ވާހަކަ

ލޯބިން ބުނެލަން

(4 ޖޫން 2020 އާ ގުޅޭ)

"ޓެލް މީ އެވްރިތިންގް... އެވްރިތިން އަބައުޓް ޔޫ" ލައިތު ބުންޏެވެ. ކެންޒާގެ ހަޔާތާ ބެހޭ ގޮތުން އޮޅުންފިލުވާ ހިތް ލައިތުވިއެވެ. އޭނާއަށް ކެންޒާ ފެނުނީ ދިހަ އަހަރު ފަހުންނެވެ. ބައްދަލުވި އިރު ދެމީހުން ވެސް މިވަނީ ފުރިހަމަ ޒުވާނުންނަށް ވެފައެވެ. އިއްތިފާގެއް ނަމަވެސް އަޅާނުލާ ދޫކޮށްނުލެވޭވަރުގެ ހަޤީޤަތެކެވެ. ދިރިއުޅުމުގެ ހާލަތު ބަދަލުވުމާއެކު ލައިތުގެ ހަޔާތުން އެ މާޒީ ފުހެލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާ ދުށްޓެވެ. އެހެންވެ ދުވަހަކަށްވުރެ ދުވަހެއް އެ ހަނދާންތައް އައީ ފަނޑުވަމުންނެވެ. އެކަމަކު އެކަން އެގޮތުގައި ދެމިއޮތީ ކެންޒާއާ ބައްދަލުވެ، ކާކުކަން އެނގެން ދެނެވެ.

އަމިއްލަ ހަޔާތް އެހެންމީހުންގެ ކުރިމަތީ ހުޅުވާލުމަކީ ކެންޒާއަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ހުރި ބައްޕައާއި ދުނިޔެއަށް ދެ ދަރީން ގިނަވިޔަ ނުދިނުމަށް ރެއާ ދުވާލު މަސައްކަތްކުރި މަންމަ ކިތަންމެ ހިތްވަރުގަދަ ނަމަވެސް އެމީހުންގެ ވާހަކަ އެހެންމީހުން ގާތު ދެއްކުމަށް ކެންޒާގެ ހިތެއް ނޭދެއެވެ. ދިރިއުޅުމާ ބެހޭ ގޮތުން އެނގެން ކޮންމެ މީހަކު ވެސް އެދޭނެއެވެ. އެކަމަކު އެ ދިރިއުޅުމުގެ ދާސްތާން އެނގުމާއެކު ކުރިން ދުށްގޮތް ބަދަލުވެދެއެވެ. މީހެއްގެ ހަމްދަރުދީއެއް ކެންޒާ ބޭނުމެއްނޫނެވެ. ފަރަޤު ބޮޑުވި ވަރަކަށް ނިކަމެތިކޮށް ފައިދަށުލާން މަސައްކަތްކުރެއެވެ. ދުނިޔެއަށް ލޯހުޅުވުނީސް ސުރެން އޭނާގެ މަންމަވަނީ އޭނާއަށް ކެތްކުރަން ދަސްކޮށްދީފައެވެ. މަލާމާތުގެ ދޫތަކަށް ކަންފަތް ބަންދުނުކުރެވުނަސް ބުރަކޮށް މަސައްކަތްކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހައްޤު އޭނާއަށް ވެސް ލިބިގެންވާކަން ބުނެދީފައެވެ.

"ހުރިހާކަމެއް އެނގެން ބޭނުންވަނީ ކީއްވެ؟" ސުވާލުކޮށްލުމާއެކު ލައިތު އެއްޗެއް ބުނަންދެން ކެންޒާ މަޑުކޮށްލިއެވެ. ނަމަވެސް އެ ނަޒަރު ކެންޒާއަށް ހުއްޓާލައިގެން ލުއި ހިނިތުންވުމެއްގައި ލައިތު ބަހެއްނުކިޔާ އިނީއެވެ. ވަގުތުތަކެއް ބޭކާރުވެ މަސައްކަތަށް ބުރޫއަރާފާނޭ ވިސްނި ކެންޒާ އެނބުރިލީއެވެ. އޭނާގެ ވަޒީފާ އަދާކުރުމަށެވެ.

"ގޭތެރެ ކިހިނެއް؟" އިރުކޮޅަކު އިނދެފައި ލައިތު އަހާލިއެވެ. ކެންޒާގެ އަތުން ފިޔާތަށި ވެއްޓުނެވެ. ކޮޅުކޮޅަށް ދުއްވައިގަތް ފިޔާތައް ނެގުމުގެ ބަދަލުގައި ކެންޒާގެ ނަޒަރު ހުއްޓުނީ ލައިތަށެވެ. ބަލާލެވުނީ ހައިރާންވެގެންނެވެ. ލައިތު ކުރި ސުވާލާމެދު ކެންޒާގެ ޟަމީރު ސަމާލުކަމަށް އަތުވެއްޖެއެވެ.

"ލައިތަށް ކަމެއް އެނގެނީތަ؟ ނޫނީ މާނައެއްނެތް ގޮތުގައި ހަމަ އަހާލީތަ؟" ކެންޒާގެ ޟަމީރާ ސިކުނޑި ވާހަކަދެއްކިއެވެ.

"ކިހިނެއްވީ؟" ކެންޒާގެ މޫނުން ފާޅުވާ އަސަރުތައް ދެނެގަންނަމުން ލައިތު އަހާލިއެވެ. ކެންޒާ ނިކަން އަވަހަށް ބޯހޫރާލިއެވެ. އަދި އަވަސްއަވަހަށް ތަޅުންމަތިން ފިޔާތައް ނަގަން ފެށިއެވެ. އޭނާ ގުދުވެފައި ތެދުވާ ކޮންމެ ފަހަރަކު ލައިތު ބޯއަރިކޮށް ބަލާލައެވެ.

"އަހަރެން އިނުން ރަނގަޅެއްނޫން ކަންނޭނގެ ދޯ، ތިހިތް އަވަސްވެފައިވާވަރު އެނގޭ، މިހިސާބަށް ވެސް އަޑުއިވޭ... މިއަދުގެ ރަހަތައް ކަމުނުގޮސްފިއްޔާ އެކަމުގެ ސަބަބަކަށްވާނީ އަހަރެން" ކެންޒާ ފިޔާތަށި ހިފައިގެން މަސައްކަތަށް އެނބުރިލުމުން ލައިތު ވާހަކަދެއްކިއެވެ.

"ޔެސް، ޕްލީޒް ލީވް" ކެންޒާ ވަގުތުން ބުނެލިއެވެ. ލައިތަށް ސިހުން ލިބުނީ ކެންޒާ ކުއްލިއަކަށް ދާށޭ ބުނެދާނޭކަމަށް ހީނުކުރެވުނީމައެވެ.

"ޕެންޑާ! އައި ވޯންޓް ލީވް ޔޫ" ލައިތު ބުންޏެވެ. މާނަވީ ފުން ނަޒަރަކުން ކެންޒާ ބަލާލިއެވެ. ލައިތަށް ފުރަގަސްދިން އިރު ކެންޒާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ކޮންމެ މާނައެއްގައި ބުންޏަސް ލައިތު އެބުނެލި އެއްޗަކުން ކެންޒާގެ ހިތް ފުރިއްޖެއެވެ. ކެންޒާގެ ގޮތް އެނގެން ލައިތު ބޭނުންވާއިރު އޭނާ ވެސް ލައިތު ދަސްކުރަން ބޭނުމެވެ. ޖަޒުބާތުތަކުގެ އަސްލަކީ ކޮބައިކަން އެނގިދާނޭ ކަމުގެ އުންމީދުގައެވެ. އެ ދެއަތުގެ ތެރެއަށް ހިތް ދޫވެއްޖެކަން ހާމަކުރުމުގެ ކުރީން އެ ދެއަތަކީ ކެންޒާ ޤައިދުކުރުމަށް ހުޅުވާލެވުނު މަކަރުގެ މަޅިއެއްތޯ ޔަގީންކުރަން ބޭނުންވަނީއެވެ. ކަންކަމަށް ސަމާލުވެ ކުރީބައިގަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ކެންޒާ އާދަވެފައި ހުރި ގޮތެވެ. ޚިޔާލުތަކުގައި ހުރެ ކޮށަން ހުރި އެއްޗެހި ކޮށާ ނިންމާލެވުމާއެކު ލައިތުގެ އަޑެއްބަޑެއް ނީވޭކަން ކެންޒާއަށް އެނގި ފަސްއެނބުރި ބަލާލެވުނެވެ. އައިލެންޑް މަތިން ލައިތު ބޯންއިން ކޮފީ ޖޯޑު ފެނުނެވެ. ނަމަވެސް ލައިތެއް ނެތެވެ. ފިޔާކޮށަން ފެށުމުން ލައިތަށް ކެތްނުވީކަމުގައި ކެންޒާ ހީކުރިއެވެ. އެއާއެކު އޭނާއަށް މިފްރާހު ހަނދާންވެއްޖެއެވެ.

"އޭނާގެ މަތިން ހަނދާންވާން ޖެހޭތަ؟... ކޮންތާކަށްބާ އެ ދިޔައީ، ތިންމަހޭ ބުނި، އަނެއްކާ ކަމެއްވީތަ އޭނާއަށް، އެނބުރި ދުވަހަކުވެސް ނާންނާނޭނަމަ ކިހާ ރަނގަޅު... އަހަރެން ހީކުރަނީ އަންހެންކުދީންކަމަށް ރީތި ސިފައެއް ލިބުނީމަ ތުއިދެއްކެނީ، މީހާއަށް މީހާ ފެނިފައި ތިބެނީ... މި ފިރިހެނުން ވެސް އެކަމުގައި އެންމެ ތަންފުކެއް ވެސް ދޫނުކުރޭ، މި ހީވަނީ މުޅި އުމުރު އެ ރީތިކަމާއި ޒުވާންކަންމަތީ ތިބޭނެހެން... މީހެއްގެ ވާހަކަދައްކާއިރު އަހަރެން ވެސް ރީތިނަމަ އެވަރުކަންނޭނގެ ވާނީ... އެހެންވެދާނެތަ؟، އަހަރެން ހިކޭނެތަ؟... މަންމަ އަދިވެސް ކިހާ ރީތި، އަހަންނަކީ މަންމަގެ ދަރިއެއް، މަންމަގެ އަތުގައިވި ފޮޓޯގައި ބައްޕަ ވެސް ޒުވާންވެފައި ރީތި، އެގޮތަށް ރީތިކޮށް ބައްޕަ ވެސް އުޅުންނަމަ" ތަފާތު އެކި ޚިޔާލުތަކުގައި ހުރެ ކެންޒާގެ މަސައްކަތްތައް ނިންމުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

ނަސީމުއާއެކު ކާރުގައި ހެނދުނު ކޮލެޖަށް ކެންޒާ އައެވެ. އޭނާގެ ފޯނު ވައިބްރޭޓް ވެލީ މެންދުރަށް ކުލާސްތައް މެދުކަނޑާލަން ވެފައި އޮއްވައެވެ. ކިޔަވައިދޭން ހުރި ލެކްޗަރާއަށް ސިއްރުން ކެންޒާ ފޯނު ބަލާލިއެވެ.

"ކިންގު" ޓެލެގްރާމް ނޮޓިފިކޭޝަން ފެނި ކެންޒާއަށް ހިތާހިތާ ކިޔާލެވުނެވެ. ޓެލެގްރާމް ހުޅުވާލިއެވެ. "ލަންޗް" ތައްޔާރުކުރަން ގެއަށް އަންނަނީ ކޮންއިރަކުންތޯ ލައިތު އަހާފައި އޮތެވެ. އޭނާ ބަލާ އައީ ވިއްޔާ ކެންޒާ އޭނާއާއެކު ދާނަންތޯ ވެސް އަހާފައި އޮތެވެ. އެ ތަކުލީފު ނޫފުލުމަށް ކެންޒާ ބުންޏެވެ. ރަސްކަލަކު އޭނާގެ ގޭގެ ކައްކާއާ މެދު ޚާއްޞަ ގޮތެއް ބެހެއްޓުމަކީ ހެދޭ ގޯހަކަށް ވެދާނޭ ކެންޒާ ބުންޏެވެ. އެއާއެކު ލައިތު "ލޮލް ފޭސް" ފޮނުވާލިއެވެ. "ސިންޑްރެލާ" ކަހަލަ ނަސީބުވެރި އަންހެންކުއްޖަކަށް ވާން ކެންޒާ ނޭދެންތޯ ލައިތު އަހާފައި އޮތެވެ. އެފަދަ އަމިއްލަ އެދުމެއް ނުވާކަމުގައި ކެންޒާ ބުނެލީ ހިތާ ދެކޮޅަށެވެ.

ކުލާސް ވަގުތު ނިމި ފޮތް ދަބަސް ހިފައިގެން ކެންޒާ ނުކުމެގެން އައިއިރު ވެސް ހުރީ ފޯނުގައެވެ. ނަސީމު ބަލާ އައުމުން ކާރުގައި ހޭދަވި ވަގުތުތަކުގައި ވެސް ކެންޒާގެ ސަމާލުކަންވީ ފޯނަށް ދެވިފައެވެ. އެންމެފަހުން ގޭގެ ބިއްދޮށުން އެތެރެއަށް ވަންނަމުން ކެންޒާ ބިޒީވެއްޖެ ކަމުގައި ބުންޏެވެ. ލައިތު ދެކޮޅު ހަދާނޭ ކަމަށް ހީކުރެވުނު ނަމަވެސް އެހެނެއްނުވިއެވެ.

* * * * *

ފައިލު ހުޅުވާލި ގޮތަށް ކަރުދާސްތައް ހިފަހައްޓާލައިގެން ހިރާއަށް އިނދެވުނީއެވެ. ލޯކުރިމަތިން މީގެ ކުރިން ނުފެންނަ މަންޒަރެއް ފެންނާތީއެވެ. އޮފީހުގައި އޮތް ބައްދަލުވުންތަކަށް ލައިތުއާއެކު ދާނީ އާރިކެވެ. މެންދުރުކުރީން އޮތް ދެ ބައްދަލުވުމެއް ނިންމާފައި އޮފީހަށް ވަނުމުން ހިރާ އިނީ އޭނާއާ ވާހަކަދައްކާލަން ބޭނުންވެފައެވެ. ހިރާގެ ކޯލުތަކަށް ލައިތު ޚަބަރެއްވަނީ އެތައްފަހަރަކު ގުޅީމައެވެ. އަބަދުމެ ހީވަނީ ނުރުހިފައި ހުންނަހެންނެވެ.

"އިޒް ހީ ސްމައިލިންގް... އަހަންނަށް ރަނގަޅަށްތަ މިފެންނަނީ" ހިރާއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.

އޭނާ އެވަރަށް އަޖައިބުވީ އޮފީސް ގަޑީގައި މުހިންމު ފޯނުކޯލެއް ނޫނީ ލައިތު ނުނަގާނެއެވެ. އެއްވެސް އިރަކު އޭނާއަކީ އަމިއްލަ ކޯލުތައް ކުރާ މީހެއްނޫނެވެ. ލައިތުއާ އެއްތަނެއްގައި ހިރާ އިނަސް ލައިތުގެ ޢަމަލުތައް ހުންނަގޮތުން އެތަނުގައި ހިރާ ނުވާ ކަހަލައެވެ. އެއްފަހަރު ވެސް ހިރާއަށް ބަލާނުލާނެއެވެ. އެންމެ ކުޑަމިނުން އޮފީސް ވަގުތު އަމިއްލަ މެސެޖެއްހާ ހިސާބު ވެސް ލައިތުއަށް ކުރުން ހިރާއަށް އޮންނަނީ މަނާވެފައެވެ. ނަމަވެސް މިހާރު ލައިތު އިނީ ފޯނު ނަގައިގެންނެވެ. ކޮންމެވެސް މީހަކާ ވާހަކަދައްކަނީކަން ހިރާއަށް ޔަގީނެވެ. ތުންފަތުގެ ކޮޅު ކިރިކިރިޔާ ދެމިލި ނަމަވެސް ލައިތު އެއިނީ ޝައުގުވެރިފައިކަން އެނގޭހާ ވެއެވެ.

"ލަ..އި..ތު" މޭޒުކައިރިއަށް އައިސް ހުއްޓިލި ހިރާ ގޮވާލީ ޖެހިލުންވެފައި ހުރެއެވެ. ފޯނުގެ އިސްކުރީނު ނިއްވާލައި ލައިތުގެ ނަޒަރު ހިރާއަށް ދަތުރުކޮށްލިއެވެ. ހިލައިގެ ބުއްދެއްފަދައިން ލައިތުގެ މޫނުން އިހު ފާޅުވާން ހުރި އަސަރުތައް ގެއްލި ސީރިއަސްކަން ވެރިވެއްޖެއެވެ. ހަޤީޤަތަށް ބުނާނަމަ ރީތި ސިފައެއް ލިބިފައި ވިޔަސް ލައިތުގެ މޫނުގައި ހުންނަ ސީރިއަސްކަމާއި ބީރައްޓެހިކަމުގެ އަސަރާހުރެ އަންހެންކުއްޖަކު އޭނާއާ އަނގައިން ބުނާކަށް ބޭނުމެއްނުވާނެއެވެ. އަމިއްލަ އެދުމެއްނުވާނަމަ ހިރާއަށް ވެސް އުޅެވުނީހީ ލައިތުއާ ވީހާ ވެސް ދުރުންނެވެ.

"ނިމުނީތަ؟" ހިރާގެ މޭޒަށް ލައިތު ބަލާލިއެވެ.

"ވާހަކަދައްކާލެވިދާނެތަ" ހިރާ އަހާލިއެވެ.

"މިވަގުތުތަ؟... މުހިންމު ވާހަކައެއްތަ؟، އޮފީސް ކަމެއްތަ؟" ލައިތު ބުންޏެވެ.

"އޮފީހުން ނޫން ގޮތަކަށް މިހާރު ބައްދަލެއްނުވެއެއްނު، އެހެންނޫންނަމައެއްނު އެހެން ވަގުތެއްގައި ވާހަކަދެއްކޭނީ" ގަސްދަކާނުލާ ވެސް ހިރާގެ އަޑުގައިވީ ޝަކުވާގެ އަސަރެވެ.

"ފަހުން ވާހަކަދައްކަމާ" ލައިތު ނިކަން އަވަހަށް ބުންޏެވެ.

"ފަހުން... ފަހުން ކޮންއިރަކު؟" ހިރާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ލިބުނު ނުތަނަވަސްކަމެއްގެ ބޮޑުކަމުންނެވެ. ލައިތު ކުޑަކޮށް ވެސް އޭނާއާ މެދު ވިސްނާނުލަނީބާއޭ ހިރާގެ ހިތަށް އެރިއެވެ. ހަމައެއާއެކު ހިތުގައި އޮތް ކަންބޮޑުވުން ހިރާގެ ދުލުން ބޭރުކޮށްލެވުނެވެ.

"ޔޫ އާ ސީއިން ސަމްވަން" ހިރާއަށް ބުނެލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. ދުލުން ލަފުޒުތައް ބޭރުވީ ނަމަވެސް އެކަން ތެދަކަށްނުވުމަށް ހިރާއަށް ހާސްފަހަރު އެދެވުނެވެ. ލައިތުއަށް ކުޑަ ވެސް ބަދަލެއް ނައެވެ. ހިރާއަށް ބަލަން އިން ގޮތަށް އިނީއެވެ. އެމޫނުން ހިރާ ހީކުރި ފަދަ އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. ސުވާލު އުފެދުމެއް ދެކޮޅު ހެދުމެއް ނޫނީ އެއްބަސްވުމުގެ އަސަރެއްހާ ހިސާބު ވެސް ނެތެވެ.

"އައި ތިންކް ޔޫ އާ ކޮންފިއުސްޑް" އިރުކޮޅަކު އިނދެފައި ލައިތު ބުންޏެވެ. އަޖައިބުވެފައި ހުރި މީހަކު ފަދައިން ހިރާގެ ދެތުންފަތް ދުރުވެލިއެވެ. ސިހުމުގެ އާހެއް މަޑު ފިޔާތޮށިކުލައިގެ ބޮޑު ދެތުންފަތުން ބޭރުވެލިއެވެ. ބޮޑުކޮށްލެވިފައި ހުރި ދެލޮލުން ހަޤީޤަތް އެނގެން ބޭނުންވާވަރު ފާޅުވޭވޭ ހުއްޓެވެ.

"ނޯ!... ކޮންކަމަކާ އަހަރެން ކޮންފިއުޒްޑް ވާންވީ، އަހަރެން ކުރި ސުވާލަށް ޖަވާބުނުދޭން ބަހަނާއެއް ހެދީތަ؟ އެއީ ތެދަކަށްވީމަ ދޯ؟" ހިރާއަށް ކުރިއަށް ޖެހިލެވުނެވެ. ލައިތުގެ މޭޒުގައި ދެއަތް ވިއްދާލައި ކުރިއަށް ގުދުވެލިއެވެ. ދެމެދުގައި ހުރި ދުރުމިން ކައިރިކޮށްލުމުގެ ގަސްދުގައި ކަހަލައެވެ. އޭރުން ހިރާ އެދޭގޮތް ލައިތަށް އެނގިދާނޭ ހީވާ ކަހަލައެވެ.

"މިތާކުނޫން..." ހިރާ އަލުން ވާހަކަދައްކަން އުޅުމުން ލައިތު ބުނެލިއެވެ. މިފުރުޞަތު ނަގާލައިފިނަމަ ދެން އަނެއްކާ ވެސް ލައިތުއާ ވާހަކަދައްކާނޭ ފުރުޞަތެއް އޭނާއަށް ނުލިބިދާނޭ ހިރާއަށް ހީވިއެވެ. އަޑުގައިވި ހަރުކަށިކަން ރުޅިއަށް ބަދަލުވީ ހިރާގެ އިޚްތިޔާރުގައި ނޫންކަހަލައެވެ.

"ބޭނުންވި ކަންތައްވީމަ..." ހިރާގެ ދޫބަންދުވީ ކުއްލިއަކަށެވެ. ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ފުންމައިގެން ތެދުވި ލައިތު މޭޒުގައި ދެއަތުން ޖެހީ ބާރަށެވެ. ހުއްޓާލަން ބުރީ ހަރުކަށިކަމާއެކުއެވެ. އެ ދެލޮލުން ރުޅިވެރިކަން ސާފުކޮށް ފެންނަން ހުއްޓެވެ. ދެބުމަ ކައިރިވެ ނިތަށް ރޫގިނަވެފައިވިއެވެ. ކުޑަކުޑަ ހަރަކާތެއް ހިރާ ކޮށްލި ނަމަވެސް އެ ރުޅީގެ ހޫނުގައި އޭނާ ފިހިދާނޭކަމުގެ ބިރު ހިތަށް ވަނެވެ.

"ފިނިޝް ޔޯ ވޯކް" ދަތްކުނޑިވިކާލައިގެން ހުރެ ލައިތު ބުންޏެވެ. އެއާއެކު އޭނާ މޭޒުކައިރިން ނުކުމެ އޮފީހުން ނުކުންނަން ހިނގައިގަނެއްޖެއެވެ.

ހަލުވިކޮށް ލައިތު ނުކުތްތަން ފެނި އާރިކް މޭޒުދޮށުން ތެދުވިއެވެ. ލައިތު ނުބުންޏަސް އޭނާގެ ފަހަތުން އާރިކު އައެވެ. އޮފީހުގެ އެންމެ މަތީ ހާމަފެންޑާއަށް ލައިތު އެރިއެވެ. ރަތްދަކާ އަވިން ތަޅުންގަނޑު ދޮންވެ އާވިއަރާ ކަހަލައެވެ. އެހެންނަމަވެސް ލައިތު މަޑުކޮށްލީ އެ ހޫނުގައެވެ. ހަށިފުރާ ދެތިން ނޭވާލުމަށްފަހު ވައަތުގެ އިނގިލިތަކުން ނޭފަތުގައި ހިފަހައްޓާލީ ނިތްކުރިއާ ގުޅިފައިވި ހިސާބުންނެވެ.

"ހޫނެއްނުވޭތަ؟" އިރުކޮޅަކު ހުރެފައި އާރިކް އަހާލިއެވެ.

"ކޮފީއެއް ބޯލަން ހިނގާބަލަ" އެނބުރިފައި ލައިތު ބުންޏެވެ.

"އިރުކޮޅަކުން ކާއެއްޗެހި ފޮނުވާނެ" އާރިކު ބުންޏެވެ. އެހިނދު ކުއްލިއަކަށް ލައިތުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"ވަންޝޮޓް، އެވަރުން ބަނޑުގައި ކާނެ ޖާގަ ހުންނާނެ... ހިނގާބަލަ" ރުޅިއައިސްފައި ހުރި މީހަކުހެން ލައިތު ހީނުވެއެވެ. އާރިކުގެ ފަހަތުން ލައިތު އައެވެ. އޮފީހުގެ ސްޓާފުންނަށް ޓަކައި ކައްކާކެވޭ ކަހަލަ ބަދިގެއެއް ހުރެއެވެ. އެބަޔަށް އާރިކުއާއެކު ލައިތު އައެވެ. ވަގުތުގެ ގޮތުން ތަން އޮތީ ހުސްކޮށް ކަމަށްވާތީ އެތަނުގައި ތިބީ އެ ދެ ޒުވާނުން އެކަންޏެވެ. ތަންތަންކޮޅުގައި ޖަހާފައި ހުރި ވަށް މޭޒުތަކުން މޭޒެއްގައި ލައިތު އިށީނެވެ. އާރިކު ކޮފީ މެޝިނު ކައިރީ ހުއްޓެވެ.

"ކޮންތާކުން އެންމެ މީރު ޗޮކުލެޓު ލިބޭނީ؟" ވިސްނަން އިނދެފައި ލައިތު އަހާލިއެވެ. ކޮފީ މެޝިނު ކައިރިން ދެ ޖޯޑު ކޮފީ ހިފައިގެން ހިނގައިގަތް އާރިކުގެ ތުންފަތުގައި މާނަފުން ހިނިތުންވުމެއް ދުވެލިއެވެ.

"ޗޮކުލެޓު އެކަނިތަ؟، ސެންޓުފުޅިއަކާއި އަގުބޮޑު ޖުވެލަރީއެއްނޫންތަ؟" މޭޒު ދޮށުގައި އިށީންނަމުން އާރިކު ބުންޏެވެ. އެއަޑުގައި ހުރި ސަމާސާގޮތް ލައިތު ބަލައިގަތެވެ.

"އަގުބޮޑު އެއްޗިއްސަކީ އޭނާގެ ޓޭސްޓެއްނޫން" ޚިޔާލަކަށް ގެއްލި އިނދެ ލައިތު ބުންޏެވެ. އާރިކަށް ލިބުނީ ހައިރާންކަމެވެ. އޭނާގެ ސިކުނޑީގައި ކުރެހިފައިވީ ހިރާގެ ސޫރައެވެ. ލައިތުއާއި ހިރާގެ ޖޯޑަކީ އޭނާ ދުށް ގޮތުގައި ނުހަނު ގުޅޭ ޖޯޑެކެވެ. އޮފީސްތެރެއިން އެ ދެމެދުގައި ގުޅުމެއް އޮންނަކަން ފާޅުނުކުރިޔަސް ލައިތުގެ އެންމެ ގާތުގައި މަސައްކަތްކުރާ މުވައްޒަފުގެ ހައިސިއްޔަތުން ބައެއް ސިއްރުތަކަކީ އޭނާއަށް ވެސް އެނގޭ ކަންކަމެވެ. އަގުބޮޑެތި ހަދިޔާތައް ގަތުމަށް މިހާތަނަށް ލައިތު ފޮނުވާފައި ހުރީ އާރިކެވެ. ގަންނަ ހަދިޔާތައް ލައިތުގެ ލޮލަށް ފެންނާނީ އޭގެ ވެރިފަރާތުން ޕާރުސަލް ކެނޑުމުންނެވެ. އެ ހަދިޔާތަކަކީ ލައިތުގެ އުޒުރުތައް ފޫބެއްދުމަށް ގަނެވޭ އެއްޗިއްސެވެ.

"ކޮންކަހަލަ ޗޮކުލެޓެއް؟... ކިތައް ޗޮކުލެޓު ގަންނަންވީ؟" އާރިކުގެ ފޯނު ނަގަމުން އަހާލިއެވެ. އޭނާ ލައިތުގެ އިރުޝާދުތައް ފޯނުގައި ނޯޓުކުރުމަށް ތައްޔާރުވެލީއެވެ.

"ވިއްކާތަނެއް ބުނެބަލަ، އަހަރެން ގަންނާނީ" ލައިތު ބުންޏެވެ. ވަގުތުކޮޅަކަށް އާރިކު ބަސްހުއްޓުނެވެ. އެތައް ސުވާލެއް ހިތާއި ސިކުނޑީގައި އުފެދުނެވެ. ނަމަވެސް ސުވާލުކުރުމަކީ އޭނާގެ ސިފައަކަށް ނުވާތީ ހިމޭނުން އިނީއެވެ. އާރިކުގެ ނަމުން ލައިތު ގޮވާލިއެވެ. އެއާއެކު ޗޮކުލެޓު ލިބެން ހުންނާނޭ ފިހާރަތައް އާރިކު ކިޔައިދޭންފެށިއެވެ.

* * * * *

އިންތިޒާރުކުރުމަށް ލައިތު ބުނުމުން ކެންޒާއަށް ހީވީ އޭނާ ގުޅާނީ ކަމަށެވެ. ބައްދަލުކުރާނަމަ އަންނާނީ އެގޭ ދޮށަށް ކަމަށެވެ. ނަމަވެސް ލައިތު އޭނާއާ ބައްދަލުކުރީ ރޭގަނޑުގެ ކެއުން ތައްޔާރުކޮށްފައި ހ.މަހަލް އިން ނުކުތް ވަގުތެވެ. މަގުމަތީގައި ޕްރައިވެޓް ޕާކިން ސަރަހައްދުގައި އޮތް ކާރުގައި ލެނގިލައިގެން ދުވާރު މަތީ ހުރީ ލައިތެވެ. ކެންޒާ އަންނަން އުޅެފައި ވެސް އަނެއްކޮޅަށް އެނބުރިލީ ގަސްދުގައެވެ. ލައިތު ހަދާގޮތެއް ބަލާލަން އޭނާ ބޭނުންވީއެވެ. އަންނަންފެށި ފޯނުކޯލު ނެގުމަށް ކަންފަތަށް ގުޅާލާފައިވާ ހެޑްސެޓުގެ ފިތަށް ކެންޒާ ފިތާލިއެވެ.

"ޕެންޑާ... ކަމް ހިއާ... ރައިޓް ނައު" ކެންޒާ ހުއްޓުމާއެކު ލައިތު ހުރި ދިމާއަށް އެނބުރިލިއެވެ. އަމުރުވެރިކަން އެކުލެވިފައި ލައިތުގެ އަޑު ވަގުތުން އިވުނެވެ. އެ ހަރުކަށިކަމުގެ ފަހަތުގައި ފޮރުވިފައި، ތަފާތު ޖަޒުބާތެއްވާހެން ކެންޒާއަށް އިޙްސާސް ކުރެވުނެވެ. ނަމަވެސް ލައިތުގެ ބަސް ޤަބޫލުކުރުމުގެ ބަދަލުގައި ކެންޒާގެ ލާނެތްވެލިއެވެ. ނުދާނަންކަމަށް ބުނެ ލައިތުއާ ދެކޮޅު ހަދާލިއިރު ވެސް ކެންޒާއަށް ހުރެވުނީ ހެވިފައެވެ. އޭނާގެ އެ ދެކޮޅު ހެދުން ލައިތުގެ ވިންދު އަވަސްކުރުވި ކަހަލައެވެ. ސަމާސާ ކުރުމަށް އެ ހިތް ވެސް އެދޭ ކަހަލައެވެ.

"އަތުގައި ހިފައިގެން ގެންނަންވީތަ؟ އަހަންނަށް އުފުލައެއްނުލެވޭނެ... އެހެންނޫންނަމަ ކޮނޑަށް ލައިގެން ގެނެސް ކާރަށް އެރުވީމުސް... ކެން! ޕްލީޒް... އައި އޭމް ވެއިޓިން" އެންމެ ފަހުން އިއްވާލި ބަސްތަކާއެކު ލައިތުގެ އަޑު މަޑުވެ ބަރުވެލިއެވެ. ވާހަކަނުދެއްކުނަސް ފިޔަވަޅަކަށްފަހު ފިޔަވަޅެއް ލައިތާ ގާތަށް ކެންޒާ އަޅަންފެށިއެވެ.

ކާރުގެ ކުރީ ދޮރުފަތް ލައިތު ހުޅުވާލައި ކެންޒާ އަރަންދެން މަޑުކޮށްލިއެވެ. އޭނާ އަރާ ހަމަޖެހެވިއްޖެކަން އެނގުމުން ދޮރުފަތް ލައްޕާލާފައި ގޮސް ކާރުގެ އަނެއް ފަރާތުން ލައިތު އަރައިފިއެވެ. އެ ދެ ޒުވާނުން ކާރުގައި ނައްޓާލިއިރު ގޭގެ ހަތަރުވަނަ ފަންގިފިލާގެ ބެލްކަނީގައި މީހަކު ބަލަން ހުރި ކަމެއް ނުދެނަހުއްޓެވެ.

(ނުނިމޭ)