ރާއްޖެ ކުޅިވަރު

ނިއު އަށް ކާޑުގެ މައްސަލަ

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް މަހިބަދޫއާ ދެކޮޅަށް ނުކުންނައިރު ނިއުރޭޑިއަންޓަށް ކާޑުގެ މައްސަލަ ކުރިމަތިވެއްޖެ އެވެ.

ޓީމުގެ ކޯޗު ސޮބާހް މުހައްމަދު މިއަދު ބުނީ މުބާރާތުގައި ނިއުކުޅޭ އެންމެ މުހިންމު މެޗަށް ނުކުންނައިރު މުހިންމު ދެ މިޑްފީލްޑަރުން ކަމަށްވާ ވިލިއަމް މަކޯ އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އަށް ދެ ރީނދޫކާޑު ހަމަވެފައިވާ ކަމަށެވެ.

"އެމީހުން ނެތުމަކީ ވަރަށް ބޮޑު ދެރައެއް ޓީމަށް. އެކަމަކު ނިއު ރޭޑިއަންޓަކީ ރާއްޖޭގެ އެންމެ ބޮޑު ޓީމު. އެތަނަށް އަރާ ކޮންމެ ކުޅުންތެރިއަކު ވެސް އެބައި ފޫބައްދާނެ. ޓީސީ އަތުން ބަލިވި ނަމަވެސް ނިއު އިރާދަކުރެއްވިޔާ މި މެޗުން މޮޅުވެ ސެމީ އަށް ދަތުރުކުރާނެ،" ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.

މުބާރާތުގައި ނިއު ކުޅުނު ފުރަތަމަ މެޗުގައި މޮޅުވީ ބީޖީ އަތުން 3-1އިންނެވެ. ނަމަވެސް ޓީސީ އަތުން ބަލިވީ 1-0އިންނެވެ. ސޮބާ ބުނީ ޓީސީ އަތުން ބަލިވުމަކީ ދެރައެއް ކަމަށާއި ނަމަވެސް ނިއު އަށް މުބާރާތުގައި ކުރިއަށް ދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"އެހެންވީމަ ނިއު ހަމަޖެހިލައިގެން ކުޅެ ސެމީ އަށް ދިއުމުގެ ފުރުސަތު އެބައޮތް. މަހިބަދޫ މެޗަށް ހުރިހާ ކުޅުންތެރިން ވެސް ވަނީ ތައްޔާރުވެފައި،" ސޮބާ ބުންޏެވެ.

ގްރޫޕް އޭގައި ސެމީ ފައިނަލްގެ ފުރުސަތު ނިއު އާއި ބީޖީ އޮތްއިރު ޓީސީ ވަނީ ސެމީ އަށް ދަތުރުކޮށްފަ އެވެ.