މާޒިޔާ

ފުޓްބޯޅައިގެ އެންމެ ޑެޑިކޭޓެޑް ޗެއާމަން

ފަހުގެ ތާރީހްގައި ރާއްޖޭގެ ފުޓްބޯޅައަށް އެންމެ ބޮޑު ހޭދައެއް ކުރެއްވި ޗެއާމަނަކަށް، މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު ވެވަޑައިގަންނަ ވާނެ ކަމަށް، އެ ކުލަބުގެ މެނޭޖަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

އެފްއޭއެމުން ގެނެސްދޭން ފަށާފައިވާ ފުޓްބޯޅަ ޓޯކް ޝޯ ގައި ވާހަކަ ދައްކަމުން، ވަހީދު ވިދާޅުވީ އެއީ އެހެން ކުލަބުތަކުގެ ޗެއާމަނުންނަށް ބުނާ ދެރަ ބަހެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ޗެއާމަން އަހްމަދު ސާޖިދަކީ މިވަގުތު ފުޓްބޯޅައަށް އެންމެ ބޮޑު ހަރަދެއް ކުރައްވާ އަދި އެންމެ ޑެޑިކޭޓެޑް ޗެއާމަން ކަންނޭންގެ،" ވަހީދު ވިދާޅުވި އެވެ. "މިއީ ދޮގަކަށް ނުވާނެ ކަންނޭންގެ، އެހެން ބޭފުޅުންނަށް ދަންނަވާ ކުޑަ އިމީސް ބަހެއް ނޫން މިއީކީ."

އޭނާ ވިދާޅުވީ، އެޑްމިނިސްޓްރޭޓިވްލީ ކުލަބު ހިންގުމުގެ ގާބިލުކަން މާޒިޔާގެ އެބަހުރި ކަމަށާއި މާޒިޔާ އާއެކު ގިނަ އަހަރުތަކެއް ވަންދެން ސްޕޮންސަރުން ދެމިތިބުމަކީ އޭގެ ހެއްކެއް ކަމަށެވެ. ކޮކޯކޯލާ ކުންފުންޏާއި އޭޑީކޭ ކޮމްޕެނީ އިން ފާއިތުވެދިޔަ 10 އަހަރު މެދުކެނޑުމެއް ނެތި މާޒިޔާއަށް ސްޕޮންސާޝިޕް ދޭނީ މާޒިޔާގެ ހިންގުމުގައި ހަރުދަނާ ކަންތައްތަކެއް ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޑްމިނިސްޓްރޭޓިވް ކެޕޭސިޓީ އެބަހުރި، އަޅުގަނޑުމެންވެސް ބޭނުން ވަނީ ފައިންނޭންޝިއަލް ސަޕޯޓް، ޓީމުގައި ކޮންމެވެސް ވަރެއްގެ ބެކަޕެއް ހެދުމަށް ޗެއާމަން އަހްމަދު ސާޖިދު ވެސް ވަނީ މަސައްކަތްތަކެއް ކުރައްވާފަ އެހެންނަމަވެސް ހަމައެކަނި އަހްމަދު ސާޖިދުގެ އެހީއަކުން ޓީމެއް ނުހިންގޭނެ، އަޅުގަނޑުމެން އެބަ ބޭނުންވޭ އެހީތައް."

އެ ޕްރޮގްރާމްގައި ވާހަކަ ދެއްވި ޓީސީ ސްޕޯޓްސް ކުލަބުގެ ފައުންޑާ އަހްމަދު ނަޝީދު ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅައަށް ގިނަ މުއްދަތެއް ފާއިތުވެގެން ދިޔައިރުއަމިއްލަ މަސައްކަތުން ތެދުވަން މަސައްކަތް ކުރާ ކުލަބެއް އޮތް ނަމަ އެ ކުލަބަކީ މާޒިޔާ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހަމައެކަނި އޭގައި ރަނގަޅަށް މަސައްކަތް ކުރާ ކުލަބަކީ މާޒިޔާ، މާޒިޔާގައި ކޮންމެވެސް ވަރެއްގެ ބެކަޕެއް އެބައިން."

ވޭތުވެދިޔަ 11 ވަރަކަށް އަހަރަށް ބަލާއިރު ކުލަބުތަކުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ބަރާބަރަށް ފުރިހަމަކޮށް ދޭ ކުލަބެއް މާޒިޔާ ނޫނީ ފެނިފައެއް ނެތެވެ. އެހެން ކޮންމެ ކުލަބެއްގައި މުސާރަ ނުދީ ޕެންޑިންގައި ގިނަ މަސްތަކެއް ބާކީ އެބަހުއްޓެވެ. ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގައި ކުލަބުތަކާ ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއްވެސް އެފްއޭއެމް އާއި ފީފާއިން ވަނީ އަޅާފަ އެވެ.

ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް، ވެސް ވަނީ މާޒިޔަގެ ޗެއާމަން އަހްމަދު ސާޖިދުގެ މަސައްކަތް ވެސް މީގެ ކުރިން ފާހަގަ ކުރައްވާފަ އެވެ.

"އަޅުގަނޑަށް ފެނުނު ކުލަބުތަކުގެ ތެރެއިން އެންމެ ރަނގަޅަށް މިހާރު ހިނގާ އެންމެ ބަރާބަރަށް ހިންގާ މެނޭޖުމެންޓް އޮތް ކުލަބަކީ ވެސް މާޒިޔާ،" ފެބްރުއަރީ މަހު މަހްލޫފް ވިދާޅުވެފައި އެވެ. "އަދި އެގޮތަށް ވަކި ފަރުދަކު ކުލަބަކަށް އެންމެ ބޮޑު ހޭދައެއް ކުރައްވާ ބޭފުޅަކަށް އަޅުގަނޑަށް ފެނުނީ އަހްމަދު [ސާޖިދު] އެ ކުރައްވާ މަސައްކަތް، އެކަން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކުރަން."