ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 17 މީހަކު ރަނގަޅު ވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ ބުނީ ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން މިއަދު 17 މީހަކު ރަނގަޅުވެފައިވާ ކަމަށް ބުންޏެވެ. މި މީހުންނާއެކު ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 144 އަށް ވަނީ އަރާފައެވެ.
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެވެފައިވަނީ 58 މީހުންނެވެ. ކޮއެ މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހުންގެ އިތުރުން އިންޑިއާގެ 14 މީހެއްގެ އިތުރުން ނޭޕާލްގެ ހަ މީހެއް ކަމަށެވެ. މިއަދު ޕޮޒިޓިވް މި 58 މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1371 އަށް އަރާފަ އެވެ.
މިވަގުތުވެސް އައިސޮލޭޝަންގައި 1127 މީހުން އެބަތިއްބެވެ. އަދި ކަރަންޓީންގައި 1650 މީހުން އެބަ ތިއްބެވެ.
މިހާތަނަށް ރާއްޖެއިން 18،111 ސާމްޕަލް ވަނީ ނަގާފައެވެ.
މި ބަލި ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެސް ވެފައެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ތިން ދިވެހިންނަކީ ވެސް އުމުރުން ދުވަސްވީ މީހުނެވެ.
މީގެ އިތުރުން ކޮވިޑް ޖެހުމަށްފަހު ރަނގަޅުވީ ދުވަސްވީ އަންހެން ވަނީ މަރުވެފަ އެވެ. އެއީ ނ. މަނަދޫން ފުރަތަމަ ކޮވިޑް ޖެހުނު މީހާ އެވެ. އެމީހާ އެ ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.