ހަބަރު

ދިރާގު މެސެޖު: އަންގި އާއި މާސްކު ފަރުތަކަށް ދިޔަ ނުދީ

Jun 8, 2020

އެއް ފަހަރު ބޭނުންކޮށްފަ އެއްލާލާ ފަހު މާސްކާއި އަންގި ފަދަ ތަކެތިން ކަނޑު ތަކާއި ފަރުތައް ހިމާޔަތް ކުރަން ސަމާލުވުމަށް ދިރާގުން އެދިއްޖެ އެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން ނެރެފައިވާ ބަޔާނެއްގައި ބުނީ ނިއު ނޯމަލް އަށް ތައްޔާރުވަމުން ދާއިރު މާސްކާއި އަންގި ފަދަ ތަކެތި ބޭނުން ކުރާ މިންވަރު އިތުރުވާނެ ކަމަަށާ، އެހެންވެ މި ތަކެތި ރައްކާތެރި ގޮތުގައި އެ ތަކެތި ނައްތާ ނުލައިފި ނަމަ ކަނޑުގެ ދިރުމަށް ގެއްލުންވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި އުކާލާ ޕްލާސްޓިކް އިތުރުވުމުގެ ސަބަބުން ސަބަބުން ރީތި ފަރުތަކާއި ކަނޑުއަޑީގެ ތަފާތު ދިރުން ތަކަަށް މީގެ ކުރިން ވެސް ގެއްލުންވަމުންދާ ކަމަށެވެ.

ކަނޑުން ދުނިޔޭގެ ވަޔާއި ފެނާއި މޫސުން ހިފެހެއްޓުމުގައި ބޮޑު ދައުރެއް އަދާ ކުރާއިރު ކަނޑުތަކަށް ގެއްލުން ދިނުމަކީ އިންސާނުންނަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ދިރާގަކީ ތިމާވެށި ހިމާޔަތް ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ 2016 ވަނަ އަހަރުން ފެށިގެން "ފޯ ދި އޯޝަންސް" ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ. މި ކެމްޕޭނުގެ ދަށުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދު ކުރުމަށް ރީޔޫސެބަލް ކޮތަޅު ތައާރަފުކޮށްފައިވެ އެވެ.