ފިނިޕޭޖް

"ކަލް ނާޔަކް 2" އުފައްދާކަމެއް މާދުރީއަކަށް ނޭނގޭ

މާދުރީ ޑިކްޝިޓް އާއި ސަންޖޭ ދަތު 1993 ގައި ކުޅުނު ބްލޮކްބަސްޓާ ފިލްމު "ކަލް ނާޔަކް" ގެ ދެ ވަނަ ބައެއް އުފައްދަން އުޅޭ ކަމުގެ އިޝާރާތެއް އެފިލްމުގެ ޑައިރެކްޓަރު ސުބާޝް ގާއީ ދާދި ފަހުން ވަނީ ދީފަ އެވެ. ނަމަވެސް މާދުރީ އަށް އެކަން އެނގިފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ޗޯލީ ކޭ ޕީޗޭ" ކިޔާ ވަރަށް މަޝްހޫރު ލަވައަކަށް މާދުރީ މި ފިލްމުގައި ނަށާފައި ވެސް ވެއެވެ. ގިނަ ބަޔަކު މިހާރު މި ފިލްމުގެ މަތިން ހަނދާން ހުންނަނީ ވެސް މި ލަވައިގެ ސަބަބުންނެވެ.

ފިލްމުގެ ސީކުއަލް އެއް ތައްޔާރު ކުރާނަމަ އެ ފިލްމުން ވެސް މާދުރީ ފެނުމަށް އޭނާގެ ފޭނުން ވަރަށް ބޭނުންވެ އެވެ. ނަމަވެސް އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި މާދުރީ ބުނީ "ކަލް ނާޔަކް" ގެ ސީކުއަލްއެއްގެ އެއްވެސް ޚަބަރެއް އޭނާއަށް ލިބިފައި ނެތް ކަމަށެވެ.

"ތީ އަހަރެންނަށް ހަމަ ވަރަށް ބޮޑު ސަޕްރައިޒެއް. އެ ފިލްމުގެ ދެ ވަނަ ބައެއް އުފެއްދިޔަސް އަހަރެން ބައިވެރިވުމާއި ނުވުން ބޮޑަށް ބިނާ ވަނީ ސްކްރިޕްޓާ. އަދި އެމީހުން ފިލްމު ޝޫޓް ކުރަން ރާވާފައިވާ ގޮތާއި ވަގުތު ވެސް ވަރަށް މުހިއްމު ވާނެ. ވަކި އެއްޗެއް ބުނަން އެނގޭނީ އަހަންނާ ހަމަޔަށް ފިލްމު އަތުވެއްޖެއްޔާ،" މާދުރީ ބުންޏެވެ.

މާދުރީ ބުނީ އޭނާ ކުޅެފައިވާ އެއްވެސް ފިލްމެއްގެ ސީކުއަލްއަކާ ދޭތެރޭ އޭނާ ވިސްނާފައި ނެތް ކަމަށެވެ. އަދި ދެ ވަނަ ބައެއް އުފައްދާނެތޯ ނިންމާނީ އެ ފިލްމެއް އުފެއްދި ފަރާތަކުން ކަމަށް މާދުރީ ބުންޏެވެ.

މާދުރީގެ ފިލްމީ ކެރިއަރުގައި ވަރަށް ރީތި ގިނަ ފިލްމުތަކެއް މިހާތަނަށް ކުޅެފައި ވެއެވެ. އޭގެ ތެރޭގައި "ތޭޒާބު" އާއި "ދިލް" އާއި "ހަމް އާޕް ކެ ހޭ ކޯން" އާއި "ސާޖަން" އަދި "ދިލް ތޯ ޕާގަލް ހޭ" ހިމެނެ އެވެ.

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އިންޑިއާ ލޮކްޑައުންގައި އޮންނަތާ ދެ މަސް ދުވަހަށް ފަހު މިހާރު މަޑުމަޑުން ލޮކްޑައުން ނަގަން ފަށައި ފިލްމާއި ޓީވީ ޝޯތަކުގެ މަސައްކަތްތައް ފެށެން ތައްޔާރުވަމުން އަންނައިރު މާދުރީ ބުނީ އޭނާ ވެސް އަލުން މަސައްކަތަށް ނުކުންނަން ތައްޔާރުވަމުންދާ ކަމަށެވެ.

އެގޮތުން އޭނާ ފަނޑިޔާރުކަން ކޮށްދޭ ޑާންސް ރިއަލިޓީ ޝޯ "ޑާންސް ދިވާނޭ" ގެ ޝޫޓިން އަލުން ފަށަން އުޅޭ ކަމަށާއި ދެން އޮތީ ނެޓްފްލިކްސް އަށް ތައްޔާރުކުރާ ޕްރޮޖެކްޓެއް ކަމަށް މާދުރީ ބުންޏެވެ.