އެފްއޭއެމްގެ އިންތިހާބު

އެފްއޭއެމްގެ އިންތިހާބު މި މަހު ބާއްވަނީ

ކޮވިޑް-19 އާ ގުޅިގެން ފަސް ކުރި އެފްއޭއެމުގެ އިންތިހާބު މި މަހު ބާއްވަން މަސައްކަތް ކުރާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ

އެފްއޭއެމްގެ އެކްސްކޯއިން އިންތިހާބު އަވަސް ކުރުމަށް ފާސް ކުރީ ބައްސާމްގެ ފަރާތުން އެކްސްކޯއަށް ހުށަހެޅުމުންނެވެ. ބައްސާމްގެ މިހާރުގެ ދައުރު ހަމަވާނެ އަސްލު ތާރީހަކީ އަންނަ ނޮވެމްބަރު މހުގެ 20 ވަނަ ދުވަހެވެ.

އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކެނޑިޑެސީ ފޯމު ހުށަހެޅުއްވީ ބައްސާމް އެކަންޏެވެ. އޭރު ތާވަލު ކުރީ މާޗް 20 ގައި އިންތިހާބު ބޭއްވުމަށެވެ. ހޮޓެލް ޖެންގައި އިންތިހާބު ބާއްވާ އިންތިހާބަށް މީޑިއާއަށް ދައުވަތު ފޮނުވި ނަމަވެސް އިންތިހާބު ފަސް ކުރީ އެޗްޕީއޭއިންނާއި އޭއެފްސީންވެސް އިންތިހާބު ފަސް ކުރުމަށް ލަފާ ދިނުމުންނެވެ.

ރާއްޖޭ ޓީވީގެ ކުޅިވަރު ފައިލްގެ ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ މި މަސްތެރޭ އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރާ ކަމަށާއި އެޗްޕީއޭ އާއި ސަރުކާރުގެ ހުއްދަ ލިބުމުން ތާރީހް އިއުލާން ކުރާނެ ކަމަށެވެ.

"ޖޫން މަސް ތެރޭގައި ބޭއްވުމުގެ ފެހި ސިގުނަލެއް ވަނީ ލިބިފައި، އިރާދަކުރެއްވިއްޔާ މާ ލސްތަކެއް ނުވެ އިއުލާން ކުރެވިގެން ދާނެ." ބައްސާމް ވިދާޅުވި އެވެ.

މިދިޔަ ސީޒަން ނިމުނު އިރު ފުރަތަމަ ޑިވިޝަންގައި އެކްޓިވްކޮށް އޮތް ހަ ކުލަބުން ވަނީ ބައްސާމް އަށް ތާއީދު ކުރުމަށް އިއުލާން ކޮށްފަ އެވެ. އެފްއޭއެމްގެ އިންތިހާބަށް އެއް ބޭފުޅަކު ކުރިމަތި ލެއްވުމުން، އިންތިހާބުގައި ކުލަބުތަކުން ވޯޓް ދޭނީ ފެންނަ ނުފެންނަށް ވޯޓަށެވެ.

ކުރިއަށް އޮތް އިންތިހާބަށް ބައްސާމްގެ އެގެޒެކެޓިވް ކޮމިޓީގައި ސީނިއާ ނައިބު ރައީސް އަކީ، އެފްއޭއެގެ ޑެޕިއުޓީ ޖެނަރަލް ސެކެޓްރީގެ މަގާމުގައި އަދާ ކުރައްވަމުން އަންނަ، ކުރީގެ ފޯވަޑް އަލީ އުމަރު، ދެ ވަނަ ނައިބު ރައީސް އަކީ މިހާރުވެސް އެފްއޭއެމްގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ)، އެކްސްކޯ މެންބަރުންގެ ތެރޭގައި ހިމެނެނީ، މިހާރުގެ ސީނިއާ ނައިބު ރައީސް އަހްމަދު ޝަކީބު، މިހާރުވެސް އެކްސްކޯ މެންބަރުގެ ގޮތުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޝިފާއު، އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ)، ކުރީގެ ސްޕޯޓްސް ކޮމިޝަނާ އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް އަހްމަދު ނަޝީދު (ޑޭވް)، ކުލަބު ގްރީން ސްޓްރީޓްގެ ރައީސް މުއާވިޔަތު ހަލީލް އެވެ. އެކްސްކޯގެ އަންހެން މެންބަރެއްގެ ގޮތުގައި ހިމެނި ވަޑައިގަންނަވަނީ މިހާރުވެސް އެފްއޭއެމްގެ އިސް މަގާމެއް ފުރަމުން އަންނަ އާމިނަތު ޝާނީޒް (ޝާނީ) އެވެ.