ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްކޫލް

ސްކޫލްތައް ހުޅުވަން ރެސްްޕޯންސް ޕްލޭނެއް ހަދައިފި

ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީ އާއި ޔުނިސެފް ގުޅިގެން އެޑިއުކޭޝަން ރެސްޕޯންސް ޕްލޭނެއް އެކުލަވާލައި ނެރެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެޑިޔުކޭޝަން ރެސްޕޯންސް ޕްލޭން (އީއާރްޕީ) އެއް ނެރުނީ ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން، ތައުލީމީ ދާއިރާއަށް އަދި ހާއްސަކޮށް އެންމެ އެހީ ބޭނުންވާ ކުދިންނަށް އެހީވުމުގެ ގޮތުން ކަމަށެވެ.

މި ޕްލޭން ރާވާފައި ވަނީ ފަސް ދާއިރާއެއްގެ މައްޗަށެވެ.

  • ސްކޫލް މާހައުލުގެ ސަލާމަތް
  • އުގަންނައި ދިނުން ނުހުއްޓި ކުރިއަށް ދިއުން
  • ސަބަބުތަކާހުރެ ހަވާސާގައި ތިބި ކުދިނަށް އެހީތެރިވުން
  • ރައްކާތެރިކަމާއި ދުޅަހެޔޮކަން
  • ނުރައްކަލާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކޮށް ދާއިރާތަކާއެކު ކުރާ މަސައްކަތް ހަރުދަނާ ކުރުން

ޕްލޭންގައި ހިމެނޭ ދާއިރަތައް ތަންފީޒު ކުރާނީ ތިން މަރުހަލާއަކަށް ބަހާލައިގެނެވެ. އެގޮތުން ސްކޫލްތައް ހުޅުވުމުގެ ކުރިން މި ފަސް ދާއިރާގައި ހިމެނޭ ކަންކަން ބަލާނެ އެވެ. ދެވަނަ މަރުހަލާއަކީ ސްކޫލްތައް ހުޅުވައިގެން ކުރީކޮޅުގައި ކަންތައް ކުރިއަށް ދާނޭ ގޮތް ބަލާ މަރުހަލާ އެވެ. އަދި ތިން ވަނަ މަރުހަލާއަކީ ސްކޫލްތައް ހުޅުވުމަށް ފަހު ކުރިއަށް ގެންދާ މަރުހަލާ އެކެވެ.

"މިޕްލޭންގައި ހިމެނިފައިވާ ބައިތައް ތަންފީޒު ކުރެވިގެންދާ މިންވަރާއި ފެންވަރު ބެލުމާއި އަދި ޕްލޭންގައިވާ ކަންކަން ދެމެހެއްޓެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން ހިމެނިފައިވާނެ" އެޑިއުކޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެޑިއުކޭޝަނުން އަންނަނީ ސްކޫލުތައް ހުޅުވުމަށް ތައްޔާރުވަމުންނެވެ. އަންނަ މަހު އެކެއްގައި ކޮވިޑް ބަަލި ނެތް ރަށްރަގުގައި ކިޔަވައިދޭން ފަށާނެ އެވެ. ފުރަތަމަ ކިޔަވައި ދެނީ ގްރޭޑް އެކަކުން މަތީގެ ދަރިވަރުންނަށެވެ.