ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޑަކުދިން

ލޮކްޑައުން ލުޔަށްފަހު ކުދިންނަށް އުފާވެރިކަން!

"މަންމާ... މާދަަން ވެސް މިތަނަށް ކުޅެން އާދެވޭނެ ދޯ؟ ދެން ލޮކްޑަައުންގައި ގޭގައި މަޑު ކޮށްގެން ހުންނާކަށް ނުޖެހޭނެ ދޯ؟" އާޓިފިޝަލް ބީޗުގެ ސްކޭޓް ސަރަަހައްދަށް އާއިލާއާއެކު ނުކުތް ކުޑަ ކުއްޖެއް އޭނާގެ މަންމަ ގާތު ބުނެލިި އެވެ. އެެ ކުޑަ ކުއްޖާ ހުރީ ވަރަށް ނަލަ ހެދިިލައިގެނެވެ. ލާފައިވާ ހެދުމާއި ކަރުގައި އޮތް ރީތި މިނާ ފަތިން އެ ކުއްޖާ އިއްޔެ އެ ސަރަހައްދަށް ދިޔައީ ވަރަށް ތައްޔާރު ވެގެން ކަން އެނގެ އެވެ. އެތައް ދުވަހެއް ފަހުން ގޭ ބަންދުން ނުކުމެ ހިތްހަމަ ޖެހިލައިގެން ސްކޭޓް ކޮށްލަނީ އެވެ. އޭނާގެ ސިކުނޑިން އެ އުދުހެވެނީ އެވެ. އެކަމަކު މަންމަ ގާތު އޭނާ ކުރި ސުވާލަކަށް ޖަވާބެއް ނުލިބުނެވެ.

އެ ކުޑަ ކުއްޖާގެ މަންމަ ގާތު މާދަން ވެސް އާދެވޭނެތޯ ދެވަނަ ފަހަރަށް ސުވާލު ކުރެ އެވެ. ޖަވާބެއް ދޭނެ ގޮތެއް މަންމަ އަށް ނޭނގި ހުރެ "އެނގޭނީ މާދަން ވީމަ" އޭ ބުނަލަ އެވެ.

އަނެއްކާ ވެސް ކޮވިޑްގެ ވައިރަސް ފެތުރިގަނެ ދެވަނަ ރާޅެއް އަތުވެއްޖެނަމަ އަލުން ގޭ ބަންދަށް ދާން ޖެހިދާނެއޭ ބުނާކަށް އޭނާ ބޭނުމެއް ނުވެ އެވެ. ސަބަބަކީ ދަރިފުޅުގެ މޫނުމަތިން ފެންނަ އުފާވެރި ކަމެވެ. އެކަންކަން ބަދަލުވާކަށް ނޭދެވެ އެވެ.

ލޮކްޑައުން އަށް ލުއި ދިނުމާއެކު އިއްޔެ މުޅި މާލެ ތެރޭގައި އޮތީ މީހުނެވެ. ކުޑަކުދިންނަށް ހާއްސަ ވަގުތެއް ހަމަޖެއްސި އިރު އެ ވަގުތުގައި އެތައް ކުދިންނެއް ބޭރަށް ނުކުތެވެ. އާއްމުކޮށް އެ ކުދިން ނުކުންނަ ގަޑި، ހަތަރަކާ ހަޔަކާ ދެމެދު އެ ކުދިން ނިކުތީ ބެލެނިވެރިންނާ އެކު އެވެ.

އިއްުޔެ އާޓިފިޝަލް ބީޗުގައި ކޮޅު ކޮޅަށް ކުދިން ދުވި އެވެ. އެއްބައި ކުދިން ސްކޭޓް ކުރަމުން، އެހެން ކުދި ބަޔަކު ފުރޮޅުލީ ބޫޓުގައި ބާރު ބާރަށް ދުއްވުމުގަ އެވެ. މޫދު ސަރަހައްދުގައި ރާޅު ފެނާ ކައިރީ ވެސް ކުދިންތަކެއް ސަކަރާތް ޖަހާން ތިއްބެވެ. ބެލެނިވެރިން ވެސް އޮލަ ވާހަކައިގަ އެވެ. އެންމެން ވެސް ދައްކަނީ ވައިރަހާއި ލޮކްޑައުންގެ ވާހަކަ އެވެ.

މަގުތަކުގައި ބައެއް ކުދިން ބެލެނިވެރިންނާއެކު އިއްުޔެ ވަރަށް ގިނަ ބުރު ޖަހާލި އެވެ. ދޭތެރެއަކުން މާސްކު ވެސް އަޅާލަ އެވެ. ތަންތަން ބަލަން އުނދަގޫވާތީ އާއެކު މާސްކު ނަގަން ބޭނުންވެފައި ތިބި އެތައް މޫނެއް ބޭރު މަގުން ފެނުނެވެ.

އުސްފަސްގަނޑު ސަރަހައްދު އުޑުމަތިން ފެންނަނީ އަދި މާ ހިތްގައިމު މަންޒަރެކެވެ. އެކި ވައްތަރުގެ ގުޑިތައް އަރުވާފައި ހުއްޓެވެ. ކުދިން ބެލެނިވެރިންނާއެކު ގުޑީގެ ވާގަނޑުގައި ހިފާ ވަޔާއެކު ކޮޅު ކޮޅަށް އަނބުރަ އެވެ.

މިއީ ކުދިންނާއި ބެލެނިވެރިންނަށް އުފަލެކެވެ. ނަމަވެސް ލިބުުނު ލުޔާއެކު ބެލެނިވެރިންގެ ހަނދާނުން ބައެއް ކަންކަން ކައްސާލައިގެން ގޮސްފައި ވެއެވެ. ދިން ލުއިތަކާއެކު ވެސް އިރުޝާދުތަކެއް ދީފައި ވެވެ. ބޭރަށް ނިކުތް ކަަމުގައި ވިޔަސް ސަމާލުވާން ޖެހޭ ކަންކަން ވެއެވެ.

މާސްްކު އަޅަން ޖެހޭ އުމުރުގެ އެތައް ކުދިންނެއް އިއްޔެ މާސްކު ނާޅައި އުޅުނެވެ. އޭގެ ތެރޭގައި ބެލެނިވެރިން ވެސް ހިމެނެ އެވެ. ކުޑަކުދިން މާސްކު އަޅައިގެން އުޅެ އެހެން ކުއްޖަކާ ވާހަކަ ދައްކަން ވުމުން، މާސްކު ނަގައި ކައިރީ ތިބެ ވާހަކަ ދެއްކި މަންޒަރުތައް ކޮންމެ ސަރަހައްދަކުން ފެނެ އެވެ. ބައެއް ފަހަރު، ދާ ހިތްލުމުން މާސްކު ނަގައި މޫނުގައި އަތް އުނގުޅާލެވެ އެވެ. އަަދި މާސްކު ނަގައި ތަންތަނުގައި ބާއްވާ ވެސް ހެދި އެވެ. އެ ކުދިންނަށް އެހެން ކަން ކުރެވެނީ، ކިޔައިދޭން ޖެހޭ ވަރަށް ކިޔައި ނުދެވި އޮތުމުންނެވެ.

"ބައެއް ބެލެނިވެރިން ތަންކޮޅެއް ފަރުވާ ކުޑަ. އެއީ، ބައެއް ކުދިން ގޮސް އެހެން ކުދިން ގައިގައި ބައްދާ ހަދާ. ބޭރަށް ނުކުމެވޭނޭ ބުނި ކަމުގައި ވިޔަސް އެކުދިން ކައިރީ ހުންނަން ޖެހޭނެ." އުސްފަސްގަނޑުގައި އިން ބެލެނިވެރިޔަކު ބުންޏެވެ.

ބައެއް ކުދިންގެ ބެލެނިވެރިން ކަން ކުރީ އެހެނެވެ. ބައެއް ބެލެނިވެރިންނަށް ހީވެފައި އޮތީ، މިއީ ކުރީގެ ހާލަތެވެ. އެކަމަކު، އަދިވެސް ކޮވިޑްގެ ވައިރަސް އެބަ އުޅެ އެވެ.

"ބޭރަށް ނުކުމެވޭނެ ބުނީމަ ހިޔެއް ނުކުރަން އަަސްލު މިވަރަށް މީހުން އޮންނާނެ ކަމަކަށް. އަޅުގަނޑު ވެސް ދަރިފުޅު ގޮވައިގެން އައިސް އިށީންދެލައިގެން މީނީ ވައި ޖައްސާލަން. އޭނަ ދުވެލަން ފުރުސަތު ދިނަސް ލޯ ކުރިމަތިން ގެއްލޭނެ ފުރުސަތެއް ނުދެންް" ކުޑަ ކުއްޖެއް ގޮވައިގެން އިން މަންމަ އެއް ބުންޏެވެ.

އެތައް ދުވަހަކަށްފަހު ބެލެނިވެރިންނަށް އިއްޔެ ހިތްހަމަ ޖެހުމުގެ ނޭވާ އެއް ލެވުނެވެ. ތިން މަސް ވަންދެން ކުޑަ ކުޑަ ކުދިން ގޮވައިގެން ގޭގައި ތިބެ އެކުދިންގެ ހުއްޓުމެއް ނެތް އެތައް ސުވާލަކަށް ދިޔައީ ޖަވާބު ދެމުންނެވެ. ބޭރަށް ނިކުމެވޭނެ ކަމުގެ އުއްމީދުުގައި އެކުދިންނާއެކު ހޭދަކުރީ އުނދަގޫ، ދަތި ދުވަސްތަކެކެވެ. އިއްޔެ އެ ކުދިންގެ މޫނުމަތިން ފެނުނު އުފާވެރިކަމަކީ ބެލެނިވެރިންނާއި އާއްމުންގެ އެތައް ބަޔަކު ވީ ގުރުބާނީ އެވެ. އެ ހިނިތުންވުން އެކުދިންގެ މޫނުގައި އަބަދަށް ހުންނާނީ އަަދި ވެސް ރައްކާވެ ތިބެގެނެވެ.