ހައުސިން މިނިސްޓަރަކަށް ދެން ވެސް އައްޔަން ކުރައްވާނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ހުށައަޅާ ބޭފުޅަކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ މަގާމުގައި ހުންނެވި އާމިނަތު އާތިފާ، މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ސިއްހީ ހާލަތު ތަން ނުދޭތީ މަގާމުން އިސްތިއުފާ ދެއްވާ އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ވަނީ އަންގަވާފަ އެވެ.
އާތިފާ ގެންދަވަނީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ބޮޑު ބައްޔަކަށް ބޭސް ކުރައްވަމުންނެވެ. އިސްލާހީ މަސައްކަތުގައި އެކަމަނާ އޭރު މަސައްކަތް ކުރެއްވީ ވެސް ވަރަށް ބޮޑަށް ސިއްހީ ހާލުކޮޅު ގޯސްވެފައި ވަނިކޮށެވެ. އެ ބައްޔަށް ރާއްޖެއިން ބޭރުން ވެސް ގިނަ ދުވަސްތަކަކު ފަރުވާ ހޯއްދެވި އެވެ. އާތިފާ މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެންނެވީ ބަލި ހާލަތު ތަންކޮޅެއް ރަނގަޅުވުމާއި ގުޅިގެންނެވެ.
އެކަމަނާ އިސްތިއުފާ ދެއްވުމާއި ގުޅިގެން ދެންވެސް އެ މަގާމަށް އައްޔަން ކުރައްވާނީ އެމްއާރްއެމްއިން ހުށައަޅާ ބޭފުޅަކަށް ކަމުގެ ޔަގީންކަން ރައީސް ސޯލިހް ދެއްވާފައިވާ ކަމަށް އެޕާޓީގެ އޮފިޝަލަކު ރޭ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެ ޔަގީންކަން ރައީސް ސޯލިހް ވަނީ ރައީސް މައުމޫނަށް ދެއްވާފައިވާ ކަމަށެވެ. އަދި ރައީސް މައުމޫން ވަނީ ރޭ ބޭއްވި އެމްއާރްއެމްގެ އެގްޒެކްޓިވް ކޮމެޓީގެ ބައްދަލްވުމުގައި އެ ވާހަަކަފުޅު އެގްޒެކްޓިވް ކޮމެޓީގެ މެންބަރުންނާއި ހިއްސާ ވެސް ކުރައްވާފަ އެވެ.
އާތިފާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަގާމަށް ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ ނަން ހުށަހަޅަން މަޝްވަރާ ކުރެވުނު ކަމަށް ވެސް ރޭ އަޑުތައް ފެތުރުނެވެ. ނަމަވެސް އެ ވާހަކަތައް އެ ޕާޓީން ވަނީ ދޮގު ކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އާ ހައުސިން މިނިސްޓަރަކަށް އެމްޑީޕީގެ ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ބާރު އަޅުއްވަމުންނެވެ. އެ މަގާމަށް ގެނައުމަށް ނަޝީދު ހުށައަޅުއްވާފައި ވަނީ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްދެވެ.
ރޭ އޮތް އެމްޑީޕީގެ ޕީޖީ މީޓިންއެއްގައި ރައީސް ނަޝީދު އެ މޭރުމުން ވާހަކަ ދައްކަވާފައިވާ ކަމަށް އެޕާޓީގެ ޕާލަމެންޓް މެންބަރަކު ވެސް ވިދާޅުވި އެވެ. އަދި އެކަން ރައީސް ސޯލިހަށް ހުށައެެޅުމަށް ނިންމާފައިވާ ކަމަށްވެސް އެ މެންބަރު ވިދާޅުވި އެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އެމްޑީޕީގެ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.
މަަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރުގެ އަނބިކަނބަލުން އަދި ކުރީގެ ވަޒީރު އާޒިމާ ޝަކޫރުގެ ދައްތަ އާތިފާ ހައުސިން މިނިސްޓަރަކަށް ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫންގެ އެމްއާރްއެމްގެ ސްލޮޓެއްގަ އެވެ.
އާތިފާއަކީ ރައީސް ސޯލިހުގެ ކެބިނެޓުން އިސްތިއުފާ ދެއްވި ދެ ވަނަ މިނިސްޓަރަށެވެ. މީގެ ކުރީން އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑަ މިނިސްޓަރު ކަމަށް ވަޑައިގެންނެވި ޝިދާތާ ޝަރީފެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީގެ ސްލޮޓް ފަހުން އަދާލަތަށް ދީފައެއް ނުވެއެވެ.