ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަނިކުފާނުގެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ، މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްލާމީލް އަހުމަދަށް "ސިޔާސީ ހަމަލާ" އެއް ދެއްވައިފި އެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން އާންމު ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ބައެއް ވާހަކަ ވަރަށް ގިނައިން ދޫކޮށްލައްވާ އެމްޑީޕީގެ "ރަށްވެހި ފަތިސް ލަންކާ" އަށް ރޭ އެ މަނިކުފާނު ވަނީ އިސްމާއީލް އަހުމަދަށް ނިސްބަތް ކުރައްވާ މެސެޖްތަކެއް ދޫކޮށްލައްވާފަ އެވެ.
ފުލުފުލުގައި އައި އެ މެސެޖްތައް ފައްޓަމުން ރައީސް ނަޝީދު ފުރަތަމަ ވިދާޅުވެފައި ވަނީ "އިސްމާއީލް، ދެން ވަރަށް ބައްލަވައިގެން އަޅުގަނޑާ ދިމާއަށް ނުކުންނަވާތި!" މިހެނެވެ. އޭގެ ފަހަށް ތަންކޮޅެއް ތަފުސީލް ކޮށްލައި ދެއްވުމުގެ ގޮތުން "މިދެންނެވީ ދުވާފަރު ދާއިރާގެ ވާހަކަ" ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދުގެ ސިޔާސީ މި ހަމަލާ އިސްމާއީލަށް އަމާޒު ކުރެއްވީ މަޖިލީހުގެ ޖަލްސާގައި މިހާރު އޮތް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަހުސްގެ ތެރެއިން ރޭ އިސްމާއީލް ދެއްކެވި ވާހަފުޅާ ގުޅުވައިގެނެވެ. އޭނާގެ ވާހަކަފުޅުގައި ރައީސް ނަޝީދަށް އަމާޒުވާ ގޮތަށް ފާޑު ވިދާޅުވެފައި ވެއެވެ.
އިސްމާއީލަށް އަމާޒުކޮށް ރައީސް ނަޝީދުގެ ކުރައްވާފައިވާ މެސެޖްތަކުގެ ތެރެއިން ދެން ހުރި މެސެޖްތަކުގައި "ވެންޓިލޭޓަރުތަކުގެ މައްސަލާގައި އަލީ ޝިޔާމާއި ބނދ ގާތުގައި ބުނާށޭ" އެ މަނިކުފާނުގެ ގާތައި ބުނި ކަމަށާއި އަދި "ތިމަންނާ ހޮވައިދޭށޭ ވެސް ބުނީ އަޅުގަނޑުގާތުގައި" ކަމަށާއި ހިޔަލީއާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކީ އެމަނިކުފާނުގެ ގާތުގައި ކަމަށް ވިދާޅުވެފައި ވެއެވެ. އެކަމަކު އޭގެ ތަފުސީލަށް ވަޑައިގެންފައެއް ނުވެއެވެ.
މަޖިލީހުގެ ބަހުސްގައި ރޭ އިސްމާއީލް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރާ ބިލަށް ފުރިހަމައަށް އޭނާ ތާއީދު ކުރައްވާ ކަމަށާއި މިހާރު ރާއްޖެއަށް އިއުލާން ކޮށްފައިވާ ކުއްލި ހާލަތަކީ ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ހާލަތެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހު ނުކުރަން ދެއްކޭނެ ބަހަނާއެއް އޮތް ކަމަށް ވެސް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަންވީ ހަގީގަތަކީ ކޮންމެ ކުޅި އެއްޗަކީ މިރުހެއް ނޫން. މިރުސް ނޫން އެހެން އެއްޗެހީގައި ވެސް ކުޅި ރަހަ ލާ އެހެންވީމާ ކޮންމެ ކުއްލި ހާލަތަކީ ގާނޫނުއަސާސީ އިސްލާހު ނުކުރެވޭ ހާލަތެކޭ ކިޔައި ބަހަނާ ދެއްކޭކަށެއް ނޯންނާނެ،" އިސްމާއީލް ރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މައްސަލާގައި ގާނޫނީ މާހިރު ހިޔާލު ތަފާތުވާ ކަމަށާއި އެ ހިޔާލު ތަފާފުވުމަށް ގެނެވޭނެ އެންމެ ބޮޑު ހައްލަކީ ގާނޫނު އަސާސީ އިސްލާހު ކުރުން ކަމަށާއި ނަމަވެސް މި މަޖިލީހުގެ ނުކުޅެދުންތެރި ކަމުން މި ހިސާބަށް އާދެވުނީ ކަމަށެވެ.
"މިއީ 31 މާޗްުގައި ފޮނުވި ބިލެއް މި އެޖެންޑާކޮށްފައި އަޅުގަނޑުމެން މި ގެއްލިގެން އުޅޭތާ ކިތަންމެ ދުވަހެއް އަޅުގަނޑުމެންގެ ރޭވުންތެރި ކަމެއް ނެތީމާ އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭ ގުޅުން ނެތުމުން މިއަދާ ހަމައަށް މިއަދު މިއޮތީ ކުޑަތަން ވެފައި. މި ކަންތައްތައް މިގޮތަށް މިހެން ދާއިރުގައި މިހެން ތިބެފައި އަޅުގަނޑުމެން ކުރިން ދެއްކި ވާހަކައާ ދެކޮޅަށް ވޯޓްލަނީ އޭ ކިޔައި ތުހުމަތު އެޅުވުމުގެ މާނައެއްނެތް." އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން އިސްލާމް ދީނާ ހިލާފު ނުވާ ގޮތަށް އަޅާ ކޮންމެ ވިޕްލައިނަކާ އެއްގޮތަށް ވޯޓް ދެއްވާނެ ކަމަށް އިޝާރާތް ކުރެއްވުމަށް ފަހު އިސްމާއީލް ވިދާޅުވީ މި މައްސަލާގައި ސުޕްރީމް ކޯޓްގެ ލަފައަށް އެދުނު އިރު މަޖިލިހަށް ލިބިފައިވާ ބާރުގެ ތެރެއަށް ސުޕްރީމް ކޯޓް ވައްދަން ހެޔޮ ނުވާނެ ކަމަށެވެ. އަދި 2013 އާއި 2017 ގައި "ސުޕްރިމް ކޯޓުން ޖެހި ސަކަރާތުގެ ވާހަކަ ފާހަގަ ކޮށްފައި އޮތީ ވެސް މި މަޖިލީހު" ގައި ކަމަށެވެ.
"އެއަށް ޖޯކް ޖެހީ އަޅުގަނޑުމެން މި މަޖިލީހުން... ކޯޓުތަކުން ހައްލެއް ހޯދަން ސަރުކާރުން އުޅުމުގެ ތެރޭގައި އަޅުގަނޑުމެން އެދުނީ މިކަން ނިންމާނީ މި މަޖިލީހުންނޭ"
އިސްލާމާއީލް ރޭ ވާހަފުޅު ދައްވާ ނިންމަވާލެއްވުމުން ރިޔާސަތުން ރައީސް ނަޝީދު ވެސް އިސްމާއީލަށް ޖަވާބެއް ދެއްވި އެވެ. ވދާޅުވީ "ބައެއް ފަހަރަށް ސުނޫކާ ކިޔާ ކުޅިވަރެއްގައި އިތްޒަތްތެރި މެންބަރު ތިޔަ ފާހަގަ ކުރެއްވާ ކަންކަން ފާހަގަވީމާ އެއަށް ކިޔަނީ ސުނޫކާވުން" ކަމަށެވެ.
މި މައްސަލާގައި އިސްމާއީލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.