ރިޕޯޓް

އޮޅިއްޖެ: ވެއްޓަށްވުރެ މިހާރު މުހިންމީ އިގްތިސޯދު!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އައި ގިނަ ފާޑު ކިޔުންތަކުގެ ތެރެއިން އެންމެ ބޮޑުވި އެއް ކަމަކީ އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރައްވާފައި އޮންނަނީ ތިމާވެށީގެ ކުރިޔަށް ތަރައްގީ އިސް ކޮށްފައި އޮންނަ އޮތުމެއް ކަމަށް ބުނި ވާހަކަތަކެވެ. ގަސް ބޯ ބިންތަކާއި ފަރުތަކާއި ކުޅިތައް ގުރުބާން ކޮށްފައި ވިޔަސް އިގްތިސާދު އެ މަނިކުފާނަށް މުހިންމުވާތީ އެވެ.

އެއާ ހިލާފަށް އެ ހުރިހާ ކަމަކަށް ފާޑު ކިޔައި، އޭގެ އިދިކޮޅު ސިޔާސަތެއް ގެންގުޅުނީ އެމްޑީޕީ އެވެ. ސިނަމާލެ ބްރިޖު އަޅަން ބޯހޯލް ތޮރުފަން ފެށުމުން ފަރަށް ލިބުނު ގެއްލުންތަކުގެ ވާހަކަ ބޮޑުކޮށް ދެއްކި އެވެ. ކުޅުދުއްފުށީ ކުޅި ހިއްކައި، އެއާޕޯޓެއް އެޅުމުން އެ މައްސަލަ ހޫނު ކުރި އެވެ. މިފަދަ އެތައް ކަމެއްގައި ތިމާވެއްޓަށް ވުރެ އިގްތިސޯދު މުހިންމު ވުމުން ވަރަށް ބޮޑަށް ފާޑު ކިޔައި އެކަމާ ދެކޮޅު ހެދި އެވެ.

މިހާރު މިއޮތީ އެމްޑީޕީން ވެރިކަން ކުރާ އަދި އެ ޕާޓީގެ ވަރަށް ބާރު ގަދަ ސަރުކާރެވެ. މި ސަރުކާރުން ވެސް އެންމެ އިސް ކަމެއް ދީގެން ކުރިޔަށް ގެންދާ އެއް މަޝްރޫއު ކަމަށްވާ، ކޮމާޝަލް ޕޯޓް ގުޅިފަޅަށް ބަދަލު ކުރުމުގެ މަސައްކަތައް ފަޅުން ބޮޑު ބައެއް ހިއްކަން ފެށުމުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް މި މައްސަލަ އޮޅުންބޮޅުންވީ ކަމާބެހޭ ވަޒީރު، އަދި ފެށުނީއްސުރެ ތިމާވެށީގެ ވާހަކަތައް ދައްކަވަމުން ވަޑައިގެންނެވި ވަޒީރަކު އެކަމާ ބެހޭ ގޮތުން އިއްޔެ ވިދާޅުވި ވާހަކައާއެކު އެވެ.

މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވާ ގޮތުގައި ގުޅިފަޅު މަޝްރޫއިން ތިމާވެއްޓަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުކަން އެނގެ އެވެ. އެ ނޫނަސް ބިން ހިއްކުމާއި، ބަނދަރު ހެދުމާއި އެއާޕޯޓު އެޅުމަކީ ވެސް ބޮޑު އަސަރެއް ތިމާވެއްޓަށް ކުރާނެ ކަމެކެވެ. އެކަމަކު އެ މަޝްރޫއު ކުރިޔަށް ގެންދިޔުމަކީ އިގްތިސޯދަށް ވަރަށް މުހިންމު ކަމަކަށް ވާތީ، އެ މަޝްރޫއު ކުރިޔަށް ގެންދިޔުން ނޫން ގޮތެއް ނެތެވެ.

"ދަންނަަވާލަން ބޭނުން މި ޕްރޮޖެކްޓަކީ ހައި އިމްޕެކްޓު ޕްރޮޖެކްޓެއް. އަޅުގަނޑުމެން އެއްވެސް ގޮތަކަށް ނެތިން ކްލެއިމް ކުރާކަށެއް ރެކްލެމޭޝަން މިވަރުގެ ޕްރޮކެކްޓެއް އަދި މި ނޫން ވެސް ރާއްޖޭގެ އެއްވެސް ރަށެއް ހިނގާ ބަނދަރު ހެދުމުގެ މަސައްކަތެއް ބިން ހިއްކުމުގެ މަސައްކަތަކީ ލޯ އިމްޕެކްޓް ޕްރޮޖެކްޓެއް ގޮތައް މާނަ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެއީ ބަނދަރެއް ހެދުމުގެ ގޮތުން ފަޅު ކޮނުނު ކަމުގައި ވިޔަސް އެއާޕޯޓެއް އެޅުމަށް ބިން ހިއްކި ކަމުގައި ވިޔަސް ރަށުގެ ބިމުގެ ސަރަހައްދު ބޮޑު ކުރުމަށް ބިން ހިއްކި ކަމުގައި ވިޔަސް މިއިން ކޮންމެ އެއްޗަކީ ހައި އިމްޕެކްޓް ޕްރޮޖެކްޓް،" ރައްޔިތުން މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގައި އަސްލަމް ވިދާޅުވި އެވެ.

"މީގަ ނޭޝަނަލް އިމްޕެކްޓް އަދި އިކޮނޮމިކް ވެލިއު ހަމަ ބޮޑީ އަޅުގަނޑުމެންނަށް މި ޕޯޓު ކުރިޔަށް ގެންގޮސްގެން ނޫނީ ދެން އިތުރަށް ރާއްޖޭގެ މުދާ އެތެރެކޮށް ބޭރު ކުރުމަށް އޮންނަ ދޮރާށި އިތުރަށް ތަރައްގީ ކުރެވެން ނެތް ކަމަށް އަޅުގަނޑުމެން ސަރުކާރަށް ގަބޫލު ކުރެވިގެން ކުރިޔަށް ގެންދާ މަޝްރޫއެއް،"

އެކަމާ ގުޅިގެން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ހުޝާމް މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ބުނާ ގޮތުން ވިލިމާލޭ ފަރަކީ މާލޭ ސަރަހައްދުގެ ސްކޫލު ކުދިންނަށް ތަފާތު އެކި ހަރަކާތްތަކަށް ބޭނުން ކުރަމުންދާ އަދި މާލެ ސަރަހައްދުގެ ރައްޔިތުންނަށް އަގެއް ނެތި ބޭނުން ކުރެވެން އޮތް ހަމައެކަނި ފަރެވެ.

ނަމަވެސް ގުޅިފަޅު ކޮންނަން ފެށި ދުވަހުން ފެށިގެން އެ މަސައްކަތުގެ ސަބަބުން އުފެދޭ ކިސަޑުތައް ވިލިމާލޭ ފަރުމައްޗަށް ޖަމާވަމުން އެބަދެ އެވެ. އަދި އީއައިއޭ ރިޕޯޓުގައި އެކަން ވާނެ ކަން ވެސް މީގެ ކުރިން ވަނީ ފާހަގަކޮށްފަ އެވެ. އެކަން ހުއްޓުވުމަށް ނުވަތަ އެކަމަށްޓަކައި ކުރާ އަސަރު ކުޑަ ކުރުމަށް ތަފާތު ފިޔަވަޅުތައް އެޅުމަށް އެ ރިޕޯޓުގައި ލަފާ ދީފައިވާއިރު މަސައްކަތް ފަށާފައި ވަނީ އެފަދަ ފިޔަވަޅަކާ ނުލާ އެވެ.

އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހުސެއިން ވިދާޅުވި ގޮތުގައި ގުޅިފަޅު މަޝްރޫއުގެ މަސައްކަތް ކުރަމުން ދާއިރު އެ ސަރަހައްދުގެ ލޮނުގަނޑު ތަޣައްޔަރުވާ މިންވަރު ބަލާ ޓެސްޓްތައް ހަދަމުން އެބަދެ އެވެ. އަދި އީޕީއޭގެ އިރުޝާދުތަކާ އެއްގޮތައްތޯ ބަލައި ކަށަވަރު ކުރާނެ އެވެ.

"ސަރުކާރުން ޔަގީން ކުރަން ބޭނުން ވަނީ، ކަނޑައަޅާފައި އޮތް މިންވަރަށް ލެވެލް ފަހަކާ ހަމައަށް އަރާފިއްޔާ އެކަން އެގޮތަށް ނުވާ ގޮތަށް އަމަލު ކުރަން. އެކަމަކު، ކުރިއްސުރެ ކަނޑައަޅާފައި އޮތް މިންވަރުގެ ތެރޭގައި ހުރެގެން މިކަން ހުއްޓާކަށް އެއްވެސް ކަމެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް އިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނާ ގޮތުން ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އެ މަޝްރޫއުގެ މަސައްކަތް ހިނގަމުން ދަނީ އެފަދަ މަޝްރޫއަކުން ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ކުޑަ ކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އެޅުމަކާ ނުލަ އެވެ.

މި މަޝްރޫއުގެ ސަބަބުން ފަރުތަކަށާއި އާންމުކޮށް ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތައް ލިބެމުން އެބަދެ އެވެ. ފަޅު ހިއްކުމުން އުފެދޭ ކިސަޑު ގަލުގެ މައްޗަށް އެޅި ހަލާކުވަމުން އެބަދެ އެވެ. އެ ހިސާބުގަނޑުގެ ޑައިވް ސައިޓުތަކަށް ވެސް އަސަރު ކުރާނެ އެވެ.

"މި ދުވަސްވަރަކީ ރާއްޖޭގައި މުރަކަ ހުދުވުމުގެ މައްސަލަ އިތުރުވަމުންދާ ދަނޑިވަޅެއް ކަމުން މިއީ އިތުރަށް ކަންބޮޑުވާ ކަމެއް. ތިމާވެއްޓަށް އަނބުރާ އިއާދަނުކުރެވޭ ފަދަ ބަދަލެއް އަތުވެދާނެ ކަމެއްކޮށްފި ހާލަތެއްގައި ކުރެވިފައިވާ މަސައްކަތެއްގެ ބަދަލު ދިނުމަކާ ނުލާ އެ މަސައްކަތް ހުއްޓުވާ، މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރުމުގެ ގާނޫނީ ބާރުވެރިކަން ކަމާބެހޭ ފަރާތްތަކަށް އެބައޮތް،" އެ ސިޓީގައި ބުނެފައިވެ އެވެ.

ސަަރުކާރުން ބުނާ ގޮތައް ގިނަ ރައްޔިތުންގެ މަސްލަހަތާ ގުޅިފައި އޮތީ އިގްތިސޯދީ ފައިދާ އެވެ. އޭރު ބްރިޖު ނާޅަން، ކުޅުދުއްފުށީ އެއާޕޯޓު ނާޅަން ކިތަންމެ ވަރަކަށް ކިޔަސް މިއަދު އެ ތަންތަނުގެ ފައިދާ ބޮޑެވެ. އަދި ގުޅިފަޅު މަޝްރޫއުގެ ފައިދާ ވެސް ބޮޑުވާނެ އެވެ. އެކަމަކު އެކަން ކުރާއިރު ތިމާވެއްޓާ ދެކޮޅު އަޑުތަކަށް "ބީރު ކަންފަތެއް" ދިނުން އަދިވެސް ހަމަ ގޯހެވެ.

މީގެ ކުރިން ތިމާވެށި އިގްތިސާދުގެ ކުރިޔަށް ތިމާވެށި ލާން ޖެހޭ ކަމާއި އެ ނޫނީ ދިމާވާނެ ބޮޑެތި ގެއްލުންތަކާ ބެހޭ ގޮތުން ދެއްކި ވާހަކަ "އޮޅިއްޖެ" އެވެ. ތިމާވެއްޓާ ގުޅޭ ގޮތުން ކުރިން ގަޑުގަދަކޮށް މޫދުގައި މުޒާހަރާކޮށް، ކަނޑުއަޑީގައި ފޮޓޯ ނަގާ ހެދި ފަރާތްތައް "ގެއްލި" އަޑެއްބަޑެއް ނީވެ އެވެ.