ހިޔާ މަޝްރޫއު

ހިޔާ މަޝްރޫއަކީ ދަރަނީގެ ދަންތުރައެއް: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަކީ ކޮތަރި ކޮށިތަކެއްގެ ގޮތުގައި ސިފަކުރައްވާ އެއީ ދަރަނީގެ ދަންތުރައެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި އިމާރާތްކޮށްފައިވާ 7000 ފްލެޓާއި ގުޅޭގޮތުން މި ސަރުކާރުގެ އިސްވެރިން މީގެ ކުރިންވެސް އެފަދަ މޭރުމުން ވާހަކަދައްކަވާފައިވެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ފްލެޓްތައް އަޅާފައިވަނީ 500 އަކަފޫޓްގެ ކުދި ކޮތަރު ކޮށިތަކެއްގެ ގޮތަށް ކަމަށެވެ. އެތަން ހަދަން ހަރަދުކޮށްފައިވާ ކަމަށް ބުނަނީ އަކަފޫޓެއް 1900 ރުފިޔާއަށް ކަމަށާ އެހެން ކަމުން އެ ތަންތަނުގެ ކުލީގެ އަގު 11،000 އަށް ރުފިޔާއަށް އަރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދެން މި ކިހިނެތް ދެކޮޅު ޖައްސާނީ. މިއީ އެ ދަރަނީގެ ދަންތުރައިގެ ފޮޓޯ." ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފޮޓޯއަކާއެކު ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

"ހިޔާ" ފްލެޓަކަށް ކުލީގެެ ގޮތުގައި މަހަކު 11،000 ރުފިޔާ އަރާ ކަމަށާއި، ސަރުކާރުން ސަބްސިޑީތަކެއްދީގެން އެ އަދަދު 6،000 ރުފިޔާއަށް ކުޑަކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.

ފްލެޓުތަކުގެ ޖާގަ ތަނަވަސްކޮށް ބަދަލުތައް ގެނައުމުން ދެ ކޮޓަރީގެ ފްލެޓަކަށް 13،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓަކަށް 23،000 ރުފިޔާ އަރާކަމަށް ސަރުކާރުން ކުރި ދިރާސާއަކުން ދައްކާކަމަށް މިދިޔަ އަހަރު ނޫސްވެރިންނާ ބައްދަލްކުރައްވާ ރައީސް ވިދާޅުވިއެވެ.

"ހިޔާ މަޝްރޫއު" ދަށުން އިމާރާތް ކުރި ކޮންމެ ފްލެޓަކުން މަހު ކުއްޔަށް 5600 ރުފިޔާ ނަގަން ނިންމާފައިވާ ކަމަށާއި ކުލީގެ ގޮތު މަހަކު 7000 ރުފިޔާ ނެގިއަސް 15 އަހަރު ތެރޭގައި ފައިދާ ވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވަނީ ޓްވީޓާާ މެދުވެރިކޮށް އެ ހިސާބުތައް ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މަޝްރޫއަށް 434 މިލިއަން ޑޮލަރު ހަރަދުވެފައިވާއިރު، މަޝްރޫއާ ގުޅިގެން ކޮށްފައިވާ ހިންގުމާއި އިދާރީ ހަރަދުތަކާއެކު ޖުމުލަ 563 މިލިއަން ޑޮލަރު އަރަ އެވެ. އަދި ކޮންމެ މަހަކު ކޮންމެ ފްލެޓަކުން 7000 ރުފިޔާ ނަގަނާމަ 15 އަހަރުގެ ތެރޭގައި އެޗްޑީސީއަށް 572 މިލިއަން ޑޮލަރު ލިބެ އެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއުގެ ފްލެޓަކުން ކުލީގެ ގޮތުގައި މަހަކު 5600 ރުފިޔާ ކަމުގައި އޮކްޓޯބަރު 17، 2018 ގައި ރައީސް ޔާމީން ނިންވަމައި އެޗްޑީސީއަށާއި ހައުސިން މިނިސްޓްރީއަށް އެންގެވި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. މިއީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވި ފަހުން އަދި މި ސަރުކާރުގެ އަގުތައް އިއުލާން ކުރުމުގެ ކުރިން ވެސް މުއިއްޒު ވިދާޅުވެފައިވާ ވާހަކައެވެ.

މި ސަރުކާރަށް ދޮޅު އަހަރުވީއިރުވެސް ހިޔާ ފްލެޓްތައް ހަވާލުކުރެވިފައިނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށޭނެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވިނަމަވެސް ފަހުން ހައުސިން މިނިސްޓްރީން ވަނީ އެއީ އެކަމަނާ އޮޅިގެން ވިދާޅުވެވުނު އެއްޗެއް ކަމަށް ބުނެފައެވެ.

އެޗްޑީސީން މިހާރު ބުނަނީ ހިޔާ ފްލެޓްތަކުގެ މަސައްކަތް މުޅިން ނިންމާލެވެނީ މިއަހަރުގެ ފަހުކޮޅު ކަމަށެވެ.