ރާއްޖެ ކުޅިވަރު

އީގަލްސް އާއި މާޒިޔާ ވެސް ބޭނުންވަނީ އެއް ވަނަ

Sep 21, 2015

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދާން ބޭނުންވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކަމަށް އީގަލްސް އާއި މާޒިޔާއިން ވެސް ބުނެފި އެވެ.

މިދެ ޓީމަކީ އައްޑޫ ސިޓީގައި ކުޅެމުންދާ ގްރޫޕް ބީގައި މިވަގުތު އެންމެ ކުރީގައި އޮތް ދެ ޓީމެވެ. ގްރޫޕް ސްޓޭޖުގައި ފަހު މެޗަށް މި ދެ ޓީމު މިއަދު ނުކުންނައިރު އީގަލްސް އަށް އެއްވަނަ ލިބޭނީ މިހާރު ވެސް ސެމީ އަށް ގޮސްފައިވާ މާޒިޔާ ބަލިކޮށްގެންނެވެ. އެއީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާއެކު މިވަގުތު އެއްވަނާގައި އޮތް މާޒިޔާ އޮތުމުންނެވެ. ވިކްޓަރީއާ އެއްވަރުވެ، ވެލެންސިއާ އަތުން މޮޅުވުމުން އީގަލްސް އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

އެއްވަނަ މަގާމުގެ ވާދަވެރިކަން އޮތްއިރު މި ސެމީގެ ފަހު ޖާގަ އަށް ވާދަކުރަނީ އީގަލްސް އާއި ވިކްޓަރީ އެވެ. އެކަމަކު މިއަދުގެ މެޗު އެއްވަރުވި ނަމަވެސް ވިކްޓަރީ އަށް ސެމީގެ ދޮރު މުޅިން ބަންދުވާނެ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ އޭނާގެ ޓީމުން ބޭނުންވަނީ އެއްވަނަ މަގާމު ކަމަށެވެ.

"އީގަލްސް އިން ބޭނުންވަނީ ދެވެން އޮތް އެންމެ ދުރަކަށްދާން. އެއްގޮތަކަށް ވެސް ކިރިޔަކިރިޔާ ސެމީން ޖާގަ ހޯދާކަށް ބޭނުމެއްނޫން. އީގަލްސް އަކީ ވެސް މިހާރު ބޮޑު ކުލަބެއް. އީގަލްސް މަސައްކަތް ކުރާނީ އެންމެ ކުރީގައި އޮންނަން އަބަދުވެސް،" ވެލެންސިއާ މެޗަށް ފަހު ވާހަކަ ދައްކަމުން ސާންތީ ބުންޏެވެ.

މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ އޭނާގެ ޓީމަށް ދެ ވަނަ މަގާމު ހޯދަން ބޭނުންނުވާ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ދެ ވަނަ އަށް ގޮސްފިނަމަ (ސެމީގައި) ކުޅެން ޖެހޭނީ ކުޅުދުއްފުށިން (ގްރޫޕް އޭގެ) އަންނަ އެންމެ ވަރުގަދަ ޓީމާ. އެހެންވީމަ އެއްގޮތަކަށް ވެސް ސެމީގައި އެގޮތެއް މާޒިޔާ ބޭނުމެއްނޫން. މާޒިޔާ މަސައްކަތް ކުރާނީ އެއްވަނަ އަށް،" ސުޒޭން ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލް މެޗުތައް ކުޅެން ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އެވެ.