މުހައްމަދު ހަމީދު

ދެ އަހަރުގެ ތެރޭގައި އެއް ކުއްޖަކު ގެއްލިގެން 11 ފަހަރު ރިޕޯޓްކުރި: ސީޕީ

Mar 7, 2023

ފާއިތުވި ދެ އަހަރުގެ ތެރޭގައި އެންމެ ކުއްޖަކު ގެއްލިގެން 11 ފަހަރު ރިޕޯޓްކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މި މައުލޫމާތު ހާމަކުރެއްވީ މީހުން ގެއްލޭ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިއަދު ހާޒިރުކުރުމުން ކޮމިޓީއަށް ހިއްސާކުރި މައުލޫމާތުގަ އެވެ.

ހަމީދު ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރު 31 ކުޑަކުއްޖަކު 63 ފަހަރު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ދޮށީ އުމުރުގެ މީހުން ގެއްލިގެން 35 މައްސަލަ މިދިޔަ ދެ އަހަރުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ ކަންވެސް ފާހަގަކުރެއްވި އެެވެ.

ސީޕީ ވިދާޅުވީ މީހުން ގެއްލޭ މައްސަލަ ވަކިން ހާއްސަކޮށް ކުޑަކުދިން ގެއްލިގެން ރިޕޯޓްކުރާ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

"މިފަދަ [ކުދިން ގެއްލޭ] މައްސަލަތަކުގައި އިހްމާލުގެ މައްސަލަތައް ފާހަގަކުރެވޭ،" ސީޕީ ވިދާޅުވި އެވެ.

ހަމީދު އިތުރަށް ވިދާޅުވި ގޮތުގައި ކުދިން ގެއްލޭ މައްސަލަތައް ތަހުގީގުކޮށް ބަލާއިރު އާއިލީ މައްސަލަތަކުގެ ސަބަބުން ކުދިން ގެއިން ނިކުމެގެން ދިއުމުން ގެއްލިގެން ރިޕޯޓްކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ.