ރިޕޯޓް

ނަޝީދުގެ މައްސަލަ: އިނގިރޭސިންގެ ގަދަ ހިފުމަކަށް

Sep 21, 2015
1

ޓެރަރިޒަމްގެ ކުށުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަަލަށްލުމުން ތަފާތު އެތައް ގޮތަކުން މައްސަލަ މި އޮތީ ހޫނުވެފަ އެވެ. ސަރުކާރަށް އަންނަ ފިއްތުންތަކާއި އިންޒާރުތައް މި ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ނަޝީދު ވަގުތުން މިނިވަން ކުރަން ގޮވާލާ އަޑުތައް ވެސް ގަދަވެފައިވާ އިރު އެއް ބަޔަކު ބުނަނީ، ނަޝީދުގެ މައްޗަށް އިއްވި ހުކުމް އިންސާފުވެރި ކަމަށެވެ.

އެ ހުރިހާ ބަހުސެއްގެ ތެރެއިން މިދިޔަ ހަފްތާއެއްހާ ދުވަހު މައްސަލަ އިތުރަށް ހޫނު ވެގެން ގޮސްފައި މި ވަނީ އެ މައްސަލައިގައި ނަޝީދާ އެއްކޮޅަށާއި ދެކޮޅަށް ވަކާލާތު ކުރައްވާ، އިނގިރޭސި ގާނޫނީ ވަކީލުންގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރަން ފެށުމުންނެވެ. ނަޝީދުގެ މައްސަލައިގައި މަޝްހޫރު ލޯޔަރު އަމާލް ކްލޫނީ އެމަނިކުފާނާ އެކު ހުންނެވި އިރު، އިނގިރޭސި ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާގެ އަނބިކަބަލުން ޝެރީ ބްލެއާ ހުންނެވީ، ނަޝީދުގެ ހުކުމް ރަނގަޅު ސާބިތުކޮށް ދެއްވުމަށް ސަރުކާރާ އެކު އެވެ.

މި ހަނގުރާމަޔަކާ ހުރެ، ޝެރީ ބްލެއާ އާއި އަމާލް ކްލޫނީ އަދި ނަޝީދުގެ މައްސަލަ މި އޮތީ ފަލަ ސުރުހީތަކުން ޖާގަ ހޯދައިފަ އެވެ. އެ ހަނގުރާމަ އިތުރަށް ހޫނުވަނީ އިނގިރޭސި ވެރިކަމުގައި އޮތް ކޮންޒަވޭޓިވް ޕާޓީ އިން ނަޝީދާ އެކުގައި ތިބި އިރު، އެ ގައުމުގެ އެންމެ ނުފޫޒު ގަދަ އިދިކޮޅު ޕާޓީ، ލޭބަ ޕާޓީ އަށް ނިސްބަތްވާ ބޭފުޅަކު ހަމަ އެއާ ދެކޮޅަށް ނިކުތުމުންނެވެ. ނަޝީދުގެ މައްސަލަ މިހާރު މި އޮތީ އިނިގިރޭސީންގެ ސިޔާސީ ކޯޅުމަކަށް ވެސް ބަދަލުވެފަ އެވެ.

އިނގިރޭސި ނޫސްތައް ބުނާ ގޮތުން މައްސަލަ ހޫނުވި ވަރަކީ އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު ހޫގޯ ސްވެއާ ނަޝީދުގެ މައްސަލައިގައި ބޭއްވި ބައްދަލުވުމަކަށް ޝެރީ ވެއްދެވުމަށް ދެކޮޅު ހެއްދެވީ އެވެ. އެ އޮފީހުގެ އިސް ޑިޕްލޮމެޓުންނާ ހަވާލާދީ ނޫސްތަކުން ބުނަނީ، ނަޝީދުގެ މައްސަލައިގައި މަޝްވަރާ ކުރުމަށް ފޮރިން މިިނިސްޓަރު ދުންޔާއާ އެކު ސްވެއާ ބާއްވަން އުޅުނު ބައްދަލުވުން ފަހު ވަގުތު ކެންސަލް ކުރީ، ޝެރީ އާ އެކު ދުންޔާ މިނިސްޓަރާ ބައްދަލު ކުރައްވަން ބޭނުންފުޅުވުމުންނެވެ.

"މިިނިސްޓަރެއްގެ ބައްދަލުވުމުގައި ބޮޑު އަގު ދީފައި ހަޔަކުރާ ލޯފާމެއްގެ ބޭފުޅަކު އިންނަން ޖެހޭ ކަމަށް ޕްރޮޓޮކޯލްތަކަށް ގަބޫލެއް ނުކުރެވޭ. އެ ބައްދަލުވުމުގައި ޝެރީ ބައިވެރިވެ ވަޑައިގަންނަވަން ޖެހޭ ހައިސިއްޔަތެއް އޮތްކަމަކަށް ފޮރިން މިނސްޓްރީ އަކުން ނުދެކޭ،" މިއީ ޑިޕްލޮމެޓްގެ ބަސްމަގު ހުންނެވި ގޮތެވެ.

ނަޝީދާ ދެކޮޅަށް ޝެރީ ބްލެއާގެ ގާނޫނީ މަސައްކަތްތައް ބައްޓަން ކުރެއްވުމާ އެކު އެންމެ ބޮޑު ފާޑު ކިޔުމަކީ، އެ މަސައްކަތަށް ދިވެހި ސަރުކާރުން، ޝެރީ އޮމްނިއާ ސްޓްރެޓެޖީއަށް ދައްކާ އަގެއް އާންމުންނާ ހަމަޔަށް ތިލަނުވުމެވެ. އިނގިރޭސީންގެ ބައެއް ނޫސްތަކުން ޝެރީ ސިފަކުރަނީ ފަގީރު ގައުމެއްގެ ރައްޔިތުންގެ ޓެކްސް ފައިސާ ނަންގަވައިގެން އެއްވެސް އުސޫލެއް ނެތި މަސައްކަތް ކުރައްވާ ބޭކަނބަލެއް ކަމަށެވެ. އެއީ ހުތުރު މަސައްކަތެއް ކަމަށް އެއްބަޔަކު ސިފަ ކުރެ އެވެ.

އެހެން ނަމަވެސް ޝެރީ ބްލެއާ ވިދާޅުވެފައި ވަނީ، އެކަމަނާ މަސައްކަތް ކޮށްދެއްވަނީ ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ޑިމޮކްރަސީއެއް ވަރުގަދަ ކުރައްވައި، ގާނޫނީ ގޮތުން ގެންނަން ޖެހޭ އިސްލާހުތައް ގެންނެވުމަށެވެ. އަދި ނަޝީދު ކުރެއްވި ކުށަކަށް އަދަބު ދިނުމަކީ މުޅި ރާއްޖެއަށާއި ސަރުކާރަށް ދަޔި ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ. ޝެރީ ވިދާޅުވަނީ ޑޮމޮކްރަސީގެ ޅަފަތުގައި ހުންނަ ގައުމުތަކަށް ފާޑުކިޔުމުގެ އިތުރަށް ކަންކަން ރަނގަޅު ކުރަން ކޮންމެހެން ވެސް އެހީތެރިވާން ޖެހޭނެ ކަމަށެވެ.

"ރާއްޖެއަކީ ޑިމޮކްރަސީގެ ވަރަށް ޅަފަތުގައި އޮތް، ޑިމޮކްރަސީ ކުރިއެރުވުމުގައި މަސައްކަތްތަކެއް ކުރަމުން އަންނަ ގައުމެއް. އަދި ގާނޫނީ މުއައްސަސާތައް ކުރިއެރުވައި ހަރުދަނާ ކުރުމުގައި ސަރުކާރުން ކުރާ މަސައްކަތްތަކަށް ފުރުސަތު ދޭން ޖެހޭ. އެފަދަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ރާއްޖެއާ މެދު ދަތިކުރުމަކީ އިންސާފުން ބޭރުން ކުރެވޭ ހަމައެއްލަމައެއް ނެތް ކަމެއް،" އެ ފާޑު ކިޔުންތަކަށް ޝެރީގެ ރައްދު ދެއްވަނީ މިހެންނެވެ.

ނަޝީދުގެ މައްސަލައިގެ ދެކޮޅުގައި ތިއްބެވި މަޝްހޫރު ލޯޔަރުންގެ ވާހަކަ އެންމެ ބޮޑަށް ފަލަ ސުރުހީތަކުން ޖާގަ ހޯދީ އަމާލް އާއި ޖެރެޑް ޖެންސާ ދާދިފަހުން ރާއްޖެ ވަޑައިގެން ނަޝީދާ ބައްދަލު ކުރެއްވުމަށް ފަހު އެމަނިކުފާނު ޖަލުން ނެރެން ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ދުނިޔޭގައި މަސައްކަތް ކުރެއްވުމަށް އެ ދެ ލޯޔަރުން ވައުދުވެ ވަަޑައިގަތުމުން، ޝެރީ ބްލެއާގެ އެބޭފުޅުންނަށް ރައްދު ދެއްވުމުންނެވެ. ދިވެހި ފޮރިން މިނިސްޓްރީގެ ގުޅިފައިވާ ބަޔާނެއް މެދުވެރި ކުރައްވާ ޝެރީ ވިދާޅުވަނީ އެއީ ތާކުންތާކު ނުޖެހޭ، އިންސާފުން އެއްކިބާވެފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނެތް ކަމަށް ބުނެ، ޝެރީގެ ވަކާލާތު މިހާރު ވެސް ވަނީ ފައްޓަވައިފަ އެވެ.

އެކަމާ ގުޅިގެން ދޭތެރެ ދޭތެރެއިން އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ވެސް ކޮންޒަވޭޓިވުންނާއި ލޭބަ ޕާޓީގެ މެންބަރުންގެ މެދުގައި މިދިޔަ ހަފްތާއެއްހާ ދުވަހު ބަހުސްތައް ވެސް ހިނގާފައި އެބަ ހުއްޓެވެ. ލޭބާ ޕާޓީގެ މެންބަރުން ވިދާޅުވަނީ ނަޝީދު ކުށެއް ނުކުރައްވާ ކަމަށް ނުވާނެ ކަމަށާއި އިނގިރޭސިވިލާތުގެ ރައީސް ފަނޑިޔާރަކު އެކަހެރި ކޮށްފި ނަމަ ހަރުކަށި އަދަބު އެ ގައުމުގައި ވެސް ދޭނެ ކަމަށް ބުނެ އެވެ. ކޮންޒަވޭޓިވުންގެ ހިޔާލަކީ ނަޝީދުގެ މައްޗަށް ޝަރީއަތް ކުރި އިޖުރާއަތްތައް އިންސާފުން ބޭރު ކަމަށެވެ. އަދި މި ސަރުކާރަކީ ޑިމޮކްރަސީއާ ރަށްޓެހި ސަރުކާރެއް ނޫން ކަމަށް ކޮންޒަވޭޓިވުން ވަކާލާތު ކުރެ އެވެ.

ރައީސް ޔާމީނާއި ރައީސް ނަޝީދާ ދެބޭފުޅުން އިނގިރޭސި އެންމެ ވަރުގަދަ ގާނޫނީ ދެ ފަހުލަވާނުން ހަނގުރާމައަށް ނެރުއްވުމުން އެ މައްސަލައިގައި އިނގިރޭސި ސިޔާސީ ކޮއިލުވެސް މި އޮތީ ދެބައިވެފަ އެވެ. މި ދެ ވަކީލުންނަކީ ވެސް އިންސާނީ ހައްގުތައް ރައްކާތެރިކޮށްދީ އަންހެނުންގެ ހައްގުތަކަށް ވަކާލާތުކޮށް ޑިމޮކްރަސީއަށް ބާރުދޭ ބަޔަކަށްވާއިރު، މައްސަލައެއްގެ ދެ ފަރާތުގައި ތިއްބަވައިގެން މަސައްކަތް ކުރެއްވުން މި އޮތީ ވަރަށް ނުފާޑުގެ ކަމަކަށް ބަދަލުވެފަ އެވެ. މި މައްސަލަ މިހާރު މި އޮތީ އިނގިރޭސީންގެ ދެ ޕާޓީއެއްގެ ދެމެދުގައި އޮންނަ ސިޔާސީ ކޯޅުމަކަށް ވެސް ބަދަލުވެ ނިމިފަ އެވެ.