ވާހަކަ

ލޯބިން ބުނެލަން

(26 މެއި 2020 އާ ގުޅޭ)

"ލައިތު" ކެންޒާގެ އަޑު ނުކުތީ ކިރިޔާއެވެ. މަޑުމަޑުން ލައިތުގެ މޭދަށުގައި ކެންޒާގެ ވައަތްތިލަ ޖައްސާލެވުނެވެ. ގޮޅިގޮޅިއަށް ހުރި ބަނޑުގެ މަސްތައް ފެށިފައި ހުރީ އެހިސާބުންކަން ކެންޒާގެ އަތްތިލައަށް އިޙްސާސް ކުރެވުނެވެ. އިސްޖަހާލަން ކެންޒާ ބޭނުންވިޔަސް އެކަން ހުއްޓުވީ ކޯތާފަތުގެ ދެފަރާތުގައިވި ލައިތުގެ އަތްތިލައެވެ.

"ލަދުންތަ ތިހުރީ..." ކެންޒާ އެސްފިޔަ ޖަހާލައި ލައިތުއަށް ނުބަލަން އުޅޭތީ ބުނެލިއެވެ.

ލައިތުއާ ދެކޮޅަށް ދައްކާނޭ ވާހަކަތަކެއް ކެންޒާގެ ދުލާ ހަމައަކަށް ނައެވެ. ފަހަރަކަށްވުރެ ފަހަރެއް ކެންޒާގެ ހިތުގެ ހިނގުން އަވަސްވަމުންއައެވެ. ހަށިގަނޑަށް ބަދަލުތަކެއް އަންނަމުންދިޔައިރު އެ ބަދަލުގެ އަސްލާމެދު ކެންޒާ ހުރީ ހާސްވެފައެވެ. ކޯތާފަތުގައި ލައިތުގެ ވައަތްތިލައިން ފިރުމާލުމާއެކު ކެންޒާއަށް ބަލާލެވިއްޖެއެވެ. ލައިތުގެ ހަރަކާތްތައް ދެނެގަންނަން ކެންޒާގެ ސިކުނޑި މަސައްކަތް ކުރިއެވެ. މޭގައިވި ހިތަށް އެކައްޗެއް ވެސް ނުވިސްނެއެވެ. އެ ހިތް ލައިތުގެ ގާތްކަމަށް އެދޭކަހަލައެވެ. ދެމެދުގައިވި ދުރުކަން ގާތްވަމުންދިޔަވަރަކަށް ހިތުގެ ތެޅުން އަވަސްވަމުންދިޔައީ އެހިތަށް ލިބެމުންދިޔަ އުފާވެރިކަމެއްގެ ސަބަބުން ކަހަލައެވެ. ކުއްލިއަކަށް އަމިއްލަ ހިތަކީ ކެންޒާގެ ބާރެއްނުފޯރާ އޭގެ އަމިއްލަ ޝަޚުޞެއްގެ ވެރިއެކޭ ހީކުރެވުނެވެ. އެހިތުގެ އަމިއްލަ އެދުމާމެދު ކެންޒާ ބިރުގަންނަހާ ވެއްޖެއެވެ. މަޑުއާހަކާއެކު ކެންޒާގެ ދެތުންފަތް ދުރުވެލިއެވެ. އޭނާގެ އެކުޑަކުޑަ ހަރަކާތުން ލައިތުގެ ތުންފަތް މާނަވީ ގޮތަކަށް ދެމިލިތަން ކެންޒާ ދުށްޓެވެ.

"ޔޫ ވޯންޓް ޓު ކިސް މީ" ކެންޒާގެ ވައަތްފަރާތުން ކޯތާފަތުގައި ލައިތުގެ ތުންފަތް ޖެހިލިއެވެ.

"ނޯ!..." ހިމަވެފައިވާ އަޑަކުން ކެންޒާ ބުނެލިއެވެ. ހަމަހޭގައި އޭނާގެ ޟަމީރާ އެއްކޮޅަށް މަސައްކަތްކުރަމުން އައި ސިކުނޑީގެ މައްޗަށް ހިތް ވެރިވެގަނެއްޖެއެވެ. ޟަމީރާ އެއްކޮޅަށް ހުރި ސިކުނޑި ވެސް އެ ހިތް އެވަނީ އަތުލައިގަނެ ކިލަނބުކޮށްފައެވެ. ހިތްއުފާކޮށްދިނުމަށް އެ ސިކުނޑިއަށް ވެރިވާންފެށީ ކެންޒާ ދުވަހަކުވެސް ޚިޔާލުކުރި ފަދަ މަންޒަރުތަކެއްނޫނެވެ. ކަންތައްތައް މިވަނީ ރަނގަޅަށްނޫންކަމުގެ އިންޒާރުދެމުން އައި އޭނާގެ ޟަމީރު ބަލިކަށިވާން ފަށައިފިއެވެ. އެހިނދު އޭނާގެ ޟަމީރާމެދު ހަމްދަރުދީވީ ހަމައެކަނި އޭނާގެ ދެލޮލެވެ. ހަޤީޤީ ކުލަ ދެންނަގަންނަން މަސައްކަތްކުރި އެ ދެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެލިއެވެ. ލައިތު ހުއްޓުންއެރުމާއެކު ކެންޒާގެ ދެލޮލަށް އޭނާ ބަލާލީ ފަރުވާތެރިކަމާއެކުއެވެ. ކުރިން އެޅިފައިވި ގޮތްނޭނގޭ ހިޔަނީގެ އަސަރު އެ ދެލޮލުން ފިލައިދިޔައީ ނުހަނު އަވަހަށެވެ. ލައިގެން ހުރި "ޖޮގިން" ހަރުވާޅުގެ އަރިމަތީ ޖީބަށް ލައިތުގެ ދެއަތްކޮށްޕާލުމާއެކު ފަހަތަށް ޖެހުނެވެ. ލިބުނު މިނިވަންކަމާއެކު ކެންޒާ އެނބުރި ލައިތަށް ފުރަގަސްދިނެވެ. އަމިއްލަ ނަފްސުގެ މައްޗަށް ސުވާލު އުފެއްދި ނަމަވެސް ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެވީ ގޮތެއް ނޭނގުނެވެ. އެ ނަފްސުގެ ގާތު ހަމަޖެހެން ކެންޒާ ބުނަމުން، ދެއަތުން މޫނުގައި ހިފަހައްޓާލުމާއެކު ފުންނޭވާއެއް ލިއެވެ.

އިރުކޮޅަކު މަޑުކޮށްލައިގެން ހުރެފައި ލައިތު ހޭންފެށި އަޑުއިވުނެވެ. ނަމަވެސް ފަސްއެނބުރި އެ މޫނަށް ބަލާލާނެހާ ހިތްވަރެއް ކެންޒާގެ ނެތެވެ.

ޔާދިންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އޭނާގެ ކަންފަތުގައި ޖެހުނު ހުނުމުގެ އަޑުންނެވެ. ކާކުގެ އަޑެއްކަން އޭނާއަށް ވަގުތުން އެނގުނެވެ. އޭނާ އަޖައިބުވާންޖެހުނީ، ހީނ ސަމާސާކުރުމަކީ ލައިތުގެ ޠަބީޢަތުގައި ހުރި ސިފައެއްކަން ކުރިން އެނގިފައި ނެތީމައެވެ. އޭނާއަކީ އަނގަގަދަ މީހެއް ނޫނެވެ. އެގޭތެރެއިން ލައިތު ޢާއިލާކަމުގައި ޤަބޫލުކުރާނަމަ ހަމައެކަނި އެގޮތަށް ދުށީ ސެހްރާނާއި ފަރުޒީނާ މެދުގައި އެކަނިކަން ޔާދިން ޤަބޫލުކުރެއެވެ. އޭނާއަކީ ލައިތުގެ ހުރިހާ ކަމަކަށް ކަހަލަ ގޮތަށް ފާރަލާ ޒުވާނެކެވެ. ޢާއިލީ ލޯތްބެއް އެ ދެމެދުގައި ނުވާ ކަހަލައެވެ. ލައިތަށް ރަނގަޅު ގޮތެއްވާތަން ދުށުމަކީ ޔާދިންގެ ހިތަށް ކުޅަދާނަނުވާފަދަ ތަކުލީފަކަށް ވެއެވެ. އަމިއްލަ ދިރިއުޅުން އެހާ ސިއްރުވެރީ ވެސް އޭނާގެ ކަންކަން އިތުރު މީހަކަށް އެނގެން ނޭދޭތީއެވެ. ކޮންމެ ދުވަހަކީ މޫނުމައްޗެއް ނިވަލުގައި އޭނާގެ ހަޤީޤީ ކުލަތައް ފޮރުވާލައިގެން ހުރެ ދިރިއުޅެން ޖެހިފައިވާ ދުވަހެކެވެ. އެހެންނަމަވެސް އަބަދުވެސް ހިތުގައި ފަނޑުނުވެ އޮތް ލަނޑުދަނޑިއަކީ ލައިތުގެ މައްޗަށް އޭނާ ކުރި ހޯދާނޭކަމެވެ. އެކަން ކުރުމުގައި އޭނާ ކޮންމެ ފަދަ މަގެއް ޚިޔާރުކުރަން ޖެހުނު ކަމުގައި ވިޔަސް ފަރުވާލެއްނެތެވެ. އެ ހަށީގައި ހިނގާ ހަސަދައިގެ އަލިފާނަށް ނިމުމެއް އަންނާނީ އެދުވަހަކުން ހެން ހީވެއެވެ.

ބަދިގެ ތެރެއަށް ޔާދިން ބަލާލީ ސިއްރުންނެވެ. އޭނާ އައީ ކެންޒާގެ ފަރާތުން ކަންތައްތަކެއް އޮޅުން ފިލުވާށެވެ. ބަދިގެ ތެރޭގައި ލައިތު ހުރެދާނޭކަމަށް ހިޔެއްނުކުރެއެވެ. ފުރަގަސް ދީގެން ހުރި ކެންޒާގެ ފަހަތުގައި އޭނާއާ ކުރިމަތިލައިގެން ލައިތު ހުއްޓެވެ. އޭނާގެ ހުނުން މަޑުވުމާއެކު ވާހަކަދެއްކިއެވެ.

"ޔޫ އާ ވޯކިން އޮން ތިން އައިސް، ލޯންގް ޑިސްޓެންސް ރިލޭޝަޕްއަކީ ހަމައެކެނި ނަމެއް، ހަޤީޤަތުގައި އެގުޅުމަކީ ތެދުވެރިކަމެއް ނެތް ބޮޑު އޮޅުވާލުމެއް... ނޫންތަ؟" ލައިތު ބުންޏެވެ.

ޔާދިންއަށް ސާފުކޮށް ލައިތު ބުނި އެއްޗެއް އިވުނެވެ. ފުރަތަމަ ކަންފަތަށް އިވުނު އަޑު ޤަބޫލުނުކުރެވިފައި ހުއްޓާ މިހާރު ލޮލަށް ފެނުނު މަންޒަރު ވެސް ހަޤީޤަތެއްކަމަށް ޤަބޫލުކުރަން ޔާދިންއަށް ދަތިވެއްޖެއެވެ. ކެންޒާއާ ލައިތު ހަތަރުކަޅި ހަމަކޮށްލުމަކީ ވެސް ވާނޭކަމެއްނޫނޭ ޔާދިންގެ ޟަމީރު ވެސް ހީކުރިއެވެ. ލުއި ހިނިތުންވުމެއް ޔާދިންގެ ތުންފަތަށް ވެރިވިއެވެ. އޭނާއަށް އަދިވެސް ލައިތު ދަހެއްނުވިޔޭ ހިތަށް އެރީއެވެ. ކެންޒާއާ ވާހަކަދައްކަން ލައިތު ހުރިއިރު އެކަމާ ގަޔާވެފައި ހުރި ކަހަލައެވެ. އެހެންމީހުންގެ ކުރިމަތީގައި ލައިތު ފާޅުކުރާ ސީރިއަސްކަމެއް ނެތެވެ. ރައްކާތެރިކަމުގެ ބޯފާރު ތިރިކޮށްލެވި މީހާ ހަމަޖެހިފައި ހުރި ކަހަލައެވެ. ލޮލަށް މިފެންނަނީ ލައިތުކަމާމެދު ޔާދިންއަށް ޤަބޫލުކުރަން ދަތިވަނީ އެހެންވެއެވެ.

"އެ ދެމެދުގައި އަސްލުގަ ވެސް ގުޅުމެއް އޮތީތަ؟ އެހެންވެދާނެތަ؟" ޔާދިންއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. ހަމައެއާއެކު ލައިތު ދެންމެ ބުނެލި ވާހަކައާމެދު ޔާދިންއަށް ވިސްނާލެވުނެވެ.

"ކެންޒާ މީހަކާ ގުޅިގެން އުޅެނީތަ؟ ލޯންގް ޑިސްޓެންސް ރިލޭޝަންޝިޕެއްގައި ހުރީތަ؟... ގުޅުންތައް މަޝްވަރާކުރާހާ އެ ދެމީހުން ގާތްވީ ކޮންއިރަކު؟" ޖަވާބެއްނުލިބި އެތައް ސުވާލެއް ޔާދިންގެ ސިކުނޑީގައި ފުނިޖެހެމުން އައެވެ.

ބަދިގެއަށް ނުވަދެ ފާރަލުމުގައި މަޑުކުރަން ޔާދިން ގަސްދުކުރި ނަމަވެސް އޭނާގެ އެ ރޭވުން ނާކާމިޔާބުވީ ލައިރާއާއި އިލިޔާނާގެ ހިލަންވުމުންނެވެ. އެމީހުން އެ އަންނަނީ ބަދިގެއާ ދިމާއަށްކަން ޔަގީންވުމުން އެނބުރިދާން ޔާދިން ވިސްނިއެވެ. އެކަމަކު އެފަދައިން ކަންތައްކޮށްފިއްޔާ އޭނާ އެފަރާތަށް އައިކަން ލައިރާ ބުނެދާނެއޭ ޔާދިން ހިތަށް އެރިއެވެ. އެތަނުގައި ވާހަކައަޑުއަހަން ފާރައަށް ޔާދިން ހުރިކަމުގެ ޝައްކެއް ވެސް ލައިތުވާން އޭނާ ނޭދެއެވެ. ބުއްދިވެރި ގޮތަކީ ބަދިގެއަށް ވަނުންކަން ޔާދިންއަށް ޤަބޫލުކުރެވުނެވެ.

ޔާދިން ވަނުމާއެކު ކެންޒާއާއި ލައިތުގެ ނަޒަރު އޭނާއަށް ދަތުރުކޮށްލިއެވެ. ކެންޒާގެ ހަރަކާތްތަކަށް ބަދަލުއައީ ވަގުތުންނެވެ. އޭނާ މަސައްކަތްތައް ފަށައިގަންނަން އުޅުނެވެ. ލައިތު އެނބުރިލި ގޮތަށް ހުރިފިޔަވަޅު މަތިން ގުޑައިނުލިއެވެ. ވަގުތުން ޔާދިންއަށް އެނގޭ ލައިތުގެ ސިފަ ފާޅުވެއްޖެއެވެ. އޭނާ ޔާދިން ކުރާ ކަމެއް ބަލަން ހުރި ކަހަލައެވެ. ލޮލުގައިވި ނަންބަރު އައިނު ކަނާއަތުގެ އިނގިއްޔަކުން ރަނގަޅުކޮށްލުމާއެކު ޔާދިން ކޮފީއެއް ހަދަން އުޅުނެވެ. އޭނާގެ ހަރަކާތްތައް ބެހެއްޓިގޮތުން އެތަނުގައި ތިބި ލައިތާއި ކެންޒާއަށް އޭނާގެ ކުޑަ ވެސް ސަމާލުކަމެއް ނުވާ ކަހަލައެވެ.

"ޒިންބޭ!..." ފުމެމުން ކަހަލަ ގޮތަކަށް ބަދިގެއަށް ވަން އިލިޔާނާއަށް ލައިތު ފެނުމާއެކު ބާރަކަށް ގޮވާލިއެވެ. އެކުއްޖާގެ ގާތަށް އައުމަށް ލައިތު ހިނގައިގަތެވެ.

"މިއަދު ހާދަ ކްރައުޑެޑްއޭ ދޯ" ލައިރާގެ މިއުޒެކެއްފަދަ އަޑު އިވިލިއެވެ. ކެންޒާގެ ހާސްވެފައިވި ޠަބީޢަތަށް އެ އަޑުން ހަމަޖެހުމެއް ގެނުވިއެވެ. ލުއި ހިނިތުންވުމަކާއެކު އެކުވެރިޔާއަށް ކެންޒާ ބަލާލިއެވެ.

ދުވެފައި އައި އިލިޔާނާ އެލިގަތީ ލައިތުގެ އަތުގައެވެ. އުފުލާލަ ދޭން އޭނާ އެދެން ފެށީ މަޖާވެފައެވެ. ލައިތުގެ މުލައްދަނޑި ދައްކާލުމާއެކު ބާރަށް ހިފަހައްޓަން ބުނެލިއެވެ. އޭނާ ބަރުއުފުލާހެން އަތުގައި އެލިގަނެގެން އޮތް އިލިޔާނާއެކު އަތް އުފުލަންފެށިއެވެ. އިލިޔާނާއަށް މަޖާވެގެން ހަޅޭލަވާއަޑު ބަދިގޭގެ ފާރުތަކުގެ ތެރޭ ގުގުމާލިއެވެ.

"ޔާބެ ލުކް" ކޮފީޖޯޑު ނެގި ޔާދިންއަށް އިލިޔާނާ ގޮވާލިއެވެ. ކުޑަކުޑަ އިލިޔާނާއަށް ހިނިތުންވުމެއް ދީފައި ޔާދިން ނުކުމެގެން ދިޔައީއެވެ.

"މޯ.. މޯ... އަދި މައްޗަށް" އިލިޔާނާ އެދެންފެށިއެވެ. ޔާދިން ދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު ލައިތުގެ ނަޒަރު އިލިޔާނާއަށް ހުއްޓުނެވެ. ދެންފެނުނީ ލުއި ހިނިތުންވުމެއް އެތުންފަތަށް ވެރިކޮށްލި ތަނެވެ.

"ބޭބީ ނުވައްޗޭ ޕެންޑާއަކަށް، އޭރުން ކިހިނެއް އުފުލާނީ... ޕެންޑާއެއް ޔަގީނުން ވެސް ނޫފުލޭނެ" ހިނިތުންވެ ހުރެ ލައިތު ބުންޏެވެ.

ލައިތުގެ ވާހަކައާއި ކެންޒާގެ މޫނުން ފާޅުވި އަސަރުތައް އައިލެންޑް ދޮށުގައި އިށީން ލައިރާއަށް ފެނުނެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ހީނލެވުނެވެ. ކެންޒާ ބަލާލުމުން ކަންފަތު ފޫޅުގަނޑުގައި ދެއަތުން ލައިރާ ހިފަހައްޓާލިއެވެ. އަދި ސިއްރުން ހަމައެކަނި ކެންޒާއަށް އެނގޭނޭހެން މަޢާފަށް އެދުނެވެ. ލައިތު އެވީވަގުތުކޮޅުގައި ވެސް ކެންޒާއާކަން ދިމާކޮށްލީ ލައިރާ ދެނެގަތެވެ. އެކަން ނޭނގި ހުރި އިލިޔާނާ އެކިއެކި ވާހަކަ ލައިތުއާ ދައްކަމުންދިޔައެވެ.

"ކެން، އަހަންނަށް ކަމެއް ކޮށްދޭންވެއްޖެ" ލައިރާ ބުންޏެވެ. އެ އަޑަށް ލައިތުގެ ކަންފަތް ސަމާލުވެލިއެވެ.

"ބުނޭ" ކެންޒާ ހުރިހާ ސަމާލުކަމެއް ލައިރާއަށް ދެވުނެވެ.

"ޓީ ޕާޓީއެއް ބާއްވަން މިއުޅެނީ... މިކޮޅުގެ ކިންޑާގާޓެންއަށް އިލީއަށް ވަދެވިއްޖެ" ލައިރާ އުފާވެލާފައި ބުންޏެވެ. ސްކޫލަށް ވަދެވެވުނު ވާހަކަ މަންމަ ބުނިއަޑަށް ލައިތުގެ މުލައްދަނޑިން ދޫކޮށްލި އިލިޔާނާ އަވަސްވެލީ ކެންޒާއާ ވާހަކަދައްކާށެވެ. ސްކޫލަށް އެއްދުވަހު ދެވިފައި ވުމުން ކަންތައް ހިނގާދިޔަ ގޮތް ކެންޒާއަށް ކިޔަދޭން އިލިޔާނާ ފެށިއެވެ. އޭނާ އައިލެންޑް ދޮށުގައި ހުރި ދިގު ގޮނޑިތަކަށް އަރަން އުޅޭތަން ފަހަތުން އައި ލައިތަށް ފެނި ކެންޒާ އުފުލާލައި ގޮނޑީގައި ބޭންދިއެވެ. އަދި ލައިތު ވެސް އެތަނުން ގޮނޑިއެއްގައި އިށީނެވެ. ލައިރާއާއި ލައިތުގެ މެދުގައި އިން އިލިޔާނާގެ ހުރިހާ ސަމާލުކަމެއް ހުރީ ކެންޒާއަށް ހުއްޓިފައެވެ.

"ކެނީ އަންނައްޗޭ އިލީ ސްކޫލް ބަލާލަން، ބޮޑުބޮޑު ސްކޫލެއް އެއީ... އިލީ އެންމެ ބަސްއަހަނީ" އިލިޔާނާ ބުންޏެވެ. ކެންޒާގެ މަސައްކަތަށް ހުއްޓުމެއް ނަޔަސް އޭނާ އިލިޔާނާގެ ވާހަކަތަކުގައި ބައިވެރިވިއެވެ. ލައިތުގެ ނަޒަރު ހުރީ ކެންޒާގެ ކޮންމެ ހަރަކާތަށް ހުއްޓިފައެވެ. ކެންޒާގެ ތުންފަތުގެ މަތީގައި ވައަތްފަރާތުގައި އިން ކަޅުތިލަ ލައިތުގެ ލޮލުގައި އަޅައިގަތެވެ. ކެންޒާގެ ތުންފަތް ދެމިލާއިރު ކަޅުތިލަ ކައިރިން ކޮލުގެ މަސްގަނޑު ވަކިވާނޭ ހެން އަޑިކޮޅެއް އުފެދެއެވެ. ލައިތުގެ މޭތެރޭ ހިތްފިތުނު ކަހަލައެވެ.

"ސޭމް ބިއުޓީ މާކް" ލައިތުގެ ހިތްބުނެލިއެވެ.

ކަސްތޫރީއާ ވާހަކަދައްކަމުން ގޭގެ ބިއްދޮށް ފަރާތަށް ނުކުންނަން އަސަދު ވެސް އައެވެ. ކަސްތޫރީގެ ފަހަތުގައި ގޭގެ ދެ ޚާދިމުން ކުދި ބުޅާތައް އުރާލައިގެން ހުރެ އާދެއެވެ. އެމީހުންގެ ފިޔަވަޅުތަކަށް ބަލަމުން އިސްކަދަރާއި ރެހެންދީ އެ ސޮރުމެންގެ ދަރިންކޮޅުގެ ގެންދާތީ ފަހަތުން ތިބެ އާދެއެވެ. ބިއްދޮށުގައި ހުންނަ ބޮޑު ފުޅާ ދޮރާ ހަމައަށް ނާދެވެނީސް ބަދިގެތެރެއިން އިވިއިވި ހުރި އިލިޔާނާގެ އަޑު އެންމެންގެ ސަމާލުކަން ހޯދައިފިއެވެ.

"މަންމަ ކޮންތާކުން ގެނައި ކުއްޖެއްތަ އެއީ؟ ކައްކާއަކަށް އައިއެއްކަމަކު، ގޭތެރޭގެ މާޙައުލު އެކުއްޖާ އައުމުން ބަދަލުވެއްޖެހެން ހީނުވޭތަ؟" އަސަދަށް ބުނެލެވުނެވެ. އޭނާ ސީދާ ކެންޒާއާ ބައްދަލުނުކުރި ނަމަވެސް ހެނދުނު ބެލްކަންޏަށް ނުކުމެ ހުންނައިރު އެތައް ފަހަރެއްގެ މަތިން ކެންޒާ ނުކުމެގެންދާތަން ވަނީ ފެނިފައެވެ. މާޔޫސްވެފައި ހުންނަނީ ކޮންސަބަބަކާ ހެދިކަން ނޭނގުނަސް ލައިރާގެ ފުށުން އެ އަސަރުތައް ފެންނަލެއް މަދުވެއްޖެހެން އަސަދުއަށް ހީވިއެވެ. އެހެން ހީވިތާ ހަފްތާއެއް ނުވަނީސް އޭނާއަށް އެއްރޭ ލައިރާއާއެކު ކާރުން ފައިބައިގެން އެ ގެއަށް ކެންޒާއާ ދެކުދީން ވަދެގެން އައިތަން ވަނީ ފެނިފައެވެ. ދެ އެކުވެރިން ފަދައިން އެ ދެ އަންހެންކުދީން ހީނ ވާހަކަދައްކަމުން އައި މަންޒަރު އަސަދުގެ ތުންފަތަށް ހަމަޖެހުމުގެ ހިނިތުންވުމެއް ގެނުވިއެވެ.

"ރޫމާނަށް ފާހަގަވީ އަދިކިރިޔާތަ؟ ކާން ހުންނަ އެއްޗެހީގެ ރަހަމީރު ނުވެގެން، ނޫނީ އޭނާގެ ހަށިގަނޑަށް ފައިދާކުރާނޭ އެއްޗަކަށް ނުވެގެން، ރުޅި ހަދާލާފައި ހުންނަ ޖިނާނު ކުރިން ދުވަހު މެންދުރު ކެންޒާއާ ވާހަކަދައްކަން ހުއްޓާ އަހަރެން ދުށީން، އެ ދެކުދީން ބަދިގެ ތެރޭ ތިބެ ކާއެއްޗެހީގެ ލިސްޓެއް ތައްޔާރުކުރި... ލައިތު މިހާރު ގެއިން ފޮނުވާ ތަށިބަރި ހުސްކުރޭ، ގޭގައި ކާން އޭނާ މަޑުމަޑުން އެބާ އާދަވޭ، ފަރުޒީނު ހުރީ އަޖައިބުވެފައި އެހާ ޅައުމުރުގައި އެންމެ މަތީ ފަންތީގެ ޝެފުންގެ ފަރާތުން ނޫނީ ނުފެންނަ ހުނަރެއް އެކުއްޖާއަށް ލިބިފައިވީތީ" ތަޢުރީފުގެ ބަސްތައް ކަސްތޫރީ އިތުރުކޮށްލިއެވެ.

"އަޅުގަނޑަށް މުހިންމީ ކުދީންގެ މެދުގައި ގުޅުން ރަނގަޅުވުން... އެއީ ކޮންގެއަކު ކުއްޖެއްތަ؟" ކެންޒާގެ ވަނަވަރާމެދު އަސަދު ޝައުގުވެރިވެއްޖެއެވެ.

* * * * *

"ކިހިނެއްވަނީ؟ ވިޔާމް! އަހަންނަށް ތަފްސީލު ދީބަލަ" އެއާޕޮޑްސް ކަންފަތަށް ޖަހާލައިގެން ހުރެ މިފްރާހު ވާހަކަދެއްކިއެވެ.

"ފޮޓޯތައް ލިބުނުތަ؟" މިފްރާހުގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ވިޔާމް އެއްސެވެ.

"އާނ! ބަލައިފިން... އެގާރަ ސުމެއްސުމެއް، ކުރިން ވެސް އެ ކާރު އަހަރެން ދުށީން، އެ އަންހެންކުއްޖާއަކީ އޭނާގެ ފްރެންޑެއް" މިފްރާހު ބުންޏެވެ.

"ހެނދުނާއި މެންދުރު، ދެން ރޭގަނޑު އޭނާ ދަނީ، ކުރީގެ ވެސް ރޫޓިން، ދެން ބައެއް ރޭ ރޭ ކާރު އައީމަ ބޭރަށްދާ ގޮތަށް ގެއަށް އެނބުރި އަންނަނީ ވެސް އެކާރުގައި، ދެ ރެއަކު އެކެއް ޖަހަނިކޮށް އަތުވެއްޖެ... ޢާއްމުކޮށް އަންނައިރު ބާރަޖަހާނީ، އިތުރު މީހަކާއެއްކޮށް އުޅޭތަނެއް ނުފެނޭ، ހަމްބެ ވެސް ބިހޭވްކުރޭ، އެއްވެސް މީހަކު ގެއަކަށް ނުގަނޭ... ޕާޓީކޮށްފިއްޔާ އައްޑައިގަ މަޑުކުރަނީ، ގެއަކަށް ނާދޭ... ރޭ ނޫން ކުރިންރޭ ޑަސްޓު ފައިޓެއް ހިނގި، ހަމްބެ ނޭފަތްމަތި ފަޅާލާފަ ހުރީ، އެކަން މިހާރު ކަވާވެއްޖެ، އެއިން އެއްވެސް ކަމެއް ގެއާ ހަމައަކަށް ނާދޭ، ޔޯ ޕެކޭޖް އިޒް ސޭފް" ވިޔާމް ބުންޏެވެ.

މިފްރާހަށް ފުންނޭވާއެއް ދޫކޮށްލެވުމާއެކު ނިތްކުރިއާއި ނޭފަތާ ގުޅުނު ހިސާބުގައި ދެއިނގިލި ކުރިން ހިފަހައްޓާލަމުން ލޯ މަރާލިއެވެ. މިފްރާހު އަނގައިން ނުބުނެ ގިނައިރުވާން ފެށުމުން ވިޔާމް ގޮވާލިއެވެ.

(ނުނިމޭ)