(24 މެއި 2020 އާ ގުޅޭ)
"ކޮންތާކަށް ދިޔައީ؟" ލައިތު އެއްސެވެ. ކެންޒާއަށް ވިސްނާލެވުނެވެ. ލައިތު ގޮވާލުމުން ކެންޒާ ވާހަކައެއް ހަދާލިއެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާ ހުންނަނީ ރާއްޖޭން ބޭރުގައިކަން ކެންޒާ ބުނެލިއެވެ. ފޯނުންނޫން ގޮތަކަށް ދެންމެ އެ ދެމެދުގައި ވާހަކަދެކެވުނުނަމަ ކެންޒާގެ ދޮގު ފަޅާއެރީސްކަން ޔަގީނެވެ. އެމޫނުގައިވި ޖެހިލުންވުން ފަޅިސިކުންތެއްގެ ތެރޭ ލައިތު ދެނެގަންނާނެކަން ގައިމެވެ. އެކަމަކު އެހެންނުވާނޭކަން އެނގޭތީވެ ކެންޒާގެ ތުންފަތުގައިވީ މާނަފުން ހިނިތުންވުމެކެވެ. އޭނާ ބުނި ކޮންމެ އެއްޗެއް ލައިތަށް ޖެހޭނީ ޤަބޫލުކޮށްލައިގެން ހުންނާށޭ ހީވާކަހަލައެވެ.
* * * * *
"މާލެ ދާން ބޭނުންވެފަ ދޯ ތިހުންނަނީ" ތަނަވަސް ބޮޑު ކޮޓަރީގެ ބެލްކަނީގެ ދޮރުމަތީ ހުއްޓިލި ރައުދާ ބުންޏެވެ.
ފަތިހުގެ އެވަގުތު ހިމޭންވެފައި އޮތް މަގު ފޮރުވިފައިވަނީ ދުންފިނިންނެވެ. ވައިރޯޅީގެ ކިތަންމެ ކުޑަ ބީހިލުމަކާއެކު ވެސް ގަސްތަކުގައި ދޮންވެފައި ހުރި ފަތްތައް އާރެއްބާރެއްނެތް ފަދައަކުން ގަހާ ވަކިވެގެންދެއެވެ. ޚަރީފު މޫސުން ނިމި ފިނިމޫސުން ފެށެން އުޅެނީއެވެ. އާވިއަރައަރާ ހުރި ކުޑަކުޑަ ކޮފީ ޖޯޑު ހިފައިގެން މިފްރާހު ހުރީ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. ބޭރުކޮށްލާ ނޭވާ ފާހަގަވާހާ ފަޒާ ފިންޏެވެ. އެއީ އޭނާ އުޅެބޮޑުވި މާޙައުލެވެ. އެ މާޙައުލުގެ ކޮންމެ ކަމަކަށް އޭނާވަނީ ހޭނިފައެވެ. ފުން ޚިޔާލެއްގައި ހުއްޓާ އޭނާގެ ސަމާލުކަން އަތުލީ ފަހަތުން އިވުނު މަންމަގެ އަޑެވެ.
"މަމް..." މިފްރާހު ގޮވާލި ގޮތުން ރައުދާ ބުނިއެއްޗަކާ އޭނާ ދެކޮޅުނުހަދާކަން އެނގެއެވެ.
"މިހެންވާނެކަން އެނގޭތީ ފުރަތަމަ ވެސް މިފޫ ދާން މަންމަ އެއްބަސްނުވީ" ރައުދާގެ ކޮނޑުމަތީ އަޅާލެވިފައިވާ ޝޯލު ދެފަރާތުން ގެނެސް އިހުނަށްވުރެ ބޮޑަށް ހަށިގަނޑު ނިވާކޮށްލިއެވެ. މަޑުމަޑުން އައިސް މިފްރާހުގެ ގާތުގައި ރައުދާ ހުއްޓުނެވެ.
"ކީއްވެތަ ޑޭޑް ދޮގު ހެދީ" މިފްރާހު އެއްސެވެ.
"ދަރިފުޅަށް އެނގޭނެ ކީއްވެކަން، މާލެއަށް މިފޫ ދާން މަންމައާއި ބައްޕަ ނޭދެނީ ކީއްވެކަން ވެސް އެނގެއެއްނު، މުބީން އެހެރީ މަންމަމެންނަށް ނުހިފެއްޓޭ ހިސާބަށް ގޮސްފައި، އަހަރެމެންގެ ލޭ އެ ހަށިގަނޑުގައި ހިނގާއިރު ދަރިއެއްނޫނޭ ބުނެވޭކަށްނެތް، އޭނާގެ ހައްދުފަހަނައަޅާފައިވާ ދިރިއުޅުމަށް ދަރިފުޅު ނުވަދެއެއް ނުހުންނާނެ.... މަންމަ މިހެން މިބުނަނީ ދަރިފުޅަށް އިތުބާރުނުކުރާތީއެއްނޫން، މަންމަގެ މިހިތް ބިރުގަންނަވަރުން، އެހެންކުދީންނަށްވުރެ އަބަދުވެސް މުބީން ދަރިފުޅަށް ސަމާލުކަންދޭ، އޭނާ ޚާއްޞަ ލޯތްބެއް ދަރިފުޅުދެކެ ވާކަން އެނގޭ، ޢާއިލާގެ އެންމެ ދޮށީކުއްޖާ އުޅުމެއްނެތި ވިޔާނުދާވީހެން އެންމެ ހަގުކުއްޖާ އެމަގުން ހިނގާފާނެތީ ބިރުގަނޭ" ރައުދާގެ ހިތުގައި އަބަދުމެ ހިނގަހިނގާ ހުންނަ ކަންބޮޑުވުން ފާޅުކުރިއެވެ.
"މާބެ އުޅޭހެން އަހަރެން ނޫޅޭނަން، މަމް ހާސްނުވޭ، އަހަރެން މިކޮޅަށް ގެނައީ އޮޅުވާލައިގެންކަން މާބެ ކައިރީ ނުބުނާނަން، ބައްޕަ އެދުނީތީ އަހަރެން އެއްބަސްވިހެން ތިންމަހު މިކޮޅުގައި މަޑުކުރާނަން، އަހަރެން މާލެ ދިޔަޔަސް އެނބުރި މަންމަމެންގެ ގާތަށް އަންނާނީ، އެކަމަކު ދުވަސްކޮޅަކު އަހަރެން މާލޭގައި ހުންނަން ބޭނުން" މިފްރާހު ބުންޏެވެ.
"ކަލީމް ބޭނުންވަނީ ދަރިފުޅުގެ ބޭބެ މުރާދާއެކު ވިޔަފާރީގައި މިފޫ ވެސް ބައިވެރިވާން، ކިޔަވާ ވެސް ނިމިފަ ތިހުރީ، ދެންވީ ދުވަސްތައް ބޭކާރުގޮތުގައި ދުއްވާނުލާ ހަރުދަނާ މީހަކަށްވާން" ހާމަކުރީ ރައުދާގެ ވެސް އުންމީދެކެވެ.
ކަލީމްއާއި ރައުދާގެ ހަތަރުބެން ތެރެއިން އެންމެ ދޮށީ މުބީނެވެ. އޭނާއަށް ތިރީސް ހަތަރު އަހަރެވެ. ދެން ހުންނަނީ އޮނަތިރީސް އަހަރުގެ މުރާދެވެ. އެއަށްފަހު އެ ދެމަފިރިންގެ ހަޔާތަށް އަންހެން ދަރިއެއްގެ ނަސީބު ލިބުނެވެ. މާހާއަށް ސައްބީސް އަހަރެވެ. އެންމެ ހަގުކުއްޖަކީ ފަންސަވީސް އަހަރުގެ މިފްރާހެވެ. އެމީހުންގެ ހަގު ދަރިފުޅު ނޫނީ އެހެން ހުރިހާ ކުދީން އުޅެނީ މީހުންނާ އިނދެގެން އެ ދެމަފިރިންނާއެކުއެވެ.
"ފިނިގަދަވާން ފަށައިފި، އެތެރެއަށް ވަންނަމާ" ރައުދާގެ އެދުމަށް މާގިނަފަހަރު ނޫނެކޭ ބުނަން ޖެހޭތީ މިފްރާހުގެ ވާހަކަ ބަދަލުކޮށްލިއެވެ. މަންމަގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ދެމައިން ބެލްކަނިން ކޮޓަރިއަށް ވަނެވެ. ދޮރުލައްޕާލިއެއްކަމަކު ކޮޓަރީގައި ހިފާފައި ހުރި ފިނިކަން ވަގުތުން ފިލައިގެން ނުދިޔައެވެ. މަންމަ ގޮވައިގެން އޭނާ ކޮޓަރިން ނުކުތީއެވެ.
"މަމާސް ބޯއި" ބަދިގެއަށް ވަން މިފްރާހު ފެނި މާހާ ގޮވާލިއެވެ. އެތަނުގައި މުރާދުގެ އަންހެނުން ނޫރާއާއި މުބީންގެ އަންހެނުން ސަނާ ވެސް ހުއްޓެވެ. މިފްރާހު ބެހެއްޓި ހުސް ޖޯޑު ނަގައި ތަށިދޮންނަ މެޝިނަށް ނޫރާއެވެ. ސަނާގެ ދެ އަންހެން ދަރީންނާއި ނޫރާގެ ފިރިހެން ދަރިފުޅުގެ ސަކަރާތުގެ އަޑު ހިފާލާފައި ހުއްޓެވެ. ދައްތަ މާހާ އިނީ ސަނާގެ ހަތްމަހުގެ އަންހެން ދަރިފުޅު އުރާލައިގެންނެވެ. މިފްރާހުގެ ހިތުގައި ސަނާއާ މެދު ހަމްދަރުދީވިއެވެ. މާލޭގައި ހޭދަވި ދުވަސްތަކުގައި މުބީންގެ ދިރިއުޅުން އޭނާއަށް ފެނިފައި ހުރީމައެވެ. އަހަރު ދެކޮޅު ލިބުނު ދެކުދީންގެ ތެރެއިން ދޮށީ އާލިޔާއެވެ. އެކުއްޖާއަށް އަދިވީ ހަތަރުއަހަރެވެ. ދެން ހުރީ ތިންއަހަރުގެ އަމްރާއެވެ. އެކުދީންގެ ދިރިއުޅުން ބާއްޖަވެރިވެފައިވަނީ މަންމަ، ސަނާގެ ދިފާއުގައި ނުކުތީމައެވެ. ސަނާ ނުފޮނުވަން މުބީން ހުރީ ފައިވިއްދާފައެވެ. ދަރިންވިހަން ހުރި ޖަޕާނުމަހަކަށް ސަނާ ނުވަނީސް މަންމައާއެކު ދިރިއުޅެން އޭނާ ގެނައީ ކުރިމަގެއް ނެތްކަން މަންމައަށް ވިސްނޭތީއެވެ. ޅީދަރިފުޅާއި މާމަކުދީންގެ ހައްޤުގައެވެ. ޢާއިލާގެ އެކަކު ވެސް މުބީންއާ ގުޅުން ބާއްވާކަށް ބޭނުމެއްނުވެއެވެ.
"މަންމާ، މިފޫގެ މޫޑު ހަރާބުވީ ކިހިނެއްވީ؟" މިފްރާހު އަނގައިން ނުބުނުމުން މާހާ އެހީ ރައުދާގެ ކައިރީއެވެ.
"މާލެ ދާހިތުން އެހުންނަނީ" ރައުދާ ބުންޏެވެ.
"މާލޭގަ ކޮންކަމެއް އޮތީ؟ އަނެއްކާ އިންތިޒާރުކުރާނޭ ކުއްޖަކު ބަހައްޓާފަތަ ތިއައީ" މާހާގެ ވާހަކައަށް އެންމެންގެ ސަމާލުކަން ލިބުނެވެ. މިފްރާހު ލުއި ގޮތަކަށް ހީނލިއެވެ.
"އޯ! އެހެންވީމަ ރަނގަޅަށް ދޯ މިބުނެވުނީ" މާހާ ވަގުތުން ބުނެލިއެވެ.
"އަހަރެން ނުބުނަން އެއްވެސް އެއްޗެއް... ސިސްގެ ބޮޑު އަނގަ، އެނގިއްޖެ!" މިފްރާހު ބެލީ އަވަހަށް ދައްތަގެ ކުރިމަތިން ދުރަށް ދެވޭތޯއެވެ. ރައުދާގެ ގާތަށް ވެސް ހިނިއަތުވެއްޖެއެވެ. އެތަނުގައި ހުރި ނޫރާ ވެސް މިފްރާހާ ދިމާކޮށްލައިފިއެވެ. މިފްރާހު ހިފަހައްޓަންވެގެން އޭނާއާ ދިމާއަށް ދުވެފައި އައި މާހާގެ އަތުގައި ނުޖެހި މިފްރާހު ރެކިލިއެވެ. ހަލުވިކޮށް ދެ ހަރުފަތް ދޫކޮށް ސިޑިން އަރައިގެން އައިސް ކޮޓަރިއަށް މިފްރާހު ވަދެ ދޮރު ތަޅުލިއެވެ.
ދޮރުފަތުގައި ޖެހިލައިގެން ހުރި މިފްރާހަށް މާހާ ގޮވާ އަޑު އިވެއެވެ. އެހެންނަމަވެސް އެ އަޑު އޭނާއަށް ނީވޭ ކަހަލައެވެ. އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެލިއެވެ. މަޑުމަޑުން ހިއްލާލި ކަނާއަތް ގެނެސް މޭގައި ޖައްސާލައި ފިރުމާލިއެވެ. އަދި އެ އަތުގެ ޝަހާދަތްއިނގިއްޔާއި މެދުއިނގިލި ގެނެސް ފިނިކަމުން ހިކިފައިވި ދެތުންފަތުގައި ޖައްސާލައި މަޑުމަޑުން ފިރުމާލިއެވެ.
"އައި މިސް ޔޫ" މިފްރާހު ބުނެލީ އަމިއްލަ ނަފްސަށް އިވޭ ވަރަށެވެ. އޭނާ އައިސް އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އިރުކޮޅަކު އެހެންއޮވެފައި އޭނާ އަރިއަކަށް އެނބުރިލިއެވެ. ބަލަން އޮތް ގޮތުން ހީވަނީ ޖެހިގެން އޮތް ބާލީހުގައި ބޯއަޅާލައިގެން އިތުރު މީހަކު އެ އެނދުމަތީ އޮތީހެންނެވެ. މިފްރާހު އަނެއްކާވެސް ހިނިތުންވެލައިފިއެވެ.
"އިޓްސް އަ ކޯލްޑް މޯނިން... އައި ވިޝް ޔޫ އާ ހިއާ ވިތް މީ، ގާތުގައިވީނަމަ ތި ތުންފަތުގައި ބޮސްނުދީ ނުހުރެވޭނެ، ހެޔޮ ކިތަންމެ ނުރުހުނަސް، ބޮސްދެވިއްޖެނަމަ ދެން އިތުރަށް ކެތެއްނުކުރެވޭނެ" މިފްރާހު ވާހަކަދެއްކިއެވެ. އުއްޑުން ޖެހިލުމާއެކު މައްޗަށް ބަލަން އޮތެވެ. މަޑުމަޑުން ޖީންސުގެ ޖީބުގައި އޮތް ފޯނުނެގިއެވެ. އިސްކުރީނު ހުޅުވާލުމާއެކު ގެލެރީއިން ފޮޓޯއެއް ބޮޑުކޮށްލިއެވެ.
"މައި ގާލް" ފޮޓޯއަށް ބަލަން އޮވެ މިފްރާހު ބުންޏެވެ. އެ ފޮޓޯގައި ވަނީ ކެންޒާއެވެ. ބަދިގެތެރޭގައި ހުރި އައިސްއަލަމާރި ކައިރިން ފިނިފެންފުޅިއެއް ހިފައިގެން ކެންޒާ އެނބުރިލި ވަގުތު ނަގާފައިވާ ފޮޓޯއެކެވެ. އޭނާގެ ހިތް ކެންޒާ ބަލައިގަތީ އިޚްތިޔާރަކާނުލައެވެ. ފުރަތަމަ ފެނިލުމާއެކުއެވެ. އޭނާގެ އެ ހޮވުމަށް އެންމެ ފާޑުކިޔާނޭ ބަޔަކަށްވާނީ އެކުވެރީންކަން މިފްރާހަށް އެނގެއެވެ. އެހެންވިޔަސް ހިތާ ދެކޮޅުވާނޭ ހިތްވަރެއްނެތެވެ. އެއަށްވުރެ ޖަޒުބާތުގެ މޫތަށް އަޑިއަށް ފައިބައި ހިތުގައި ވަކިހިއްޕާލައިފިއެވެ. އެހެން އަންހެންކުއްޖަކު ލޮލަށް ނުފެންނަހާ ކަނުމީހަކަށް އޭނާ ވެއްޖެއެވެ. މާތަކުގެ ތެރެއިން ހަޔާތުގެ ބަގީޗާގައި ރޯކުރަން އެންމެ ކަމުދާ މަލަކަށްވާނީ ކޮކާލެއްގެ ހިޔަނި ވެސް އެޅިފައިނުވާ މަލެއްކަމުގައި މިފްރާހު ޤަބޫލުކުރެއެވެ. އެފަދަ ނަސީބަކީ ކޮންމެ މީހަކަށް ލިބޭނެވަރުގެ ނަސީބެއްނޫންކަން އޭނާ ދަނެއެވެ.
* * * * *
ފާޑަކަށް ހިނިއައިސްފައި ލައިތު ބަލަން އިނެވެ. ކެންޒާ ހޭންނުހޭން އުޅޭހެން ތުންފަތް ހަރަކާތްކޮށްލިއެވެ. ލައިތު ނުފެންނަ ކަމަކަށް ހަދައި ބިއްދޮށްފަރާތު ދޮރުން ކެންޒާ ވަދެގެން އައިސް ބަދިގޭގައި ހުއްޓުނެވެ. އޭނާގެ ފަހަތުން ލައިތު އައިސް ވަނެވެ. ކަރުކެހިލީ ކެންޒާގެ ސަމާލުކަން ހޯދަން ކަހަލައެވެ. ނަމަވެސް ހެނދުނުގެ ނާސްތާ ލިސްޓު ނަގައި އެއަށް ބަލަން ކެންޒާ ހުރީއެވެ. ލައިތު އައިސް ފުރަގަހަށް ލީ ދެއަތްތިލަ ކައުންޓަރުގައި ޖައްސާލައިގެން ކެންޒާއާ ޖެހޭނުޖެހޭ ހިސާބު ކައިރީގައި މަޑުކޮށްލިއެވެ. އޭނާ ހުރީ ކެންޒާއަށް ކުރަމަތިވާނޭހެނެވެ. ބޯއަރިކޮށް ކެންޒާގެ މޫނާ ލައިތުގެ މޫނުކައިރިކުރީ ލިސްޓަށް ބަލާކަމަށް ހެދެމުންނެވެ.
"ކީއްތަ ތިކުރަނީ؟" އަތުގައި އޮތް ކަރުދާސް ކައުންޓަރު މަތީ ބާއްވަމުން ކެންޒާ ބުނެލިއެވެ.
"ގުޑް މޯނިންގް ޓު ޔޫ ޓޫ" ލައިތު ބުނެލީ ކެންޒާ ނުބުނެގެން ކަހަލައެވެ.
"ރޭގަ ނުނިދަނީތަ؟" ކެންޒާ އަހާލިއެވެ.
"ތި ހީކުރީ ޕެންޑާ ނުފެނިދާނެތީ ނިދި ސެކްރިފައިސް ކުރީކަމައްތަ؟ ސޮރީ ޓު ސޭ ދެޓް ޔޫ އާ ރޯންގް... ތީ އަދި އެހާ އިމްޕޯޓެންޓް މީހެއްނޫން" ލައިތު ބޮޑާވެލިއެވެ.
"ފޮނިވެސް މީހެކޭ ދޯ" ކެންޒާ ބުނެލިއެވެ.
"ރައިޓް، އައިމް ސުވީޓް އެންޑް ވެރީ ހެންޑްސަމް" ލައިތުގެ އަޑުގައިވީ ޔަގީންކަމެވެ.
"އަމިއްލައަށް މާ ރީތިވެގެން އުޅޭމީހެއް މިނޫނީ ނުދެކެން، ބުނަންތަ!... ތީނައަށްވުރެ ރީތިމީހުން އަހަރެން ދުށީން، ތީނައަށްވުރެ މާހޮޓް މީހުން" ކެންޒާ ތެލިތައް ނަގަމުން ބޯއަރިކޮށް ލައިތަށް ބަލާލަފައި ފަހު ބަސްތައް އިއްވާލިއެވެ.
"ތިދައްކަނީ ބޯއިފްރެންޑްގެ ވާހަކަތަ؟" ލައިތު އަހާލިއެވެ.
"ބޯއިފްރެންޑެއް އަހަރެންގެ ހުރުމަކީ ލައިތުއަށް ބަލައިގަނެވޭވަރު ކަމަކަށްނުވަނީތަ؟ ކޮންމެ އެއްޗެއް ބުނެލާފައި ބޯއިފްރެންޑާ ގުޅުވަންޖެހޭ" ކެންޒާގެ ދޮގު ބޭޒާރުވެދާނެތީ މައިތިރި ބެހެއްޓިއެވެ.
"އޭނަ ޗީޓުނުކުރާނެކަމެއް ކިހިނެއް އެނގެނީ، އޭނާ ކޮންމެކަމެއް ކުރިޔަސް ދުރުގައި ހުންނައިރު ނޭނގޭނެދޯ" ލައިތު ބުނެލިއެވެ.
"ޓްރަސްޓްއޭ ކިޔާ އެއްޗެއް އޮންނަނީ އެހެންވެއެއްނު، ދެމެދުގައި އިތުރުބާރު އޮތިއްޔާ އެކަކުއަނެކަކަށް ޝައްކެއްނުކުރާނެ" ކެންޒާ ބުންޏެވެ.
"ބަޓް އިޓް ވިލް ނެވާ ވޯކް، ލޯންގް ޑިސްޑޭންސް ރިލޭޝަންޝިޕް ވޯންޓް ލާސްޓް، ކިހިނެއް އެނގެނީ، މޭބީ ހީ އިޒް ޓޫ ގުޑް އެޓް ލައިން" ލައިތުގެ އަޑުގައި ހުރީ ސީރިއަސްކަމެވެ.
"ޔޫ... ޔޫ އާ އަ ނެގެޓިވް ތިންކާ... ޓެލް މީ ސަމްތިންގް... ލައިތު ބޭނުންވަނީ އަހަރެންގެ ރިލޭޝަންޝިޕް ނިމުމަކަށް އަންނަންތަ؟" ކެންޒާ އެނބުރި ލައިތުއާ ކުރިމަތިލިއެވެ.
"ޕެންޑާ ބުނެބަލަ، ޕެންޑާއަށް ތި ގުޅުމުގައި ދެމިހުރެވިދާނެތަ؟" ލައިތުގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް ކެންޒާގެ ލޮލާ ވަކިކޮށްނުލައެވެ.
"ވަޓް؟!... އަހަރެން..." ކެންޒާއަށް ވަގުތުން ރައްދުދޭން އުނދަގޫވިއެވެ. އެހިނދު ކެންޒާގެ ގާތަށް ލައިތު އަންނަން ފެށިއެވެ. މެޔަށްފިނިވެ ކެންޒާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ޖެހިލުންވީ ނަމަވެސް ލައިތުގެ ކުރިމަތިން ދުރަށްދާން ކެންޒާގެ ހިތެއް ނޭދެއެވެ.
"ވައި ޑޫ ޔޫ ހެސިޓޭޓް ޓު އާންސާ" ކެންޒާގެ ކުރިމަތީ ހުއްޓިލުމާއެކު ލައިތު އަހާލިއެވެ. އޭނާގެ އަޑު މަޑުވެފައި ތަފާތެވެ.
"ކަމެއް ބަދަލުވެއްޖެހެން ހީނުވޭތަ؟ ކެން! އިތުރަކަށް ބޭނުމެއްނުވޭތަ؟ ޓު ފީލް ދި ޓަޗް، އެ ގާތްކަން..." ލައިތުގެ ދުލުން ބޭރުވަމުން ދިޔަ ބަސްތަކާއެކު އޭނާގެ ދެއަތް ވެސް ހަރަކާތްކުރިއެވެ. ކެންޒާގެ ދެއަތްތިލައިގަ ލައިތު ހިފާލައި ބާރުކޮށްލިއެވެ. އަދި މަހާލެވިފައިވި ދެއަތުގެ އިނގިލިތައް ވަކިކޮށްލުމާއެކު ކެންޒާގެ އަތްތިލައިން ފެށިގެން މައްޗަށް ލައިތުގެ ދެއަތް ހިންގާލިއެވެ. ކެންޒާއަށް ހިންދިރުވާލެވުނެވެ.
"ބްރީތް" ލުއި ވައިރޯޅިއެއްގެ ފިނިކަން އިޙްސާސްވީ ފަދައިން ލައިތުގެ އަޑު ކެންޒާއަށް އިވުނެވެ. ނޭވާ ހިފަހައްޓާލެވުނު ގޮތަކަށް ހުރެވުނީ ރެއަކާލީ ދެނެވެ. ކެންޒާގެ ކޯތާފަތުގައި ލައިތު ދެއަތުން ހިފަހައްޓާލިއެވެ. އެ ކަޅުކޮފީ ކުލައިގެ ކަޅި ކެންޒާއަށް ހުއްޓިފައިވީއިރު އެ ބެލުމުގައިވީ މީގެ ކުރީން ލައިތުގެ ފުށުން ފާޅުނުވާ ފަދަ އަސަރެކެވެ. އެ ދެލޮލުން ކެންޒާގެ ހިތާ ވާހަކަދައްކަން އޭނާ މަސައްކަތްކުރާ ކަހަލައެވެ. ނަމަވެސް އެ އަޑު ކެންޒާއަކަށް ނީވެއެވެ.
"ލައިތު" ކެންޒާގެ އަޑު ނުކުތީ ކިރިޔާއެވެ. މަޑުމަޑުން ލައިތުގެ މޭދަށުގައި ކެންޒާގެ ވައަތްތިލަ ޖައްސާލެވުނެވެ. ގޮޅިގޮޅިއަށް ހުރި ބަނޑުގެ މަސްތައް ފެށިފައި ހުރީ އެހިސާބުންކަން ކެންޒާގެ އަތްތިލައަށް އިޙްސާސް ކުރެވުނެވެ. އިސްޖަހާލަން ކެންޒާ ބޭނުންވިޔަސް އެކަން ހުއްޓުވީ ކޯތާފަތުގެ ދެފަރާތުގައިވި ލައިތުގެ އަތްތިލައެވެ.
(ނުނިމޭ)