އެފްއޭއެމް

އެފްއޭއެމްގެ ރައީސަކީ އަދިވެސް ބައްސާމް!

Dec 28, 2023

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަކީ އަދިވެސް ބައްސާމް އަދީލް ޖަލީލު ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

އަވަސްއަށް ލިބިފައިވާ އެފްއޭއެމްގެ ބަޔާނެއްގައި ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމު ހުސްވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

އެފްއޭއެމްގެ އަސާސީ ގަވައިދުގެ 33 ވަނަ މާއްދާގެ އަށްވަނަ ނަންބަރާ ހަވާލާދީ އެފްއޭއެމް އިން ބުނީ އެކްސްކޯގެ ފަސް ޕަސަންޓް މެންބަރުންނަށް ވުރެ ގިނަ ނޫން އަދަދެއްގެ މެންބަރުން އެކްސްކޯ އިން އިސްތިއުފާ ދީފި ހާލަތެއްގައި އެންމެ އަވަހަށް އޮންނަ ކޮންގްރެސްއެއްގައި މެންބަރަކު ހޮވުމާ ހަމައަށް އެކްސްކޯ އިން ހުސްވެފައިވާ މަގާމަށް މީހަކު އައްޔަންކުރުމުގެ ބާރު އެކްސްކޯ އަށް ލިބިގެންވާ ކަމަށެވެ.

މިއުސޫލާ އެއްގޮތަށް އެފްއޭއެމްގެ އެކްސްކޯއަށް އަބްދުﷲ ޝަބީއު މިދިޔަ ނޮވެމްބަރު 26 ވަނަ ދުވަހު އޮތް އެކްސްކޯގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން އައްޔަންކޮށްފައިވާ ކަމަށެވެ.

އެކްސްކޯއަށް ޝަބީއު އައްޔަންކުރީ އެކްސްކޯގެ މެންބަރެއްގެ ގޮތުގައި ކުރިން ހުރި މުއާވިޔަތް ހަލީލް މިދިޔަ އޮކްޓޫބަރު ފަސްވަނަ ދުވަހު އިސްތިއުފާ ދިނުމުން ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެފްއޭއެމްއިން ބުނީ އަސާސީގަވައިދާ އެއްގޮތަށް ޝަބީއު އެކްސްކޯއަށް އައްޔަންކޮށްފައިވާތީ އޭނާގެ މަގާމު ސައްހަ ކަމަށެވެ. އަދި މިފެށޭ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން އޮންނަ ކޮންގްރެސްއާ ހަމައަށް މަގާމުގައި މިވަގުތު ތިބި އެއްވެސް މެންބަރަކަށް އެ މެންބަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ހުރަހެއް އަދި އެއްވެސް ސުވާލެއް އުފެއްދުމުގެ ޖާގައެއް ނެތް ކަމަށް ބުނެ ބައްސާމަކީ މިހާރުވެސް އެފްއޭއެމްގެ ރައީސް ކަމަށް ދޭހަވާ ގޮތަށް ބަޔާނުގައި ލިޔެފައިވެ އެވެ.

އެފްއޭއެމް އިން ވަނީ އެ އިދާރާއާއި ގުޅޭގޮތުން ހަބަރު ފަތުރާއިރު ގަވައިދުތަކާއި ފެންނަ ހުންނަ ކަންކަމަށް އެކަށީގެންވާ މިންވަރަށް ބެލުމަށްވެސް އެދިފަ އެވެ.

"ވުމާއި އެކު، މިއެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އަގުލަބިއްޔަތު ނެތް ކަމަށާއި އެފްއޭއެމްގެ ރައީސްގެ މަގާމު ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކައަކީ އޭގައި އަސާސެއް އެކުލެވޭ ވާހަކައެއް ނޫންކަން ފާހަގަކުރަމެވެ. އަދި ލިޔެވި ޝާއިއުކުރެވިފައިވާ ގަވައިދުތަކާއި ފެންނަން ހުންނަ ކަންކަން އެކަށީގެންވާ މިންވަރަށް ބައްލަވާ ފުރިހަމައަށް ދިރާސާކޮށް އެކަމާ ގުޅޭ ގޮތުން ހަބަރުފަތުރާ ފަރާތްތަކުން ހަބަރު ފެތުރުމަށް މިއެސޯސިއޭޝަންގެ ފަރާތުން އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.

އެފްއޭއެމްގެ ރައީސް ހޮވުމުގެ އިންތިހާބު އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އޮންނައިރު އެމަގާމަށް ކުރިމަތިލީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި މަހިބަދޫ ދާއިރާގެ މިހާރުގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އާއި އީގަލްސްގެ ޗެއާމަން މުފާވިޒު ހާޝިމު (މުފާ) އެވެ. އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް ވަނީ އިތުރު ދައުރަކަށް ކުރިމަތިނުލުމަށް ނިންމާފަ އެވެ.