ހަބަރު

34 ޕަސެންޓް ފުލުހުން މަތީ ތައުލީމް ހާސިލްކޮށްފައިވޭ: ސީޕީ

Jun 16, 2020
1

ފުލުހުގައި މަސައްކަތް ކުރާ 34 ޕަސެންޓް ފުލުހުންނަކީ އޭ ލެވަލް އިން މަތީ ތައުލީމް ހާސިލް ކޮށްފައިވާ ފުލުހުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިއަދު ވިދާޅުވީ ފުލުހަކަށް ބޭނުންވާ ގިނަ ހުނަރުތައް ވަޒީފާގެ ތެރެއިން ދަސް ކުރުމަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވިފައިވާ ކަމެއް ކަމަށާއި މަތީ ތައުލީމަކީ ދެވަނަ އަށް އަންނަ ކަމެއް ކަމަށެވެ. ނަމަވެސް ދިވެހި ފުލުހުންގެ ތެރެއިން 34 ޕަސެންޓު ފުލުހުން އޭ ލެވަލްއަށް ވުރެ މަތީ ތައުލީމް ހާސިލް ކޮށްފައި ވާއިރު 220 އޮފިސަރުންނަކީ ޑިގްރީ ފެންވަރަށް ކިޔަވައިގެން ތިއްބެވި އޮފިސަރުން ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

ހަމީދު މިހެން ވިދާޅުވީ، ފުލުހުންގެ ބިލާ ގުޅޭ ގޮތުން އިއްޔެ ރައްޔިތުން މަޖިލީހުގައި ބަހުސް ކުރައްވަމުން، ގްރޭޑު 10 ނިންމާ ފުލުހުން ގާނޫނު ތަންފީޒު ކުރަން ތިބުމުން ގާނޫނުގައި އޮތީ ކޮން އެޗެއްކަން ނޭނގޭ ކަމަށް ވިދާޅުވެ އެމްޑީޕީ މެންބަރަކު ފުލުހުންނަށް ފާޑު ވިދާޅުވުމާ ގުޅިގެނެވެ.

ފުލުހުންގެ ބިލަށް ރައްޔިތުން މަޖިލީހުގައި ބަހުސް ކޮށްފައިވާއިރު، ފުލުހުންނަށް މަޖިލިސް މެންބަރުންގެ ފަރާތުން ވަރަށް ބޮޑަށް ވަނީ ފާޑު ކިޔައިފަ އެވެ. އެ މައްސަލާގައި ފުލުހުންގެ ބައެއް އިސް މަގާމްތަކުގެ ބޭފުޅުން އެކަންކަމާ ގުޅޭ ގޮތުން ފުލުހުންގެ ދިފާއުގައި ޓުވީޓުތައް ވެސް ކުރި އެވެ.