އަބްދުﷲ ފައިރޫޝް

ރިޓަޔާމަން ބާތިލުކުރޭ، އަލުން ވަޒީފާއަށް ނުކުތުމުގެ ހިތްވަރު އެބަހުރި: ފައިރޫޝް

ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާކުރުމުގެ މަރުހަލާތައް ގެންދިޔައީ އެންމެ ރަަނގަޅަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރުމުން ޑރ. ފައިރޫޝް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ފައިރޫޝް ރިޓަޔާކުރި މައްސަލަ ދިރާސާކުރި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވެސް ނިންމާފައިވަނީ އޭނާ ރިޓަޔާ ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ގާނޫނުގައިވާ ގޮތަށް ނޫން ކަމަށެވެ. އެ މައްސަލާގައި ކޮމިޓީ ރިޕޯޓް އެކުލަވާލީ ވެސް އެގޮތަށެވެ.

އެ ރިޕޯޓް ފާސްކުރަން މަޖިލީހުގެ ތަޅުމުގައި މިއަދު ނެތި ވޯޓުގައި ފެންނަކަމަށް 36 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ފައިރޫޝް ރިޓަޔާ ކުރި މައްސަލަ 241 ކޮމިޓީން ބެލީ އޭނާގެ މައްސަަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޓީއަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ. އެއީ ފުލުހުންގެ ހިދުމަތުގެ ގާނޫނު މިދިޔަ އަަހަރު ފާސްކޮށް އެ ގާނޫނު ތަސްދީގު ކުރައްވާފައި ވަނިކޮށް، ގާނޫނުގައިވާ ގޮތުގެ މަތިން ނޫން ގޮތަކަށް ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުވެވޭނެ ކަމަށް ބުނެފައި އޮތަސް ފައިރޫޝް ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ކޮމިޓީން އެ މައްސަލަ ބަލައި އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ ފައިރޫޝް ރިޓަޔާ ކުރުމާ ގުޅޭގޮތުން އެއްވެސް ފަރާތަކުން މައްސަލަ އުފައްދައި ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. ނަމަވެސް ފައިރޫޝްއާ ގުޅޭ ގޮތުން އާންމުވެފައިވާ މައުލޫމާތުތަކަށް ބަލައި އޭނާ ރިޓަޔާ ކުރި މައްސަލަ އެންމެ ފުރިހަމައަށް ބަލައިފައިވާ ކަަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.

އެ ނިންމުމާއި ގުޅޭގޮތުން ފައިރޫޝް ވިދާޅުވީ ހުރިހާ ބާރެއް މުށުތެރޭގައި އޮވެމެ ދައްކަނީ ހޮޅި ވާހަކަ ކަމަށެވެ. އެ އިޝާރާތް ކުރަނީ އެމްޑީޕީއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ބެލެވެއެވެ. އަދި ވިދާޅުވީ އެ ބޭފުޅުން ދައްކަވާ ވާހަކަތަކުގައި އެއްވެސް އޮއްޓަރެއް ހުރިނަމަ އޭނާ ރިޓަޔާކުރި ކުރުން ބާތިލު ކުުރުމަށެވެ.

"އަލުން ވަޒީފާއަށް ނުކުތުމުގެ ހިތްވަރު އެބަހުރި،" ފުލުހުންގެ ހިދުމަތުގައި ވަރަށް ފާހަގަކޮށްލެވުނު ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ އެންމެ ފުރިހަމައަށް ބެލިފައި ނުވާ ކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވީ ނަމަވެސް އެ މައްސަލަ ކަމާ ގުޅޭ ފަރާތްތަކުން އަލުން ބެލުމަށް އެންގުމަށް 241 ކޮމިޓީން ފާސްކޮށްފައެއް ނުވެ އެވެ.

އޭގެ ބަދަލުގައި ކޮމިޓީން ނިންމީ ފައިރޫޝް ފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ފުލުހަކު މަގާމުން ރިޓަޔާކުރުމަށް އެދިއްޖެނަމަ އެފަދަ ފުލުހަކު ޝަރަފުވެރިކަމާއެކު ރިޓަޔާކުރުމުގައި އެ ތުހުމަތުތަކަށް ރިއާޔަތްކުރުމަށް ފުލުހުންނަށް އެންގުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ތަކުރާރުވެ ދިޔަ ނުދިނުމަށް ހަރުދަނާ އުސޫލުތަކާއި ގަވައިދުތައް ހެދުމަށް ފުލުހުންގެ އިދާރާ އަށް އެންގުމަށެވެ.

ފުލުހުންގެ އާ ގާނޫނު ތަސްދީގު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެކަމަކު ގާނޫނުގައި ބުނެފައި އޮތީ އެ ގާނޫނަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސް ހަމަވުމުން ކަމަށެވެ. ގާނޫނަށް އަމަލުކުރުމުގެ ކުރިން މިދިޔަ ޖެނުއަރީ މަހު ފައިރޫޝް ވަނީ ރިޓަޔާ ކުރައްވާފަ އެވެ.

ފައިރޫޝްއަކީ 7 ފެބުރުއަރީގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ފަރާތެވެ. ފުލުހުންގެ އާ ގާނޫނު ފާސްކޮށްފައި ވަނީ ހަތެއް ފެބްރުއަރީގައި ހަރަކާތްތެރިވި ފުލުުހުންނާ މެދު ފިޔަވަޅު އެޅޭ ގޮތަށެވެ.