ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

އަންނަ އަހަރު ރާއްޖެ އަންނަން ގިނަ ބަޔަކު ބުކިން ހައްދައިފި

Jun 10, 2020
1

ކޮވިޑް-19 އަށް ފަހު ރާއްޖެ ހުޅުވާލަން ތައްޔާރު ވަމުން ދާއިރު އަންނަ އަހަރު ރާއްޖެ އަންނަން ގިނަ ބަޔަކު ބުކިން ހައްދަމުން ދާ ކަމަށް ކޯނީ އިން ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ޓްރެވަލް ވީކްލީގައި ކޯނީ ކުންފުނިން ބުނެފައިވަނީ މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ މީހުން ދަތުރު ކުރަން ފަށާނީ އަންނަ އަހަރު ކަމަށް ބެލެވޭ ކަމަށެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަހުގެ ހަ ވަނަ ދުވަހަކީ ފަހުގެ ތާރީހުގައި އެންމެ ގިނަ ބަޔަކު ބުކިން ހެއްދި ދުވަހަށްވާނެ އެވެ.

ކޯނީގެ ޗީފް އެގްޒެކެޓިވް ޑެރެކް ޖޯންސް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއަކީ އެ ކުންފުނީގައި އެންމެ ބޮޑަށް ވިކޭ އެއް މަންޒިލް ކަމަށެވެ. އަދި އަންނަ އަހަރު ރާއްޖޭގެ 56 ޕަސެންޓް ބުކިން ފުލްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯނީ އިން ބުނެފައިވާ ގޮތުގައި ކޯނީގެ ކަސްޓަމަރުންގެ މެދުގައި ދެން އެންމެ މަގުބޫލު ގައުމުތަކަކީ މޮރިޝަސް އާއި ތައިލެންޑް އަދި ސްޕޭންގެ އިތުރުން އިންޑިޔާ އެވެ.

ރާއްޖެއިން ދަނީ ޖުލައި މަހު ޓޫރިޒަމް ހުޅުވާލަން ތައްޔާރު ވަމުންނެވެ. ނަމަވެސް ޓޫރިޒަމް ހުޅުވާލާނެ ސީދާ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ. އަދި ޓޫރިޒަމް ހުޅުވާލުމުގެ ގޮތުން ހަދަން ޖެހޭ ގައިޑްލައިން ވެސް އަދި ފައިނަލްކޮށް ފައެއް ނުވެ އެވެ.