(7 ޖޫން 2020 އާ ގުޅޭ)
ކާރުގެ ކުރީ ދޮރުފަތް ލައިތު ހުޅުވާލައި ކެންޒާ އަރަންދެން މަޑުކޮށްލިއެވެ. އޭނާ އަރާ ހަމަޖެހެވިއްޖެކަން އެނގުމުން ދޮރުފަތް ލައްޕާލާފައި ގޮސް ކާރުގެ އަނެއް ފަރާތުން ލައިތު އަރައިފިއެވެ. އެ ދެ ޒުވާނުން ކާރުގައި ނައްޓާލިއިރު ގޭގެ ހަތަރުވަނަ ފަންގިފިލާގެ ބެލްކަނީގައި މީހަކު ބަލަން ހުރި ކަމެއް ނުދެނަހުއްޓެވެ.
"ކޮންތާކަށް މިދަނީ؟" ކާރުގެ މިސްރާބު ހުރި ދިމާ ނޭނގުމުން ކެންޒާއަށް ވަގުތުން ސުވާލުކޮށްލެވުނެވެ.
"މިކާރަށް އެރީމަ، އަހަރެން ބޭނުންތަނަކަށް ދާން ތިއިނީ އެއްބަސްވެގެން" ލައިތު އަވަސް ގޮތަކަށް ކެންޒާއަށް ބަލާލާފައި އޭނާގެ ދަލުގައި ކެންޒާ ޖެހިފަން އިންކަން ރަމްޒުކޮށްދޭ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"ވަޓް!... ތިކަހަލަ އެއްވެސް ކަމަކަށް އަހަރެން އެއްބަހެއްނުވަން" ކެންޒާއަށް ލިބުނު ސިހުން އެމޫނުން ފެނެއެވެ. ކުޑަކޮށް އަރިއަކަށް އެނބުރިލައި ލައިތުއަށް އެ ބޮޑު ދެލޮލުން ބަލަން އިނީ ޤަބޫލުނުކުރެވިގެނެވެ. ގަދަކަމުން ހީނގަންނަ އުސޫލުން ލައިތުގެ ދެތުންފަތް ދެމިލައި ހީނގަތުމުގެ އަޑުލައްވާލިއެވެ.
"ނޮޓް ފަނީ، ސްޓޮޕް ރައިޓް ނައު... ސްޓޮޕް ދިސް ކާ" ކެންޒާ އަޑަށް ބާރުލާފައި ބުނެލިއެވެ.
"އަހަރެންގެ ނަމުން ގޮވާލަބަލަ... އެ ނަންވެސް ހަނދާން ނެތުނީތަ؟" ލައިތުގެ މޫނުން ކޮންމެ އަސަރެއް ފާޅުވީ ނަމަވެސް އޭނާގެ ދެލޮލުން ފާޅުވޭވޭ ހުރީ އެ ހިތުގެ އިޙްސާސްތަކެވެ. އެއީ އޮޅުވާލުމެއްނުވާ ސާފުތެދެވެ.
"ނޮޕް!..." ކެންޒާ ދެއަތްއުރާލުމާއެކު ބޯހޫރާލިއެވެ. ސީޓުގައި ޖެހިގަތުމާއެކު މޫނުކޮށްލި ހިނދު ދެތުންފަތް ވެސް އޫކޮށްލައިފިއެވެ. ކެންޒާއަށް ނޭނގުނަސް އޭނާގެ އެފަދަ ހަރަކާތްތަކުން ލައިތުގެ ތެޅިލުން ތަފާތުވެދެއެވެ. ނުސީދާކޮށް އޭނާގެ ހިތާ ކެންޒާ ކޮށްލާ ސަމާސާއެއް ފަދައެވެ. ޖަޒުބާތުތަކާއެކު އެ ހިތް އުދުއްސައިގަނެދާނެ ކަހަލައެވެ. ބަޔާންކުރަން ދަތި ހީލިކެރުވުމެއްގެ ބާންޏެއް އެތެރެ ހަށީގައި ދައުރުވެލާކަހަލައެވެ. ހުންގާނުބުރާ ވަކިކޮށްލި ވައަތްތިލަ މަޑުމަޑުން ގެނެސް މޭގައި ލައިތު ޖައްސާލިއެވެ.
"ޕެންޑާ!..." ލައިތު ގޮވާލިއެވެ. އިންގޮތަށް އިނދެ ކެންޒާގެ ކަޅި ލައިތު އިންދިމާއަށް ލޮލުގެ ހިމަކޮޅަށް ހިންގާލިއެވެ. ކުރިމަތިން މަގަށް ލައިތު ބަލަން އިނދެފައި ކެންޒާއަށް ބަލާލިއެވެ. ހަމަބަލާލުމާއެކީހެން ކެންޒާ މޫނު އަނެއްފަރާތަށް އަނބުރައިލައިފިއެވެ.
"އަހަންނާއެކު ވަގުތުކޮޅަކަށް މަޑުކޮށްލެވިދާނެތަ، އަހަރެން ޕެންޑާ ގެއަށް ގެންގޮސްދޭނަން... ކުޑަކޮށް ވެސް އަހަންނަށް އިތުބާރެއްނުކުރެވޭތަ؟ ތިހިތް ބުނަނީ ކީކޭ؟ އާސްކް ޔޯސެލްފް، އެ ހިތް ބުނޭތަ އަހަންނަކީ އަނިޔާވެރިއެކޭ، އަހަރެން ކެންގެ ނުރުހުމުގައި ކަމެއްކޮށްފާނޭ" ލައިތުގެ އަޑުގައި ހުރި ސީރިއަސްކަމާއި ހިމޭންކަމުގެ އަސަރު ކެންޒާއަށް ބާރުފޯރުވިއެވެ. ދެއަތްއުރާލައިގެން އިނދެފައި މަޑުމަޑުން ދެއަތްތިރިކޮށްލި ގޮތުން ހީވީ ލައިތާ ދެކޮޅަށް ނަގާފައި ހުރި ދިފާއީ އައްޑަނަ ތިރިކޮށްލީ ހެންނެވެ. އަރިއަކަށް ޖެހިލައި ލައިތުއަށް ކެންޒާ ބަލަން ފެށީ މާނަވީ ގޮތަކަށެވެ.
"ޔޫ ޑޯންޓް ހޭވް ޓު ވޮރީ" ކެންޒާ ބަލަން އިންނަން ފެށުމުން ލައިތު ހިނިތުންވެލިއެވެ. ކެންޒާއާ ދިމާއަށް ދަމާލި ވައަތްތިލައިން ބޮޑުކޮލުގައި ލައިތު ފިރުމާލިއެވެ.
"ކޮންތާކަށް އަހަރެން ތިގެންދަނީ" ބަލަން އުނދަގޫވެގެން ކަހަލަ ގޮތަކަށް ނަޒަރު ވަކޮށްލަމުން ކެންޒާ އަހާލީ މަޑުންނެވެ.
"އެއްވެސް ތާކަށްނޫން، ކުޑަކޮށް ދުއްވާލަން... މާލެއާއި ހުޅުމާލޭގެ މަގުތަކުގައި، ޕެންޑާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން، އެންމެ ރަނގަޅުތަ؟" ލައިތުގެ މަޑުމައިތިރި އަޑުން ގަސްދުކޮށްފައިވާ ގޮތް އިއްވާލަދިނެވެ. ކެންޒާ ބަލާ ނުލި ނަމަވެސް ބޯޖަހާލިތަން ލައިތު ދުށްޓެވެ.
"މިހުރިހާ ދުވަހު އުޅުނީ ކިހިނެއް؟" ހިމޭންކަން ދެމެދަށް ވެރިވެފައި އޮންނަތާ އިރުގަނޑެއްފަހުން ލައިތު ވާހަކަދެއްކިއެވެ.
"ތިބުނީ؟" ކޮންކަމެއް އެނގެން ބޭނުންވެ، ލައިތު ކުރި ސުވާލެއްކަން ކެންޒާއަށް ނޭނގުނެވެ.
"ޔޫ ސަފާޑް އަލޮޓް" ލައިތު ބުންޏެވެ.
"ލައިތުއަށް އަހަރެން އެނގެނީ ކިހިނެއް؟... ތީކާކު؟... އަންހެންކުދީންގެ ހިތް އަތުލަނީ ތިހެންތަ؟. އަހަރެންނަށް ކުރިމަތިވި ހުރިހާކަމެއް ކިޔައިދޭނެކަމަށްތަ ސުވާލު ތިކުރީ" ކެންޒާގެ ސިކުނޑީގައި ސުވާލުތައް ފުނިޖެހުނެވެ.
އާދެވިފައިވަނީ ކިހާ ހިސާބަކަށްކަމެއް ކެންޒާއަކަށް ނޭނގެއެވެ. ހުޅުމާލޭގައިކަން އުޅެވެނީ އެނގެއެވެ. ދުއްވަމުން އައިމަގުގައިވަނީ ފަޅުކަމެވެ. މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ދެކާރުގެ ފަހަތުގައި ލައިތުގެ ކާރު މަޑުކޮށްލިއެވެ. އެއްކޮށް ކާރުގެ އިންޖީނު ނިވާލުމާއެކު ކެންޒާއަށް ބަލާލިއެވެ. ކާރުތެރޭގައި އެއްވެސް އަލިކަމެއްނެތެވެ. އެހެންވިޔަސް މަގަށް އެޅިފައި އޮތް ފަނޑުއަލިކަމުގައި ދެމީހުންނަށް އެކަކުއަނެކަކު ފެނެއެވެ. ކެންޒާއަށް އުނގުގައި އޮތް ދެއަތްތިލަ ޖޯޑުކޮށް ބާރުކޮށްލެވުނީ، ވެރިވެފައި އޮތް ހިމޭންކަމުގައި އޭނާގެ އަވަސްވެފައިވާ ހިތުގެ އަޑު ލައިތަށް އިވި ބޭޒާރުވެދާނޭ ހީވެއެވެ.
"އައި ހޭވް ސަމްތިން ފޯ ޔޫ" ލައިތު ވާހަކަދެއްކިއެވެ. ދެން ފެނުނީ ސީޓުން ކުޑަކޮށް ތެދުވެލިތަނެވެ. ކެންޒާއަށް ވަގުތުން ދޮރުފަތާ ކައިރިއަށް ޖެހިލެވުނެވެ. ކުރެވުނީ ބޭކާރުކަމެއްކަން ވިސްނުނީ ދެނެވެ. އޭނާގެ ބޮޑު ހަށިގަނޑު ކޮޅުކޮޅަށް ޖައްސާނެހާ ޖާގަނެތްކަން އެނގިގެންނެވެ. އުނދަގޫގޮތަށް ލައިތު ފަހަތަށް ގުދުވެފައި ސީޓުމަތިން ކޮތަޅެއް ނެގިއެވެ. އިހު އިން ގޮތަށް އޭނާގެ ސީޓުގައި އިށީން ގޮތަށް އަތުގައި އޮތް ކޮތަޅު ކެންޒާއަށް ދިއްކޮށްލިއެވެ. ދެޚިޔާލެއްގައި އިނދެވެސް އެ ކޮތަޅުގައި ކެންޒާ ހިފިއެވެ.
"ލެޓްސް އީޓް ވަން" ލައިތު ބުންޏެވެ.
ކޮތަޅުގެ ތެރެ ފެނުމާއެކު ކެންޒާއަށް ވަގުތުން ލައިތަށް ބަލާލެވުނެވެ. އެ ތުންފަތުގައިވި ހިނިތުންވުން ފެނެއެވެ. މިވަގުތުކޮޅާއި ލައިތުގެ ގާތްކަން ކެންޒާއަށް ނުހަނު ކަމުދެއެވެ. އެހެންނަމަވެސް އެ އުފާވެރި އިޙްސާސާމެދު ބިރުގަނެފައިވިއެވެ.
"މީ ކީއްކުރަން؟" ކެންޒާ އަހާލިއެވެ.
"ޕެންޑާ، މެނާސް ކޮބާތަ؟. ހަދިޔާ ދިނީމަ އެކްސެޕްޓްކޮށް، ތެންކިޔުއޭ ނޫންތަ ބުނަންވީ" ލައިތު ލޯ ހިމަކޮށްލިއެވެ.
"ލައިތު، އަހަންނަކަށް ނުވިސްނުނު، ހަދިޔާ ދޭން އަހަރެންމީ ކާކު؟. މި ހަދިޔާގެ ބަދަލުގައި ލައިތު އެދެނީ ކޮންކަމަކަށް؟، އަހަރެންކޮށްދޭންވީ ކޮންކަމެއް؟. ކީއްވެތަ އަހަރެންގެ ޕާސަނަލް ކަންކަން އެނގެން ލައިތު ބޭނުންވަނީ؟... ކީއްވެތަ އަހަންނަށް ހީވަނީ، ލައިތު އަހަންނާ ވާހަކަދައްކާއިރު ބުނާ ކޮންމެ ބަހެއްގައި ދެމާނަ އޮންނަހެން، ބައެއްފަހަރު އަހަރެންގެ ކުރިމަތީގައި ހުރެ ވެސް އަހަރެންނޫން މީހަކާ ލައިތު ވާހަކަދައްކާހެން ހީވޭ.... އަހަންނަކީ ވަރަށް ސިމްޕަލް މީހެއް، މީހުންނަށް ދޮގުހަދައި އޮޅުވާލަން އާދަވެފައެއްނެތް، އެއްވެސް އިރަކު އަހަރެންގެ އަމިއްލަ ކަންކަން މީހުންނާ ޚިއްސާކޮށެއްނޫޅެން، އަހަރެންގެ ދުނިޔެއާ، ލައިތު އުޅެބޮޑުވި ދުނިޔެ ވަރަށް ތަފާތު، އެކަން ނުފެންނަކަމަށް ހަދަނީތަ؟. އަހަންނަށް ކަންކަން ހާސިލުވަނީ އެކަމަށް ޓަކައި ގިނަވަގުތާއި ބުރަ މަސައްކަތް ކުރުމަށްފަހު، އަހަންނަކީ ފަލަމީހެއް، ޝައުގުވެރިވެ ބަލާލާނޭ ރީތި ސިފައެއްނެތް އަންހެނެއް، އަހަންނަށް އަހަރެންގެ ސިފަ ފެނޭ، ރަނގަޅު އަޙުލާޤެއް އެކަންޏެއްނޫން މީހުން ބޭނުންވަނީ، ރީތި ސިފައެއް ވެސް ހުންނަންޖެހޭ، އަހަރެންގެ އެ ރީތިކަމެއްނެތް، ކޮންމެކޮންމެ މީހަކަށް އިތުބާރުކުރުމަކީ ވަރަށް އުނދަގޫކަމެއް... ލައިތު! ތިހެން ސަމާސާ ނުކުރޭ... ތީ ރީތި މީހެއް، އަންހެންކުދީން އެދޭނޭ ފަދަ މީހެއް...." ކެންޒާއަށް ސިހުން ގެނުވީ އޭނާއާ ދިމާއަށް ލައިތު ގުދުވުމުންނެވެ. ކެންޒާގެ ކޯތާފަތުގައި ދެއަތުން ލައިތު ހިފާލީ ތަންކޮޅެއް ބާރަށެވެ. ހީވީ އެއަތުގެ ތެރެއިން ކެންޒާގެ މޫނު އަނބުރާލިޔަ ނުދޭން ހިފަހައްޓާލީ ހެނެވެ. ކުއްލިއެއް ޖެހިފަދައިން ކެންޒާގެ މޫނު ލައިތުގެ މޫނާ ގާތަށް ދަމާލިއެވެ. ކެންޒާގެ ތުންފަތް ލައިތު ހައްޔަރުކޮށްލީ ފަޅިސިކުންތަކަށްވުރެ ވެސް އަވަހަށެވެ. އެއްވެސް ހަރަކާތެއް ގެންނަން ކެންޒާއަށް ފުރުޞަތެއް ނުދޭހާ ލައިތު ހަލުވިއެވެ. ހަށިފުރާލި ނޭވާ ހުރީ އެތެރޭގައި ތާށިވެފައެވެ. ލައިތުގެ ތުންފަތާއި ދެތުންފަތުގެ ދޭތެރެއިން ނެރެލި ދުލުގެ ހަމަލާތަކަށް ރައްދުދޭނޭ ގޮތެއް ކެންޒާއަކަށް ނޭނގުނެވެ. ހަޔާތުގައި އެފަދަ ޢަމަލަކާ އޭނާ ކުރިމަތިލަމުން ދިޔައީ މުޅިން އަލަށެވެ. ލައިތުގެ ތަޖުރިބާކާރު ކުޅަދާނަ ހަމަލާތަކުން ކެންޒާއަށް ހިތްވިރެމުންދާފަދަ އިޙްސާސެއް ކުރެވެމުންދިޔައެވެ. ސިކުނޑީގެ ތެޅިގަތުން ކެންޒާގެ ޟަމީރުގެ އަޑުކަންފަތަށް ފޯރުކޮށްދިނެވެ. އޭރު ނޭވާ ހިނދެނީއެވެ. ލައިތުގެ މޭގައި ދެފަހަރަކު ކެންޒާ ޖަހާލިއެވެ. ދުރަށްދާށޭ ބުނާ ފަދައިންނެވެ. ނޫނެކޭ ބުނާކަހަލަ ގޮތަކަށް އަޑެއް ލަވާލި ނަމަވެސް ލައިތަށް ބަދަލެއް ނައެވެ. ކެންޒާގެ އަތުގެ ތެރެއަށް ލައިތުގެ ޓީޝާޓުން ބައެއް ބޮޑިކޮށްލެވުނެވެ. ކޮށްޕާލީ ތަންކޮޅެއް ބާރަށެވެ. ދުރަށް ޖެހިލި ނަމަވެސް އެ ދުރުމިން ނުހަނު އަވަހަށް ލައިތު ގާތްކޮށްލައިފިއެވެ. އަނިޔާއެއް ދޭން ހިތް ނޭދުނަސް ކެންޒާއަށް ގޮތް ހުސްވިއެވެ. ނިތްކުރިން ލައިތުގެ ނިތުގައި ޖަހަން ވިސްނިއެވެ. އެހެންވިޔަސް އޭނާގެ ބޯ ހަރަކާތްކުރާ ގޮތުން ޖެހޭނީ ކޮންތާކުކަމެއް ނޭނގުނެވެ. ވާހަކަދައްކާނޭ ފުރުޞަތެއް ލައިތު ނުދިނުމުގެ ސަބަބުން ކެންޒާގެ އަނގައިން ބޭރުވީ އަޑުތަކެކެވެ.
"އާގް!..." ލައިތު ދުރުވެލީ ކުއްލިއަކަށެވެ. ސީޓުގައި ޖެހިގަތުމާއެކު ކަނާއަތް ގެނެސް ތުންފަތްމަތީ އަޅާލިއެވެ. ކާރުތެރޭގައި ދެ ޒުވާނުންގެ މާނޭވާގެ އަޑު ހިފާލާފައި ހުއްޓެވެ. ދެލޯ ބޮޑުކޮށްލައިގެން ލައިތަށް ބަލަން ކެންޒާ އިނީއެވެ. އަނގަމަތީ ޖައްސާލި އަތްތިލަ ދުރުކޮށްލަމުން އެ އަތަށް ލައިތު ބަލާލިއެވެ. ލޭކުލަ އަތުގައި ހޭކިފައި ހުއްޓެވެ. ކެންޒާ އޭނާގެ ތުންފަތުގައި ދައިގަންނޭ ލައިތު ހިޔެއްނުކުރެއެވެ. އޭނާއަށް ތަދު އިޙްސާސްވެއެވެ. އެހެންނަމަވެސް ކަންޒާ ކުށްވެރިކޮށް ބަދަލު ހިފުމުގެ ގަސްދެއް އޭނާގެ ނެތެވެ. ހުރިހާ ވެސް ކުށަކީ އޭނާގެ ކުށްކަން ލައިތު ޤަބޫލުކުރެއެވެ.
"ކެން..." ލައިތުގެ އަވަސްވެފައިވި ހިތް މަޑުވެ ނޭވާ ހަމައަކަށް އެޅުމުން ގޮވާލިއެވެ.
"ވައި ވުޑް ޔޫ ޑޫ ދެޓް" ކެންޒާ ބުނެލިއެވެ. އަދިވެސް އެ ނަފްސަށް ލިބިފައިވާ ސިހުން ނުފިލާ ކަހަލައެވެ.
"ސްޓޮޕް ކޯލިން ޔޯ ސެލްފް އަގްލީ، ސިލީ ގާލް. އީވަން ދި އަގްލިއަސްޓް އޮފް ޑަކް ޓާން އައުޓް ޓު ބީ މެޖެސްޓިކް ސްވޯން، ޓްރަސްޓް މީ ޕްލީޒް، ދިސް އަގްލީ ޑަކްލިން ފޭސް ވިލް ފޭޑް އަވޭ އިންޓު އިޓްސް އޯން ޔުނީކް ބިއުޓީ... އައި ޕްރޮމިސް، އައި ވިލް މޭކް ޔޫ ފީލް ބިއުޓިފުލް" ކުލުނުން ފުރިގެންވީ އޯގާތެރިކަމެއް ލައިތުގެ އަޑުގައި ވިއެވެ.
"ނޮޓް އެވްރީ އަގްލީ ޑަކްލިން ކޭން ބިކަމް އަ ސްވޯން..." އިސްޖަހާލައިގެން އިނދެ ކެންޒާ ބުނެލިއެވެ.
"ޔޫ ހޭވް ޓު ކިސް ދި ރިއަލް ފްރޮގް ޕްރިންސް، އެންޑް..." ލައިތު ބުނެލީ މާނަވީ ގޮތަކަށެވެ. އޭނާގެ ޖުމްލަ ކެންޒާ ފުރިހަމަކޮށްލަ ދިނީ ބޭއިޚްތިޔާރުގައެވެ.
"ހީ ވިލް މޭކް ޔޫ ހިޒް ފޮރެވާ ޕްރިންސެ..." ކެންޒާގެ ދޫ ހަރަކާތްކުރީ އޭގެ އަމިއްލަ ޒާތުގައެވެ. ސިކުނޑީގައި ރައްކާކޮށްފައިވި ލަފުޒުތަކެއް އެ ދޫ ދެނެގަނެ ނަކަލު ކޮށްލިހެން ކެންޒާއަށް އިޙްސާސް ވިއެވެ. ވަގުތުން ދޫ ހިމޭންކޮށްލުމާއެކު ކެންޒާގެ ނަޒަރު ލައިތަށް ހުއްޓުނެވެ. ހުވަފެނީ ގޮތަކަށް އޭނާ ހިނިތުންވެލައިގެން ބަލަން އިނެވެ. އެ ހިނިތުންވުން ފަނޑުވީ ކެންޒާ މޫނު އަނބުރާލީމައެވެ.
ކެންޒާއަށް ދިން ކޮތަޅު ލައިތު ނެގިއެވެ. އޭގައި ހުރި ޗޮކުލެޓުތަކުން ޗޮކެލެޓެއް އޭނާ ކަނޑާލިއެވެ. ދާދި ކުޑަ ހިނދުކޮޅަކަށް ވިޔަސް ކެންޒާއަށް ލައިތަކީ ކާކުކަން އެނގިއްޖެކަމުގައި އޭނާ ހީކުރިއެވެ. ނަމަވެސް އެކަން ޔަގީންނުވީ ކެންޒާ މޫނު އަނބުރާލި ގޮތުންނެވެ. އަމިއްލަ ނަފްސާ އޭނާ ދެބަސްވާންފެށިއެވެ. ކެންޒާ ގާތު ހުރިހާ ވާހަކައެއް ކިޔައިދޭން އޭނާގެ ނަފްސު އެދެއެވެ. އެކަމާ ލައިތު ދެކޮޅު ހަދަނީއެވެ. އޭނާއަކީ ކާކުކަން ނުބުނެ ކެންޒާގެ ހިތް ފަތަޙަކުރުމުގެ އަޒުމެއްގައި ހުރީތީއެވެ.
"ހިއާ!... އީޓް ދިސް" ލައިތު ބުންޏެވެ. ކެންޒާ ދެކޮޅެއް ނުހެދިއެވެ. ލައިތުއަށް ބަލާލާފައި ޗޮކުލެޓުގައި ހިފީއެވެ.
"އައި ވޯންޓް ސޭ ސޮރީ، ސޮރީއޭ ބުންޏަސް، އިޓް ވޯންޓް މޭކް އެނީ ޑިފަރެންސް." ލައިތު ވާހަކަދައްކަން ފެށިއެވެ.
"އަހަންނާއެއްކޮށް ވަގުތުކޮޅެއް ބޭނުންވީ އެހެންވެތަ؟" ކެންޒާ އަހާލިއެވެ.
"ނޯ. ޔޫ... ޔޫ މޭކް މީ ޑޫ ދެޓް، އަދިވެސް ތަދުވޭ އެބަ" ލައިތު ބުންޏެވެ.
"ޔޫ ޑިޒާވް އިޓް، ތުންފަތް އިރާނުލީ ޝުކުރުކޮށްބަލަ" ކެންޒާ ބުނެލިއެވެ. އޭނާ ވެސް މިހާރު އިނީ ގޮތަކަށް ހަމަޖެހިފައި ކަހަލައެވެ. ލައިތު މަޢާފަށް ނޭދޭނަމޭ ބުނީ ކީއްވެކަން އޭނާއަށް ނަގައިގަނެވުނެވެ. މަޢާފަށް އެދުނަސް އިހުގެ ހާލަތަށް އޭނާއަށް ރުޖޫޢަ ނުވެވޭނޭކަމީ މީ ރޭގަނޑު ފަދައިން އެނގި ޔަގީންވާ ކަމެކެވެ. މަދު ވަގުތުކޮޅަކަށް ނަމަވެސް އޭނާ ވެސް ހުރީ ލައިތަށް ފުރުޞަތު ދީގެންނެވެ. އެއީ ހެދުނު ގޯހެއްކަމެއް ނޫނީ ފުއްދުނީ ހިތުގެ އެދުމެއް ކަމެއް ޔަގީންކުރަން ކެންޒާ ނުކުޅެދުނެވެ. ކިތަންމެ ވާހަކައެއް ދެކޮޅަށް ދެއްކި ނަމަވެސް ކެންޒާއަށް ނޭނގޭ އިތުބާރެއް ލައިތަށް ކުރެވެއެވެ. ފަހަރެއްގައި އެއީ ހިތުގެ ޖަޒުބާތުގެ މައްޗަށް އޮތް އިތުބާރަކަށް ވެދާނެއެވެ.
"ޝެއާ ވިތް މީ" ހީނލާފައި ލައިތު ބުންޏެވެ. ކެންޒާ އިޝާރާތްކޮށްލީ ލައިތު ގެންގުޅުނު ކޮތަޅަށެވެ.
"ޕެންޑާ ތިކާ ޗޮކުލެޓު" ލައިތުގެ އެދުން ހާމަކުރިއެވެ.
"މިއަކުނެތް ޝެއާކުރާހާ އެއްޗެއް" ކެންޒާ މިހެންބުނެ ޗޮކުލެޓު އެއްކޮށް އަނގަޔަށް ކޮށްޕާލައި ހުސް ކަރުދާސްގަނޑު ދައްކާލިއެވެ. އެކަން މަޖާވެގެން ލައިތު ހީނގަތެވެ.
ކެންޒާ ގެއަށް ލައިދެން އައި މަގުމަތީ ދެ ޒުވާނުންގެ މެދުގައި މާގިނަ ވާހަކައެއް ނުދައްކައެވެ. ކެންޒާގެ ގޭ ކުރިމަތީ ކާރު މަޑުކޮށްލިއެވެ. އޭނާ ފޭބުމުގެ ކުރިން ލައިތު ގޮވާލިއެވެ.
"ގޭގައި އުޅެން ސޭފްތަ؟" ލައިތު އަހާލިއެވެ. ކެންޒާ ސުވާލުގެ ނަޒަރުން ބަލަން އިންނަން ފެށުމުން ލައިތު އަނެއްކާ ވެސް ވާހަކަދެއްކިއެވެ.
"ލުކް!. އަހަންނަށް ވެސް ކަންކަން އެނގިދާނެއެއްނު... އަހަރެން ބޭނުމެއްނޫން ކެންއަށް އެއްވެސް ގޮތަކުން އަނިޔާ ލިބޭކަށް، އައި ވިލް ޕްރޮޓެކްޓް ޔޫ... ނޯ މެޓާ ވަޓް" ލައިތުގެ ވާހަކައިން ކެންޒާގެ މޫނުގައިވި ހައިރާންކަން ފިލައި ހިނގައްޖެއެވެ. އޭނާގެ ބައްޕަގެ ގޮތް ލައިތަށް ކޮންމެވެސް ގޮތަކުން އެނގެނީކަން ކެންޒާއަށް ޤަބޫލުކުރެވުނެވެ.
"ތެންކިޔު... ބަޓް ޔޫ ޑޯންޓް ހޭވް ޓު" ކެންޒާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"ޔޫ ކޭން ސްޓޭ ވިތް މީ" ލައިތު ހުށަހެޅިއެވެ. ފަހަކަށް އައިސް ކެންޒާ އެނގުނީއްސުރެ އޭނާ ބޭނުންވީ ލޮލަށް ފެންނަ ހިސާބުގައި ކެންޒާ ބެހެއްޓުމަށެވެ. އޭނާއަށް ކެންޒާ ރައްކާތެރިކުރެވޭނީ އޭރުންކަމަށް ހީވާތީއެވެ.
"ވެއިޓް..." ކެންޒާ ކާރުގެ ދޮރުފަތް ހުޅުވާލަން އުޅުމުން ލައިތު ތަޅުލިއެވެ.
"ޕެންޑާ، ޗޫޒް މީ... ޕްލީޒް." ލައިތުގެ ދެލޮލުން އޭނާ އެކަމަށް އެދޭވަރު މިފަހަރު ކެންޒާއަށް ފެނުނެވެ. އެކަމަކު އެ އާދޭހުގެ އަސްލު ގުޅިފައިވީ ކޮންކަމަކާކަމެއް ކެންޒާއަކަށް ނޭނގުނެވެ. އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާގެ ބަދަލުގައި ލައިތު އެ އެދެނީ އޭނާ ޚިޔާރުކުރަންކަމެއް ކުޑަކޮށް ވެސް ކެންޒާގެ ހިތަކަށް ނާރައެވެ. އޭނާއަށް ހީވީ ލައިތު އެ އެދެނީ އެކުވެރިކަމަށް ހެންނެވެ.
"ފައިން. ވީ ކެން ބީ ފްރެންޑްސް" ކެންޒާ ލޮލުތެރޭ ވަށައިގެން ކަޅި ހިންގާލުމާއެކު ބުނެލިއެވެ.
"އައި ވޯންޓް މޯ..." ލައިތުގެ ހިތް ގޮވިއެވެ. ނަމަވެސް އޭނާ ހުރިހާކަމެއް އެއްފަހަރާ ދުލުން ހާމަކޮށްފިނަމަ ކެންޒާ އޭނާއާ ދުރަށް ފިލަން ދުވާނޭ ހީވަނީއެވެ.
"އަހަރެން ގުޅާނަން" ލައިތު ބުނެލިއެވެ. އަދި ކާރުގެ ދޮރުތައް ހުޅުވިއެވެ.
"ޑޯންޓް ޓްރައި ޑާޓީ ޓްރިކްސް އޮން މީ" ދޮރުފަތް ހުޅުވާލައި ކެންޒާ ނުކުތެވެ.
"ނެކްސްޓް ޓައިމް... ކިއުޓް ޕެންޑާ!." ލައިތު ބުނެލިއެވެ.
ދޮރޯށިން ވަންނަން އައި ކެންޒާގެ ލޮލުގައި ކަމެއް އަޅައިގަތެވެ. އެގޭ މަގު ފެންނަ ގޮތަކަށް ހުޅަނގަށް ދިގަށް އޮތް މަގުގައި ސައިކަލު މަތީ މީހަކު މަޑުކޮށްލައިގެން އިނެވެ. ފޯނާ ކުޅެން އިންއިރު ފޯނުގެ އަލި އެމޫނަށް އެޅިފައި ހުރުމުން ޒުވާނެއްކަން އެނގެއެވެ. ކުރިން ފެނިފައިހުރި ވައްތަރެއް ނުޖަހައެވެ. ކެންޒާ ކާރުން ފޭބި ވަގުތު އެ ޒުވާނާ ބަލަން އިންހެން ހީވިއެވެ. ނަމަވެސް މިހާރު އޭނާ އިނީ ފޯނަށް ވަދެ ގެއްލިފައެވެ. ތަނެއްގައި މީހަކު އިނުމަކީ ޖެހިލުންވާންޖެހޭ ސަބަބެއްކަމުގައި ކެންޒާއަށް ވިސްނުނެވެ. ހުޅުވާލި ދޮރޯށިން އެތެރެއަށް އޭނާ ވަދެގެން އައީއެވެ. މިރޭ ވެސް ބައްޕަވީ ހިސާބެއް ވެސް ނޭނގެއެވެ. އެހެންވިޔަސް ބައްޕަގެ ފޯނަށް ގުޅާކަށް ކެންޒާ ބޭނުމެއްނުވިއެވެ.
* * * * *
"ހާއި!... ކެން!... ކެންޒާ!..." ލޯގަނޑު ކުރިމަތީ ހުރެފައި ވާހަކަދެއްކި ޔާދިން ދެފަރާތަށް ބޯހޫރާލިއެވެ.
"އައި އޭމް ޓޫ ނާވަސް، އިޓް ސައުންޑް ވިއާޑް" ޔާދިން ބުނެލިއެވެ. އޭނާ ލޯގަނޑު ކުރިމަތީގައި ހުރެ ފަރިތަ ކުރާތާ ދެގަޑިއިރު ފާއިތުވެއްޖެއެވެ. އަދިވެސް އޭނާ ބޭނުންވެގެން އުޅޭ ގޮތަކަށް އަޑާއި ރާގު ބަދަލުކުރެވޭ ގޮތެއް ނުވެއެވެ. ނުވާނެއޭ ކިޔާ ދޫކޮށްލުމަކީ ޔާދިންގެ ސިފައެއްނޫނެވެ. ފުންނޭވާއެއް ހަށިފުރާ ލުމަށްފަހު އެނދުއަރިމަތީ ހުރި ކަބަޑުގެ މަތިން ފެންތަށި ނެގިއެވެ. ކަރުތެރެ ތެތްމާލީ އަލުން ފަރިތަ ކުރަން ފަށާށެވެ.
"ކިހިނެއްވެފަ ތިހުރީ؟" އިސްއޮބާލައިގެން ކޮޓަރިއަށް ވަންނަން ދާން ބޭނުންވި ލައިތު ހުއްޓުވީ ސެހްރާނެވެ. އޭނާގެ ގާތުގައި ދިގު ސޯފާގައި މެގަޒިންއެއް ހިފައިގެން އޮށޯވެލައިގެން ލައިރާ ވެސް އޮތެވެ. ލައިތަށް ޗޮކެއް ކަނޑާލެވުނީ ސެހްރާނުގެ ބަސްތަކުން ލައިރާ ސަމާލުކަން އައީމައެވެ.
"ގޯޑް. ވަޓް ހެޕެން ޓު ޔޯ ލިޕްސް" ލައިރާއަށް ބުނެވުނީ ހާސްކަމާއެކުއެވެ.
(ނުނިމޭ)