އޭޑިކޭ ހޮސްޕިޓަލް

ފަރުވާ ނުލިބި ތުއްތު ކުއްޖަކު މަރުވި ވާހަކަ އޭޑީކޭއިން ދޮގުކޮށްފި

ފަރުވާ ނުލިބި ތުއްތު ކުއްޖަކު މަރުވި ވާހަކަ އޭޑީކޭއިން ދޮގު ކޮށްފި އެވެ.

އެ ހޮސްޕިޓަލުން ވަނީ އެ ހާދިސާ ހިނގައި ދިޔަގޮތް ކަމަށް އެ ހޮސްޕިޓަލުން ދެކޭ ގޮތުގެ ތަފްސީލުތަކެއް ހިމަނައިގެން ބަޔާނެއް ނެރެފަ އެވެ.

އޭޑީކޭގެ ބަޔާނުގައި ބުނީ އިއްޔެ ރޭގެ ވަގުތެއްގައި ހަތަރު މަހުގެ ކުއްޖަކަށް އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފަައިވާ ކަމަށެވެ. އެ ކުއްޖާ އިމަޖަންސީއަށް ގެންދިއުމާއެކު އެތާނގައި ތިއްބަވާ ޑޮކްޓަރުންނާއި ސްޕެޝިއަލިސްޓުންގެ ލަފަޔާއެކު ކުއްޖާއަށް ފަރުވާ ދީފައިވާ ކަމަށާ ކުއްޖާގެ ބަލި ދެނެގަތުމަށް އަލްޓްރާސައުންޑާއި ސީޓީ ސްކޭނެއް ވެސް ހެދި ކަމަަށެވެ.

އަދި އެ ކުއްޖާގެ ހާލަތު ބަދަލުވުމާއި ގުޅިގެން ފުރާނަ ސަލާމަތް ކުރަން އިމަޖަންސީ ފިޒިޝަނަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި އޮޕަރޭޝަން ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން އެ ކުއްޖާއަށް ފަރުވާ ދޭން ހަރަކާތްތެރިވެ ވަޑައިގެންނެވި ކަމަށާއި އެހެން ނަމަވެސް އެ ކުއްޖާގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ.

ކުއްޖާގެ ފަރުވާގެ ކަންކަން ކުރިއަށް ދިޔަގޮތް އަދި މުޅި ހާދިސާގެ މައުލޫމާތު އާއިލާއާ ހިއްސާކޮށްފައި ވާނެ ކަމަށްވެސް އޭޑީކޭގެ އެ ބަޔާނުގައި ބުނެފައި ވެއެވެ.

ކުއްޖާގެ އާއިލާގެ ބައެއް މީހުންނާ ހަވާލާދީ އައި މީޑިއާ ރިޕޯޓްތަކުގައި ރޭ ބުނެފައިވަނީ ކުއްޖާ މަރުވީ ފަރުވާ ނުދެވި ލަސްވެގެން ކަމަށެވެ. ފަރުވާ ނުދެވި ލަސްވީ އެ ވަގުތު އޭޑީކޭގައި ފަރުވާދޭނެ ޑޮކްޓަރަކު ނެތިގެން ކަމަށް ވެސް ބުނެފައި ވެއެވެ.