ވާހަކަ

ލޯބިން ބުނެލަން

(14 ޖޫން 2020 އާ ގުޅޭ)

"ލީވް މީ އެލޯން" ސެހްރާނާ ދިމާއަށް ޔާދިން ބުނެލީ ތަންކޮޅެއް ބާރަށެވެ. އަދި އޭނާ ހަލުވިކޮށް އައިސް ފާޚާނާއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

ފާޚާނާގެ ވައަތްފަރާތު ބިތް ފޮރުވޭވަރުގެ ބޮޑު ލޯގަނޑުން ޔާދިން އަމިއްލަ ސޫރައަށް ބަލާލިއެވެ. ހުތުރު ބަހުން މީހުންނާ ވާހަކަދެއްކުމަކީ އޭނާ ދުވަހަކުވެސް ކުރިކަމެއްނޫނެވެ. ނަމަވެސް އެފަދަ އިޙްތިރާމެއް ލައިތުއަށް ޓަކައި އެ ހިތުގައި ނެތެވެ. ވިޔާނުދާ ވާހަކަތަކެއް ގޮވާލަން ކެރުނީ އެހެންވެއެވެ.

ފަޅައިގެން ގޮސްފައި ހުރި އަނގަމަތީގައި ޔާދިން މަޑުމަޑުން އަތްޖައްސާލިއެވެ. އެއަށްފަހު ލޮލަށް ލައްވާފައި ހުރި ލެންސު އޭނާ ނެގިއެވެ. އޭގެ ބޭނުން ކެނޑިއްޖެ ފަދައިން އެއްފަރާތުގައި ހުރި ކުނިވަށީގެ މަތި ހިއްލާލައި އެއަށް ވައްޓާލީއެވެ. ދެން އިސްކުރު ދޫކޮށްލުމާއެކު ފެންގޮށްޓަކުން މޫނު ތެތްމާލައިފިއެވެ. ދެތިންފަހަރަށް މޫނުގައި ފެންލުމަށްފަހު ލޯގަނޑަށް ޔާދިންގެ ނަޒަރު ހުއްޓުނެވެ. ކަނާއަތްފަރާތުން ކޮނޑު ހިއްލާލައި އަތްހަރަކާތްކޮށްލި ގޮތުން ހީވަނީ އެހިސާބުގައި ވެސް ރިއްސަނީހެންނެވެ. ލައިތުއާ ކުރިމަތިލީއިރު ވެސް އޭނާގެ ގާތުން ކުރިނުލެބޭނޭކަން ޔާދިންއަށް އެނގެއެވެ. އެހެންވިޔަސް ހިތަށްވާ އުނދަގޫ ކޮންމެވެސް ސިފައެއްގައި ބޭރުކޮށްލަން ޔާދިން ހުރީ ބޭނުންވެފައެވެ.

ރީތި އެތުރުމަކަށް ބަހައްޓާފައި ހުރި ކުޑަ ތުވާލިކޮޅުތަކުން އެންމެ މަތީގައި އޮތް ތުވާލިކޮޅު ނަގައި ޔާދިންގެ މޫނުގައި ޖައްސާ އޮބާލިއެވެ. ހަށިފުރާ ދެތިން ނޭވާ ދޫކޮށްލުމަށްފަހު ފާޚާނާއިން ޔާދިން ނުކުތީ ދެނެވެ. އޭރު ލިޔާ މޭޒުކައިރީ ހުރި ގޮނޑީގައި ސެހްރާނު އިނެވެ.

"މިތަނުން ދާށޭ ބުނެވުނު" ނަޒަރު ސީދާކޮށްލުމެއްނެތި ޔާދިން ބުނެލިއެވެ.

"މޫނު ދައްކަބަލަ... ލޭ އާދޭތަ" ގޮނޑިން ތެދުވަމުން ސެހްރާނު ފިޔަވަޅު އަޅާލީ ޔާދިންގެ ގާތަށް އައުމަށެވެ.

"ލައިތުއަށް ވީގޮތެއް ބަލަން ދާންވީނު" ޔާދިން ފޫހި ރާގެއްގައި ބުނެލިއެވެ.

"އަދިވެސް ރުޅި އައިސްފަތަ؟. ޔާދިންއާ މެދު އަހަރެން ކަންބޮޑުވެފައި ހުރިކަމެއް ނޭނގޭތަ؟. އާންޓީ ހުރީކީ ނޫން. މާމައާއި އަންކަލްއަށް މި މަންޒަރު ފެނުނަމަ ވާނީ ކިހިނެއް؟... ޒުވާބު ކުރުމަކީ ޔާދިންގެ ސިފައެއްނޫން... ހަމަޖެހިބަލަ، ރުޅި މަޑުކޮށް ވީގޮތް އަހަންނަށް ކިޔާދީބަލަ." ސެހްރާނު އައިސް ހުއްޓުނީ ސީދާ ޔާދިންގެ ކުރިމަތީއެވެ. އޭނާ އެއްޗެކޭ ނުބުނުމުން ކުޑަކުއްޖަކު ގެންދާ ފަދައިން ޔާދިންގެ އަތުގައި ހިފައިގެން ސެހްރާނު ހިނގައިގަތެވެ.

"ދޫކޮށްލާ..." ޔާދިން ބުންޏެވެ. އެއަޑު ސެހްރާނު ނޭހިއެވެ.

"އެބައާދޭ ކޮޓަރި ސާފުކުރަން. ސައިބޯގަޑި ޖެހިއްޖެކަން އެނގޭތަ؟. އަހަރެންގެ ކޮޓަރިއަށް މިދަނީ... ފަސްޓްއެއިޑް ފޮށި ހިފައިގެން ދޮން އެބައާދޭ" ސެހްރާނުގެ ކޮޓަރިއާ ދިމާއަށް އަންނަމުން ވާހަކަދެއްކިއެވެ.

ސެހްރާނުގެ ކޮޓަރީގައި ހުރި ސޯފާގޮނޑީގައި ޔާދިން ބޭންދިއެވެ. ލައިރާ އިނީ ސެހްރާނުގެ އެނދުގައި އިށީނދެލައިގެން އެ ދެ ޒުވާނުންގެ ހަރަކާތްތަކަށް ބަލާށެވެ. އޭނާ ވެސް އެ އިނީ ސުވާލު އުފެދިފައެވެ. ލައިތާމެދު ޔާދިން ގަޔާނުވާކަމަކީ މާކުރިން ވެސް ޢާއިލާއަށް އެނގޭ ކަމެކެވެ. އެހެންނަމަވެސް މިއަދު ފެނުނު ފަދަ މަންޒަރެއް ފެނިދާނޭ އޭނާ ވެސް ހީނުކުރެއެވެ.

"ކޮން ޗޫސްއެއް ލައްވާކަށް. ފަޅައިގެން ދިޔައިމަ ތަދު ވެސް ވާނެ. މިހާރު ތިހެން އުޅޭން، ކުޑަކުދީންނެއްނޫން ތީ. ބޮޑު އަނިޔާއެއްވީނަމަޔޯ." ލައިތުގެ ބުމައިގަ ބޭސް އަޅައިދޭން އިން ފަރުޒީނު ކިޔާލީ އިނގިރޭސި ބަހުންނެވެ. ލައިތު ވަގުތުން ހިމޭންވީއެވެ. ފަރުޒީނުގެ މޫނުން ފާޅުވާ ހާސްކަމާއި ކަންބޮޑުވުމުގެ އަސަރު ސާފުކޮށް ލައިތު ދުށްޓެވެ. ބޭސްއަޅައިދީ ނިމިގެން ފަސްޓްއެއިޑް ފޮށި އެއްފަރާތްކޮށްލުމާއެކު ފަރުޒީނުގެ ނަޒަރު ކުރިމަތީ އިން ލައިތަށް ހުއްޓުނެވެ. އޯގާތެރިކަމާއި ކުލުންވެރިކަން އެ ދެ ލޮލުގައި ވިއެވެ. ނިތްކުރިމަތިން ލައިތުގެ އިސްތަށިތައް ފަރުޒީނު އެއްފަރާތްކޮށްލަ ދިނެވެ. އެ މޫނަށް ރީތިކޮށް ބަލާލަން އޭނާ ބޭނުންވީ ކަހަލައެވެ. އެއަށްފަހު ޔާދިންއާ ދެކުދީންގެ މެދުގައި ހިނގި ހަމަނުޖެހުން ކިޔައިދޭން އޭނާ އެދުނެވެ.

ފަރުޒީނު ކަންބޮޑުވާވަރުކަމެއް ކުރެވުނީތީ ލައިތު މަޢާފަށް އެދުނެވެ. އެކަމަކު ޔާދިންއާ ދެމެދު ހިނގި ހަމަނުޖެހުމުގެ އަސްލެއް ހާމައެއްނުކުރިއެވެ. ބޭސް އަޅައިދިނީތީ ލައިތު އެކަމަށް ޝުކުރު އަދާކުރިއެވެ. އެހިނދު ލައިތުގެ ކޮލުގައި ފަރުޒީނު ޖަހާލިއެވެ. ދަރީންނަށްޓަކައި ކޮށްދޭ ކޮންމެ ކަމަކީ އެކަމުން ބަދަލެއް ހޯދުމުގެ މަޤުޞަދުގައި ކޮށްދޭ ކަންކަމެއް ނުނޭ ފަރުޒީނު ބުންޏެވެ.

"ލައިތު، މައި ޗައިލްޑް. ކިތަންމެ ނުރުހޭކަމެއް ދިމާވި ނަމަވެސް އަތް އިސްނުކުރާތި. ތީ ދެބެންކަން ހަނދާންނައްތާނުލާތި. ބައްޕަ އުޅެނީ ބަލިކޮށްކަށް ލައިތަށް އެނގޭތަ. އެންމެފަހުން ބައްޕަގެ ހާލު ބަލާލީ ކޮންދުވަހަކު؟... ލައިތު ނުރުހުނަސް، ޤަބޫލުކުރަން ބޭނުންނުވިޔަސް... ތީ ހުރިގޮތަށް ހުރި އަސަދު. އޭނާއާ އެއްވެސް ތަފާތެއްނެތް. އެ ހިމޭންކަމާއި މަޑުމައިތިރިކަން. އޭނާގެ އަމިއްލަ ދިރިއުޅުމުން އަހަރެމެންނަށް އެނގެނީ ވަރަށް ކުޑަ މިންވަރެއް. މައި ޗައިލްޑް!. ހީ އިޒް ޔޯ ފާދާ. އޭނާއަށް ތިން ފިރިހެން ދަރީން ވެސް އެއްވަރު. އެކަމަކު ތީ އޭނާގެ ހިތް. ހިތާނުލާ އިންސާނެއް އުޅޭނޭ ގޮތް އެނގޭނޭހާ ތަޢުލީމީ ޒުވާނެއްތީ. ހުރިހާ ކުދީންނަށްވުރެ ވިސްނުންތޫނު ދަރިއެއްތީ. އެންމެންނާ އެކަހެރިވެ، މިދިރިއުޅުމުން ފިލަން ދުވުމުގެ ބަދަލުގައި ވަގުތުކޮޅަށް ހުއްޓިފައި ވިޔަސް ބަލާލައިފިނަމަ، ދަރިފުޅުދެކެ ލޯބިވާ ބޮޑު ޢާއިލާއެއް އެބައޮތްކަން އެނގޭނެ." ލައިތުގެ ތުނިކޮށް ހުރި ތުނބުޅީގައި ފަރުޒީނު ފިރުމާލިއެވެ. އެތުންފަތުގައިވީ މާނަވީ ލުއި ހިނިތުންވުމެކެވެ. އަޑުގައިވީ ތަފާތު ޖަޒުބާތީ އަސަރެކެވެ. އެ ދެ ލޮލުން ފުރަތަމަ ލައިތު ދުށް ދުވަހުން ފެށިގެން މިހާރު ވެސް ފަރުޒީނުގެ ކުރިމަތީ އެ އިނީ އެ ފުރާވަރުގެ ފިރިހެން ކުއްޖާ ފަދައެވެ. ޒުވާންވެ ބޮޑު ފިރިހެނަކަށް ވެފައިވީ ނަމަވެސް ދަރިއަކާމެދު އުފެދޭ މައިވަންތަ ކުލުނެއް ދުނިޔޭގައި ހުރިހާ ދުވަހަކު ބަދަލުވެ ފުހެވިގެން ނުދާނެއެވެ.

ފަރުޒީނުގެ ވާހަކަތަކަށް ލައިތު އެއްވެސް އެއްޗެއް ނުބުންޏެވެ. އެކަން އެހެންކަންވާނީ ފަރުޒީނަށް ވެސް އެނގޭ ކަހަލައެވެ. ލައިތުގެ ކޮނޑުގައި ފިރުމާލުމާއެކު ހެނދުނުގެ ނާސްތާގައި ބައިވެރިވާން އައުމަށް ފަރުޒީނު ބުންޏެވެ. ބޯޖަހާލި ނަމަވެސް ސައިމޭޒުދޮށަށް ދިއުމުގެ ގަސްދެއް ލައިތުގެ ނެތެވެ.

* * * * *

ދުވާލުގެ ވަގުތުތައް ނިމި އިރުއޮއްސިއްޖެއެވެ. ކެންޒާއަށް އިރުއިރުކޮޅަކުން ފޯނަށް ބަލާލެވެނީ ބޭއިޚްތިޔާރުގައެވެ. ކަސްތޫރީ ގާތު ލައިތު އެ ދެއްކި ވާހަކައިގެ މުރާދަކީ ކޮބާބާއޭ އޭނާގެ ހިތަށް އަރައެވެ. އެކަމާ ގުޅޭ ގޮތުން ލައިތުގެ ޚަބަރެއް ވާނޭ ކަމުގައި ކެންޒާ ހުރީ އުންމީދުކޮށްގެންނެވެ. ކޯލެއްނޫނީ މެސެޖެއް ވިޔަސް އަންނާނޭ އިރަކަށް އިންތިޒާރުގައި ހުރެވެނީއެވެ. އޭނާއަށް ލައިތު ޚާއްޞަވެއްޖެކަން ޔަގީންވެއެވެ. އެ ޚާއްޞަ ޖަޒުބާތާއި އިޙްސާސްތަކަށް ދެއަކުރު ލަފުޒެއްކަމުގައިވާ ލޯބީގެ ނަމުން ނަންދީ ނިމިއްޖެއެވެ. އެހެންވިޔަސް އެކަން ލައިތުގެ ކުރިމަތީ ފާޅުކުރާހާ ހިތްވަރެއް ނެތީއެވެ. ލައިތުގެ ކޮންމެ ގޮވާލުމަކަށް ކެންޒާއަށް އިޖާބަދެވޭނޭކަން ޚުދު އޭނާއަށް އެނގެއެވެ. އެކަމަކު އޭނާގެ މި ނިންމުމާ ދެކޮޅު ހަދަނީ އޭނާގެ ޟަމީރެވެ. ދިއްލައިލި ކަމުގައި ވިޔަސް، މިނިވަން ފަޒާގައި އުދުހޭ ދޫންޏެއް ފަދައިން ހިތް ދޫކޮށްނުލާން ޟަމީރު ގޮވާލައެވެ. ދަޅައިގެ ކުލަތައް ފެނި އޭގެ އަވާގައި ޖެހިގެން އަންނަ ނަފްސަށް، މަޅި ފެންނައިރު އޮންނާނީ ވަގުތު ފާއިތުވެފައިކަން އެ ޟަމީރު އޭނާއަށް ވިސްނައިދޭން ބޭނުންވެއެވެ. ހަޔާތުގެ އެ ދާއިރާގައި ކެންޒާއަކީ އެއްވެސް ތަޖުރިބާއެއްނެތް ޅަކުއްޖެކެވެ.

ޚިޔާލުތަކަށް ގެއްލި ހުރެ މަޑުމަޑު ހިނގުމުގައި އައިސް ހ.މަހަލްއަށް ކެންޒާ ވަނެވެ. އެގަޑިއަކީ ހެނދުނަށްވުރެ ވެސް އެގޭތެރެ ހިމޭންވެފައި އޮންނަ ވަގުތެކެވެ. ބަދިގެއަށް އައިއިރު އައިލެންޑް ދޮށުގައި ލިސްޓު ބަލަން ހުރީ މަރިއްޔާއެވެ. ދެ ކަރުދާސް އޮތްތަން ފެނި ކެންޒާއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. މަރިއްޔާއަށް ކެންޒާ އަހަން ބޭނުންވަނީ ކީކޭކަން އެނގުނީ ކަންނޭނގެއެވެ. ކެންޒާ ނުބުނަނީސް އޭނާގެ ސުވާލަށް މަރިއްޔާ ޖަވާބުދީފިއެވެ. އަދި ކެންޒާގެ މަސައްކަތަށް އޭނާ ދޫކޮށްލާފައި މަރިއްޔާ ހިނގައްޖެއެވެ.

ދެ ކަރުދާހުން އެއްކަރުދާސް އޮތީ މެދުން ފަތްޖަހާލައިފައެވެ. މަރިއްޔާ ބުނި ގޮތުން އެ ކަރުދާހަކީ ކެންޒާއާ ހަވާލުކުރަން ލައިތު ދިން އެއްޗެކެވެ. އަދި އޭނާ ބަދިގޭގައި މަޑުކޮށްގެން ހުރީ، މަރިއްޔާގެ އަތުން ކެންޒާއާ ހަވާލުކުރުމަށް ލައިތު އެދިފައި އޮތީމައެވެ. އަވަސްއަވަހަށް ކަރުދާސް ހުޅުވާލައި އޭގައި އޮތް އެއްޗެއް ކެންޒާ ކިޔާލިއެވެ. އޭގައި އޮތީ ކެންޒާއަށް އެންމެ މީރު ކެއުން، ދެ މީހަކަށް ވާވަރަށް ތައްޔާރުކުރުމަށެވެ. ލައިތުގެ ކާރު ފޮނުވާނެކަމާއި، އެ ކާރުގައި ކާއެއްޗެހި ހިފައިގެން އޮފީހަށް އައުމަށް ލައިތު ބުނެފައި އޮތެވެ. އިތުރު އެއްވެސް އެއްޗެއް ލިޔެފައެއްނެތެވެ. މަރިއްޔާގެ އަތުން ކެންޒާއާ ހަވާލުކުރަން ލައިތު ބޭނުންވުމުން، ކެންޒާއަށް ހީވީ އެ ކަރުދާހުގައި ޚާއްޞަ މެސެޖެއް އޮންނާނޭ ކަމަށެވެ. ހިތަށް ލިބުނު ނުތަނަސްކަމާއެކު އޭނާއަށް ކުސްތަޅާލެވުނެވެ. ލައިތުއަށް ކުދިކިޔާލެވުނެވެ.

* * * * * *

ކާރުގެ ފަހަތަށް ކެންޒާ އަރަންދެން އޭނާގެ އަތުގައި އޮތް ދެ ތަށިބަރީގައި އާރިކު ހިފިއެވެ. އަދި ކެންޒާ ސީޓުގައި ހަމަޖެހުމުން ފަހަތު ސީޓުގައި ކެންޒާގެ ކައިރީ އެ އެއްޗެހި ބަހައްޓާލިއެވެ. ލުއި ހިނިތުންވުމެއް ދިނުމާއެކު އާރިކު ދޮރުފަތް ލައްޕާލައި ޑްރައިވަރު ސީޓަށް އެރިއެވެ.

ކާރުދުއްވަމުން އައިއިރު ކާރުގެ ރިއާމިރާ އިން ފަހަތުގައި އިން ކެންޒާއަށް އާރިކުގެ ނަޒަރު ހުއްޓެވެ. އެހެންޏާ ނުފެންނަ އަންހެންކުއްޖަކަށްވީމައެވެ. ޢާންމުކޮށް ކާއެއްޗެހި ހިފައިގެން އަންނަ ގެންގުޅޭ ކުދީން ތިބެނީ ވަކި ކަހަލަ ޔުނީފޯމެއް ލާފައެވެ. އެމީހުންގެ އަބުއި ގޮތެއް ހުންނަކަން އާރިކަށް ވަނީ ފާހަގަވެފައެވެ. ނަމަވެސް ފަހަތު ސީޓުގައި އިން ކެންޒާގެ ފުށުން އެކަހަލަ ތަރުތީބުކަމެއް ނުފެނެއެވެ. ފޮތި ބެކްޕެކެއް އަޅުވާލައިގެން ދެކަންފަތަށް ހެޑްސެޓު ޖަހާލައިގެން އޭނާ އިނީ އަމިއްލަ ދުނިޔެއެއްގައެވެ. ލާފައި ހުރީ އަތްދިގު ގާޑިގަންގެ ތެރެއިން ރީނދޫކުލައިގެ ލިޔުންތަކެއް ޖަހާފައި ހުރި ޓީޝާޓަކާއި ޖިންސުގައެވެ. އެއްފަރާތަށް ވާހެން ދޫހުޅިއެއް ޖަހާލާފައި ހުރިއިރު މޫނުގެ ދެފަރާތުން ބައެއް އިސްތަށިތައް ވެރިވެ ތަރުތީބު ގެއްލިފައި ވެއެވެ.

"މެއިޑެއްނޫންތަ ތީ؟" އާރިކު އަހާލިއެވެ. ކެންޒާއަށް އާރިކު ބުނި އެއްޗެއް ނީވުނަސް އޭނާ ހެޑްސެޓް ކަންފަތާ ވަކިކޮށްލީ އާރިކު ފަހަތަށް ކުޑަކޮށް އެނބުރުނުތަން ފެނުމުންނެވެ.

"މެއިޑެއްތަ ތީ..." ކެންޒާއަށް އަޑު ނީވޭކަން އެނގި އާރިކު ތަކުރާރުކޮށްލިއެވެ.

"ޝެފް..." ކެންޒާ ބުނެލިއެވެ.

"ތީ ޝެޕް" އާރިކު ބުނެލި ގޮތުން އޭނާއަށް ޤަބޫލުކުރަން އުނދަގޫވެއްޖެކަން ދޭހަވިއެވެ.

"އެ ފެމެލީގެ ޝެޕް" އިރުކޮޅަކު އިނދެފައި އަނެއްކާ ވެސް އާރިކު އަހާލީ ޔަގީންކުރަން ބޭނުންވެގެންނެވެ. ކެންޒާ ހޫން ލައްވާލުމާއެކު ބޯޖަހާލިއެވެ. ލުއި ހިނިތުންވުމެއް އާރިކުގެ ތުންފަތަށް ވެރިވިއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް މީހާގެ ސިފައަށް ބަލައި ގޮތް ނިންމިއްޖެކަން ވިސްނުނީއެވެ. އެއީ ހެދުނު ގޯހެއްކަން އާރިކަށް އެނގެއެވެ.

"ބައިދިވޭ މީ އާރިކް އިނގޭ" އާރިކު އެކުވެރި ގޮތަކަށް ބުނެލިއެވެ.

"ކެންޒާ... ތީތަ ލައިތުގެ ޑްރައިވަރު" ނަންބުނެލުމާއެކު ކެންޒާ އަހާލިއެވެ.

"ލައިތުއާ ޖެހިއްޖެއްޔާ އޭނާގެ ހުރިހާކަމެއްކުރާ މީހަކީ އަހަރެން" އާރިކު އޭނާގެ މަސައްކަތާމެދު ފަޚުރުވެރިވާ ކަހަލައެވެ.

"ހުރިހާކަމެއް؟... އެހެންވީރު އޭނާގެ ވަރަށް ގިނަ ސިއްރުތައް އެނގޭނެ ދޯ" ކެންޒާއަށް ބުނެވުނީ މާބޮޑު ވިސްނުމެއްނެތިއެވެ. އާރިކަށް ލިބުނީ ހައިރާންކަމެވެ.

"ލައިތުއާ ވާހަކަދެއްކިންތަ؟" އާރިކަށް އަހާލެވުނުވެ. ކެންޒާ ހޫންއަކާއެކު ބޯޖަހާލިއެވެ.

"ފޮނި މީހެއް ދޯ. އޭނާއާއެކު މަސައްކަތްކުރަން ފަސޭހަތަ؟. އޭނާ ރުޅިނަޔަސް ހީވާނީ ރުޅިއައިސްފަ ހުންނަހެން. ލޮލުން ކާލަފާނެހެން. އޮފީހުގެ އެންމެ ތިބެނީ ބިރުން ދޯ. އަނެއްކާ އޭނާ ވަރަށް ހަޅޭލަވާތަ، މީނީ ބޮސީއެއްތަ؟" އާރިކާ ވާހަކަދެއްކުން ކެންޒާއަށް ފަސޭހަވިއެވެ. އެހެންޏާ ކާރުން ދިމާވާ ޑްރައިވަރުންނަކީ އުމުރުން ދޮށީ ބައެއްވީމާ ވާހަކަދެއްކުން ފަސޭހަނުވަނީއެވެ. އަނެއްކޮޅުން އާރިކަކީ ސާދާ މީހެއްގެ ގޮތުގައި ފެންނާތީއެވެ. ދެއްކުންތެރިކަމެއް އޭނާގެ ފުށުން ފާޅެއްނުވެއެވެ. މެދުފަންތީގެ ޢާއިލާއަކުން ކާންބޯން މަސައްކަތްކުރާ ހަރުދަނާ ޒުވާނެއްގެ ގޮތް އާރިކުގެ ހުރީއެވެ.

ލުއި ހީނލުމެއް އާރިކުގެ ފަރާތުން އިވުނެވެ. ލައިތުއާ ގުޅޭ ގޮތުން އަންހެންކުއްޖެ ފުށުން އެންމެ ތަފާތު އަސަރެއް އާރިކު ދުށް މީ ފުރަތަމަ ފަހަރެވެ. ލައިތުގެ މަޤާމާއި އޭނާގެ މަތިފުށާއި، ދަރަޖައަށް އެ އަންހެންކުއްޖާގެ ކުޑަ ވެސް ފަރުވާލެއް ނެތްކަން އޭނާއަށް އެނގެއެވެ. އޭނާއަށް ސިކުނޑީގައި ތަސައްވަރު ކުރެވެމުން ދިޔައީ އެ އަންހެންކުއްޖާ ލައިތުގެ ކުރިމަތީ ހުރެ ވާހަކަދައްކާނޭ ގޮތެވެ. ލައިތަށް މިއިން އެއްވެސް ކަމެއް ކަމުނުދާނޭ ވަރު އާރިކަށް ވިސްނެއެވެ. އެހެންވިޔަސް އޭނާއަށް އެ ޚިޔާލުތައް މަޖާކަމަށް ވީއެވެ.

"މިގަޑީގައި އެކަކު ވެސް ނޫޅެނީތަ؟" އޮފީހުގެ އިމާރާތަށް އާރިކުގެ ފަހަތުން ވަން ކެންޒާ އަހާލިއެވެ. ތަނަށްވެރިވެފައި އޮތް ހިމޭންކަން އުނދަގޫކުރާހާވެއެވެ. މަދުބޮކިތަކެއް ދިއްލާފައި ހުރުމުން އެޅިފައި އޮތީ ފަނޑު އަލިކަމެކެވެ. ފަރިތަކަމާއެކު އާރިކު އައިސް އެލެވޭޓާއަށް އެރިއެވެ.

"މީރިއްޔާ ބުނައްޗޭ" އެލެވޭޓާ ތެރޭ ހުރެފައި ކެންޒާ ބުނެލިއެވެ.

"އަހަންނަށް މީރު ޑިޝްއެއް ތައްޔާރުކުރަން ބުނީމަ. އާރިކަށް ކަމުގޮސްފިއްޔާ ބުނައްޗޭ މިބުނީ." ކެންޒާ އިތުރަށް އޮޅުންފިލުވައިދިނީ އާރިކަށް އޭނާ ކިޔާ އެއްޗެއް ނޭނގެއޭ ހީވެގެންނެވެ.

"ތި ދެމީހުންނަށް ކާން ތައްޔާރުކޮށްގެންނޭ މިއައީ" ކެންޒާ ބުނެލިއެވެ.

"ރިއަލީ" އާރިކަށް އަހާލެވުނެވެ.

"ބްރޭކް ރޫމް ހުރޭތަ. އެތާތަ ދޯ ކާން ރެޑީކުރާނީ" ކެންޒާ ވާހަކަދެއްކިއެވެ.

އާރިކަށް ހަމަ ވާނުވާއެއް ނޭނގެއެވެ. ލައިތު ބުނީތީ އޭނާ އައީ ކާއެއްޗެހި ހިފައިގެން ގެއިން ނުކުންނަ ކުއްޖާ ބަލައެވެ. ކޮތަޅުތައް އެ އަންހެންކުއްޖާ ލައްވާ އުފުލުމުގެ ބަދަލުގައި އާރިކު ހިފުމަށް ބުނީ ވެސް އޭނާއެވެ. އެއްވެސް އިރުޝާދެއްގައި ލައިތުއާއެކު ކެއުމުގައި ބައިވެރިވާން ޖެހޭނެއޭ އެއްފަހަރު ވެސް ނުބުނެއެވެ. ވިސްނުމުގައި ހުރެ ހުޅުވުނު އެލެވޭޓާއިން އާރިކު ނުކުތެވެ. ކެންޒާ ގޮވައިގެން ބަދިގެއަށް ވަނެވެ. އެތަނުގެ އެތެރޭގައި ހުރި ވީއައިޕީ ކޮޓަރިއެއް ދެއްކިއެވެ. އެތާ އެތެރޭގައި ތަށިތައް ތައްޔާރުކުރުމަށް އާރިކު ބުންޏެވެ. އަދި އޭނާ ލައިތުއަށް ޚަބަރު ދީފައި އަންނާނޭކަން ބުނެލިއެވެ.

* * * * *

"ޝީ އިޒް ހިއާ. ޑިނާ ރެޑީ ކުރަނީ" މޭޒުދޮށުގައި އިން ލައިތުގެ ކުރިމަތީ އާރިކު ހުއްޓެވެ.

"ތޭންކްސް... ރިކު ދާންވީނު ގެއަށް." މޭޒާ ދުރުކޮށްލި ގޮނޑިން ލައިތު ތެދުވީ އޭނާގެ ޓެބްލެޓް ހިފައިގެންނެވެ.

"އޭނަ ގެއަށް ފޮނުވާލަން ޖެހޭނެއެއްނު" އާރިކަށް ބުނެވުނެވެ.

"އަހަރެން ހަމަޖައްސާނަން." ލައިތު ބުނެލިއެވެ. އާރިކަށް ވަގުތުކޮޅަކަށް ލައިތުގެ މޫނަށް ބަލަން ހުރެވުނެވެ. އެމޫނުން އެއްވެސް ކަމެއް އޭނާއަށް ދޭހައެއްނުވިއެވެ. އޮފީހުން ދެ ޒުވާނުން ނުކުތީ އެކީގައެވެ. އެލެވޭޓާއާ ވަދެވުމާއެކު އާރިކުގެ ހިމޭންކަން ފުނޑުފުނޑުވިއެވެ.

"ޝީ އިޒް ފަނީ. އަސްލު އެއީ ކޮންކުއްޖެއްތަ؟" އާރިކަށް އަހާލެވުނެވެ.

"ނޯވަން" އާރިކު ކުރި ސުވާލާ މެދު ލައިތު ގަޔާނުވިކަން އެ ދެ ލޮލުން ފާޅުވިއެވެ. ވަގުތުން އާރިކު ހިމޭންކަން ޚިޔާރުކުރީ އޭނާ އެހެންޏާ ނުކުރާ ފަދަ ބޭކާރު ސުވާލެއް ކުރެވިއްޖެކަމުގެ އިޙްސާސް ވުމުންނެވެ. އެހެންވިޔަސް އޭނާގެ ސިކުނޑި މަސައްކަތްކުރަމުންދިޔައެވެ. އެ އަންހެންކުއްޖާއާއި ލައިތުއާ ގުޅުވައި ތަފާތު ޚިޔާލުތައް އެ ސިކުނޑިއަށް ވެރިވާންފެށިއެވެ. އެ ޚިޔާލުތަކާމެދު އިންތިހާއަށް ހައިރާންވެފައި އާރިކުވިއެވެ. އެ ދެމީހުންގެ އެއްގޮތް އެއްވެސް ކަމެއް ނެތީމައެވެ. އޭނާއަށް އެނގޭ ލައިތަކީ އެފަދަ އަންހެންކުއްޖަކަށް ބަލާ ވެސް ލާނޭ ޒުވާނެއްނޫންކަން އެނގެއެވެ.

އެލެވޭޓާއިން ލައިތު ނުކުމެ އާރިކު ދަންދެން މަޑުކުރިއެވެ. އޭނާ ބަދިގެ ހުންނަ ތަނަށް ވަނީ ދެނެވެ. އޭރު އެތެރޭގައި ހުންނަ ކޮޓަރީގައި ކެންޒާ ހަރަކާތްތެރިވާ އަޑު އިވެއެވެ. އެ ދިމާއަށް އަންނަމުން ވެސް ލައިތު ފަސްއެނބުރި ބަލާލިއެވެ. އަދި އޭނާގެ އަތުގައި އޮތް ޓެބްލެޓުން ކެމެރާތައް ބަލާލިއެވެ. އޮފީހުގެ މައިދޮރުން އާރިކު ނުކުމެދިޔަ މަންޒަރު ފެންނަން ދެން އޭނާ ފިޔަވަޅެއް ނުނަގާ މަޑުކުރިއެވެ.

(ނުނިމޭ)