ހަބަރު

މާލޭގައި ހަމަނުޖެހުން ހިނގި ބަޔަކު ހޯދަނީ

މާލެ ސިޓީގައި ހަމަނުޖެހުން ހިނގި ބަޔަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ބޮޑުތަކުރުފާނުމަގު، ހުޅުލެ ފެރީތައް އޮންނަ ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއްގެ މަންޒަރު ފުލުހުންގެ ސީސީޓީވީ އަށް ފެނިގެން އެ ސަރަހައްދަށް ފުލުހުން ގޮސް ހަމަނުޖެހުން ހިނގި މީހުންގެ ތެރެއިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދުގެ ހަމަނުޖެހުމުގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފައެވެ. އެ ސަރަހައްދަށް ދެ ފުލުހުން ސައިކަލެއްގައި އަންނަ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. ފުލުހުން ދުއްވި ސައިކަލް އެހެން ވެހިކަލްއެއްގައި ޖެހި ސައިކަލާއެކު ދެ ފުލުހުން ވެއްޓެއެވެ. ނަމަވެސް ފުލުހުން ވަނީ ސައިކަލަށް ބެލުމެއްނެތި ވަގުތުން ތެދުވެ، ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްފައެވެ.

މިއަދުގެ ހަމަނުޖެހުން ހިނގަން މެދުވެރިވީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ނޭންގެއެވެ. އެކަމާ ގުޅޭގޮތުން ފުލުހުންވެސް ވަކި އެއްޗެއް ނުބުންޏެވެ.