އެއްވެސް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ފުލުހަށް ހާޒިރުކުރާނަމަ އެކަމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވައިދެއްވުމަށް އެ މަޖިލީހުން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިއްޖެ އެވެ.
އެކަމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް މިއަދު ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ އެއްވެސް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ފުލުހަށް ހާޒިރުކުރާނަމަ އެކަމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވައިދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު މިއަދު ވަނީ މަޖިލީސް މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕްގައި އެ ސިޓީ އާންމު ކުރައްވާފައެވެ. އަދި ލިޔުއްވާފައިވެއެވެ.
"އެމްޕީސް [މަޖިލީސް މެންބަރުން] ގެ ޒާތީ ކަންކަމުގައި އެމްޕީސް ހަވަރަށް ދޭކަށް ތައްޔާރެއް ނޫން. ވީހާލެއްގައި ވާނަން،"
ނަޝީދުގެ އެ މެސެޖާއި ގުޅިގެން ބައެއް މެންބަރުން ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް މަޖިލީހުގައި މަަސައްކަތް ކުރައްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވައެވެ.
ނަޝީދުގެ އެ މެސެޖަށް ނައިފަރު ދާއިރާގެ މެންބަރު އަަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވަނީ ރައްދު ދެއްވާފައެވެ.
"ހިތާމައާއެކީ ދަންނަވަން ޖެހެނީ ތިކަން ތިގޮތަށް [ވީހާލެއް ގައި ވާން] އޮތީ ބައެއް ފަހަރު ބައެއް ޒާތުގެ ކަންކަމުގައި ބައެއް މީހުންނާއި ދޭތެރޭގައި ކަން،" ނަޝީދަށް ރައްދު ދެއްވާ ޝިޔާމް ވިދާޅުވިއެވެ.
އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކަކާއި ފޮޓޯތަކެއް އާންމުވެ އެކަމުގެ ފާޑުކިޔުން ވަނީ ބޮޑުވެފައެވެ. އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގެ ތެރެއިން ފުރަތަމަ ވީޑިއޯގައި ފެންނަނީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިހާރު ވަނީ އޭނާ ފުރުން މަނާކޮށް ޕާސްޕޯޓްވެސް ހިފަހައްޓާފައެވެ. ފާޑުކިޔުން އަމާޒުވުމުން ނާޒިމް ވަނީ އޭނާގެ އެކައުންޓްވެސް ޑީއެކްޓިވޭޓް ކޮށްފައެވެ.
އެ ފަހުން މެންބަރު ހުސައިން (އަނދުން ހުސައިން) ކަމަށް ބެލެވޭ މީހެއްގެ އެފަދަ ފޮޓޯއެއް ވަނީ އާންމުވެފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖްތަކެއްގައި ނަޝީދު ވަނީ މެންބަރު ހުސައިންނާއި މެންބަރު ސަލީމަށް ކުރެވޭ ތުހުމަތުތަކުގެ ދިފާއުގައި ނިކުންނަވާނެ ކަމަށް ސާފުކޮށް ވިދާޅުވެފައެވެ.
މެންބަރު ސަލީމަށް ބަޔަކު ތުހުމަތު ކުރިނަމަވެސް އެއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ސަލީމް ވިދާޅުވެއެވެ. އެ ވާހަކަތައް ފަތުރާ މީހުން އެކަން ކުރަނީ އެއްވެސް ހެއްކެއް އޮވެގެން ކަން މިހާތަނަށް ސާބިތުކޮށް ދެވިފައެއްވެސް ނުވެއެވެ.