ލ. ގަމުން ގޯތި ލިބުނު މީހުންގެ ލިސްޓް އާންމު ކުރުމަށްފަހު އެ ލިސްޓް ބާތިލްކޮށްފި އެވެ.
ގޯއްޗަށް އެދުމަށް ގަމު ކައުންސިލް އިދާރާއިން ހުޅުވި ފުރުސަތުގައި އެކަމަށް އެދުނު މީހުންގެ ތެރެއިން ގޯތި ލިބުނު މީހުންގެ ލިސްޓް މިއަދު ވަނީ ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައެވެ. އެ ލިސްޓާއެކު އާންމުކުރި އިއުލާނުގައި ބުނެފައިވަނީ ލިސްޓްގައިވާ މީހުންނަށް އީމެއިލް މެދުވެރިކޮށް ގޯތި ލިބުނުކަން އަންގައިދޭ ލިޔުން ފޮނުވާނެ ކަމަށެވެ.
އަދި އެ މީހުންނަށް ގޯތި ހަވާލުކުުރުމާއި، ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އާންމު ހާލަތަށް އައުމުން ކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ލިސްޓް އާންމުކުރި ނަމަވެސް އެންމެ ފަހު މަރުހަލާއާ ހަމައަށްވެސް އޭގެ ތެރެއިން އެއްވެސް މީހެއްގެ ނަން ލިސްޓުން އުނިކުރަން ޖެހޭ ފަދަ މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ ލިސްޓުން އެ ނަމެއް އުނިކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ނަމަވެސް ލިސްޓް އާންމުކުރިތާ 11 ވަރަކަށް ގަޑިއިރު ފަހުން ލ. ގަމުން ގޯތި ލިބުނު މީހުންގެ ލިސްޓް ބާތިލްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ފަހުން ގެޒެޓްގައިވާ އިއުލާން ވަނީ ނަގާފައެވެ.
ނަމަވެސް އެހެން ކަންކުރީ ކީއްވެގެންވަނީ ސާފުވާގޮތް ނުވެފައެވެ. މިކަމާއި ގުޅޭގޮތުން ގަމު ކައުންސިލް އިދާރާގެ ބަހެއް ވަނީ ލިބޭގޮތް ނުވެއެވެ.
މިިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް ގަމު ކައުންސިލުން އެ ރަށުން ގޯތި ދޫކުރުމަށް މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އެ ކަމަށް ހުއްދަ ނުދީ ހައުސިން މިނިސްޓްރީން އޭރު ހިފަހައްޓާފައި އޮތީ ރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފަށް ކައުންސިލުން ގޯތި ދޫކުރަމުންދާ ކަމަށް ބުނެ އެވެ. ގަމުން ގޯތި ދޫނުކުރާތާ އަހަރުތަކެއް ވެފައިވާތީ ގިނަ ބަޔަކު ވަނީ ގޯތި ހޯދުމަށް ހުށައަޅާފައެވެ.