އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބެހެއްޓުމުގެ މާ ބޮޑު އިންސާފެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ނަޝީދުގެ ވާހަކަފުޅާމެދު ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ސުވާލު އުފައްދަވައިފި އެވެ.
ރައީސް ނަޝީދު ދިވެހިން ލިޔުއްވާފައިވާ މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށެވެ.
އެ މެސެޖްގައި ދެން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށެވެ. އަދި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ.
"މަރު ކޮމިޝަން ވެސް ހަމަ މިފަދަ. ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނީ ކުރަން،" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ނަޝީދުގެ އެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ސައުދު ހުސައިން ވިދާޅުވީ ގޮތްނޭގޭ މަރުތަކާއި ކޮރަޕްޝަން މައްސަލަ ތަކުގެ ވާހަކަ ދައްކާއިރު ކުރީ ސަރުކާރުން ނުހައްގުން ވަޒީފާތަކުން ވަކިކުރުމުން އިޔާދަކުރުމަށް ވައުދުވި ވަޒީފާތައް އިޔާދަ ނުކުރެވި އެތައް ބަޔަކު ހާލުގައި އުޅޭއިރު އެ ވާހަކަތައް ނުދައްކާ ކަމަށެވެ.
ސައުދު ވަނީ ވަކި ވާހަކަތަކެއް ދައްކަނީ ޑީލެއް ހައްދަވަން ނޫންތޯ ސުވާލު ކުރައްވާފައެވެ.
"ގޮތްނޭގޭ މަރާއި ކޮރަޕްޝަން މައްސަލަތަކުގެ ވާހަކަ ދައްކާއިރު ކުރީ ސަރުކާރުން ނުހައްގުން ވަޒީފާތަކުން ވަކިކުރުމުން އިޔާދަކުރުމަށް ވަޢުދުވި ވަޒީފާތައް އިޔާދަ ނުކުރެވި އެތައްބަޔަކު ހާލުގައި އެބައުޅޭ، މިވާހަކަ ނުދައްކަވަނީ ކީއްވެތޯ؟ އަނެއްކާ ބަހަނާދައްކާ ޑީލް ހައްދަވަނީތޯ؟." ސައުދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.