(28 މެއި 2020 އާ ގުޅޭ)
މިފްރާހަށް ފުންނޭވާއެއް ދޫކޮށްލެވުމާއެކު ނިތްކުރިއާއި ނޭފަތާ ގުޅުނު ހިސާބުގައި ދެއިނގިލި ކުރިން ހިފަހައްޓާލަމުން ލޯ މަރާލިއެވެ. މިފްރާހު އަނގައިން ނުބުނެ ގިނައިރުވާން ފެށުމުން ވިޔާމް ގޮވާލިއެވެ. ތުނބުޅީގައި އަތްތިލަ ހިންގާލާފައި ކުޑަދޮރުގެ އަރިމަތީ ދާރާގައި މިފްރާހު އަތްވިދެލަމުން ވިޔާމަށް ހޫން ލައްވާލިއެވެ. މިފްރާހު ބޭނުންވާ އިތުރުކަމެއް އޮތްތޯ ވިޔާމް ސުވާލު ކުރިއެވެ.
"އިތުރުކަމެއްނެތް، އޭނާއަށް ވިޔާމް ފާހަގަވިޔަ ނުދޭތި، ދުރުމިން ބަހައްޓާތި، ފޮޓޯތައް އަހަންނަށް ލިބިއްޖެކަން އެންގުމުން ހުރިހާ ކޮޕީސްތައް ނައްތާލާތި، އެއްވެސް މީހެއްގެ އަތަށް އެތަނުން ފޮޓޯއެއް އަރައިގެން ނުވާނެ، މިސްޓޭކެއް ނުހަދާތި" މިފްރާހުގެ އަޑުގައިވީ ސީރިއަސްކަމެވެ. ވެރިޔަކު އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފަކާ ވާހަކަދެއްކި ފަދައެވެ.
ވިޔާމް ހާމަނުކުރި ނަމަވެސް މިފްރާހާ ކުރަން ބޭނުންވާ ސުވާލުތައް އެބަހުއްޓެވެ. ހަޤީޤަތުގައި އޭނާ ހާމަނުކުރަނީއެއްނޫނެވެ. އެއްވެސް ސުވާލެއް ކުރުމުގެ ހުއްދަ ވިޔާމަށް ނެތީއެވެ. އެ ދެމެދުގައި ވެވުނު އެއްބަސްވުން ވިޔާމަށް އެތައްކަމެއް މަނާކުރެއެވެ.
ކިޔަވައިގެން ހުއްޓެއްކަމަކު ވިޔާމަށް ރަނގަޅުވަޒީފާއެއް ނުލިބުނެވެ. މިހާރު ވެސް ދެތިން ތަނަކަށް ލާފައި އޮތް ފޯމުގެ ޖަވާބު ނުލިބި ވެއެވެ. އައިޓީ ދާއިރާއިން ޑިޕްލޮމާ ހެދީ ހަމައެކަނި ސެޓްފިކެޓުގެ ބޭނުމުގައެވެ. އޭގެ މާކުރިން ވެސް ވިޔާމަކީ ކޮމްޕިއުޓަރާ ގުޅުންހުރި ކަންކަމަށް ފަރިތަ ޒުވާނެކެވެ. ވިޔާނުދާވެގެން ނޫޅުނަސް އޭނާގެ ރައްޓެހިންގެ ތެރޭގައި އެފަދަ ޒުވާނުން މަދެއްނޫނެވެ. މިފްރާހާ ބައްދަލުވީ އެފަދަ ރައްޓެއްސެއްގެ، ގުރޫޕުގަނޑާއެކު ކޮފީ މޭޒުދޮށަށް ވިޔާމް އެރި ދުވަހެއްގައެވެ. މިފްރާހާ ބައްދަލުވީތީ މިއަދު އޭނާއަށް ޢާމްދަނީ ލިބޭ މަގެއް ފަހިވެއްޖެއެވެ. ކުރަންޖެހެނީ ބުރަ މަސައްކަތެއް ވެސް ނޫނެވެ. އެއްތަނެއްގައި ގޮނޑި ހޫނުކުރަން އިންނާކަށް ވެސް ނުޖެހެއެވެ. މަސައްކަތާ ހަވާލުވި ދުވަހު އޭނާއަށް އެންމެ ފަހުގެ ލެޕްޓޮޕަކާއި ފޯނެއް ލިބުނެވެ. އެހެންވިޔަސް މަސައްކަތުގައި އުޅޭން ފެށުމުން ތަފާތު ސުވާލުތައް ހިތާއި ސިކުނޑިއަށް ވެރިވާން ފެށީ ގަސްދަކާނުލައެވެ.
ފާރަލުމަކީ ރަނގަޅުކަމެއްނޫންކަން ވިޔާމަށް އެނގެއެވެ. އެހެންވިޔަސް ތިންމަސް ދުވަހަށް އެއީ އޭނާގެ ވަޒީފާއެވެ. ސުވާލު އުފެދެނީ އޭނާ ފާރަލާން ޖެހިފައިވާ އަންހެންކުއްޖާއާ މިފްރާހާ އޮތް ގުޅުމެއް ނޭނގޭތީއެވެ. އެގޭގައި އުޅޭ އަންހެންކުއްޖާއާ މިފްރާހު ލޯބީގެ ގޮތުން ނުގުޅޭނެއޭ ފުރަތަމަ ދުވަހު ވެސް ވިޔާމް ނިންމިއެވެ. އެއީ މިފްރާހުގެ ފުށުން ފެނުނު ކަންކަމަށް ބިނާކޮށް އޭނާ ނިންމި ނިންމުކެވެ. ދެން އެހެންވީރު މިފްރާހު އެ އަންހެންކުއްޖާއަށް އެހާބޮޑު ސަމާލުކަމެއް ދޭންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ. އެގޭގައި މިވަގުތަށް އުޅެނީ އެ އަންހެންކުއްޖާއާއި އޭނާގެ ބައްޕަ އެކަންޏެވެ. އެ ބައްޕައަކީ ކިހާވަރެއްގެ ކާކުކަން ޚުދު ވިޔާމަށް ވެސް އެނގެއެވެ. ވިޔާނުދާ ޢަމަލެއް މިހާތަނަށް ވިޔާމު ނުހިންގި ނަމަވެސް އެމާޙައުލަކީ އޭނާއަށް ބީރަށްޓެހި މާޙައުލެއްނޫނެވެ. ކަންކަން ހިނގާ ގޮތުގެ މަންޒަރުތައް އޭނާ ދުށްޓެވެ. ހަމަހޭވެރިކަމެއްނެތި ބިތްޖެހިފައިވާ އެކުވެރީން ވެސް ދުށްޓެވެ. ވިޔާމު ސަމާލުކަމެއް ދޭން ބޭނުންވާ ކަމަކަށް އެކަންކަން ނުވަނީއެވެ. އެމީހުންނާއެކު އޭނާ ބައިވެރިވާ ހަމައެކަނި ޢަމަލަކީ ސިނގިރޭޓެއް ބޯލުމެވެ. މިހުރިހާކަމަކަށް އޭނާ ލޯހުޅުވިފައިވާއިރު، މިފްރާހު ނިންމާ ނިންމުންތަކުން އޭނާ އެ އަންހެންކުއްޖާ ވަރަށް ބޮޑަށް ރައްކާތެރިކުރަން ބޭނުންވަނީއޭ ވިޔާމަށް ޤަބޫލުކުރެވެއެވެ. އަނެއްބައިފަހަރު އެއީ ލޯތްބަށް ވެދާނޭތޯ ވިޔާމަށް ސުވާލުކުރެވެއެވެ. އެހެންވިޔަސް އެއްވެސް ކަމެއް ޔަގީނެއް ނުކުރެވެއެވެ. ވިޔާމް އެންމެ ބޮޑަށް މިފްރާހާ ކުރަން ބޭނުންވާ ސުވާލަކީ، އެ އަންހެންކުއްޖާއަކީ މިފްރާހުގެ ކާކު ހެއްޔެވެ؟.
* * * * *
ފޯނުގައި ހުރެ ލައިރާ ދެއްކީ ކޮންވާހައެއްކަމެއް ކެންޒާއަކަށް ނޭނގެއެވެ. އެހެންވިޔަސް އެކުވެރިޔާގެ މޫނު މިލައިގެން ދިޔަތަން ކެންޒާ ދުށްޓެވެ. ލައިރާގެ އަޑު ސާފުވާވަރަށްވުރެ އޭނާ ގޮސް ހުރީ ދުރުގައެވެ. ފަހަރެއްގައި އެ ކޯލުގައި ހުރެ ލައިރާ ދައްކާ ވާހަކަ ކެންޒާއަށް އިވެން ނޭދެނީކަމަށް ވެދާނެއެވެ. ގުޅައިގެން ހުރީ ލައިރާގެ ފިރިމީހާއަށްކަން ކެންޒާއަށް އެނގެއެވެ. އެހެންވީމަ ދެމަފިރިންގެ ދެމެދުގައި އެއްވެސް މީހަކަށް އަންގަން ބޭނުންނުވާ ސިއްރުތައް ހުންނާނޭ ކެންޒާގެ ޟަމީރު ވެސް އެއްބަސްވެއެވެ.
ބަދިގޭ އައިލެންޑް މަތި ފުރިފައިވަނީ ކެންޒާ ތައްޔާރުކޮށްފައިވާ ތަށިތަކުންނެވެ. މެންދުރު އައިގޮތަށް އޭނާ އަދިވެސް އެއުޅެނީ އެގޭގައެވެ. ހަވީރު ހަތަރުގަޑި ބައިގަ އޮތް "ޓީ ޕާޓީ"އަށް ތަށިތައް ތައްޔާރުކުރުމުގައެވެ. ކުޑަކުދީންނަށް ކަމުދާނޭ ފަދަ ތަފާތު ތަށިތައް ހުއްޓެވެ. ބައެއް ބާވަތްތަކަކީ ހެނދުނު ތައްޔާރުކޮށް ފިނިކުރަން ލާފައި ހުރި ތަށިތަކެވެ. އަދި ކުރީބައިގަ ފުށްގަނޑު ނޫނީ ކުރީމުގަނޑު ތައްޔާރުކުރަން ޖެހޭ ބާވަތްތަކެވެ.
ކުޑަކުދީންގެ އެ ޙަފުލާ އޮތީ ހަތަރުވަނަ ފަންގިފިލާގައެވެ. ތަނުގެ އެތުރުންތަކަށް ބަދަލު ގެނެސް ޙަފުލާއަށް ތަން ތައްޔާރުކުރުމަށް ބަޔަކު ގެނެވުނެވެ. ހަތަރެއް ޖެހިއިރު އެމީހުންގެ މަސައްކަތްތައް ނިންމާފައި ހިނގައްޖެއެވެ. އެންމެންނަށް ކަމުދިޔަ ނަމަވެސް އިލިޔާނާއަށް ޙަފުލާ ބޭއްވޭތަން ކަމަކުނުދިޔައެވެ. އެކުއްޖާ ބޭނުންވަނީ ލައިރާގެ އެޕާޓްމެންޓުގައި ޙަފުލާ ބާއްވާށެވެ. ޓީވީ ބެލުމާއި ކުޅިވަރުތައް ކުޅުމުގެ އިތުރުން އިލިޔާނާގެ ހުރިހާ ކުޅޭއެއްޗެއް އެކުވެރީންނަށް ދައްކަން އެކުއްޖާ ބޭނުންވެއެވެ. އެ ޙަފުލާއަށް އަންނަ ހުރިހާ ކުދީންނަކީ އިލިޔާނާ ފަދައިން އެދޭ ހުރިހާ އެއްޗެއް ލިބުމުގެ ތަނަވަސްކަން ހުރި ކުދީންނެއްނޫނެވެ. ލައިރާއަކީ އެއްވެސް އިރަކު ދެއްކުންތެރި އަންހެނެއްނޫނެވެ. ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ ސާދާ އަންހެންކުއްޖެއް ފަދައެވެ. ދަރިފުޅަށް ވެސް ލައިރާ ދޭން ބޭނުންވަނީ އެފަދަ ތަރުބިއްޔަތެވެ. ދެއްކުންތެރިކަމެއްނުވާ އެހެންމީހުންގެ ހާލާމެދު ވިސްނާ ދަރިއަކަށް އިލިޔާނާ ވުމެވެ. އެކަންކަމުގެ މުރާދު ވިސްނޭވަރަށްވުރެ ދަރިފުޅު ޅަކަން އެނގެއެވެ. އެހެންވިޔަސް ޅައުމުރުގައި އެފަދަ ކަންކަމަށް ހޭނުވުން މުހިންމެވެ. ފިރިމީހާއަށް ލައިރާ ގުޅީ އެ ބައްޕަ ބުނުމުން އިލިޔާނާ އެކަމާ މެދު ވިސްނާ ޤަބޫލުކުރާނެކަން އެނގޭތީއެވެ. ވީ ވެސް އެހެންނެވެ. ޒުބިންގެ އަޑު އިވުމާއެކު އިލިޔާނާގެ ޠަބީޢަތް މުޅިން ބަދަލުވެއްޖެއެވެ. ނަޞޭޙަތް އެހުމުގައި އެ ދަރިފުޅުގެ ފުށުން ކެތްތެރިކަން ފާޅުވެއެވެ.
މަރިއްޔާގެ އިރުޝާދާއެކު ކާތަކެތި އުފުލާ ޓްރޯލީގައި ތަށިތައް އަތުރައި ހަތަރުވަނަ ފަންގިފިލާއަށް އެތަށިތައް ގެންދިއުމުގައި ޚާދިމުންގެ ބަޔަކު ހަރަކާތްތެރިވަމުންދިޔައެވެ. އެކުގައި ބަހައްޓަންވީ ތަށިތަކާއި ވަކިން ހުންނަންޖެހޭ ތަށިތައް މަރިއްޔާއަށް ބުނެދެނީ ކެންޒާއެވެ.
"ކެން! ނިމުނީތަ؟ ފިފްޓީން މިނެޓްސް ދެން އޮތީ" ފޯނުކޯލު ނިންމާލާފައި ކެންޒާގެ ގާތަށް އައި ލައިރާ އަހާލިއެވެ. އެއާއެކު ބޮޑުވައި އިނގިލި އަރުވާލަމުން ކެންޒާ ނިމިއްޖެކަން އަންގާލިއެވެ.
"ޗޭންޖުވާން ހެދުމެއް ގެނައިންތަ؟ އަވަހަކަށް ކެން ފޮނުވުމުގެ ވިސްނުމެއް އަހަރެންގެ ނެތް އިނގޭ" ލައިރާ ބުނެލިއެވެ.
"އިއްޔެ އެހެން ބުނީމަ ހިފައިގެން އައީ... ޑަޒާޓް ޓޭބަލްގަ މި ކޭކު ބައިންދާފަ ރެޑީވާން ދާނަން" މިހެންބުނެ ޓްރޭއާއެކު ކޭކު ކެންޒާ ނެގިއެވެ. ލައިރާ ވެސް އޭނާއާއެކު ހިނގައިގަތީއެވެ. އިލިޔާނާގެ އެކުވެރި ކުދީން އަންނަން ވާއިރަށް އިންތިޒާމުތައް ހަމަޖެހިފައި ހުރި ގޮތް ފަހުފަހަރަށް ބަލާލުމަށް ލައިރާ ގަސްދުކުރިއެވެ.
ކެންޒާ ތައްޔާރުވެގެން އާދެވުނުއިރު އިލިޔާނާގެ އެކުވެރިންގެ ތެރެއިން ހަތްވަރަށް ކުދީން އައިސް އުޅެއެވެ. ލައިރާ ހުރީ އެ ކުދީން ގޮވައިގެން އައިސް ތިބި ބެލެނިވެރީންގެ ގާތުގައެވެ. އަތުރާފައި ހުރި ގޮނޑިތަކަށް ބަލާލުމަށްފަހު ކެންޒާ އެތަނުން ގޮނޑިއެއްގައި އިށީނެވެ. ސަރަފީނާއާއި ފަރުޒީނާއެކު ކަސްތޫރީ އެތަނަށް އައީ އެވަގުތެވެ. ކެންޒާ އަވަސްއަވަހަށް ތެދުވުމުން އޭނާގެ ކޮނޑުގައި ކަސްތޫރީ އަތްޖައްސާލައި އިށީނުމަށް އަންގާލީ ހިނިތުންވުމަކުންނެވެ.
"އެއްޗެއް ގެނެސްދެންތޯ" ކެންޒާ އަހާލިއެވެ. ކަސްތޫރީގެ އިތުރުން ދެން ތިބި ދެ އަންހެނުން ވެސް ނޫނެކޭ ބުނެލިއެވެ.
"ލައިރާއާ ހެދި ކެންޒާއަށް ގެއަށް ނުދެވިފަ ދޯ ތީނީ" ސަރަފީނާ އަހާލިއެވެ.
"މިއަދު ހުކުރު ދުވަސްވީމަ ކުރާނެކަމެއް މާގިނަ ކަންތައްތަކެއްނެތް، ކުރީބައިގަ ލައި ބުނެފަ އޮތީމަ، ރެޑީވެގެން ހުރީ" ކެންޒާ ހިނިތުންވެލިއެވެ.
ލައިރާއަށް މަންމައާއި ބޮޑުދައިތައާއި މާމަ ފެނުމުން އަވަހަށް އެމީހުންގެ ގާތަށް އައެވެ. އެމީހުން އައީ ޚަފުލާ ކުރިއަށްދާ ގޮތް ބަލާލުމަށްކަމުގައި ސަރަފީނާ ބުންޏެވެ. އިތުރު ކުދީންނާއި ބެލެނިވެރީން އަންނަން ފެށުމުން އެތަނުގައި މަޑުކުރާކަށް އެމީހުން ގަސްދެއް ނުކުރިއެވެ. ކުދީންނާއެކު އިލިޔާނާގެ ކަންކަމުގައި އުޅޭ ޚާދިމާ، ސަމަންތާ އުޅޭތަން ފެނެއެވެ. ސަރަފީނާ އެނބުރި ދިއުމުގެ ކުރީން ދަރިފުޅުގެ ގާތުން އެދުނީ ސަމަންތާ ހުއްޓެއްކަމަކު ކުދީން އުޅޭ ގޮތަށް ލައިރާ ވެސް ސަމާލުކަން ދިނުމަށެވެ.
* * * * *
ކުރިއަށްދިޔަ ޙަފުލާ ނިމި ކެންޒާއާއެކު ލައިރާ ވެސް އިނީ ބަދިގެ ތެރޭގައެވެ. ލައިރާ ގެނައި ދެ ތަށި ކޮފީ ބުއިމުގައެވެ. އެމީހުންނާ ބައިވެރިވީ އެތަނަށް ވަން ސެހްރާނެވެ. ލައިރާ ނުބުނެގެން އޭނާ ހުރި ކަހަލައެވެ. އަވަހަށް އައިސް އެ ދެ އަންހެންކުދީންގެ މޫނު ފެންނާނޭހެން އައިލެންޑް ދޮށުގައި އިށީނދެއްޖެއެވެ.
"ލައިތު ނެތީތަ، އެނބުރެމުން މިތަނަށް ތިވަނީ" ލައިރާ އަހާލިއެވެ. އޭރު ކެންޒާ ވެސް އިނީ ސެހްރާނު ފެނުމުން ލައިތުވީ ހިސާބެއް އެނގެން ބޭނުންވެފައެވެ. އޭނާގެ ނަޒަރު ސެހްރާނަށް ހުއްޓުނީ ލައިރާގެ ސުވާލަށް ދޭނެ ޖަވާބެއް އަޑުއެހުމަށް ޝައުގުވެރިވެފައި އިންވަރުންނެވެ.
"އޮފީހުން އައިގޮތަށް ނިދާފަ އެބައޮތް... ދެންމެ ގޮސް ގޮވީމަ ވެސް ނުތެދުވި، މަންމަ ފެނިގެން ދޮން ކޮބާތޯ އެހީމަ ބުނެފި، ބަދިގެއަށް ދިޔައީހެން ހީވެޔޯ" ސެހްރާނު ނިކަން ތަފްސީލުކޮށް ބުނެލިއެވެ.
"ދެން އުޅޭ ދެ ބްރަދާސް ކޮބާ" ކެންޒާ އަހާލިއެވެ.
"ނާނު ކުޅެ ނިންމާފަ އާންނާނީ އިރުއޮއްސޭއިރު، ދެން ހުރި މީހާ ޓޯޓަލް އައިސޮލޭޝަންގަ އުޅޭހިތްވާ މީހެއް" ސެހްރާނު ބުނެލި ރާގުން ލައިރާ ހީނލިއެވެ.
"އެ ދޮގެއް، ޔާދިންއަކީ ވަރަށް ސީރިއަސްމީހެއް، ބޭރުގައި ވެސް ގޭގައި ވެސް... އެކަމަކު ލައިތުއާ ދެމީހުންގެ ކޮމްޕެޓިޝަން ވަރަށް ބޮޑުވާނެ، ނާނު އެންމެ ކުޑަވީމަ ކަންނޭނގެ، ހީ ހޭސް ނޯ އައިޑިއާ މިގޭގަ ވާކަންކަމުގެ... އޭނާއަށް އެއްވެސް ކަމެއް މުހިންމު ހެނެއް ހިޔެއްނުވޭ، ކަމެއް ބޭނުންވެއްޖެއްޔާ ދުވާނެ އެންމެންގެ ގާތަށް، އަހަރެމެން ކުދީންގެ ތެރެއިން އެއްވެސް ކަމަކާ ބެހެން ބޭނުންނުވާ މީހަކީ ލައިތު، އޭނާއަށް ވަންޏާ އޮފީހަކަށް ވެސް ނުދާނެ، ގޭގެ އެއްކަމެއްގައި ވެސް ބައިވެރިނުވާނެ، މަންމަމެން ފުރަތަމަ ހީކުރީ މިކޮޅަށް ބަދަލުވާން ޖެހުނީމަ ލައިތަށް އުޅެން އުނދަގުލީ ކަމަށް" ލައިރާ ބުންޏެވެ.
"ހީ އިޒް ސްޓަބަން" ދެއަތުން ކޮފީ ޖޯޑު ތުނބާ ހަމައަށް ހިއްލާލައިގެން އިނދެ ސެހްރާނު ބުނެލިއެވެ.
"ޑަޒް ހީ ސްޕީކް އަދާ ލެންގުއެޖް" ކެންޒާގެ އަޑުގައި މިފަހަރު ޖެހިލުންވުން ހުއްޓެވެ. ސެހްރާނު މާނަވީ ގޮތަކަށް ކެންޒާއަށް ބަލާލިއެވެ. އަދި އޭނާ ހޭންފެށިއެވެ. ލައިރާ ވެސް އިނީ ހިނިތުންވެލައިގެންނެވެ.
"އޭނާ އެއްޗެކޭ ބުނީތަ؟" ހުނުންގަނޑު މައިތިރިކުރަމުން ސެހްރާނު އެއްސެވެ. ކެންޒާ ދެ ޚިޔާލެއްގައި އިނދެފައި މަޑުމަޑުން ބޯޖަހާލިއެވެ.
"ކޮންބަހަކުން ބުނީ؟" ސެހްރާނު މިހެން އަހާލަންވާއިރަށް، ކީކޭތޯ ލައިތު ބުނީ ލައިރާ އަހާލައިފިއެވެ.
"އައި ޑޯންޓް ނޯ... އިނގިރޭސިއަކުންނޫން ބުނީ" ކެންޒާ ބުންޏެވެ.
"ކިޔަވަން އުޅުންއިރު އޭނާ އަބަދުވެސް ފުންނާނީ ހެޑްސެޓް ޖަހާލައިގެން ހުންނަތަން، އަހަރެންނަށް އޭރު ހީކުރެވުނީ އޭނާ ލަވާއަޑުއަހަނީ ކަމަށް، އެހެން މީހުން ހުސްވަގުތު ހޭދަކުރާ ގޮތާއި ލައިތު އެވަގުތުތައް ދުއްވާލާ ގޮތް ތަފާތު، އޭނާ ތަފާތު ލެންގުއެޖް ދަސްކުރަން ލޯބިކުރޭ، ފުރަތަމަ ދަސްކުރީ އިޓަލީ ބަސް، އޭނާ އެންމެ ފަރިތަކޮށް ވާހަކަދައްކާނީ ވެސް އެބަހުން، ސްޕެނިޝްއާއި ފްރެންޗު ވެސް އެނގޭނެ، ފަހުން މެންޑަރިން ޗައިނީޒް ދަސްކުރަން އުޅެފައި ނޭނގެ ވީގޮތެއް، އެ ކުލާސް އެއްކޮށް ފުރިހަމައެއް ނުކުރޭ، ދެން އޭނާގެ އިންޓްރެސްޓް އެނބުރުނީ ޑިޖިޓަލް އާޓްސްއަށް، ކިޔަވަން އެހާ އިންޓްރެސްޓް ހުންނަ މީހަކު އަހަރެން ނުދެކެން، ބައި ދި ވޭ، ހީ އިޒް އަ ބުކްވޯމް... އެންމެ ރަނގަޅުވާނީ އޭނާ ބުނީ ކީކޭތޯ ނުބެލިއްޔާ، ރަނގަޅު އެއްޗެއް ނުބުނާނެ" ސެހްރާނުގެ ވާހަކައިން އޭނާ ލައިތުއާ މެދު ފަޚުރުވެރިވާކަން އެނގެއެވެ.
"މިގޭގަ ސެޓްފިކެޓް އެންމެ ގިނަ މީހަކީ އެއީ، އެންމެ ބޯހަރީ ވެސް އޭނާ، އެއްވެސް ކުއްޖަކަށް ބައްޕައާ ފައިޓްކުރާކަށް ނުކެރޭނެ ލައިތު ނޫނީ" ލައިރާ ދެފަރާތަށް ބޯހޫރާލިއެވެ. ކެންޒާގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. އަދި ވެސް ލައިތުއާ ބެހޭ ގޮތުން އެނގެން އޭނާގެ ހިތް އެދެއެވެ.
"އޭތް! އަންހެން ކުދީން މިހެން ތިބޭއިރު ދައްކަނީ ކޮންކަހަލަ ވާހަކަތަކެއްތަ؟ ތެދެއް! ވަރަށް ގޮސިޕް ކުރޭތަ؟" ސެހްރާނުގެ ރާގު ކުއްލިއަކަށް ބަދަލުވެލައިފިއެވެ.
"އަހަރެމެން ގޮސިޕްކުރަންތަ؟، ނޫން ދޯ" ލައިރާ ބަލާލީ ކެންޒާއަށެވެ. އޭނާގެ ބުނުމަށް ކެންޒާ ވެސް އެއްބަސްވެލިއެވެ.
"ކެން ހީވަނީ ވަރަށް ވަރުބަލިވެފައި ހުރިހެން" ކޮފީތަށްޓަށް ކެންޒާ ބަލަން އިން ގޮތް ފެނި ސެހްރާނު ބުންޏެވެ. އެވަގުތު ވެސް ކެންޒާ އޭނީ ލައިތުގެ ޚިޔާލުގައި ކަމެއް އެކަކަށް ވެސް ނޭނގެއެވެ.
"ހުރިހާކަމެއް ނިމުނީމަ އަދިތު ކައިރީ ބުނާނަން ކެން ގެއަށް ލާދޭން" ލައިރާ އަވަސްއަވަހަށް ބުނެލިއެވެ.
"ކޮންތާކު ގެ ހުންނަނީ؟" ސެހްރާނު އަހާލިއެވެ. އެއާއެކު ގަލޮޅުގައޭ ކެންޒާ ބުނެލިއެވެ.
"ކެން، ގެއަށް ލައިދޭންތަ ތިއަހަނީ؟" ލައިރާ ބުންޏެވެ.
"އާން! އެއީ އެހާވަރުކަމެއްނޫނެންނު، އެހެންނޫނަސް މިރޭ ބޭރަށް ނުކަންނަ ހަމަޖެހިފަ އޮތީ، އަނެއްކާ ކެންއަށް އޯކޭތަ؟" ސެހްރާނު ބަލާލީ ކެންޒާގެ ޚިޔާލަށް ބޭނުންވެގެންނެވެ. އެއްޗެއް ބުނަން ނޭނގިފައި ކެންޒާ ބަލާލީ ލައިރާއަށެވެ.
"ކެން ސަލާމަތުން ގެންގޮސްދޭނަމޭ، އެހެންނޫނީ ދޮން އަހަރެން މަރާނު... ތީ މިހާރު ދޮންގެ ނިއު ބެސްޓް ފްރެންޑްވިއްޔާ" ސެހްރާނު ހީނގަތެވެ. ހިނިތުންވުމެއް ދިން ކެންޒާ ބޯޖަހާލިއެވެ. އެގޭތެރެއިން އޭނާ ދުށް ގޮތުގައި އެންމެ ހަމަޖެހޭ ދެ ޒުވާނުންނަކީ ޖިނާނާއި ސެހްރާނެވެ.
"ދެން ކައްކަން ދޯ އުޅޭނީ، ނިމުނީމަ އާދޭ އިނގޭ އަހަރެންގެ ބަޔަށް، ސެހެރް އަންނާނެ ދާންވީމަ... އަހަރެން ވެސް މިދަނީ އިލީ ކޮބާތޯ ބަލާލަން، އެ އުޅޭ އިސްކަންދަރު ދޫލާއިރު ވެސް އިނދެދާނެ އަޅާވެސް ނުލާ ދީގެން، އަދި އެޔެއްނޫން ކަމަކީ، މާމަގެ އެންމެ ލޯބިވާ ބީފާނު ފިތާލަފާނެތީ ވެސް ބިރުން ހަލާކުވާވަރުވޭ" ލައިރާ ތެދުވަމުން ވާހަކަދެއްކިއެވެ.
ލައިރާ ނުކުމެގެން ދިޔަތާ ގިނައިރެއްނުވެ ސެހްރާނު ވެސް ދާން ގަސްދުކުރިއެވެ. ކޮފީޖޯޑުތައް ނަގަން ކެންޒާ އުޅުމުން ސެހްރާނު ނުކުމެނުކުމެ ހުރެފައި ވެސް އެނބުރި އައެވެ. ކެންޒާ ނެގިޔަ ނުދީ އޭނާ ކޮފީޖޯޑުތައް ހިފައިގެން އައިސް ތަށިދޮންނަ މެޝިނަށް ލައިފިއެވެ. ނުކުމެގެން ދަމުން، ކެންޒާ ދޮންނާނީ ކައްކާއިރު ހަޑިވާ ތަށިތައްކަމަށް ސެހްރާނު ބުނެލީ އެއްލޯ މަރާލަމުންނެވެ.
ބަދިގޭގައި އެކަނިވުމާއެކު އޭނާ ނުކުތީ ކަސްތޫރީއާ ބައްދަލުކުރާށެވެ. ނަމަވެސް ބަދިއާ ދުރަށް ނާދެވެނީސް އެތަނަށް މަރިއްޔާ އަންނަތަން ފެނުނެވެ. އޭނާގެ އަތުގައި ރޭގަނޑުގެ ކެއުމުގެ ލިސްޓު އޮތެވެ. އެހެންވެ މަރިއްޔާއާ ވާހަކަދައްކަމުން ދެމީހުން އައިސް ބަދިގެއަށް ވަނެވެ.
މަސައްކަތްތައް ނިންމާލާފައި ލައިރާ އެދުނު ފަދައިން ކެންޒާ އެބަޔަށް އައެވެ. ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ލައިރާ އައީ ކެންޒާ އެޕާޓްމެންޓުގައި ބައިންދާފައެވެ. ކެއުމުގެ ކަންކަން ނިމި އެނބުރި އެޕާޓްމެންޓަށް އޭނާ އައިއިރު ސެހްރާނު ވެސް ހުއްޓެވެ. ހިނގާށޭ ދާން ސެހްރާނު ބުނެލުމާއެކު ކެންޒާ ސޯފާއިން ތެދުވިއެވެ. ކެންޒާ ގެއަށް ލާފައި ނޫނީ އެއްވެސް ތަނަކަށް ގޮސްގެން ނުވާނެކަމުގައި ލައިރާ ބުންޏެވެ. ކެންޒާއާއެކު އެޕާޓްމެންޓުގެ ދޮރާ ހަމައަށް ލައިރާ ނުކުމެފައި އެކުވެރިޔާގެ ގައިގާ ބައްދާލިއެވެ. ގެއަށް ގޮސް އަރާމުކޮށްލަން ބުންޏެވެ.
ގެޔާ މާ ދުރުނޫން ހިސާބުގައި ސިގްނަލް ޖައްސައިގެން އޮތް ކާރަށް ސެހްރާން އިޝާރާތްކޮށްލިއެވެ. ކާރާ ހަމައަށް އާދެވުނު އިރު ބިއްލޫރީގެ ގޮތުން އެތެރޭގައި އިން މީހަކު ނުފެނެއެވެ. ސެހްރާނު ފަހަތު ދޮރުފަތް ހުޅުވާލުމާއެކު ކާރުގެ އެތެރެއިން ބޮކިދިއްލުނެވެ. ދުއްވަން އިނީ ލައިތުކަން އެނގުނީ ކެންޒާ ކާރަށް އެރިފަހުންނެވެ. ކުރިމަތީގައިވާ ލޯގަނޑުކޮޅު ލައިތު ރަނގަޅުކޮށްލުމާއެކު ފަހަތުގައި އިން ކެންޒާއަށް ބަލާލިއެވެ. ދެ މީހުންގެ ނަޒަރު ސީދާވެލިއެވެ. މިއަދު އެހާ ގިނައިރު އޭނާ އެގޭގައި އުޅުނުއިރު ވެސް ލައިތު ލޮލަށް ފެނުނީ އަދިކިރިޔާއެވެ. އޭނާ ދުށުމަށް ކެންޒާގެ ހިތް ކިތަންމެ ފަހަރަކު ގޮވާލިއެވެ. ނަމަވެސް މީހެއް ގާތު އަހާލަން ނުކެރިފައި ހުރީއެވެ.
"ކިހާ ހިސާބެއް އެއީ" ލައިތުއާ ޖެހިގެން ހުރި ސީޓުގައި ހަމަޖެހިލި ސެހްރާނު އަހާލިއެވެ. އެއާއެކު ކެންޒާ ގެއަށްދާންވީ މަގުތައް ކިޔާދިނެވެ. ލައިތު އިނީ މުޅިން އެހެން ޚިޔާލެއްގައެވެ. ކެންޒާ ދާން ބުނާ ސަރަޙައްދަކީ މި މާލެއިން އޭނާ އަރަން ބޭނުންނުވާ ހިސާބެވެ.
ދުއްވަމުން އައި ކާރު މަޑުކުރަން ކެންޒާ ބުނުމުން މަގަށް ވަދެ ފާރު ކައިރީ ޕާކުކޮށްލިއެވެ. އޭރު ލައިތުގެ ހިތުގެ ހިނގުން އަވަސްވެއްޖެއެވެ. ސެހްރާނު އެއްޗެކޭ ބުނަން އުޅުނު ހިނދު އޭނާއަށްވުރެ ކުރީން ލައިތު ވާހަކަދެއްކިއެވެ. އެމަގުން ގެ ކޮބާތޯ ލައިތު އެއްސެވެ. ކަންމައްޗަށް ވާހެން ހުރި ގެއަށް ކެންޒާ އިޝާރާތްކޮށްލިއެވެ. އެއީ ގެ ކަމުގައި ބުންޏެވެ. ކާރުން ފައިބަން ކެންޒާ އުޅުނެވެ.
"ވެއިޓް..." ކުއްލިއަކަށް ލައިތު ބުންޏެވެ.
(ނުނިމޭ)