ލައިފްސްޓައިލް

ސްޕައިޑާމޭނަށް ވާން ކުރީ ނުރައްކާތެރި ކަމެއް

ކުޑަކުދިން ބަލާ ބައެއް ފިލްމުތަކުގެ ނުފޫޒު އެ ކުދިންނަށް ވަރަށް ބޮޑަށް ފޯރަ އެވެ. ޚިޔާލީ ދުނިޔެއާއި ހަގީގަތުގެ ތަފާތު ވަކި ކުރަން ގިނަ ކުދިންނަށް ނޭނގުމުގެ ނަތީޖާއެއްގެ ގޮތުން ކާޓޫނު ފިލްމުތަކުންނާއި އެ ކުދިން ބަލާ އާދައިގެ ފިލްމުތަކުން ފެންނަނީ ހަމަ ހަގީގަތުގައި ވެސް ވާ ކަންތައްތައް ކަމަށް ކުދިންނަށް ގަބޫލު ކުރެވޭގޮތް ވެއެވެ. އަދި ބައެއް ފަހަރު މިކަމުން ހީނުކުރާ ކަހަލަ ނަތީޖާ ވެސް ނުކުމެ އެވެ.

މިފަދަ މިސާލެއް މި ފަހަރު ފެނުނިފައިވަނީ ބޮލީވިޔާ އިންނެވެ. އެ ގައުމުގެ ޗަޔަންތާ ކިޔާ ރަށުގެ ކުޑަ ތިން ފިރިހެންކުއްޖަކު ވަނީ ސްޕައިޑަ މޭން އަށް ވާހިތުން ފައިދިގު މަކުނެއް ލައްވާ އަމިއްލައަށް ގަޔަށް ކަށި ޖައްސުވާފަ އެވެ.

އުމުރުން އަށް އަހަރާއި 10 އަހަރު އަދި 12 އަހަރުގެ މި ތިން ކުދިންނަށް ވަރަށް ވިހަ ގަދަ ފައިދިގުމަކުނުގެ ވައްތަރެއް ކަމަށްވާ ބްލެކް ވިޑޯ ސްޕައިޑާއެއް ފެނުނީ އެ އާއިލާއިން ގެންގުޅޭ ކަންބަޅިއެއް ކައިރީގައި ކުޅެން އުޅެނިކޮށެވެ.

މި ކުދިންނަށް ބްލެކް ވިޑޯ ފެނުމުން ނަގައި އެސޮރުގެ ގަޔަށް ދަނޑިބުރިއެއް ހަރައި އެ ސޮރު ރުޅިއަރުވައިގެން އެ ކުދިންގެ ގަޔަށް ކަށި ޖެއްސުވީ ކަމަށް އިނގިރޭސި ވިލާތުގެ މިރާ ނޫހުން ބުނެފައި ވެއެވެ. ފައިދިގު މަކުނު ލައްވާ ކަށި ޖެއްސުވީމަ ސްޕައިޑަމޭން ފިލްމުގައި އުޅޭ ސުޕަހީރޯ ޕީޓާ ޕާކާ ފަދަ މީހަކަށް ވެވޭނެ ކަމަށް މި ކުދިން ހީކުރި އެވެ.

އެވަގުތު އެކުދިންގެ މަންމަ ނޫޅެ އެވެ. ފައި ދިގު މަކުނު ކަށި ޖެހުމާއެކު ވަރަށް އަވަހަށް ކުދިންގެ ގަޔަށް އޭގެ ވިހަ ފެތުރެން ފަށައި ހުން އައިސް، ދާހިތްލާ، މުޅި ގައިގަ ރިއްސަން ފަށައި އަދި ތުރުތުރު އަޅަން ފެށި އެވެ. އެކުދިންގެ މަންމަ އައިއިރު ކުދިން ތަދުވާވަރުން ތެޅި ފޮޅެނީ އެވެ.

މި ކުދިން ވަގުތުން ޗަޔަންތާ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް ހާލު ރަނގަޅު ނުވާތީ ފަހުން ވަނީ ލަގާލަގޫގައި ހުންނަ ހޮސްޕިޓަލަށް ބަދަލު ކޮށްފަ އެވެ. އަދިވެސް ކުދިންގެ ހާލު ރަނގަޅުވަމުން ނާންނަ ކަމަށް ޚަބަރުތައް ބުނެ އެވެ. މިހާރު އެކުދިން ވަނީ ބޮލީވިއާގެ ވެރިރަށް ލާ ޕާޒްގައި ހުންނަ ކުޑަކުދިންގެ ޚާއްސަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

އަދި ވިހަގަދަ ފައިދިގުމަކުނުގެ ވިހަ ކަނޑުވާލަން ދޭ އިންޖެކްޝަން ޖެހުމުން މިހާރު މި ކުދިންގެ ހާލު ތަންކޮޅެއް ރަނގަޅުވެ އެ ހޮސްޕިޓަލުގައި ފަސް ދުވަހު ފަރުވާ ދިނުމަށްފަހު މި ކުދިން މިހާރު ވަނީ ގެޔަށް ފޮނުވާލާފަ އެވެ.
ބޮލީވިއާގެ ހެލްތު މިނިސްޓްރީގެ އެޕިޑިއޮމޮލޮޖީ ހެޑް ވިރްގީލިއޯ ޕިއެޓްރޯ އެ ގައުމުގައި ކޮރޯނާވައިރަހުގެ ހާލަތު އޮތް ގޮތް އޮޅުން ފިލުއްވާ ދެއްވުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި މި ހާދިސާގެ ވާހަކަ ހިއްސާ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ކުޑަކުދިންނަށް ހުރިހާ އެއްޗިއްސަކީ ވެސް ހަގީގަތެވެ. އެ ކުދިން ބަލާ ފިލްމުތަކުން ފެންނަނީ ވެސް ހަގީގަތެވެ. އަދި އެ ކުދިންނަށް ހުވަފެނުން ފެންނަނީ ވެސް ހަގީގަތެވެ. އެހެންވީމާ ސްޕައިޑާ-މޭން އަކީ ވެސް ހަގީގަތެއް ކަމަށް ގަބޫލު ކުރެވުނީ އެވެ.

ފައިދިގުމަކުނުގެ އެކި ވައްތަރު ތަކުގެ ތެރެއިން ބްލެކް ވިޑޯއަކީ އެންމެ ވިހަ ފަދަ އެއް ވައްތަރެވެ. މި މަކުނަށް ބްލެކް ވިޑޯގެ ނަން ދީފައިވަނީ ފިރިހެން މަކުނު އާ ރޭ ކުރުމަށްފަހު އެ ސޮރު މަރާލައިގެން ކާލާތީ އެވެ. ނަމަވެސް އާއްމުކޮށް ދިރިއުޅޭއިރު މިސޮރުމެން މީހުންގެ ގަޔަށް ކަށިޖަހައެއް ނުހަދަ އެވެ. މިސޮރުމެން ކަށި ޖަހަނީ ކޮންމެވެސް ގޮތަކުން އެސޮރުމެން ރުޅިއަންނަ ކަމެއް ކުރެވުނީމަ އެވެ.