ދިރާގު

ފިލްމް ފޯ ޗޭންޖްގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި

ފިލްމު ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ރާއްޖޭގައި ހުންނަ ޔޫއެންޑީޕީ އޮފީހާއި ދިރާގު ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަންގެ މަގުސަދަކީ ޒުވާނުން ބާރުވެރިކުރުވާ ރާއްޖޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި މެދު ވިސްނާ އެކަމާއި ގުޅިގެން ދިމާވާ މައްސަލަތައް ފިލްމްގެ ޒަރިއްޔާއިން ހާމަކޮށްދިނުން ކަމަށް ދިރާގުން ބުނެ އެވެ. މީގެ ސަބަބުން ޒުވާނުންނަށް މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑޮކިއުމެންޓަރީ ސްޓައިލް ފިލްމް ހެދުމަށް ބޭނުންވާ ފަންނީ ހުނަރުތަކާއި އުކުޅުތައް ދަސްވެގެންދާނެ އެވެ.

މި ޕްރޮޖެކްޓްގައި ހިމެނެނީ ތަމްރީން ބަޔަކާއި ޕޯސްޓް-ޕްރޮޑަކްޝަން ބަޔެކެވެ. ތަމްރީންތައް ކުރިއަށް ދާނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުންނެވެ. މި ޕްރޮޖެކްޓް ނިމިގެންދާއިރު ބައިވެރިން ގްރޫޕްތަކަށް ބަހާލައި މި އަހަރުގެ ޝިޔާރު--ތިމާވެއްޓަށް އަންނަ ބަދަލުތައް-- ކުރުމުގެ މައްޗަށް ފަސް ކުރު ފިލްމް ތައްޔާރުކުރަން ޖެހެ އެވެ.

މިއީ އދގެ 13 ވަނަ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިއާއި ގުޅުވައިގެން އެކުލަވާލައިފައިވާ ޝިޔާރެކެވެ. ބައިވެރިންގެ ފިލްމްތައް ސޯޝަލް މީޑިއާ އަދި ޕަބްލިކް ޕްލެޓްފޯމް ތަކުގައި ދައްކާނެ އެވެ. މީގެ އިތުރުން މި ފިލްމްތައް ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ޒުވާނުންގެ އެޑްވޮކަސީ މަންސަތަކުގައި ދެއްކުމުގެ ފުރުސަތުވެސް ހުޅުވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

މި ޕްރޮޖެކްޓްގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ ފަރާތްތަކަށެވެ. ނަމަވެސް އިސްކަން ދެވޭނީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށް ދިރާގުން ބުނެ އެވެ. ޕްރޮޖެކްޓްގައި ބައިވެރިވުމަށް ނަގާނީ 30 މީހުނެވެ. މި ޕްރޮޖެކްޓްގައި އަންހެނުން ބައިވެރިވުމަށް އިތުރަށް އިލްތިމާސްކުރާ ކަމަށް ދިރާގުން ބުނެ އެވެ. އަދި ބައިވެރިން ހޮވުމުގައި ބޮޑަށް ބަލާނީ ފިލްމް ހެދުމުގެ ތަޖުރިބާ މަދު ފަރާތްތަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަންގައި ބައިވެރިވުމަށް ފޯމު ހުށައެޅޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 24 ވަނަ ދުވަހެ އެވެ. އަދި ޕްރޮޖެކްޓުގެ ތަމްރީން މި މަހުގެ ފަހު ހަފްތާގައި ފަށާނެ އެވެ.