ހަބަރު

ހިޔާ ފްލެޓްތައް ހައްގުވެރިންނަށް ހަވާލު ކުރުން އަންނަ މަހު ފެށޭނެ: އާތިފާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ ގިނަ މެންބަރުންތަކެއް ވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލު ކުރުމަށް މިދިޔަ ސަރުކާރުން އާންމުކޮށްފައިވާ ލިސްޓް އެސެސްޓް ކުރުމުގައި ލަސްތަކެއް އުޅޭތީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ ލިސްޓް އެސެސްޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ރައީސް އޮފީހުގައި އެ ކަމަށް އެކުލަވާލި ކޮމިޓީއާ ގުޅިގެން ކަމަށެވެ. އެ ގޮތުން ކޮމިޓީން ހާލަތު ބެލުމުގެ މަސައްކަތް ކުރާއިރު މިނިސްޓްރީން ކުރަނީ އެ ލިސްޓުގައިވާ ފަރާތްތަކަށް އެހެން ތަނެއްގައި ގެދޮރު ހުރިތޯ ބެލުމެވެ.

"ކޮމިޓީން ކުރާ މަސައްކަތުގައި އެންމެ ފަހުން އޮތީ ހާލަތު ބެލުމުގެ މަސައްކަތް. އަޅުގަނޑުމެން މިނިސްޓްރީން މި ކުރަނީ ޑޭޓާ ޕްރޮސެސްގެ މަސައްކަތެއް. އެއީ ލިސްޓުގައިވާ މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ގެދޮރެއް ރާއްޖޭގެ އެހެން ތަނެއްގައި އޮތްތޯ ބެލުން. މިނިސްޓްރީގައި ހުރިހާ ރަށެއްގެ ގެދޮރުގެ ޑޭޓާ އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން ކޮމިޓީއާ ވާހަކަ ދެއްކިއިރު ކޮމިޓީން މައުލޫމާތު ދީފައި ވަނީ ދެ ހަފުތާ ދުވަހުގެ ތެރޭގައި އެސެސްމެންޓްގެ މަސައްކަތް ނިމޭނެ ކަމަށެވެ. ނަމަވެސް ލޮކްޑައުން ކުރުމާ ގުޅިގެން އެ މަސައްކަތް މަޑުޖެހިގެން ދިޔައީ ކަމަށާއި ނަމަވެސް ސަރުކާރު ހުޅުވުމުން އަލުން މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

މިނިސްޓަރުގެ ފަރާތުން ތާރީހެއްގެ ޖަވާބު ނުލިބުމުން ކޮމިޓީގެ މެންބަރުން ސީދާ ތާރީހެއް ދެއްވުމަށް އެދިވަޑައިގެން ސުވާލު ކުރެއްވި އެވެ. ނަމަވެސް ސީދާ ތާރީހެއް މިނިސްޓަރު ފުރަތަމަ ނުދެއްވި އެވެ. އެންމެ ފަހުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ، މިނިސްޓަރު އުއްމީދު ކުރައްވާ ތާރީހެއް އޮތްތޯ ސުވާލު ކުރެއްވުމުން ވިދާޅުވީ އަންނަ ޖުލައި މަސް ނިމެންވާއިރަށް ހަވާލު ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ހާލަތު ބެލުމުގެ މަސައްކަތް ކޮމިޓީން ކުރާއިރު، އަޅުގަނޑުމެން މިނިސްޓްރީން މި ދަނީ ޑޭޓާ ޕްރޮސެސް ކުރުމުގެ މަސައްކަތް. އެ މަސައްކަތް ވެސް 90 ޕަސެންޓް ނިމިފައި އޮތީ. އެހެންވީމަ އަޅުގަނޑުގެ އުއްމީދު ކުރަނީ ޖުލައި މަސް ނިމޭއިރު ހަވާލު ކުރެވޭ ވަރު ވާނެ ކަމަށް،" މިނިސްޓަރު އާތިފާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެޅި އެ ފްލެޓްތައް ދޫކުރާ ލިސްޓުގައި އެންމެ ހާލުގައި ތިބި ރައްޔިތުން ހިމަނާފައި ނުވާ ކަމަށާއި އެ ލިސްޓުގައި އޮތީ އޭރުގެ ސަރުކާރުގެ އިސް ބޭފުޅުންގެ ގާތް މީހުން ކަމަށް ތުހުމަތު ކުރެވުނެވެ. އެ މައްސަލަ ބަލައި ފްލެޓްތައް ސީދާ ހައްގުވާ މީހުނަށް ހަވާލު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

އެ ކަން ކުރުމަށް ޓަކައި ލިސްޓު އެސެސްކުރުމަށް ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް ވެސް އުފެއްދި އެވެ. ނަމަވެސް ކޮމިޓީގެ މަސައްކަތް ލަސްވާތީ އާއި ހައުސިން މިނިސްޓްރީގެ ފަރާތުން ވެސް އެކަށީގެންވާ މަސައްކަތްތެއް ނުފެންނާތީ އާންމުންގެ ފާޑުކިއުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.