ރައްޔިތުންގެ މަޖިލިސް

މެންބަރުންގެ މައްސަލަ ބެލޭނެ، ބަލަންޖެހޭ: އުޝާމް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވެސް ކޮންމެ ތަނެއްގައި ވިޔަސް ޖިނާއީ ކުށެއް ކޮށްފި ނަމަ އެކަން ބެލޭނެ ކަމަށާ އަދި ބަލަން ވެސް ޖެހޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިދިއަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުމުގެ މައްސަލަ އިންސާފުވެރި ކަމާއެކު ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ. އެއާއެކު އިމްރާނަށް ފާޑުވިދާޅުވެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އިމްރާން ލީޑް ކުރައްވައި އާދަލަތު ޕާޓީއަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް އެ ޕާޓީއަށް ނުލިބޭ ކަމަށެވެ. އެހެން ވިޔަސް މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް ވެންނެވުމުގެ ވިސްނުން ގެންގުޅުއްވައިގެން ނުވާނެ ކަމަށެވެ.

"މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން [އަދާލަތު ޕާޓީގެ ރައީސް] ޝައިހް އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ،" ހަސަން ލަތީފު ވިދާޅުވި އެވެ.

އޭގެ ފަހުން މެންބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވެސް ޖިނާއީ ކުށެއް ކޮންމެ ތަނެއްގައި ކުރި ނަމަވެސް އެކަން ބެލޭނެ ކަމަށެވެ. އަދި ބަލަން ވެސް ޖެހޭނެކަން ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ބެލުމުން ވަރަށް ސާފު ކަމަށެވެ.

އުޝާމް ވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ އެފަދަ އަމުރެއް ވެސް ހިއްސާ ކުރައްްވާފަ އެވެ.

މަޖިލީހުގައި ހޯމަ ދުވަހު ހިނގައިދިޔަ ކަންކަމުގައި ގޯސް ހެއްދެވީ ރައީސް މުހައްމަދު ނަޝީދު ކަމަށްވެސް އުޝާމް ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އެ ރޭ މަޖިލީހުގައި ނަޝީދުގެ އަމަލުތައް ހުރި ގޮތާމެދު ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.