ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަ މީހަކު އައިސީޔޫގައި، ދެ މީހަކު ވެންޓިލޭޓަރުގައި

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 92 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި ކަމަށާ އޭގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ދެ މީހަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 92 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 87 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ތިން މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން ބ. އޭދަފުށީ ކޮވިޑް ސެންޓަރާއި ށ. ފުނަދޫ ކޮވިޑް ސެންޓަރުގައި ވެސް ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ނަޒްލާ ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ފަސް މީހަކަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގެ އައިސީޔޫގަ އެވެ. ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ވެސް އެކަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ބަލި ހަލުވި ކަމާއެކު ދަނީ ފެތުރެމުންނެވެ. ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އިއްޔެ އެކަނި ވެސް 200 ވުރެ ގިނަ މީހުން ޕޮޒިޓިވްވި އެވެ. ކޮވިޑްގައި މިހާތަނަށް 18 މީހަކު ވަނީ މަރުވެފައެވެ. އެއީ 13 ދިވެހިންނާއި ފަސް ބިދޭސީންނެވެ.