ބައްސާމް އަދީލް ޖަލީލް

ވާދަވެރިޔަކީ ފުޓްބޯޅައިގެ ހުރި މައްސަލަތައް: ބައްސާމް

އެފްއޭއެމްގެ ރައީސް ކަމުގެ މަގާމު އަދާ ކުރުމުގަ އާއި ކުރިއަށް އޮތް އިންތިހާބަށް ވާދަ ކުރުމުގައި ވެސް އޭނާގެ އެންމެ ބޮޑު ވާދަވެރިޔަކީ ފުޓްބޯޅައިގައި ހުރި މައްސަލަތައް ކަމަށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމް ގެނެސްދޭ "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގެ ރޭގެ ޕްރޮގްރާމްގައި ބައްސާމް ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބުގައި އޭނާއާ ވާދަ ކުރައްވާނެ ކެނޑިޑޭޓެއް ކުރިމަތި ނުލެއްވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. ބައްސާމް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބަށް އެހެން ކެނޑިޑޭޓަކު ވާދަ ނުކުރެއްވީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތައްޔާރު ނުވެވޭތީ ކަމަށެވެ. އެފްއޭއެމްގެ އިންތިހާބަށް ތައްޔާރު ވާން ޖެހޭނީ ހަމައެކަނި އިންތިހާބު އޮންނަ އަހަރުގައި ނޫން ކަމަށާއި ކުރިއަށް އޮތް ހަތަރު އަހަރަށް ފަހު ބާއްވާ އިންތިހާބަށް މިހާރުން ފެށިގެން ތައްޔާރުވާން ޖެހޭނެކަން ބައްސާމް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް ލަފާ ކުރެވެނީ އެ ބޭފުޅުންނަށް ތައްޔާރު ނުވެވޭތީ ކަމަށް އިންތިހާބުގައި ބައިވެރި ނުވެވިގެން މިދިޔައީ،" އިންތިހާބުގައި އޭނާ އާ ވާދަ ކުރާނެ އެހެން ކެނޑިޑޭޓެއް ނެތުމުން އެކަމަށް އިޝާރާތްކޮށް ބައްސާމް ވިދާޅުވި އެވެ. "އަޅުގަނޑު ވަރަށް އުންމީދު ކުރިން އަޅުގަނޑާ ޗެލެންޖު ކޮށްލާނެ ނުވަތަ އަޅުގަނޑުމެންގެ ޓީމާ ޗެލެންޖު ކޮށްލާނެ ފަރާތެއް އަންނާނެ ކަމަށް، ޗެލެންޖެއް އޮތުމަކީ އަޅުގަނޑުމެންނަށް ވެސް އިތުރަށް ހިތްވަރެއް ލިބިގެންދާ ކަމެއް މި މަސައްކަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި، އެހެން ނަމަވެސް މެންބަރު ކުލަބުތަކާއެކު މަޝްވަރާ ކުރާއިރު އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައެއް އަޅުގަނޑުގެ އެންމެ ބޮޑު އޮޕޯނަންޓަކަށް ވާނީ ފުޓްބޯޅައިގެ ހުރި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތޭ."

އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް ވާދަ ކުރައްވަނީ، ފުރަތަމަ ޑިވިޝަންގައި މިހާރު އޮތް އަށް ކުލަބުގެ ވެސް އެންޑޯޒްމެންޓާއެކު އެވެ. ކުލަބުތަކުގެ ތާއީދު ދެވަނަ ފަހަރަށް ވެސް ލިބުނީ ރަނގަޅު މަސައްތަކަތްކެއް ކުރައްވާފައިވާ ކަމަށް ކުލަބުތަކަށް ގަބޫލު ކުރެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ކަމާ އޭނާ ހަވާލުވުމުގެ ކުރިން އެފްއޭއެމުން ކުލަބުތަކަށް ދެނީ އަހަރަކު 150،000 ރުފިޔާކަން ބައްސާމް ފާހަގަ ކުރެއްވި އެވެ. އެހެންނަމަވެސް އޭނާ ރައީސް ކަމުގެ މަގާމާ ހަވާލުވެ ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް އަހަރަކު ތިން މިިލިއަން ރުފިޔާ ދިނުމަކީ ކުލަބުތަކުގެ ހާލަތު ރަނގަޅު ވެގެން ދިޔަ ކަމެއް ކަމަށް ވިދާޅުވި އެވެ. މިދިޔަ ސީޒަން ނިމިގެން ދިޔައިރު ކުލަބުތަކުން ކުޅުންތެރިންނަށް މުސާރަ ނުލިބުމުގެ މައްސަލަތަކުގެ ގޮތުގައި އެފްއޭއެމްއަށް ހުށަހެޅިފައި ވަނީ ވަރަށް މަދު ކުޅުންތެރިންގެ މައްސަލަ ކަމަށް ބައްސާމް ފާހަގަ ކުރެއްވި އެވެ. އޭނާ މިރޭ ވިދާޅުވީ އެޗްޕީއޭ އާއި ސަރުކާރުގެ ހުއްދަ ލިބުމުން މި މަހުގެ 20 ގައި އިންތިހާބު ބާއްވަން މަސައްކަތް ކުރައްވާ ކަމަށެވެ.

ކެނޑިޑޭޓެއްގެ ގޮތުގައި އޭނާ އާ ވާދަ ކުރާނެ އެހެން މީހަކު ނެތްނަމަވެސް ފުޓްބޯޅައިގެ މައްސަލަތައް ހައްލު ކުރުމަށާއި ޑިވްލަޕްމެންޓަށް މަސައްކަތް ކުރުމާއި ގެންނަން ޖެހޭ އިސްލާހްތައް ގެނައުމުގައި ހުރި ކަންކަމަކީ ވަރަށް ބައިވަރު "އޮޕޯނަންޓްސް" ތަކުގެ ގޮތުގައި ބައްސާމް ސިފަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ، އެފްއޭއެމްގެ އިންތިހާބު ކުރިއަށް ގެންދަނީ ފީފާ އާއި އޭއެފްސީގެ ބެލުމުގެ ދަށުން ކަމަށާއި ފާޑުކިޔާ ފަރާތްތަކަށް ވުރެ ބޮޑަށް އެފްއޭއެމްގެ ގަވާއިދާ މެދު ފީފާ އާއި އޭއެފްސީގެ އޮފިޝަލުން އަހުލުވެރި ވާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ، ފުޓްބޯޅައިގައި އަބަދުވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޓެކްނިކަލް ޑިވްލަޕްމެންޓަށް މަސައްކަތް ކުރުމުގައި އޭނާއަށް ކާމިޔާބުތަކެއް ހޯދުނު ނަމަވެސް އުމުރާނީ ވަސީލަތް ގާއިމު ކުރުމަށާއި އަންހެން ފުޓްބޯޅައަށް ލީގެއް ތައާރަފު ކުރުމުގައި ކާމިޔާބު ނުވުމަކީ އޭނާއަށް ހުރި ގޮންޖެހުންތަކެއް ކަމަށެވެ.

ބައްސާމްގެ ދައުރުގައި ފުޓްބޯޅައިގެ ޓެކްނިކަލް ޑިވްލަޕްމެންޓްގެ ދާއިރާއިން ގިނަކަންކަމެއް ވަނީ ކުރެވިފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޯޗުން ތަމްރީން ކުރުމާއި 12 އަހަރުން ދަށާއި 15 އަހަރުން ދަށުގެ އެކެޑެމީތަކުގެ ލީގްތަކެއް އުފެއްދުން ހިމެނެ އެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ކުޅުންތެރިން ބިނާ ކުރުމަށް އުފެއްދި ގާލްސް ފުޓްބޯޅަ އެކެޑެމީ އާއި ކީޕަރުން ތަމްރީން ކުރުމަށް އުފެއްދި ގޯލްކީޕާސް އެކެޑެމީ ހިމެނެ އެވެ. އަދި އޭނާގެ ފުރަތަމަ ދައުރު ނިމެން ކައިރިވެފައިވާ އިރު ފުޓްބޯޅަ ސްކޫލެއް ގާއިމު ކުރަން ވަނީ ތައްޔާރު ވެފަ އެވެ. އަދި މިސަރަހައްދުގެ ޗެމްޕިއަންކަންވެސް އޭނާގެ ދައުރުގައި ރާއްޖެއިން ހޯދި އެވެ. އަދި އަންހެން އަދި ޔުޓު މުބާރާތްތަކުން ރާއްޖޭ ޓީމުތައް ފުރަތަމަ ފަހަރަށް މެޑަލް ހޯދި އެވެ.