ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

145 މީހަކު ހޮސްޕިޓަލްގައި، 8 މީހަކު އައިސީޔޫގައި

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 145 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި ކަމަށާ އޭގެ ތެރެއިން 8 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 145 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 129 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން ބ. އޭދަފުށީ ކޮވިޑް ސެންޓަރާއި ށ. ފުނަދޫ ކޮވިޑް ސެންޓަރުގައިވެސް ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަފްޒަލް ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 8 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަތް މީހަކަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގެ އައިސީޔޫގައެވެ. އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައިވެސް ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި ފަސް ބިދޭސީންނެވެ.