ފާރިސް މައުމޫން

ހައުސިން މިނިސްޓަރަކަށް ފާރިސްގެ ނަން ހުށައަޅަން ނުނިންމާ: އެމްއާރުއެމް

ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަގާމަށް ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ ނަން ހުށައެޅުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފި އެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ސިއްހީ ހާލަތު ތަން ނުދޭތީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އެކަން އާތިފާ ވަަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް މިއަދު އަންގަވާފަ އެވެ. ނަމަވެސް އެކަމަނާ މަގާމުން އިސްތިއުފާ އިއުލާން ކުރައްވާނީ މާދަމާގެ ވަގުތެއްގައި ކަމަށް ވެސް އެނގިފައި ވެއެވެ. އަދި އެކަމާއި ގުޅިގެން ރައީސް އޮފީހުން މާދަމާ ބަޔާނެއް ނެރެން ނިންމާފައިވާ ކަމަށް ވެސް ވެއެވެ.

އާތިފާ ގެންދަވަނީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ބޮޑު ބައްޔަކަށް ބޭސް ކުރައްވަމުންނެވެ. އިސްލާހީ މަސައްކަތުގައި އެކަމަނާ އޭރު މަސައްކަތް ކުރެއްވީ ވެސް ވަރަށް ބޮޑަށް ސިއްހީ ހާލުކޮޅު ގޯސްވެފައި ވަނިކޮށެވެ. އެ ބައްޔަށް ރާއްޖެއިން ބޭރުން ވެސް ގިނަ ދުވަސްތަކަކު ފަރުވާ ހޯއްދެވި އެވެ. އާތިފާ މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެންނެވީ ބަލި ހާލަތު ތަންކޮޅެއް ރަނގަޅުވުމާއި ގުޅިގެންނެވެ.

މިރޭ އެމްއާރުއެމްގެ އެގްޒެކްޓިވް ކޮމެޓީގެ ބައްދަލްވުމެއް ވަނީ ބާއްވާފައެވެ. ރައީސް މައުމޫން ރިޔާސަތު ބެލެހެއްޓެވި މި ބައްދަލްވުމުގައި ހައުސިން މިނިސްޓަރުގެ މަގާމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ނަން ހުށައެޅުމަށް ނިންމާފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ.

ނަމަވެސް އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލްވުމުގައި އެފަދަ އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެމްއާރްއެމްގެ ތަރުޖަމާން އަބްދުލްއަލީމް ވިދާޅުވީ މިރޭގެ ބައްދަލްވުމުގައި އަދި އެ ނޫން ގޮތަކަށްވެސް ހައުސިން މިނިސްޓަރުގެ މަގާމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ނަން ހުށައެޅުމަށް ނިންމާފައިނުވާ ކަމަށެވެ.

މި ސަރުކާރު ގެނައުމަށް އެންމެ އިސްކޮށް މަސައްކަތްކުރި ބޭފުޅުންގެ ތެރޭގައި ފާރިސް މައުމޫން ހިމެނިވަޑައިގަންނައެވެ. ކުރީގެ ރައީސް އަދި ފާރިސްގެ ބޮޑުބޭބޭފުޅު ރައީސް ޔާމީނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު މަސައްކަތްތައް ލީޑް ކުރެއްވީވެސް ފާރިސް މައުމޫނެވެ.

އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގެ ކެންޕެއިންގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ފާރިސް ހިމެނިވަޑައިގަތެވެ. އެ މަސައްކަތުގެ ތެރެއިން ވަރަށް ދިގު މުއްދަތެއްގައި ފާރިސް ޖަލުގައިވެސް ހޭދަކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އެގޮތުން ހުކުމެއްނެތި ތުހުމަތެއްގައި އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވިއެވެ.