ގުޅިފަޅު ޕްރޮޖެކްޓު ކުރިއަށްގެންދާނީ އީއައިއޭގައި ކަނޑައަޅާފައި އޮތް މިންވަރަށްތޯ ކަށަވަރު ކުރާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެންވާރަމަންޓު މިނިސްޓަރު ވިދާޅުވީ
ގުޅިފަޅު ހިއްކަން ވެގެން ހަދާފައިވާ އީއައިއޭ ރިޕޯޓްގައި ގެއްލުންވާނެ މިންވަރު ކަމަށް ކަނޑައަޅާފަައިވާ މިންވަރަށް ވުރެ ބޮޑަށް އެއްވެސް ކަމެއް ހިނގާތޯ ބަލާކަމަށާއި ކަމެއް ހިނގާނަމަ އެކަން އިސްލާހުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެެވެ.
ސަރުކާރުން މިހާރު ކުރިއަށްގެންދާ ގުޅީފަޅު ހިއްކުމުގެ ބޮޑު ޕްރޮޖެކްޓާއެކު ކަނޑާއި ފަޅުތަކަށް ގެއްލުން ލިބޭ ކަމަށް ބުނެ އާއްމުން ދަނީ އެޕްރޮޖެކްޓު ހުއްޓުވުމަށް އެދެމުންނެވެ. މި ޕްރޮޖެކްޓުުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރަށް އެ ސަރަހައްދުގެ ފަރުތަކަށް ގެއްލުން ލިބި ގިނަ ޑައިވް ޕޮއިންޓްތަކައްވެސް ނުރައްކާ ވާނެކަމަށް އެކި ފަރާތްތަކުންދަނީ ބުނަމުންނެވެ.
ރޭޓަރ މާލެ ކަނެކްޓްވިޓީ ބްރިޖް މަޝްރޫއާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ކަނޑާއި އެއްގަމު ސަރަަަހައްދުގައި ބޯ ހޯލް ތޮރުފައިގެން ކުރާ ދިރާސާތައް ކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ކުރަމުންދާއިރު އެ ސަރަޙައްދުގެ ލޮނުގަނޑު ތަގައްޔަރުވާ މިންވަރުބަލާ ޓެސްޓްތައް (ޓާބިޑިޓީ ޓެސްޓު) ހަދާކަމަށް އެންވާރަމަންޓު މިނިސްޓަރު ވިދާޅުވިވެ. މި ޓެސްޓްގައި ލޮނުގަނޑު ތަގައްޔަރު މިންގަނޑުކަމުގައި ބަލަނީ ފަހަކުން މައްޗަށް ދިއުމުން ކަމަށާއި މި ޕްރޮޖެކްޓް ކުރިއަށްދާ ސަރަހައްދުތަކުގައި މި އަދަދުހުރީ ގާތްގަނޑަކަށް ސުމެއްގައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓު ހިންގާ ފަރާތުން ކޮންމެ ދުވަހަކު އެ ސަރަހައްދު ބަލާފައި އީޕީއޭ އަށް އެބަ ހުށަހަޅާ. އަދި އެ ފަރަރާތުން ހުށަހަޅަނީ ރަނގަޅު ހުށަހެޅުމެއްތޯ އީޕީއޭގެ ސައިންޓިސްޓުން އެތަނަށް ގޮސް ބަލައި، ޓާބިޑިޓީ ލެވެލް ހުރީ ކިހާ ވަރެއްގައިތޯ"
އިތުރަށް ފާހަގަ ކުރެއްވީ، އެ ޓެސްޓުތައް ހުރީ ވަރަށް ކުޑަ ލެވެލްއެއްގައި ކަމަށް އީޕީއޭ އިންވެސް މިނިސްޓަރާ ހިއްސާ ކުރެއްވި ކަމަށެވެ. އަދި އެކަން އީޕީއޭ އިން ގަވައިދުން މޮނިޓާ ކުރަމުން ގެންދާ ކަމަށެވެ.
"ސަރުކާރުން ޔަގީންކުރަން ބޭނުންވަނީ، ކަނޑައަޅާފައި އޮތް މިންވަރަށް ލެވެލް ފަހަކާ ހަމައަށް އަރާފިއްޔާ އެކަން އެގޮތަށް ނުވާ ގޮތަށް އަމަލުކުރަން. އެކަމަކު، ކުރިއްސުރެ ކަނޑައަޅާފައި އޮތް މިންވަރުގެ ތެރޭގައި ހުރެގެން މިކަން ހުއްޓާކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެއީ ސައިންޓިފިކް ލެވެލްގައި މިއޮތީ ނިންމާފައި ޓާބިޑިޓީ ލެވެލް ފަހަކަށް ނާރަންޏާ ފަރާއި މުރަކައިގެ ނިޒާމަށް އެކަށީގެންވާ ގެއްލުމެއް ނުލިބޭނެ ކަމަށް" އެންވާރަމަންޓު މިނިސްޓަރު ވިދާޅުވި އެވެ.