހަށިގަނޑު ދަމާލިއެވެ. ނިދާލުމަށް ގަސްދުކޮށް ލައިތު ލޯ މަރާލިއެވެ. އަނދިރިކަމުގެ ތެރެއިން އޭނާއަށް ސިފަވީ ކެންޒާއެވެ. ތުންފަތް ދެމިލިއެވެ. އެއްވެސް މަސައްކަތެއް ކުރުމަކާނުލާ އެ އަންހެންކުއްޖާ ލައިތު ހެއްވާލީ ގޮތާމެދު އޭނާއަށް ފިކުރުކޮށްލެވުނެވެ. ފެންނަފެނުމުގައި އެއްވެސް ޚާއްޞަކަމެއް ކެންޒާގެ ނެތްކަން ލައިތުގެ ޟަމީރު ވެސް ޤަބޫލުކުރެއެވެ. އަޅައިގަންނަ ފަދަ ރީތިކަމެއް ނެތްއިރު ވެސް ލައިތުގެ ހިތަށް ރީތިކަމެއް ސިފަކުރެވެންވީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ.

"މޭބީ ޝީ ރިމައިންޑްސް މީ އޮފް ހާ" ލުއި ހިނިތުންވުމަކާއެކު ލައިތުއަށް ބުނެލެވުނެވެ. އަރިއަކަށް ލައިތު ޖެހުލުމާއެކު ކައިރީގައި އޮތް ބާލީސް ގެނެސް މޭގައި ބޮނޑިކޮށްލިއެވެ.

* * * * *

ހަށިގަނޑު ސީދާކޮށްލި ޔާދިން، އަތުގައި އޮތް ފޮތް މޭޒުމަތީ ބާއްވާލިއެވެ. މޫނުގައިވި އަސަރުން ހީވަނީ ހައިރާންކަމުގެ ތެރެއިން އޭނާ ކަމަކާ ސުވާލު އުފެދިފައި އިންހެނެވެ. ލިބުނު އައު މަޢުލޫމާތު ޤަބޫލުކުރަން ފަސޭހައެއްނުވިއެވެ.

"މީ އިއްތިފާގެއްތަ؟..." ހިތުގައި އެތުރިލި ލަފުޒުތައް ޔާދިންގެ ދުލުން ބޭރުވެލިއެވެ. އޭނާ ފޮތް ލައްޕާލުމާއެކު މޭޒުގެ ކަނާއަތްފަރާތުން އެންމެ ތިރީ ވަތްގަނޑު ހުޅުވިއެވެ. އިނގިލީގެ ނިޝާނާއި ލޮކްކޯޑު ޖަހައިގެން ހުޅުވާ އެ ވަތްގަނޑު ހުޅުވުނު އަޑު އިވިގެންދިއުމާއެކު މޭޒުމަތީ އޮތް ފޮތް ޔާދިން ނެގިއެވެ. ވަތްގަނޑަށް އެ ފޮތް ލީ އެހެން މީހަކަށް އެ ފެންނަން ނޭދޭތީއެވެ. މަސައްކަތަށް އެނބުރިލީ އިހު ހުރި އަސަރުތައް މޫނުން ފަރުދާކޮށްލަމުންނެވެ. ސިކުނޑިތެރޭގައި ދައުރުވަމުންދިޔަ ޚިޔާލުތައް އެއްފަރާތްނުކުރެވުނެއްކަމަކު މިހާރު ޔާދިން ފެންނަނީ މަސައްކަތަށް ގެއްލިފައި އިން މީހަކު ފަދައިންނެވެ. ސިޔާދު ގެނެސްފައި ހުރި ލިޔުންތައް ބަލަމުން އޭގައި ސޮއިކުރަމުން ދިޔަ ޔާދިން އިރުކޮޅަކަށް މަޑުކޮށްލިއެވެ.

"ތީ ކާކުކަން އަހަރެން ހޯދާނަން، އަދި ބޭނުންވެގެން ތިއުޅެނީ ކޮންކަމެއްކަން ވެސް" ޔާދިން ބުނެލިއެވެ. އޭނާގެ ހަލަބޮލިވަމުން އައި ސިކުނޑިއަށް ތަސައްލީއެއް ދިން ފަދައެވެ. މިވަގުތަށް ހޭބޯނާރައިގެން އުޅުމުގެ ބޭނުމެއްނެތްކަން ވިސްނި އޭނާގެ ތޫނުފިލި ސިކުނޑި ހިމޭންވާން ފެށިއެވެ. އެހިނދު ހަމަޖެހުމުގެ ދިގު ނޭވާއަކުން ޔާދިންގެ ހަށިފުރާ ދޫކޮށްލިއެވެ. މަޑުމަޑުން މަރާލި ލޯ ހުޅުވާލިއިރު އޭނާގެ ނަފްސުގެ މައްޗަށް އޮތް ބާރު ލިބި ޔަގީންކަން އުފެދިއްޖެއެވެ.

* * * * *

ސަމާލުކަން ދޭން ބޭނުންވިޔަސް ކެންޒާއަށް އެކަމެއް ނުވިއެވެ. ލެކްޗަރާގެ ވާހަކަދެއްކުމަށް ސަމާލުވެ އިންދާ ވެސް އޭނާގެ ސިކުނޑި ދީލައިލަނީ ލައިތުގެ ސޫރައެވެ. މިފްރާހުއާ އަޅާކިޔުނީ ގަސްދަކާނުލައެވެ. ކެންޒާގެ ނަޒަރުގައި މިފްރާހަކީ މީހުންނާ ގުޅޭ މީހެކެވެ. ގިނައިން ހިނިތުންވުމާއި ސަމާސާ މިޒާޖެއްގެ ޒުވާނެކެވެ. އެ ތަބީޢަތް ފަސޭހައިން ބަލޭގަނެވުމުގެ އިތުރުން ހިތްތައް ކަތިލާފަދަ ރީތިކަމެކެވެ. އެހެންވިޔަސް ކެންޒާގެ ނަފްސު ހިމޭންކުރުވާ ހިތުގެ ތެޅުން އަވަސްކުރުވާ ފަދަ ޖަޒުބާތެއް މިފްރާހުގެ އެއްވެސް ބީހުމަކުން އިޙްސާސެއް ނުކުރެވެއެވެ. މިފްރާހާ ހިލާފަށް ލައިތު ކުރިމަތިލާގޮތް ތަފާތެވެ. އޭނާ ހަރުކަށްޓެވެ. ވިސްނުމެއްނެތި ކޮންމެ އެއްޗެއް ވެސް ބުނެލައެވެ. އެކަމަކު ކެންޒާގެ އިޙްސާސްތަކާމެދު އޭނާ ވިސްނާހެން ހީވަނީއެވެ. ސީދާ ޔަގީންކުރަން ކެންޒާއަށް ދައްޗެވެ. އެހެންނަމަވެސް ލައިތުގެ ހަރުކަށިކަމާއި މަލާމާތްކުރުމުގެ ނިވަލުން އޯގާތެރިކަން ކެންޒާ ދުށްޓެވެ. ކަޅުކޮފީ ކުލައިގެ ފުން ދެ ލޮލުން އޭނާއާ މެދު ކަންބޮޑުވުން ކެންޒާ ދުށްޓެވެ. ކިތަންމެ ލުއި ބީހުމަކަށް ވިޔަސް އެ ބީހުންތަކުން ކެންޒާގެ ހަށިގަނޑަށް ކުރިން ދުވަހަކުވެސް ނުވާފަދަ އޮއެވަރެއް އުފައްދައެވެ. ހުއްދަދެވުމާއި އެދެވުމާއި ބޭނުންވުން އެކުލެވޭ ފަދަ ގަދަ އޮއެވަރެކެވެ.

ތިރީތުންފަތް ލޮވެލުމާއެކު ދަތްއަޅާ ކެންޒާ ބާރުކޮށްލިއެވެ. ކަނދުރާއިން ފެށިގެން ދަތްދޮޅިއާ ހަމައަށް ކެންޒާއަށް އަތްހާކާލެވުމާއެކު ފުންނޭވާއެއް ލިއެވެ. އަތުގައި އޮތް ގަލަމުގައި ބާރަށް ހިފާލުމާއެކު ޚިޔާލުތައް ކޮއްޕާ އެއްފަރާތްކުރަން ފެށިއެވެ. ހަމައެއާއެކު އިރުއޮއްސޭ ވަގުތު ލައިތުއާ ބައްދަލުވާނޭ ހިތްބުނެލުމުން، އަމިއްލަ ހިތުގެ ބުނުމާމެދު ނަފްސު ލަދުގަތެވެ.

"ހޭވް ޔޫ ގޯން މޭޑް" ކެންޒާ އަމިއްލަ ހިތަށް ބުނެލިއެވެ. އެހިނދު އޭނާގެ ހިތުގެ ލުއި ހީނލުމުގެ އަޑު ކަންފަތަށް ފޯރި ކަހަލައެވެ. ބޭއިޚްތިޔާރުގައި އޭނާގެ ތުންފަތް ލުއި ހިނިތުންވުމަކުން ދެމިލައިފިއެވެ.

ކުރިމަތީ ހުޅުވާފައި އޮތް ފޮތުގެ މަތީ ކަނެއްގައި ގަލަމުން ކުރަހާލަކުރާހަލަ އިނދެވުނީކަން ކެންޒާއަށް ރެއަކާލީ ގަޑިތައް ނިމުނީމައެވެ. ބޭކާރު ޚިޔާލުތަކަށް ފުރުޞަތު ދޭންވެއްޖެނަމަ އޭނާގެ ލަނޑުދަނޑިތައް މަތިން ހަނދާން ނެތިދާނޭކަން ކެންޒާއަށް ވިސްނައިދިނީ އަމިއްލަ ޟަމީރެވެ. މެންދުރުފަހު އޮތް ތިން ކުލާހުން ވެސް އެއްވެސް އެއްޗެއް ނޯޓުކުރެވިފައި ނެތެވެ. ހައްދުން ނައްޓަމުންދިޔަ ޚިޔާލުތަކާއި އެއާ ގުޅިފައިވި ޖަޒުބާތުތަކަށް މައިތިރި ބެހެއްޓީ ކެންޒާގެ ޟަމީރެވެ. ދިރިއުޅުން އުފާކުރުމާއި މަޖަލުގައި ދުއްވާނުލެވޭނެކަން އޭނާގެ ޟަމީރު ހަނދާންކޮށްދިނެވެ. އަދި ކެންޒާގެ ބޮލުގައި އެޅިފައިވާ ޒިންމާތަކުގެ ހަނދާން އާކޮށްދިނެވެ.

* * * * *

ރިންގުވަމުން ދިޔަ ފޯނާއެކު ލައިތު ލޯ ހުޅުވާލިއެވެ. ބައްދާލައިގެން އޮތް ބާލީސް ދުރަށް ޖައްސާލުމާއެކު އެނދުއަރިމަތީ ހުރި ކަބަޑުގެ މަތިން އޭނާގެ ފޯނު ނެގިއެވެ. "ޕީއޭ" ޖަހާފައިވާ އައިޑީ ފެނުމުން އެ ގުޅަނީ ހިރާކަން ލައިތަށް އެނގުނެވެ.

"ހެލޯ" ނިދިބަރު އަޑާއެކު ލައިތު ބުނެލިއެވެ.

"ކުރިން ވެސް އަހަރެން ގުޅިން، މިހާރު ކިހިނެއްތަ؟" ހިރާގެ އަޑު އިވުނެވެ.

"ނިދާފަ އޮތީ، ކަމަކުތަ؟" ލައިތު ބުންޏެވެ.

"ލައިތުގެ ހާލު ބަލަން ގުޅީ... އަހަރެން ތިކޮޅަށް އަންނަންތަ؟" ހިރާ އަހާލިއެވެ.

"މިހާރު ރަނގަޅު، އަންނާނެކަމެއްނެތް" ލައިތު ވަގުތުން ބުނެލިއެވެ.

"ބޯއްތައަށް ގުޅާފައޭ ދާނީ، އެކަކަށް ވެސް ނޭނގޭނެ" ހިރާ ބުންޏެވެ.

"އެހެންވީރު އެމީހުން ކައިރިޔަށް އާދޭ، އައި ވޯންޓް ސްޓޭ" ލައިތުގެ އަޑުގައި ހަރުކަށިކަން އެކުލެވުނެވެ.

"ބަޓް ލައިތު!... އޮފީހުން ނޫންގޮތަށް މިހާރު ނުފެނޭ، ދެމީހުން މީޓުނުވާތާ ވެސް ކޮންދުވަހެއް... މިސްވެގެންކަން މިއުޅެނީ ނޭނގޭތަ؟ ލައިތު މިސްއެއްނުވޭތަ؟ ބަލިވެ އުޅޭއިރު ގޮވާލަން ގޮސްގެން ވެސް ނުވޭތަ؟" ހިރާ ޝަކުވާކޮށްލިއެވެ.

"އަހަރެން ދުށުމަށް ބޭނުންވަންޏާ އަހަރެން ގުޅަން ދެން މަޑުކުރޭ... ބޭއްވީ!" ލައިތު ބުންޏެވެ. ފޯނުކޯލު ކަނޑާލީ ހިރާގެ ރައްދަކަށް އޭނާ ބޭނުންނުވާތީއެވެ.

އެނދުން ފޭބި ލައިތު އަތުގައި އޮތް ފޯނުން ގަޑި ބަލާލިއެވެ. އިރުއޮއްސި ހަގަޑި ބައިވެއްޖެކަން އެނގުމާއެކު އޭނާގެ ލޮލުން ނިދީގެ އަސަރު ފިލައިފިއެވެ. ހަށިގަނޑަށް ލިބިފައިވި ވަރުބަލިކަން ވެސް ފިލައިފިއެވެ. އެނދުމައްޗަށް ފޯނު ދޫކޮށްލުމާއެކު އޭނާ ހަލުވިކޮށް ގޮސް ވަނީ ފާޚާނާއަށެވެ. މިއިން ދުވަހަކު އެހާ އަވަހަށް އޭނާ ފެންވެރި ދުވަހެއް ނާދެއެވެ. އަވަސްކޮށްލައިގެން ފާޚާނާއިން ނުކުތް ގޮތަށް ރީތިވާން ފެށިއެވެ. ތެތް އިސްތަށިގަނޑު އަތުން ރީތިކުރަމުން ހަލުވިކޮށް ކޮޓަރިން ލައިތު ނުކުތެވެ. ފެންވެރިއެއްކަމަކު އޭނާގެ ހަށިގަނޑު ފިނިނުވާކަން އެނގިހުރެ ވެސް އަޅައެއްނުލިއެވެ. އާދަޔާ ޚިލާފަށް ނޭވާ ހޫނުވެފައިވާކަން ނޭފަތުގެ ހިނދުރިއަށް އިޙްސާސްވެއެވެ. އެކަމަށް ވެސް ފަރުވާލެއް ނުބެހެއްޓިއެވެ. ދެފަޔަށް ބާރުލީ ވީހާ ވެސް އަވަހަކަށް ބަދިގެއާ ހަމައަށް ދެވޭތޯއެވެ.

"ކެންޒާ!... ކެން!... ދިޔައީތަ؟" ބަދިގެތެރެއިން ނުފެނުމުން ލައިތުގެ ހިތް ބުނެލީ މާޔޫސްކަމާއެކުއެވެ. ދުވެފައި ކަހަލަ ގޮތަކަށް އޭނާ ގޭގެ ބިއްދޮށް ފަރާތުން ނުކުތެވެ.

"ކެން!..." ލައިތުގެ އަޑު އިވި ކެންޒާ ހުއްޓި ފަސްއެނބުރި ބަލާލިއެވެ. އެކަކުއަނެކަކަށް ފެނުނު ހިނދު ލުއި ހިނިތުންވުމެއް ދެމީހުންގެ ތުންފަތުން ފާޅުވެލިއެވެ. ނަމަވެސް އެ ހިނިތުންވުން ނުހަނު އަވަހަށް ކެންޒާގެ ތުންފަތުން ފިލައިގެން ދިޔައެވެ.

"ލައިތު!" ހާސްކަމާއެކު ކެންޒާއަށް ގޮވާލެވުނީ ނިކަން ބާރަށެވެ. އެއްކޮނޑުގައި އަޅުވާލާފައި އޮތް ދަބަސް ދޫކޮށްލުމާއެކު އޭނާ ދުވެފައި އައެވެ. އަރިއަޅާލައިގެން ވެއްޓެން ދިޔަ ލައިތު ނުހިފެއްޓޭނޭކަން ޔަގީންވާއިރު ވެސް އޭނާގެ މެދުހަށިން ކެންޒާ ބައްދައިގަތެވެ. ދެމީހުން ވެއްޓުނީ އެކީގައެވެ. އެހެންނަމަވެސް ބިންމަތީގައި ފުރަތަމަ ޖެހުނީ ކެންޒާއެވެ. ލައިތުގެ މޫނު އޮތީ ކެންޒާގެ މޭގައި ފޮރުވިއެވެ. އޭނާގެ އެއްއަތުން ކެންޒާގެ ގައިގާ ހިފަހައްޓަން މަސައްކަތްކުރިކަން ކެންޒާ ދެނަހުއްޓެވެ.

"ސޮރީ..." ލައިތުގެ އަޑު އިވުނެވެ.

"ޔޫ އާ ބާނިން އަޕް" ކެންޒާ ބުނެލިއެވެ.

"އައި ނޯ... އައި އޭމް ހޮޓް" ފާޑަކަށް ހެމުންހެމުން ލައިތު ބުނެލީ ބޯހިއްލާލުމެއްނެތިއެވެ. ފޫހިކަން ދައްކާލަން އުޅުނު ކެންޒާއަށް ހެވޭގޮތްވިއެވެ. ނަމަވެސް އޭނާގެ މޫނު ލައިތަށް ނުފެންނާނޭކަމުގެ ޔަގީންކަން ކެންޒާއަށް އޮތެވެ.

"ހީކުރާހާ ހެންޑްސަމްއެއްނޫން... ސްޓޮޕް ފްލާޓީން އެން ގެޓް އަޕް" ކެންޒާގެ އިޙްސާސްތައް ކޮންމެގޮތަކަށް އޮތްކަމުގައި ވިޔަސް އަޑުގައި އަމުރުވެރި ގޮތް ހުއްޓެވެ. (ނުނިމޭ)