ބައްސާމް އަދީލް ޖަލީލް

ޓީމުތައް ބިޒްނަސް މޮޑެލްއަށް ބަދަލު ކުރުމުގެ ވައުދު

އެފްއޭއެމްގެ ރައީސް ކަމުގެ މަގާމަށް ނޮވެމްބަރު 2016 ގައި އިންތިހާބު ވުމަށް ފަހު އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެންމެ ބޮޑު ވައުދަކީ ކުލަބުތަކުގެ މާލީ ތަނަވަސްކަން އިތުރު ކުރުމަށް އެފްއޭއެމް މެދުވެރިގެން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް އަހަރަކު ތިން މިލިއަން ރުފިޔާ ދެއްވާނެ ކަމުގެ ވައުދެވެ. ހަތަރު އަހަރުގެ ދައުރު ނިމެން ކައިރިވެފައި ވާއިރު ކުރިއަށް އޮތް ދައުރަށްވެސް ބައްސާމް ހޮވިވަޑައިގަންނަވާނެ އެވެ. އާ ދައުރަށް އޭނާ ހުށަހަޅުއްވަނީ ކޮންމެ ކުލަބަކަށް ދާއިމީ ގޮތެއްގައި އަހަރަކު ތިން މިލިއަން ރުފިޔާ ދިނުމުގެ ވައުދެއް ނޫނެވެ. އޭނާ މިފަހަރު ހުށަހަޅުއް ވަނީ ކުލަބުތަކުން އަމިއްލައަށް ވިޔަފާރި ކޮށްގެން އާންމުދަނީ ހޯދުމުގެ ވައުދެވެ.

އެފްއޭއެމުން ރޭ ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އޭނާގެ މަސައްކަތް ބައްޓަން ކުރައްވާނީ، އޭނާއަކީ އެފްއޭއެމްގެ ރައީސް ކަމަށްވާތީ އޭނާ ބޭނުންވާ ގޮތަށް ކުލަބުތައް ބަދަލު ކުރުމަށް ނޫން ކަމަށާއި މަސައްކަތް ކުރައްވަނީ ކުލަބުތައް ބޭނުންވާ ގޮތަށް ކުލަބުތައް ހިންގުމުގެ ފުރުސަތު ދޭން ކަމަށެވެ. އެގޮތުން އެފްއޭއެމްގެ މަސައްކަތް އޭނާ ބިނާ ކުރެއްވީ ކުލަބުތައް ބޭނުންވާ ކަންކަން ފެސިލިޓޭޓް ކޮށްދޭނެ ތަނެއްގެ ގޮތުގައި ކަމަށެވެ.

"ކުލަބުތައް ބޭނުންވާ ގޮތަށް ކަންކަން ބައްޓަން ކުރުމަށްޓަކައި ކުލަބުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ކަންކަން ކުރަމުން ގެންދިޔައީ." ކުލަބުތައް ހަރުދަނާ ކުރުމަށް އޭނާގެ ދައުރުގައި ކުރެއްވި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ބައްސާމް ވާހަކަ ދެއްކެވި އެވެ. އެފްއޭއެމްގެ ރައީސް ކަމުގެ މަގާމާ އޭނާ ހަވާލުވެ ވަޑައިގެންނެވުގެ ކުރިން އެފްއޭއެމުން ކޮންމެ ކުލަބަކަށް ދެމުން ގެންދިޔައީ އަހަރަކު 150،000 ރުފިޔާ ކަން ފާހަގަ ކުރެއްވި އެވެ. ރައީސް ކަމުގެ މަގާމާ ހަވާލުވެ ކޮންމެ ކުލަބަކަށް އަހަރަކު ތިން މިލިއަން ރުފިޔާ ފޯރުކޮށް ދިނުމުން ލިބުނު ކުރިއެރުންތައްވެސް އޭނާ ފާހަގަ ކުރެއްވި އެވެ. ކުރިއަށް ވުރެ ބޮޑަށް ލީގްގެ ވާދަވެރިކަން ބޮޑުވުން، ގައުމީ ޓީމުގެ ނަތީޖާތައް ރަނގަޅުވެގެން ދިއުން، އޭއެފްސީ ކަޕްގައި އަހަރުން އަހަރަށް ރާއްޖޭގެ ކުލަބުތަކުގެ ނަތީޖާ ރަނގަޅު ވެގެން ދިއުން، ސީޒަން ނިމޭއިރު ކުޅުންތެރިންނަށް މުސާރަ ނުލިބުމުގެ ޝަކުވާތައް މަދުކަން ވެސް ބައްސާމް ފާހަގަ ކުރެއްވި އެވެ.

ކުލަބުތައް ބިޒްނަސް މޮޑެލްއަށް ބަދަލު ކުރަން އެފްއޭއެމުން ކުރާނީ ކޮންކަމެއް

އެޗްޕީއޭގެ ހުއްދަ ލިބުމުން މި މަހުގެ 20 ދުވަހު އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ދަނީ ތައްޔާރު ވަމުންނެވެ. އެ އިންތިހާބަށް ފަހު ހަތަރު އަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ދެ އަހަރު ހޭދަ ކުރައްވާނީ އެފްއޭއެމްގެ އުމުރާނީ ވަސީލަތްތައް އިތުރުކޮށް އެ ވަސީލަތްތަކުން މާލީ މަންފާ ލިބޭނެ ގޮތަކަށް ބައްޓަން ކުރުމަށެވެ. ކުލަބުތައް ވިޔާފާރި މޮޑެލްއަށް ބަދަލު ކުރާނީ އުމުރާނީ ވަސީލަތްތަކުން ސީދާ ކުލަބުތަކަށް ވިޔާފަރި ކުރެވޭނެ އުސޫލެއް ހަމަޖައްސަވައިގެންނެވެ. އެފްއޭއެމްގެ މިހާރު އޮފީސް ހުރި ބިމުގައި 20 ފަންގިފިލާ ހިމެނޭ އިމާރާތެއް އެޅުމަށް އެފްއޭއެމުން ވަނީ އިއުލާން ކޮށްފަ އެވެ. އެ އިމާރާތުގެ ބައެއް ފަންފލާތައް ކުލަބުތަކަށް ދީގެން ކުލަބުތަކަށް އާންމުދަނީ ހޯދޭނެ މަގުތަކެއް ތަނަސްވަސް ކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

"ކުލަބުތަކަށް އެންމެ މުހިންމު ކަމަކީ މާލީ އެހީތެރިކަން ފޯރުކޮށް ދެވިގެން ދިއުން ކުރިއަށް އޮތްތާންގައި ބަލަންޖެހޭނީ ސަސްޓެއިނަބަލް [ދެމެހެއްޓެނިވި] ގޮތެއްގައި ކުލަބުތަކަށް ފައިސާ ލިބޭނެ ގޮތެއް ހޯދުން،" ބައްސާމް ވިދާޅުވި އެވެ. "އެގޮތުގެ މަތިން އަޅުގަނޑުގެ މިހާރުގެ ވިސްނުމަކީ ކުލަބުތަކާއެކު މަޝްވަރާ ކޮށްގެން ބިޒްނަސް މޮޑެލްއަކަށް ބަދަލުވެގެން ދިއުން، އިރާދަ ކުރައްވިއްޔާ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ހުރިހާ ކުލަބެއް ކަހަލަގޮތަކަށް ބިޒްނަސް މޮޑެލްއެއްގައި ރަން ކުރާތަން ފެނިގެން ދާނެ."

ކުލަބުތައް ހަރުދަނާ ކުރުމަށް އެފްއޭއެމްގެ ކުލަބު ލައިސެންސިން ޑިޕާޓްމެންޓެއް އުފައްދަވައި ކުލަބު ވެލެންސިއާގެ ކުރީގެ ޖެނަރަލް ސެކެޓްރީ އަބްދުﷲ ޝިބާއު އެ މަގާމަށް ގެންނެވި އެވެ. ކުލަބު ލައިސެންސިން ޑިޕާޓްމެންޓްގެ މަސައްކަތްތަކުގެ ތެރެއިން ކުލަބުތައް ހަރުދަނާ ސިސްޓަމެއްގެ ދަށުން މިނެކިރި އޭއެފްސީގެ އެޕްރޫވަލް ކުލަބުތަކަށް ލިބިގެން ދިޔަ އެވެ. މިއަހަރު ރާއްޖޭގެ ހަތް ކުލަބަށް އޭއެފްސީގެ ލައިސެންސް ލިބިގެން ދިޔަ އެވެ. އެއީ ހުށަހެޅި ކުލަބުތަކުގެ ނިސްބަތުން ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ބޮޑު ކުރި އެރުމެކެވެ.

ކުލަބުތަކުގެ އިސްކޮށް މަސައްކަތް ކުރާ ގިނާ ބޭފުޅުންނަކީ އެބޭފުޅުން ޕެޝަންއެއްގެ ގޮތަށް ނުވަތަ ކުލަބު ލޯބީގައި މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ބައްސާމް ފާހަގަ ކުރެއްވި އެވެ. އެހެންވެ ކުލަބުގެ މަސައްކަތްވެސް އެބޭފުޅުން ކުރައްވަނީ ލިބޭ ހުސް ވަގުތުތަކުގަ އެވެ. ބައްސާމް ވިދާޅުވީ ކުލަބުތައް ބިޒްނަސް މޮޑެލްއަށް ބަދަލު ކުރުމުން ކުލަބު ހިންގަން ތިބޭ ފަރާތްތަކަށްވެސް އާންމުދަނީއެއް ލިބި އެ ބޭފުޅުންގެ މަސައްކަތްވެސް ފުލު ޓައިމްކޮށް ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.