ޕޮލިޓިކްސް

އެމްޑީޕީގެ އަރައިރުމަށް ފެންޖަހާ ފޮޓޯގަނޑު!

ވެރިކަން ލިބުމާއެކު، އެއްބަފާ ދެބެންނަށް އެއް ގަލެއް މަތީގައި ނުތިބެވުނުއިރު، އެއަށްވުރެ ދުރުތާ އާއިލީ ގުޅުމަކާއި ގާތް ދެ ރަހުމަތްތެރި ކަމަކުން ގުޅިފައި އޮތް ނަނަކަށް ވާންވެ، ކަނޑައިގެންދާ ހިސާބަށް ހިނގައިދާނެކަމުގެ ބިރު ކުރިން ވެސް އޮތެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުވުމުގެ ބިންގާ އެޅި މިހާރު ވެރިކަމުގައި އޮތް މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސްގައި ވެސް އެކަމުގެ ނިޝާންތައް ކޮންމެވެސް މިންވަރަކަށް ފެނުނެވެ. ޖޫން 2018 ގައި ބޭއްވި ކޮންގްރެސް ފެށިގެން، މަޑުގިނީގައި އޮތް ކޮޅިގަނޑު، މި ސަރުކާރަށް މީވީ ދުވަހެއް ވާން ދާއިރު، މިހާރު ވަނީ ރަނގަޅަށް ވެސް ލައްވާލާފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަހަތަށް ޖެހިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ދެއްވާން ޖެހި ވަޑައިގަތް ސަބަބު އެއޮއް ބޮޑު އިންޑިއާގެ އެންމެނަށް ނޯޅޭ އިރު އެއްވެސް ދިވެއްސަކަށް އެކަން އޮޅިފައި އޮންނާނެ ހެއްޔެވެ؟ އަދި ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް ރައީސް ނަޝީދަށް މާ ގިނަ ދުވަހު، ގައުމު ހިންގުމުގައި ހަމައެކަނި ހިޔަންޏެއްގެ ގޮތުގައި ހުންނަންވަން ދަތިފުޅުވާނެކަން އޭރު ވެސް ގިނަ ބައަކަށް ގަބޫލު ކުރެވުނެވެ.

އެފަދަ ނުތަނަވަސް ކަމެއް ނެތްކަން ދައްކަވާން އެކި ފަހަރު މަތިން ދެ ބޭފުޅުންމެ މަސައްކަތް ކުރެއްވި ނަމަވެސް ފުރަތަމަ އެކަން ފަޅައިގެން ދިއައީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ކަނޑައަޅާން ޖެހުނު ހިސާބުންނެވެ. އެއް ޕާޓީއަކުން ނުކުތް ވާދަވެރި ދެ ކެންޑިޑޭޓުންގެ ފަހަތުގައި ޕާޓީގެ މައި ދެ "ތަނބު" ތިއްބަވާ ބޮޑު ކޯޅުންގަނޑަކަށް ގޮސް އެމްޑީޕީ މެދުން ފަޅައިގެންދާ ހިސާބަށް ކަންކަން ދިޔަ އެވެ.

މަޖިލީހުގެ ރައީސްކަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވަމުން ވަޑައިގެންނެވީ ރައީސް ނަޝީދު ޕާޓީ ސަލަމާތް ކުރުމަށް ކަމަށް ވިދާޅުވެ އެގޮތަކަށް އޭރު ކަންތައް ކުރެއްވީ ވެސް ގަސްދުގައި އެވެ. ހާލަތަށް އޮތް އެންމެ މޮޅު ގޮތަކީ އެއީ ކަމަށްވާތީ އެ ރޭވުމުގެ ތެރެއިން މިހާރު އެ އިންނެވީ ބޭނުންފުޅުވާ ގޮތަށް ބޭނުންފުޅުވާ ގޮނޑީގަ އެވެ. ދެން ބޭނުންފުޅުވާ ކަންކަން ވެސް ކުރައްވާނެ އެވެ.

އޭގެ ފަހުން، ދައުލަތް ހިންގުމުގެ އެއް ބާރުގެ ލަގަނުގައި ހިތްޕަވައިގެން، ނަޝީދު ވަނީ ނުސީދާ ގޮތުން އެކި ފަހަރު މަތީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބި ވަޑައިގަންނަވާ ބާރުތަކަށް އަތްލައްވާން މަސައްކަތް ކުރައްވާފަ އެވެ. ސަރުކާރުގެ ވައުދާ ގުޅިފައިވާ ބިލެއް މަޖިލީހަށް ވަނުމުގެ ކުރިން، ސިޔާސީ ޕޮއިންޓު ލިބޭ ގޮތަށް، ގަރާރެއް ތަޅުމަށް ހުށަހެޅެމުން ދިޔަ ދުވަސްތަކެއް ވެސް ހިނގައްޖެ އެވެ.

ސަރުކާރުގެ ކޯލިޝަން ރޫޅާލުމާމެދު ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވެ، ކޯލިޝަންގެ އެހެން ޕާޓީތަކަށް ނިސްބަތް ވަޒީރުން މަޖިލީހަށް ހާޒިރުކުރުން ވެސް އިތުރުވި އެވެ. ގިނަ ފަހަރު، ސަރުކާރާއި، މަޖިލީހު މެޖޯރިޓީ އޮތީ އެއް ޕާޓީއެއްގެ އަތުގައި ކަން އޮޅޭ ހިސާބަށް ކުރިމަތިލުންތައް ހިނގަ އެވެ.

ފެން އަޅާ ފޮޓޯގަނޑު

ދެ ބޭފުޅުންގެ އަރައިރުން ވިހަވެ، އެ ހަނގުރާމަ އެމްޑީޕީ މެންބަރުންނާ ހަމައަށް ފުރޭނިގެން އައިސްފައިވެ އެވެ. ޕާޓީގައި އިސް ސަފުގައި އުޅުއްވާ ބޭފުޅުން ދެ ފަޅިއަށް ބެހި، ސޯޝަލް މީޑިއާގައި ވެސް ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރާ ހިސާބަށް މައްސަލަ ބޮއްސުންލައިގެން ދެ އެވެ. ނަމަވެސް އެ ހަނގުރާމާގައި އެމްޑީޕީ މެދުން ފަޅައިގެން ހިނގައިދާނެ ކަމުގެ ބިރުހީވުމާއެކު، ދެ ބޭފުޅުން އެކުވެލައި ވަރަށް މޮޅު އުކުޅެއް ބޭނުން ކުރައްވަ އެވެ.

މިދިއަ ޑިސެމްބަރު މަހުވެސް އެކަން ވަނީ ފެނިގެން ގޮސްފަ އެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން، ރާއްޖޭން ބޭރަށް ދެ ބޭފުޅުން އެކުގައި ކުރެއްވި ފުރަތަމަ ދަތުރުފުޅު ހެއްދެވީ، ބާރުވެރި ކަމުގެ ހަނގުރާމައިގެ ތެރެއިން ނެންގެވި ހުދު ދިދަ އަށެވެ.

ދެ ބޭފުޅުން އެކުގައި އެތައް މިތަނުގައި ނެންގެވި ފޮޓޯތަކުގެ ދަތުރުނާމާއިން އޭރު ބޮޑުވަމުން އައި ހުޅުގަނޑަށް ފެން އަޅުއްވައި ނިއްވާލި އެވެ. ދެ ރައީސުންގެ އެކުވެރި ގުޅުމުގައި ރެނދެއް، ކޫރުމެއްހާ މިންވަރު ވެސް ނެތް ކަން ރައްޔިތުންގެ އިތުރުން، އެމްޑީޕީގެ މެމްބަރުންނަށް ވެސް އެ ފޮޓޯތަކުން ސާފުކޮށް ދެއްވި އެވެ.

އޭގެ ހައެއްކަ މަސް ފަހުން ސިޔާސީ އަރައިރުން އަނެއްކާ ވެސް ދަނީ ފެންނަމުންނެވެ. މުޅި ރާއްޖެ، ކޮވިޑް-19 އިގެ ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރޭގައި ހަނގުރާމަ ކުރަމުންދާއިރު، މަޖިލީހުގެ ރައީސް ވަނީ ސަރުކާރުގެ ފިޔަވަޅުތަކަށް ފާޅުގައި ފާޑުވިދާޅުވެފަ އެވެ.

އެވަރުން ފުއްދާނުލައްވައި، އެ ފާޑުކިޔުންތައް މިފަހުން ވަނީ އިންޒާރުތަކަށް ވެސް ބަދަލުވެފަ އެވެ. އޭގެ އިތުރުން، ކައުންސިލަރުންގެ ދައުރު ދަމާލުމާ ގުޅޭ ގޮތުން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި އާއްމުންނާ ހިސާބަށް ބަންޑުވެގެން އައި ހިޔާލުތަފާތުވުންތަކުގައި މުގުލުގައި އޮތީ އެ ދެ ބޭފުޅުންގެ މެދުގައި އޮތް އަރައިރުމެވެ. އެ އަޑުތައް ވެސް ފެންމަތިވާން ފެށި އެވެ. އޭގެ ފަހުން "ކެތްތެރިކަން ކޮޅުންލައިފި" ކަމަށް ވިދާޅުވެ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށާއި ސަރުކާރަށް ގޮންޖައްސަވާފައި، ލޮކްޑައުނާ ހިލާފަށް މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ވެސް ފެއްޓެވި އެވެ.

ކޮވިޑް-19 އާ ހެދި އިންތިހާބު ނުބޭއްވި، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރަން ގާނޫނު އަސާސީ އިސްލާހު ކުރަން ރައީސް ނަޝީދު ބޭނުންފުޅު ނުވާކަން ހާމަވި އެވެ. އަދި އެ ނޫން ގޮތަކަށް އެކަން ކުރަން ރައީސް ސޯލިހު ދޫ ނުދެއްވާނެކަން، ބަންޑާރަ ނައިބުގެ ލަފައާއެކު ފެނިގެންދިއަ އެވެ. އަދި މިދިއަ އޯގަސްޓު މަހުން ފެށިގެން އުފެދިފައި އޮތް ނުތަނަވަސްކަމެއްގެ ތެރެއަށް އެމްޑީޕީ ވެއްޓިގެން ދިއަ މަންޒަރު ފެނުނެވެ. އެމްޑީޕީގެ ޓޮޕް ލީގުގެ އެކި ދިމަ ދިމާއިން ސިޔާސީ ގާކޮޅު ކޮޅު ސޯޝަލް މީޑިއާ މެދުވެރިކޮށް އެއްލަމުން ދިއަ އެވެ.

"އަބޫދާބީ އުކުޅު" ފަދައިން، ދެ ބޭފުޅުން އަނެއްކާވެސް މިވަނީ އެ އުކުޅު ބޭނުން ކުރައްވާފަ އެވެ. ލޮކްޑައުންގެ ހާލަތުގައި ސަރުކާރުގެ ހުރިހާ ބައްދަލުވުންތައް ވީޑިއޯ ކޯލް މެދުވެރިކޮށް ބާއްވަމުން އަންނަ ދަނޑިވަޅެއްގައި ވެސް ނަޝީދު ވަނީ ރައީސް ސޯލިހު އާ ބައްދަލު ކުރައްވަން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެންފަ އެވެ.

މުލިއާގޭގައި ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ސޯލިހު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. ރައީސް ވިދާޅުވާ ގޮތުގައި ތަރައްގީ ގެނައުމުގެ އިސްކަން ދޭނެ ދާއިރާތަކާއި ކަންކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސްއާ މަޝްވަރާ ކުރެއްވީ އެވެ. އެކަމުގައި ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު ބައިވެރިއެކެވެ.

"އަހަރެމެން ރާއްޖެއަށްޓަކައި އެކުގައި މަސައްކަތް ކުރާނަން،" ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

އެ ޓްވީޓުގައި ބޭނުންކުރެއްވި ލަފްޒުތަކުން ވެސް ބައްދަލުވުމުގެ މަގުސަދު ވަރަށް ސާފެވެ. ބަލާއާފާތެއްގެ ދަނޑިވަޅެއްގައި ވެސް މަޝްވަރާ ކުރެއްވީ "ތަރައްގީ" އާ ގުޅޭ ގޮތުންނެވެ. އަދި އެކަމަށްޓަކައި ދެ ބޭފުޅުން "އެކުގައި" މަސައްކަތް ކުރައްވާނެ އުއްމީދީ ވައުދާއެކު އެވެ.

ދެން ދޫކޮށްލެއްވީ، ޕާޓީ ތެރޭގައި އޮތް ނުތަނަވަސް ހޫނުގަނޑަށް ފެންޖަހާ ފޮޓޯގަނޑެވެ. އާއްމުންގެ އިތުރުން ޕާޓީ ތެރޭގައި ހަރުއަޑުން ކުރައްމުން އައި ތުހުމަތުތަކުގެ އަޑު ކަނޑުވާލީ، މުލިއާގޭގެ ދޮރުމަތީގައި ދެ ބޭފުޅުން ތިއްބަވައިގެން ނަންގަވާފައިވާ ފޮޓޯގަނޑަކުންނެވެ. އެ ފޮޓޯގަނޑާއެކު ލިޔާނީ "ހިތާއި ހިތުގެ ގުޅުމެއް" އެހެނެވެ.