ބޮލީވުޑް

"ލަކްޝްމީ ބޮމް" އާއެކު ބައެއް ފިލްމްތައް ވެބް ރިލީޒަކަށް

ކޮރޯނާވައިރަހުގެ ބިރާ ހެދި ފިލްމު އިންޑަސްޓްރީތަކުގެ މަސައްކަތްތައް މުޅިން ހުއްޓި ސިނަމާތައް ބަންދު ކޮށްފައި އޮންނަތާ ތިން މަސް ދުވަސް ފާއިތު ވެގެން ދިޔަ ފަހުން މިހާރު މަޑުމަޑުން ފިލްމީ މަސައްކަތްތައް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.

އިންޑިޔާގެ ލޮކްޑައުން ނެގުމުގައި ދިން ލުއިތަކުގެ ސަބަބުން ފިލްމު އިންޑަސްޓްރީތަކަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނަސް ފިލްމީ ވިޔަފާރި އަދިވެސް އޮތީ ހުއްޓުން އަރާފަ އެވެ. ނިމިފައިވާ ބައެއް ފިލްމުތައް ޑިޖިޓަލް ޕްލެޓްފޯމްގައި ރިލީޒް ކުރަން ވަރަށް ގިނަ ޕްރޮޑިއުސަރުން މިހާރު ނިންމާފައި ވަނީ މި ސަބަބާ ހެދި އެވެ.

ސިނަމާތައް ހުޅުވުނަސް އަދި ބޮޑެތި ބަޖެޓް ފިލްމުތައް ރިލީޒްކޮށް ނިމުނީމަ ނޫނީ ކުދި ފިލްމުތަކަށް ޖާގަ އެއް ނުލިބޭނެ އެވެ. ލިބުނަސް އެ ފިލްމުތަކަށް ވުރެ ބެލުންތެރިން ބޮޑަށް ޝައުގުވެރިވާނީ ބޮޑެތި ފިލްމުތައް ބަލާށެވެ.

އެ ރިސްކްތައް އެހެން އޮތުމާއި ޑިޖިޓަލް ރިލީޒްއަކުން ފިލްމުގެ ޚަރަދު ފޫބެދި ފައިދާވާނެކަން ޔަގީންވާތީ މިގޮތަށް ކަންތައް ކުރަން ޕްރޮޑިއުސަރުން ނިންމީ އެވެ.

ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ ހޮޓްސްޓާ އިން އާދީއްތަ ދުވަހު ވަނީ ވަރަށް ގިނަ ފިލްމުތަކެއް ރިލީޒްކުރާ ކަން އިއުލާން ކޮށްފަ އެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރާއި ކިއާރާ އަދުވާނީގެ "ލަކްޝްމީ ބޮން"، އަދިތުޔާ ރޯއި ކަޕޫރާއި އާލިއާ ބަޓްގެ "ސަޅަކް 2" އަދި ކްރީތީ ސެނޯންގެ "މިމީ" އާއި އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އާއި އަބީޝެކް ބައްޗަންގެ "ބިގް ބުލް" ހިމެނެ އެވެ.

މީގެ އިތުރަށް ވެސް ބައެއް ކުދި ބަޖެޓް ފިލްމުތައް ކަމަށްވާ "ޝިއްދަތު" އާއި "ލޫޓުކޭސް" ވެސް ހޮޓްސްޓާއިން ރިލީޒްކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނެ އެވެ. މިހާރު ބެލެވޭ ގޮތުން ފިލްމު ބެލުމުގެ ކަންކަން ދުވަސްކޮޅަކަށް އަދިވެސް ކުރަން ޖެހޭނީ ގޭގޭގައި ޓީވީ ކައިރީގައި ތިބެގެންނެވެ.

ހޮޓްސްޓާ ގައި ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން އަކްޝޭގެ "ލަކްޝްމީ ބޮން" ރިލީޒް ކުރާނީ އަންނަ އޮގަސްޓް 15 ވަނަ ދުވަހު ކަމަށް ވެއެވެ. އެއީ އިންޑިޔާގެ މިނިވަން ދުވަހާ ދިމާކޮށެވެ. އަކްޝޭއަކީ އަބަދުވެސް މިނިވަން ދުވަހު ޚާއްސަކޮށް ފިލްމުތައް ރިލީޒް ކުރާ އެކްޓަރެކެވެ.