ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

ވެންޓިލޭޓަރު ބިޑް: މިނިސްޓްރީގެ ނިންމުމުގައި ގޯހެއް ނެތް

ކޮވިޑް-19 ގެ ރޯގާއާއި ގުޅިގެން ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ކުންފުނިތަކަށް ބިޑް ދިނުމުގައި ހެލްތް މިނިސްޓްރީން އަމަލު ކޮށްފައިވާ ގޮތާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކުރިއަށް ގެންދާ ތަހުގީގުގައި މިހާތަނަށް ކޮރަޕްޝަންގެ އަމަލެއް ފެނިފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭސީސީން ދަނީ ތިން މައްސަލައެެއް ބަލަމުންނެވެ. އޭގެ ތެރޭގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަވެސް ދަނީ ބަލަމުންނެވެ.

އެ ކޮމިޝަނުން ވަނީ މައްސަލައާއި ގުޅިގެން މިހާތަނަށް ހޯދުނު ހޯދުންތަކުން ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް އާންމުކޮށްފައެވެ. 12 ސަފްހާގެ އެ ރިޕޯޓްގައި 49 ވެންޓިލޭޓަރު ގަތުމަށް ތިން ކުންފުންޏަކާއެކު ހަދާފައިވާ ހަތަރު އެއްބަސްވުމަކާ ގުޅޭ މުހިންމު މައުލޫމާތުތައް ވަނީ ހިމަނާފައެވެ.

އަދި ވެންޓިލޭޓަރު ބިޑް ކުންފުނިތަކަށް ދިން އަގުތަކާއި އެކަމަށް މިހާތަނަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލްވެސް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ވަކިވަކި ކުންފުނިތަކަށް ހަވާލުކުރެވުނު ބިޑްތަކުގެ ތަފްސީލްތައްވެސް އޭސީސީގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ ނާޑް ޕްރައިވެޓް ލިމިޑެޓާ ސަޕްލައިކުރުމަށް ހަވާލުކުރެވުނު ވެންޓިލޭޓަރު ޕްރޮކިއުމަންޓް ޕްރޮސަސް ކުރިއަށް ގެންގޮސްފައިވަނީ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. ބިޑް ހުށައެެޅުމުގެ ރިކްއެސްޓް 16 ފަރާތަކަށް ހެލްތް މިނިސްޓްރީން ފޮނުވާފައިވާ ކަމަށާ ޕްރީބިޑް މީޓިންއަށް ނުވަ ފަރާތަކުން ހާޒިރުވެ ހަތަރު ފަރާތަކުން ބިޑް ހުށައަޅާފައިވާ ކަމަށެވެ.

އަދި ނާޑް ޕްރައިވެޓް ލިމިޑެޓާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ އުސޫލުތަކުގެ ތެރެއިން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ކަނޑައަޅާފައިވާ މުއްދަތުގައި އެ ކުންފުންޏަށް ވެންޓިލޭޓަރު ޑެލިވަރީ ކޮށްދެވިފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ގްރޫޕްގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލްވުމުގައި ކޮވިޑް-19 ގުޅިގެން ހޯދަންޖެހޭ އެންމެހާ ތަކެތި އިމަޖަންސީ އުސޫލުގެ ތެރެއިން ހޯދުމަށް ހެލްތް މިނިސްޓްރީގެ ފައިނޭސް ޑިޕާޓްމަންޓަށް އެންގެވުމުން ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ތިން ފަރާތަކަށް 145 ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރެވުނު ކަމަށްވެސް އޭސީސީގެ ރިޕޯޓްގައިވެއެވެ.

އަދި މިނިސްޓްރީން ވެންޓިލޭޓަރު ގެނައުމަށް ބިޑްދިން ތިން ކުންފުންޏަކީ އެ މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުންނަށް އިތުބާރު ހިފޭ ކުންފުނިތައް ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުުރުން ކޮވިޑް-19 އާ ގުޅިގެން ކޮންމެހެން ހޯދަންޖެހޭ މެޝިނަރީޒްއާއި އެހެނިހެން ސާމާނުގެ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާތީ އެކަމަށް ހާއްސަ ބަޖެޓެއް ހަަމަޖައްސާ އެ ބަޖެޓްގެ ތެރެއިން ހަރަދުތައް ކުރަމުން ގެންދިއުމަށް ހާއްސަ ހުއްދައެއްވެސް ދީފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މި މުއްދަތު ފުރަތަމަ ދީފައިވަނީ މަސް ދުވަހަށެވެ. ނަމަވެސް އެ މުއްދަތު އިތުރު އެއް މަސްދުވަހަށް އިތުރުކުރުމުން ހެލްތް މިނިސްޓްރީއަށް 50 ވެންޓިލޭޓަރު ހޯދުމަށާއި އިތުރު 20 ވެންޓިލޭޓަރު ހޯދުމުގެ ޕްރޮކިއުމަންޓް ކުރިއަށް ގެންގޮސްފައިވަނީ އެ ހުއްދައިގެ ދަށުން ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ތައްޔާރުކުރާ އައިސީޔޫ ސެޓަޕަަށް ބޭނުންވާ ވެންޓިލޭޓަރުތައް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހޯދުމަށް މެޑްޓެކް މޯލްޑިވްސްއާއި ނާޑް ޕްރައިވެޓް ލިމިޑެޓާއި އެސްޓީއޯއަށް ވަކިވަކިން ކޯޓޭޝަން ރިކްއެސްޓް ފޮނުވާފައިވާ ކަމަށްވެސް އޭސީސީގެ ރިޕޯޓްގައިވެއެވެ. އަދި އައިސީޔޫ ސެޓަޕަަށް ބޭނުންވާ 50 ވެންޓިލޭޓަރު ހޯދުމަށް ނާޑް ޕްރައިވެޓް ލިމިޑެޓާއި 14،445،700 ރުފިޔާއަށް ހަވާލުކުރީ މާލިއްޔަތު ގަވާއިދުގެ ދަށުން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

އަދި ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއާ ހަވާލުކޮށްފައިނުވާ ސަބަބު ބަޔާންކޮށް ހެލްތް މިނިސްޓްރީން އެ ކުންފުންޏަށް ސިޓީ ފޮނުވާފައިވާކަމަށްވެސް އޭސީސީގެ ރިޕޯޓްގައިވެއެވެ.

މި ސިޓީގައި ތިން ހުށައެޅުން ގަބޫލުނުކުރެވޭ ސަބަބުތައް ވަނީ ބަޔާންކޮށްދީފައެވެ. އެގޮތުން ފުރަތަމަ ހުށައެޅުމުގައި 15 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ހުށައަޅާފައިވަނީ 13،177،125 ރުފިޔާއަށް ކަމަށާ އެއީ ވެންޓިލޭޓަރެއް 878،475 އަށެވެ.

ދެވަނަ ހުށައެޅުމުގައި 15 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ހުށައަޅާފައިވަނީ 3،100،000 ރުފިޔާއަށް ކަމަށާ އެއީ ވެންޓިލޭޓަރެއް 206،666.67 ރުފިޔާއަށް ކަމަށް ހެލްތްގެ ސިޓީގައިވެއވެ. އަދި ތިންވަނަ ހުށައެޅުމުގައި 15 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ހުށައަޅާފައިވަނީ 6،447،015 ރުފިޔާއަށް ކަމަށާ އެއީ ވެންޓިލޭޓަރެއް 429،801 ރުފިޔާއަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ހެލްތްގެ ސިޓީގައި މީގެ ތެރެއިން ދެވަނަ ހުށައެޅުމުގައިވާ ވެންޓިލޭޓަރަކީ އެ މިނިސްޓްރީން އެދިފައިވާ ނިއުނޭޓަލް އޮޕްޝަން ހިމެނިފައިނުވާ ތަކެތިކަން ވަނީ ފާހަގަކޮށްފައެވެ. ނިއުނޭޓަލް އޮޕްޝަން ކޮންމެހެން ހިމަނަން ޖެހެނީ ކޮވިޑް ބަލީގައި އެންމެ ތުއްތު ކުދިންނަށްވެސް ފަރުވާދޭން ޖެހޭ ހާލަތުގައި ނިއުނޭޓަލް ވެންޓިލޭޓަރުތައް ކޮންމެހެން ބޭނުން ކުރަން ޖެހޭތީ ކަމަށްވެސް އެ ސިޓީގައިވެއެވެ

މީގެ އިތުރުން ފުރަތަމަ ހުށައެޅުމާއި ދެވަނަ ހުށައެޅުމުގައިވާ އަގުތަކަކީ އެހެން ކުންފުނިތަކުން ހުށައަޅާފައިވާ އަގަށްވުރެ ބޮޑު އަގުތަކަށްވުމާއި، މުހުލަތު ދިގުވުމުން އެކަންކަމަށް ބަލާ މި ވަގުތަށް ހޯދަންޖެހޭ ވެންޓިލޭޓަރުތައް ސަޕްލައިކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުނުކުރަން ނިންމީ ކަމަށް ބުނެފައިވާކަން އޭސީސީގެ ރިޕޯޓްގައިވަނީ ފާހަަގަކޮށްފައެވެ.

އަދި އެސްޓީއޯގެ އަގުތައް ބޮޑުކަން އޭސީސީގެ މި ރިޕޯޓްގައިވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އިތުރު 74 ވެންޓިލޭޓަރު ހޯދުމަށް އެ މަސައްކަތްކުރާ ދުބާއީގެ ކުންފުންޏަކުން އަގު ހޯދާ އެ ކުންފުންނަށް ބިޑްދިން އުސޫލާއި ގުޅޭގޮތުންވެސް ތަފްސީލް މައުލޫމާތު އޭސީސީން ވަނީ ހާމަކޮށްފައެވެ. އެ ކުންފުނިން މިހާރު 10 ވެންޓިލޭޓަރު ގެނެސްފައިވާއިރު އިތުރު 35 ވެންޓިލޭޓަރު މިމަހުގެ 25 ގައި ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މި ކުންފުންނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެންޓިލޭޓަރު ސަޕްލައިކުރުމަށް އެކަށީގެންވާ ކުންފުންޏެއްގެ ގޮތުގައި މަޝްވަރާ ދީފައިވާ ކުންފުންޏެއްކަންވެސް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.