ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް ކިތަންމެ ހަނި ފުރުސަތެއް އޮތް ނަމަވެސް މާޒިޔާގެ ކޯޗު އަލީ ސުޒޭން އެދެނީ ވިކްޓަރީ ސެމީ ފައިނަލްގައި ކުޅެން ކަމަށް އޭނާ ބުނެފި އެވެ.
މާޒިޔާ އާއި ވެލެންސިއާ އަދި ވިކްޓަރީ އާއި އީގަލްސް ހިމެނޭ ގްރޫޕުން މިހާރު ސެމީ އަށް ގޮސްފައިވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު މާޒިޔާ އެވެ. ވެލެންސިއާ މުބާރާތުން ކަޓާފައިވާއިރު ވިކްޓަރީ އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ މިއަދު މާޒިޔާ އަތުން އީގަލްސް ބަލިވެގެންނެވެ. އެއިރުން ވެލެންސިއާ ބަލިކޮށް ފައިދާ ގޯލުން ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ވިކްޓަރީ އަށް ސެމީ ފައިނަލަށް ދެވިދާނެ އެވެ.
މުބާރާތުގައ ވިކްޓަރީ ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ސުޒޭން ބުނީ ވިކްޓަރީ އަށް ދެރަގޮތެއް އޭނާ ނޭދޭނެ ކަމަށެވެ.
"މާޒިޔާ މި އޮތީ ސެމީ ފައިނަލުގައި. ދެން (ސެމީ އަށް) ވާދަކުރަން އޮތް ދެ ޓީމަށް ބަލާއިރު ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުގެ ހެޔޮއެދުންތައް އަބަދުވެސް ވިކްޓަރީއާއެވާނެ. މި މުބާރާތުގައި ވިކްޓަރީ ރަނގަޅު ކުޅުމެއް ވެސް ދައްކައިފި،" ވިކްޓަރީ 2-0 އިން ބަލިކުރުމަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ.
ގްރޫޕުގެ ފަހު މެޗުގައި ވެލެންސިއާ އާއި ވިކްޓަރީ ކުޅޭނީ މާދަމާ އެވެ. ވިކްޓަރީ އަށް ސެމީ އަށް ދެވޭނީ އީގަލްސް ނެރޭ ނަތީޖާއަކުން ނަމަވެސް އެ ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ އޭނާގެ ޓީމަށް އޮތީ ފަޅި ފުރުސަތެއްނޫން ކަމަށެވެ.
"އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން އަޅުގަނޑުމެންނަށް އޮތީ ފަޅި ފުރުސަތެއް ކަމަށް. ވެލެންސިއާ ބަލިކޮށްފައި އަޅުގަނޑުމެންނަށް ސެމީ އަށް ދެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް،" ފެސްކޯ ބުންޏެވެ.