އަބްދުﷲ ޝާހިދު

"މޫސުމީ އަސަރުތަކުން އަރައިގަތުމަށް އަންހެނުން ބައިވެރިކުރަން ޖެހޭ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އަންހެނުން ބައިވެރިކުރަން ޖެހޭ ކަމަށް އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ ހައި-ލެވެލް ތީމެޓިކް ޑިބޭޓް އޮން ޑެލިވަރިން ކްލައިމެޓް އެކްޝަން: ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މޫސުމާއި ބަޔޯޑައިވާސިޓީ ދިރާސާކުރާ ފަރާތްތަކުގެ ތެރޭގައި އަންހެނުން ހިމެނެނީ %30 އަށްވުރެ މަދު އަދަދަކަށް ކަމަށް ޝާހިދު ވިދާޅުވި އެވެ އަދި ތިމާވެށީގެ ގައުމީ ވަފުދުތަކުގެ ތެރެއިން އަންހެނުން ހިމެނެނީ 38 އިންސައްތައިގައި ކަމަށާއި މިނިސްޓީރިއަލް ލެވެލްގައި ތިމާވެށީގެ އެންމެ އިސްވެރިން ގޮތުގައި ތިބީ 12 އިންސައްތަ އަންހެނުން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މޫސޫމި ބަދަލުތަކުން އަރައިގަންނަން ކުރާ މަސައްކަތުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންނަށް މޫސުމީ ކާރިސާ ނިމުމަކަށް ގެނެވޭނެ، އަދި ގެނައުމަށް ބޭނުންވާ އަޒުމް އަޅުގަނޑުމެން ހޯދަންޖެހޭނެ.މިއަދުގެ މި ބައްދަލުވުމުން މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ނާންނާނެ އެކަން ހާސިލްވާނީ އަޅުގަނޑުމެން އަޅާ ފިޔަވަޅުތަކުން. މިއަދު އަޅުގަނޑުމެން މި މަޝްވަރާތައް ފަށާއިރު، މައިގަނޑު ހަތަރު ނުކުތާއެއް ފާހަގަކޮށްލާނަން."

ޝާހިދު ވިދާޅުވީ ފުރަތަމަ ކަމަކީ ކޮވިޑްގެ ސަބަބުން ދިމާވާ ނުރައްކާތެރިކަން ބޮޑުކަމުގައިވީނަމަވެސް، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށެވެ. އެކަމަކީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ މައްސަލަ ކަމަށާއިމޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކަށް ބޭނުންކުރަން ހުރި ވަސީލަތްތައް މި ބަލިމަޑުކަމުން އަރައިގަތުމަށްވަނީ ބޭނުންކުރެވިފައި ކަމަށެވެ.

ކުރިމަތީގައި މިއޮތީ، ދުނިޔެ މިހާތަނަށް ދުށް އެންމެ ބޮޑު އަދި އެންމެ މުހިއްމު ރިކަވަރީ ކަމަށާއި ރިކަވަރީ ގެ ހުރިހާ ފަންޑަކީ ވެސް ތިމާވެއްޓާ ރައްޓެހި ފައިސާކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ދެވަނަ ކަމަކަށް، އެންމެ ނާޒުކު ގައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ފަދަ ގައުމުތަކަށް، ކޮވިޑްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ވަނީ ހުރަސްތައް ކުރިމަތިވެފައި. ހާއްސަ ހާލަތް ތަކުގައިތިބި ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންނަމަ ދަރަނި އަދާކުރުމުގައި ހުރި ގޮންޖެހުންތައް ފަދަ މައްސަލަތައް ހައްލުކުރަން ޖެހޭ. ދަރަނި ދެއްކުން މެދުކަނޑާލުމުގެ އިނީޝިއޭޓިވް އިތުރު އެއް އަހަރަށް އިތުރުކުރުމުން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އޭގެއިން ފައިދާކުރާނެ." ޝާހިދު ވިދާޅުވި އެވެ.

ތިންވަނަ ކަމެއްގެ ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރުމުގައި ޒުވާން ކުދިންނާއި އަންހެނުންނާއި އަދި މިނޫންވެސް ހުރިހާ ފަރާތްތައް ބާރުވެރިކުރުވާ، މުޅި މުޖްތަމައު އެކަމުގައި ޝާމިލުކުރުމެވެ. އަދި ހަތަރުވަނަ ކަމަކީ މޫސުމުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުން ކަމަށެވެ.